Majlis 2024

މައިތިރިޕާލާ ސިރިސޭނާ: 100 މިލިއަން ރުޕީސް ދައްކަން ހުކުމް ކުރި. (ފޮޓޯ/ރޮއިޓާސް)

ސްރީ ލަންކާ

ބޮމުގެ މައްސަލާގައި ލަންކާގެ ކުރީގެ ރައީސަށް ބޮޑު ޖޫރިމަނާއެއް

ސިރިސޭނާ 100 މިލިއަން ސްރީ ލަންކަން ރުޕީސް (234،000 ޑޮލަރު) ދައްކަން ޖެހޭނެ

ސްރީ ލަންކާގައި 2019 ވަނަ އަހަރު ބޮންތަކެއް ގޮއްވާލައިގެން 269 މީހުން މަރާލި ހާދިސާއާ ގުޅިގެން އެ ގައުމުގެ އޭރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ 100 މިލިއަން ސްރީ ލަންކަން ރުޕީސް (234،000 ޑޮލަރު) ދެއްކުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ޖުމުލަ 311 މިލިއަން ރުޕީސް (852،000 ޑޮލަރު)ގެ ބަދަލެއް ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އެވެ. އެ 311 މިލިއަން ރުޕީސް ދައްކަން ހުކުމް ކުރީ، ސިރިސޭނާގެ އިތުރުން ހަތަރު އޮފިޝަލެއްގެ މައްޗަށެވެ.

ސިރިސާނާގެ އިތުރުން އެ ފައިސާ ދެއްކުމަށް ހުކުމް ކުރީ، ކުރީގެ ޕޮލިސް ޗީފް ޕުޖިތު ޖަޔަސުންދަރަ އާއި ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް)ގެ ކުރީގެ ޑިރެކްޓަރު ނިލަންތާ ޖަޔަވަރްދަނާގެ މައްޗަށެވެ. އެއިން ކޮންމެ ބޭފުޅަކު 75 މިލިއަން ރުޕީސް (205،000 ޑޮލަރު) ދެއްކުމަށް ވެސް ހުކުމް ކުރި އެވެ. މީގެ އިތުރުން، ޑިފެންސް މިނިސްޓްރީގެ ކުރީގެ ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ 50 މިލިއަން ރުޕީސް (136،667 ޑޮލަރު) އަދި ކުރީގެ ޗީފް އޮފް ނޭޝަނަލް އިންޓެލިޖެންސް (ސީއެންއައި) ސިސިރާ މެންޑިސް 10 މިލިއަން ރުޕީސް (27،333 ޑޮލަރު) ދެއްކުމަށް ވެސް ހުކުމުގައިވެ އެވެ.

އަދި އެ ހަމަލާގެ ޝިކާރައަކަށްވި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 މިލިއަން ރުޕީސް (2،733 ޑޮލަރު) ދައުލަތުން ދެއްކުމަށް ވެސް ހުކުމްގައިވެ އެވެ.

މި ފައިސާ ހިމަނައިގެން ފަންޑެއް ގާއިމުކުރުމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެއީ "ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ފައިސާ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު އަނިޔާ ލިބުނު ފަރާތްތަކަށާއި އާއިލާތަކަށް ދިނުމަށް" ކަމަށް ހުކުމްގައިވެ އެވެ.

"ދައުލަތާއި މިދެންނެވި ވަކިވަކި ފަރާތްތަކުގެ ފަރާތުން ބަދަލުގެ ފައިސާ، އޮފީސް ފޮ ރިޕެރޭޝަންގައި ބަލަހައްޓާ ވިކްޓިމް ފަންޑަށް ދައްކަންވާނެ. ޖަވާބުދާރީވާ ފަރާތްތަކުގެ އަމިއްލަ ފައިސާއިން މި ދެންނެވި ފައިސާ ދެއްކުމަށް އަންގަން،" އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާ ރިޔާސަތު ބެލެހެއްޓެވި ހަތް ފަނޑިޔާރުންގެ ބެންޗުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ދިނުމަށް ވަޒީރުންގެ މަޖިލީހުން ދޭން ނިންމި ފައިސާ ނުލިބިވާ މައްސަލަ ވެސް އެ އޮފީހުން ބަލަން ޖެހޭނެ ކަމަށް ކޯޓުން ބުންޏެވެ.

ސިރިސޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ އޭޕްރީލް 2019ގައި ދިން ބޮމުގެ ހަމަލާގެ ކުރިން އިންޓެލިޖެންސް މައުލޫމާތު ލިބުނު ނަމަވެސް 500އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި ބޮމުގެ ހަމަލާ ހުއްޓުވުމުގައި ސިރިސޭނާ އާއި ދައުލަތުގެ އިސް ވެރިން ނާކާމިޔާބުވި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ. ލަންކާގެ ބާ އެސޯސިއޭޝަން އާއި މަރުވި މީހުންގެ އާއިލާތަކާއި ފާދިރީންގެ ގްރޫޕުތަކުންނާއި އެހެނިހެން ފަރާތްތަކުން ވަނީ 12 މައްސަލައެއް ހުށަހަޅައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް