އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާން ބަޔަކު ކިއޫގައި. (ފޮޓޯ/އަބްދުﷲ އިޔާން)

އެމްޑީޕީ މެންބަރުންނަށް މިއީ 'ރިޔާސީ އިންތިހާބު'؛ އެހާ ވެސް ފޯރިގަދަ

އެމްޑީޕީގެ މެންބަރުން އެދެނީ އިންތިހާބު އަމާން އޮމާންކަމާ އެކީ ކުރިއަށް ގެންގޮސް، ނަމޫނާ އިންތިހާބަކަށް ވުމަށް
28 ޖެނުއަރީ 2023
1

އައްޑޫ މީދުއަށް ނިސްބަތްވާ އުމުރުން 70ގެ އަހަރުތައް ގުނަމުން އަންނަ އަލީ އިބްރާހިމް (އަސްލު ނަމެއް ނޫން) މާލޭ އިއްޒުއްދީން ސްކޫލަށް މިއަދު ހެނދުނު ދިޔައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލުމަށެވެ. އެކަމަކު ވޯޓްލާން ބަހައްޓާފައި ހުރި ފޮށިތައް މަދުވެ، ގަޑިއަށް ވޯޓްލާން ފެށޭ ގޮތެއް ނުވި އެވެ. އެކަމަކު އެތައް ގަޑިއިރެއް ވީއިރު ވެސް އޭނާ އެ ތަން ދޫކޮށް ނުގޮސް ކިޔޫގައި މަޑުކޮށްގެން އިނީ އެވެ. ވޯޓްނުލާ ގެއަށް ނުދާން އޭނާ ހިތްވަރު ކުރި އެވެ. ވޯޓްލުން ފެށުނީ ކަނޑައެޅިފައިވާ ގަޑިއަށް ވުރެ ދެ ގަޑިއިރު ފަހުން ނަމަވެސް، އޭނާ އެ ތަނުން ނިކުމެގެން ދިޔައީ ވޯޓްލައިފަ އެވެ.

"އެމްޑީޕީ އުފެދުނު ފަހުން ހުރިހާ ރިޔާސީ ޕްރައިމަރީއެއްގައި ވެސް މި އަންނަނީ ވޯޓްލަމުން. ޒިންމާ ގޮތަށް ދެކިގެން މިތަނަށް އައިސް މިކަން މި ކުރަނީ،" ވޯޓްލާފައި ދަމުން ހިނިތުން ވަމުން އޭނާ ބުނެލި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލަނީ. (ފޮޓޯ/އަބްދުﷲ އިޔާން)

އެމްޑީޕީގެ 57،000އަށް ވުރެ ގިނަ މެންބަރުންނަށް މިއަދަކީ ބޮޑު ދުވަހެކެވެ. މިއީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެމްޑީޕީގެ އާންމު މެންބަރުންނަށް އެ މީހުންގެ އަތަށް ސިޔާސީ ބާރުވެރިކަން ލިބި، ގޮތް ނިންމަން ލިބޭ ފުރުސަތެވެ. މިއަދު ހެނދުނު ހެނދުނާ އެމްޑީޕީގެ މެންބަރުން ނިކުމެ އެ ތިބީ އެ ޒިންމާ އަދާކުރާށެވެ.

"މާ ބޮޑަށް ސިޔާސީ ކަންކަމުގައި އެކްޓިވްކޮށް ނޫޅެން އަޅުގަނޑު. އެކަމަކު 18 އަހަރު ވީއްސުރެ އެމްޑީޕީގައި އޮންނާތީ އަޅުގަނޑަށް މި ގޮތަށް އިންތިހާބުތަކުގައި ވޯޓްލުމަކީ މުހިންމު ކަމެއް. އަޅުގަނޑު ދެކޭ ރަނގަޅު ގޮތަށް ގޮތް ނިންމަން އޮތް ފުރުސަތުގެ ގޮތުގައި ދެކެނީ،" ވޯޓްލާފައި ނިކުތް ޒުވާނަކު ބުންޏެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެމްޑީޕީގެ ޕްރައިމަރީގައި ރިސޯޓްތަކުގައި ވޯޓްފޮށިތައް ނުބަހައްޓާތީ ބައެއް ރިސޯޓްތަކުން ވެސް އޮފް ނަގައިގެން މީހުން ވޯޓްލާން މިއަދު މާލެ އަ އެވެ. ރިސޯޓަކުން މާލެއަށް ވޯޓްލާން އައި މީހަކު ބުނި ގޮތުގައި، އޭނާ ވޯޓްލާން އައީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ މޮޅުވުމާއި ނުވުން ގުޅިފައި އޮތީ މި ޕްރައިމަރީއާ ކަމަށް ވާތީ އެވެ. އެހެންވެ، މި ފުރުސަތު ނަގާލަން އޭނާ ބޭނުން ނުވީ އެވެ.

"މި އިންތިހާބުގައި އަޅުގަނޑުމެން ނިންމާ ގޮތެއް އެމްޑީޕީގެ ކުރިމަގަކީ. މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޒިންމާއެއް މިއީ މި ނިންމާ ގޮތުގައި ބަސް ބުނުން،" މީގެ 10 އަހަރުކުރިން އެމްޑީޕީއާ ގުޅުނު އެ މީހާ ބުންޏެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވޯޓުލައްވަނީ. (ފޮޓޯ/އަބްދުﷲ އިޔާން)

ވާދަވެރިންގެ އެކުވެރި މަންޒަރުތަކާއި ހޫނު ޒުވާބުތައް

އެމްޑީޕީގެ 20 އަހަރުގެ ދިގު ތާރީހުގައި މިއީ އެ ޕާޓީން ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީ އެވެ. ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް އަދި ރައީސް ސޯލިހުގެ ކުރީގެ އެކުވެރިޔާ މުހައްމަދު ނަޝީދު ވާދަކުރަައްވާތީ ޕްރައިމަރީގެ ފޯރި ވެސް ވަރަށް ގަދަ އެވެ.

އެކަމަކު އެ ފޯރީގެ ތެރެއިން ވެސް ވާދަވެރިންގެ މެދުގައި އެކުވެރި މަންޒަރުތަކެއް ފެނެ އެވެ. މީގެ ކުރިން ނަޝީދުގެ ފަޅީގައި ހުންނެވުމަށް ފަހު ރައީސް ސޯލިހަށް ތާއީދު ކުރައްވަން ފެއްޓެވި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވޯޓްލައްވަން އޭނާ ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ދާއިރާގެ ފޮއްޓަށް ވަޑައިގަތް ވަގުތު، ނަޝީދުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާ ބައްދަލުވި އެވެ. އެ ދެ ބޭފުޅުން ވެސް ބައްދާލައްވައި ސަލާމްކުރެއްވި އެވެ. އަދި އިރުކޮޅަކު ދެ ބޭފުޅުން ވާހަކަދައްކަވަން ވެސް ތިއްބެވި އެވެ.

އެކަހަލަ އެތައް މަންޒަރެކެވެ. ނަޝީދުގެ ސަޕޯޓަރުންނާއި ރައީސް ސޯލިހުގެ ސަޕޯޓަރުންގެ މެދުގައި ވާދަވެރިންކަން އޮތަސް، އެއް ބަޔަކު އަނެއް ބަޔަކާ ވާހަކަދައްކައި ސަލާމް ގަލާން ކޮށް ހަދަ އެވެ. ނަމަވެސް، ބައެއް ރަށްރަށުގައި ވޯޓްގެ މައްސަލަތައް ހޫނުވެ ޒުވާބުތައް ވެސް ހިނގަމުން ދެ އެވެ. ބޭއަދަބީ ބަސްތަކުން މުހާތަބުކުރުމާއި ވޯޓް ކަރުދާސްތައް ވީދާލައި ވޯޓްލުން ހުއްޓުވުން ފަދަ ކަންކަން ވެސް ހިނގަމުންދެ އެވެ.

އެކަމަކު އެމްޑީޕީގެ އާންމު މެންބަރުން ބޭނުން ވަނީ ސުލްހަވެރިކަމާ އެކު އިންތިހާބު ނިމި ނަތީޖާ ސާފުވުމެވެ. އެ މީހުން އެދިއެދި ތިބީ އެހެން ޕާޓީތަކަށް ނަމޫނާ ރިޔާސީ ޕްރައިމަރީއެއް ބޭއްވިކަން ދައްކާލާށެވެ. މިއަދުގެ ވޯޓްލުން އަމާން އޮމާންކަމާ އެކު ކުރިއަށް ދިއުމަކީ އެ މީހުންގެ އެދުމެވެ.

"އެނގޭ ވަރަށް ވާދަވެރިކަން. ޒުވާބު ވެސް ހިނގާނޭކަން. އެކަމަކު އަޅުގަނޑު ހަމަ ބޭނުން ވަނީ ވަރަށް އަމާން އޮމާންކޮށް އިންތިހާބު ގޮސް ރީތިކޮށް މިކަން ނިމުން. އެއީ ޕާޓީއަށް ވެސް އޮތް އެންމެ ފައިދާ ހުރި ގޮތަކީ. އަޅުގަނޑުމެން ތަޅާފޮޅީމާ އެ ބަލިވަނީ ހަމަ އަޅުގަނޑުމެން މި ޕާޓީ،" ވޯޓްލާފައި ނިކުތް އަންހެނަކު ބުންޏެވެ.

ކޮމެންޓް (1)

ރެއްކަބޭ

29 ޖެނުއަރީ 2023
އެމްޑީޕީގެ 57،000 މެންބަރުންގެ ތެރެއިން 39،000 މެންބަރުން ކަނޑާލީމާ އިބޫއަށް ތިޔަވޯޓުލީމީހާ ހެވިފައި ރީތިކޮށް އުޅޭށޭ ކިޔަސް އެމްޑީޕީ މެންބަރުންނަށް ހކޯރުވީމާ ރީތިކޮށް ދެެން އުޅެވޭކަށެއްނެތޭ. ޢެމީހާއަށް ހަމަރޭކާވެސް ނުލަނީދޯ އެމްޑީޕީ ފުޑާލިކަންވެސް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް