ސައުތު ކޮރެޔާ އާއި ގާނާ ބައްދަލުކުރި މެޗުގެ ތެރެއިން

އެފްރިކާ ބައްރުގެ ދުވަހެއް، ކެމެރޫން އާއި ގާނާއަށް އުއްމީދު

ފަހަތުން އަރާ ސާބިއާއާ އެއްވަރުކޮށް ކެމެރޫން ދިރުން ހޯދި އިރު ސައުތު ކޮރެޔާ ބަލިކޮށް ގާނާ ވެސް ވަނީ ދެމިގެންފައި
28 ނޮވެމްބަރު 2022

މިއަދަކީ އެފްރިކާ ބައްރުގެ ގައުމުތަކުގެ ދުވަހެކެވެ.

ފުރަތަމަ މެޗުގައި ގްރޫޕް ޖީގައި ސާބިއާ 3-1 އިން މޮޅުވާން ދަނިކޮށް ކެމެރޫން މެޗު ސަލާމަތްކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައި، 3-3 އަށް ބަދަލުކޮށްލައިގެންނެވެ.

މި ނަތީޖާއާ އެކު ސާބިއާ އާއި ކެމެރޫންއަށް ވެސް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ނުގެއްލި ސަލާމަތްވި އެވެ. މި ގްރޫޕްގައި ދެން އޮތް ބްރެޒިލް އާއި ސްވިޓްޒަލެންޑް މިރޭ ކުޅޭ އިރު، ފުރަތަމަ މެޗުތަކުން މޮޅުވެ ދެ ޓީމު ވަނީ ތިން ޕޮއިންޓް އެއްވަރުވެފަ އެވެ.

މީގެ ތެރެއިން ކޮންމެ ބަޔަކު މިރޭ މޮޅުވިޔަސް ދެވަނަ ބުރަށް ދާނެ އެވެ. އެ ނަތީޖާ ނުކުމެއްޖެ ނަމަ ގްރޫޕްގެ އަނެއް ޖާގައަށް، ގްރޫޕްގެ ފަހު ދެ މެޗުގައި ވާދަކުރަން ޖެހޭނީ، މިރޭގެ މެޗުން ބަލިވާ ޓީމާއި ސާބިއާ އަދި ކެމެރޫން އެވެ.

ގްރޫޕް ޖީގެ ތަރުތީބު

  • 1-

    ބްރެޒިލް، ކުޅުނު 1، ފައިދާ ގޯލް 2، ޕޮއިންޓް 3

  • 2-

    ސްވިސް، ކުޅުނު 1، ފައިދާ ގޯލް 1، ޕޮއިންޓް 3

  • 3-

    ކެމެރޫން، ކުޅުނު 2، ގެއްލުން ގޯލް 1، ޕޮއިންޓް 1

  • 4-

    ސާބިއާ، ކުޅުނު 2، ގެއްލުން ގޯލް 2، ޕޮއިންޓް 1

ސާބިއާ ކޮޅަށް ދެ ވަނަ ލަނޑު ޖެހުމަށް ފަހު ކެމެރޫންގެ ވިންސެންޓް އަބޫބަކުރު ދުވެފައި ދަނީ

ގްރޫޕް އެޗުގައި ސައުތު ކޮރެޔާ އާއި ގާނާގެ ވާދަކުރުން ގާނާ ކޮޅަށް އެނބުރެނީ ކަމަށް، 2-0 ގައި އޮވެގެން ފުރަތަމަ ހާފު ނިމުމާ އެކު ހީކުރެވުނެވެ. ނަމަވެސް މި ވޯލްޑް ކަޕްގެ ފަހު ހާފުތައް ގިނަ ފަހަރަށް ފެންނަނީ ފޯރި ގަދަ، ތަފާތު ނަތީޖާތަކަކަށް ފުރޮޅިގެންދާ ތަނެވެ.

ކަން ވީ އެހެންނެވެ. ގުއު-ސަންގް 58 އަދި 61 ވަނަ މިނިޓްގައި ދެ ލަނޑު ޖަހައި، ސައުތު ކޮރެޔާއަށް އެއްވަރުކޮށްދިނެވެ. ދެނ ފެނުނީ އޭގެ ހަތް މިނިޓް ފަހުން މުހައްމަދު ކުއްޑޫސް ގާނާއަށް މެޗުގައި އޭނާގެ ދެ ވަނަ ލަނޑު ޖަހައި ނަތީޖާ 3-2 އަށް ބަދަލުކޮށްލި ތަނެވެ. 

އެ ލަނޑާ އެކު ބޯޅަ މުޅިންހެން އޮތީ ގާނާ ކޮޅުގަ އެވެ. މުޅި ޓީމު ދިފާއަށް ފައިބައި، ސައުތު ކޮރެޔާގެ ހުރިހާ ހަމަލާތަކެއްހެން ސަލާމަތްކުރި އެވެ. އެކަމަކު މިއަދަކީ އެފްރިކާ ބައްރުގެ ދުވަހަކަށް ވާތީ ސައުތު ކޮރެޔާއަށް ކުރިމަތިލާން ޖެހުނީ ބައްޔާ އެވެ.

އެކަމަކު މި ނަތީޖާއާ އެކު ވެސް ދެ ވަނަ ބުރަށް ދިއުމުގެ މަގު އަދި ބަންދެއް ނުވެ އެވެ.

ގްރޫޕް އެޗުގެ ތަރުތީބު

  • 1-

    ޕޯޗުގަލް، ކުޅުނު 1، ފައިދާ ގޯލް 1، ޕޮއިންޓް 3

  • 2-

    ގާނާ، ކުޅުނު 2، ފައިދާ ގޯލް 0، ޕޮއިންޓް 3

  • 3-

    އުރުގުއޭ، ކުޅުނު 1، ފައިދާ ގޯލް 0، ޕޮއިންޓް 1

  • 4-

    ސައުތު ކޮރެޔާ، ކުޅުނު 2، ގެއްލުން ގޯލް 1، ޕޮއިންޓް 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް