Majlis 2024

ބައްޕަޔަކު ދަރިފުޅު އުރާލައިގެން ސްކޫލަށް ވަންނަނީ

ބައްޕައިން ދަރިން ދޫނުކޮށް އަޅާލުމާއި ލޯބި ދިނުން މުހިއްމު

އާއިލާ ރޫޅުނު ނަމަވެސް ދަރިންގެ ކަންކަމުގައި ބައްޕައިން މަސްއޫލުވެގެން އުޅެން ޖެހޭ

މުހިންމު ނުކުތާތައް

ބައެއް ބައްޕައިން ދަރިން ތަރުބިއްޔަތު ކުރުމުގައި ފުރިހަމައަށް ޝާމިލްވި ނަމަވެސް އަނެއްބައި ބައްޕައިން ދަރިންގެ ހަރަދު ވެސް ނުދޭ

ބައްޕައިން ދަރިންގެ ކަންކަމުގައި ހަރަކާތްތެރިވާ ނަމަ ކުދިންނަށް ލިބޭ ފައިދާ ބޮޑު

ބައްޕަގެ ލޯބި ނުލިބޭ ކުދިން ބޮޑުވެގެން އެހެން މީހުންނާ ބާއްވާ ގުޅުމަށް އަސަރު ކުރޭ

އެކީގައި ކޯހެއް ހަދަމުން އަންނަ ފިރިހެން ރައްޓެއްސަކަށް ގުޅައި ގުރޫޕް ޑިސްކަޝަން އަށް ވަގުތެެއް ބުނީމެވެ. ޖަވާބުގައި ބުނީ "ތިއީ އަހަރެން ދަރިފުޅަށް ކާން ދޭ ގަޑި. ތިގަޑި ވަރަށް އުނދަގޫ ވާނެ" ކަމަށެވެ. އެއީ އޭނާގެ ދޮޅު އަހަރުގެ ދަރިފުޅަށް ކާއެއްޗެހި ތައްޔާރުކޮށް ކާން ދިނުމަށް ހޭދަކުރާ ވަގުތެވެ.

މިފަހަކަށް އައިސް ޒުވާން ބައްޕައިން ދަރިން ބެލުމުގައި މަންމައިންނާ އެއްވަރަކަށް ޒިންމާ ނަގާކަން އުފަލާ އެކު ފާހަގަކުރަން ޖެހެ އެވެ. ދަރިންގެ ކަންކަން ކުރުމުގެ ޒިންމާ ނަގައި ދަރިން ތަރުބިއްޔަތު ކުރުމުގައި އުޅޭ ބައްޕައިން ގިނަ އެވެ. ނަމަވެސް ވަރި ގިނަ ރާއްޖޭގައި އެތައް ކުދިންނެއް ބޮޑުވެގެން އައިސްފައިވަނީ ބައްޕައިންގެ ފަރާތުން ލިބެންވާ ލޯތްބާއި އާޅާލުން ނުލިބި އެވެ. ވަރިވުމަށް ފަހު ދަރިން ބެލުމުގެ ރޯލު މައިން ނަގާއިރު ބައްޕައިން އެ ޒިންމާ ނުނަގާ ނަމަ އޭގެ ގެއްލުން ދަރިންނަށް ކުރެ އެވެ.

ދިއްދޫގެ މަގުމަތީގައި ކުޑަކުއްޖަކު އުޅެނީ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

އާއިލާ ރޫޅުން ނުވަތަ އެހެން ކޮންމެވެސް ސަބަބަކާ ހެދި ބައްޕަައާ ވަކިވެ، ލިބެންވާ އަޅާލުމާއި ލޯބި ނުލިބި ބޮޑުވާ ކުދިންނަށް ނަފްސާނީ މައްސަލަތަކާއި އެެހެން މީހުންނާ ގުޅުންތައް ދެމެހެއްޓުމުގައި މައްސަލަ ކުރިމަތިވެ އެވެ.

މަންމައެކޭ އެއްގޮތަށް ކުދިން ބައްޕައިންގެ ފަރާތުން ވެސް ފުރިހަމަ ލޯތްބާއި އަޅާލުން ބޭނުންވެ އެވެ. ބައްޕައާ އެކު ހޭދަ ކުރާ ވަގުތަކީ ކުދިންނަށް މުހިއްމު ވަގުތެކެވެ. ކުދިންނަށް ފުރިހަމަ ލޯބި މުޅި އުމުރަށް ވެސް ބޭނުންވެ އެވެ. ކުދިންނަށް އެއްޗެހި ހޯދައިދިނުމުން ނުވަތަ ކަންކަން ކުރުމަށް ފައިސާ ދިނުމުން ބަައްޕައެއްގެ ދައުރު އަދި ނިމުނީއެއް ނޫނެވެ.

ރާއްޖޭގައި ދަރިންގެ ހަރަދު ނުދޭ ބައްޕައިން ގިނަ އެވެ. ވަރިވުމަށް ފަހު އަމިއްލަ އަށް އިސްނަގައިގެން ދަރިންގެ ހަރަދު ދޭން ފުރުސަތު އޮންނަ އިރު އެއް ބަޔަކު ދަރިންގެ ހަރަދު ދެނީ ކޯޓުތައް މެދުވެރިކޮށެވެ. ހަރަދު ދިނުމަށް ކޯޓުން އަމުރު ކުރިޔަސް ބައެއް މީހުން އެ ފައިސާ ބަރާބަރަށް ޖަމައެއް ނުކުރެ އެވެ. އެކަނިމާއެކަނި ދަރިންގެ ހަރަދުތައް ބަލަަހައްޓައި ތަރުބިއްޔަތު ކުރަން ޖެހިފައިވާ ޒުވާން އެތަކެއް މައިންނެއް އުޅެ އެވެ.

ރީތި ތާރީހު، 2.2.22ގައި ކައިވެނިކޮށްދިނުމަށް ފެމިލީ ކޯޓުގައި ބޭއްވި މަޖިލީހަކަށް ފަހު ބަޔަކު ކޯޓުން ނުކުންނަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދަރިން ބެލުމަކީ ހަމައެކަނި ހަރަދު ދިނުމެއް ވެސް ނޫނެވެ. ކުދިންގެ ހެދިބޮޑުވުމުގައި ދިމާވާ ހުރިހާ ކަމެއްގައި ބައްޕަައިން އުޅެން ޖެހެ އެވެ. ތައުލީމާއި ތަރުބިއްޔަތު އަދި ރީތި އަހްލާގު ދަސްކޮށްދިނުމުގަ އެވެ. ކަންބޮޑުވުންތައް އަޑުއަހައި ކުދިންގެ ހުނަރުތައް ތަރައްގީކޮށް ހެޔޮލަފާ ބައެއްގެ ގޮތުގައި ބޮޑު ކުރުމަށެވެ.

ދިރާސާތައް ބުނާ ގޮތުގައި ދަރިންގެ ސްކޫލް މަސައްކަތުގައި ބައްޕައިން އުޅޭ ނަމަ ކުދިންނަށް ލިބޭ ފައިދާ ބޮޑެވެ. ބައްޕަގެ ހައިސިއްޔަތުން ދަރިންގެ ހޯމްވޯކް ހެދުމަށް އެހީތެރިވެ، ހިތްވަރު ދިނުމުން އަދި ކުދިންގެ ތައުލީމީ ކުރިއެރުން އިސްކުރާ ނަމަ ކުއްޖާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި އަމިއްލަ ނަފްސަށް އިހުތިރާމް އުފެއްދުމަށް އެހީތެރިވެދެ އެވެ.

ބައްޕަ ދުނިޔޭގައި ހުރެފައި ދަރިންނަށް އަޅާނުލާ ނަމަ އެހެން މީހަކު އެ ބައްޕަގެ ދައުރު އަދާ ކުރި ކަމުގައިވިޔަސް ކުދިންނަށް ބައްޕަގެ ލޯބި ނުލިބުމުން ކުރެވޭ ފުން އިހްސާސްތަކަށް ބަދަލެއް ނާދެ އެވެ.

މީހަކު ކުޑަކުއްޖެއް އުރާލައިގެން ހިނގާފައި ދަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކުދިންނާ އަޅާލާނެ އެހެން މީހަކު މިސާލަަކަށް ކާފައެއް، ބޮޑުބޭބެއެއް ނުވަތަ ދޮންބައްޕައެއް ހުރެއްޖެ ނަމަ ކުދިންނަށް ލިބެންވާ ސަޕޯޓް ލިބިދާނެ އެވެ. ނަމަވެސް މިއީ ބައްޕަޔަކު ނެތުމުން ކުރެވޭ އިހްސާސްތަކުން ދަރިފުޅަށް ލިބޭ ފުރިހަމަ ހައްލެއް ނޫނެވެ.

ބައްޕަގެ ލޯބިން މަހުރޫމުވެގެން އަންނަ އަންހެންކުދިންނާއި ފިރިހެންކުދިންނަށް އިހުސާސްކުރެވޭ ޖަޒުބާތުތައް ކުދިން ބޮޑުވެގެން އަންނަ އިރު ތަފާތުވެ އެވެ. އަންހެންކުދިންނަށް ބައްޕައެއްގެ ލޯބި ނުލިބޭ ނަމަ އަބަދުވެސް ބިރުގަތުމާއި މާޔޫސްވުން ކުރިމަތިވެ ގުޅުންތައް ދެމެހެއްޓުމަށް އަސަރު ކުރެ އެވެ.

ޒުވާން އަންހެންކުއްޖަކު ރަށެއްގެ ފާލަން މަތީގައި މަސް ބާނަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ފިރިހެން ކުދިންނަށް ބޮޑަށް ކުރެވެނީ ރުޅިވެރިކަމުގެ އިހްސާސްތަކެވެ. ރުޅިގަދަވެގެން ކަންކަމަށް ޑިމާންޑް ކުރާ އިރު އެހެން މީހުންގެ ފަރާތުން ލިބެންވާ އޯގާތެރިކަމާއި ހަމްދަރުދީއެއް އެމީހުންނަކަށް ނުލިބެ އެވެ. ގިނަ ފަހަރަށް އެ ރުޅިވެރިކަމަކީ އެމީހުންނަށް އިހުސާސް ކުރެވޭ އަނިޔާ އާއި ބިރުވެރިކަމުގެ ނިވާވުމެކެވެ. އަންހެންކުދިންނަށް ދިމާވާ ގޮތަކީ އޭގެ އިދިކޮޅެވެ. ބައެއް ފަހަރު އެމީހުން ތަހައްމަލު ކުރާ ބިރުގަތުމާއި ހިތް ނުތަނަވަސްކަމަކީ އެމީހުންނަށް ފާޅުނުކުރެވި ހުރި ރުޅިވެރިކަމުގެ ނިވާވުމެކެވެ.

ބައްޕަގެ ލޯބި ނުލިބޭ ނަމަ ފިރިހެން ކުދިންނަށް ކުރެވެނީ ރުޅިގަދަވުމުގެ އިހްސާސް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ބައްޕައެއްގެ ލޯތްބާއި އަޅާލުން ނުލިބި ބޮޑުވާ މީހުންނަށް ލިބޭ ދަރިންނަށް، އެމީހުންނަށް ލިބިފައިވާ ނަފްސާނީ ގެއްލުން ލިބިދާނެ ކަމުގެ ބިރު އޮވެ އެވެ. ނަމަވެސް ބައްޕަ ނެތުމުން ކުރެވޭ އިހްސާސްތަކާ ކުރިމަތިލާން އަމިއްލަ އަށް ދަސްކޮށްފައިވާ ނަމަ މިކަމުން ލިބޭ ގެއްލުންތައް ދަރިން ތަޖުރިބާ ކުރާކަށް ނުޖެހޭނެ އެވެ.

އެކަން ދެނެގަތުމުން އެކަން ރަނގަޅު ކުރެވޭނެކަން ވިސްނޭނެ އެވެ. އެ މާޒީ ތަކުރާރުވާކަށް ނުޖެހެ އެވެ. މިހާރުގެ ގުޅުމާ އެކު ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރެވިދާނެ އެވެ. ދަރިންނަށް ލޯބި އިހުސާސް ކުރެވޭނެ ގޮތަށް އަމަލު ކުރުމަށް އަޒުމް ކަނޑައެޅިދާނެ އެވެ. ދަރިން ބޮޑުވަނީ އެމީހުންގެ ދިރިއުޅުމުގައި މައިންބަފައިންގެ ފުރިހަމަ ހާޒިރުގައި ކަމަށް ހެދުމަަށް މަސައްކަތް ކުރެވިދާނެ އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުޑަކުއްޖަކު އަންހެނަކާ އެކު ހިނގާލަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު) 

ބައްޕައިންގެ ފުރިހަމަ ލޯތްބާއި އަޅާލުމަކީ ދަރިން ހެދިބޮޑުވުމުގައި މުހިއްމު ކަމަކަށް ވާ އިރު، އާއިލާ ރޫޅި ވަކި ދިރިއުޅުމެއް އުޅުނު ނަމަވެސް ދަރިންނަށް އެ ލޯބި ދެވިދާނެ އެވެ. ބައްޕަ އާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުމަކީ ފެންވަރު ރަނގަޅު ގުޅުމަކަށް ހެދުމަށް ހުރިހާ ވަގުތެއް އެކުގައި ހޭދަކުރާކަށް ނުޖެހެ އެވެ. ދަރިފުޅާ އެއް ގެއެއްގައި ނޫޅުނު ކަމުގައި ވިޔަސް ތިރީގައި މިވާ ކަންކަން ކުރާ ނަމަ އެ ދަރިފުޅަށް ބައްޕަގެ ފުރިހަމަ ލޯބި ލިބޭ ކަމުގެ އިހްސާސް ކުރެވޭނެ އެވެ.

އާއިލާ ރޫޅިފައި އޮތަސް ދަރިންނާ އެކު ވަގުތު ހޭދަ ކުރުމަށް އިސްކަންދޭން ޖެހޭ (ދައުރު ފޮޓޯ/އަލީ ރަފީގް)

1. މަންމައާ ގުޅޭގޮތުން އަބަދުވެސް ވާހަކަ ދައްކަންވާނީ ޕޮޒިޓިވްކޮށެވެ. ވަރިވެ އަދި ވަކިން ދިރިއުޅުނު ނަމަވެސް ދަރިންގެ ކުރިމަތީގައި އެކުދިންގެ މަންމަައަށް އިހްތިރާމް ކުރަންޖެހެ އެވެ. ދެބަސްވުމާއި ހިޔާލުތަފާތުވުންތައް ހުރި ކަމުގައި ވިޔަސް މުއާމަލާތް ކުރަންޖެހެނީ ރީތި ބަހުންނެވެ. އިހްތިރާމާ އެކުގަ އެވެ. އެގޮތަށް ވާހަަކަ ނުދައްކާ ނަމަ އަދި ދޭންވާ އިހްތިރާމް ނުދޭ ނަމަ ދަރިންނާއި ތިމާއާ ދެމެދު އޮންނަ ގުޅުން ކުޑަވާނެ އެވެ.

2. ދަރިންގެ ކަންކަމުގައި މަސްއޫލުވެގެން އުޅޭ ބައްޕަ އަކަށް ވުމަށް އަޒުމު ކަނޑައަޅާށެވެ. އަދި އެ އަޒުމުގައި ހިފަހައްޓާށެވެ. މީގެ ވިއްސަކަށް އަހަރު ފަހުން ދަރިން ތިމާއާ މެދު ބުނާނީ ކީކޭތޯ ވިސްނާލާށެވެ. ދަރިންގެ ކަންކަމުގައި މަސްއޫލުވެގެން އުޅޭ ނަމަ ދަރިންނާ ގުޅޭގޮތުން ނަގަންވާ ހުރިހާ ޒިންމާއެއް ނަގާނެ އެވެ. ކުދިންގެ ހަރަދުދޭނެ އެވެ. އެކުދިންގެ އިހްސާސްތައް ދަންނަ މީހަކު ކަމުގައި ވާނެ އެވެ. ދަރިންގެ އިހްސާސްތައް ދެނެގަނެ އެ އިހްސާސްތައް މެނޭޖް ކުރުމަށް އެކުދިންނަށް ދަސްކޮށްދޭ މީހަކު ކަމުގައިވާނެ އެވެ.

އީދު ނަމާދަށް ފަހު އާއިލާއަކުން ހިތްހަމަޖައްސާލައި މަޖާކޮށްލަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

3. ކޮންމެ ކުއްޖެއް ވެސް އެކުއްޖެއްގެ ބައްޕަގެ ސަމާލުކަން ބޭނުންވާކަން ދަންނަން ޖެހެ އެވެ. އެކުދިންގެ ރަހުމަތްތެރިންނަކީ ކޮން ބައެއްތޯ ދެނެގަންނަން ޖެހެ އެވެ. ކުރާހިތްވާ ކަންތައްތަަކަކީ ކޮބައިތޯ ހޯދަން ޖެހެ އެވެ. އަދި އެކުދިންގެ ހިތްހަމަނުޖެހުންތަކާއި ކަންބޮޑުވުންތަކަކީ ކޮބާއިތޯ ބަލަން ޖެހެ އެވެ. އެ ކަންކަމަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރަންޖެހެ އެވެ.

ބޮޑުވެގެން އައި އިރު ތިމާގެ ބައްޕައާ ދެމެދު އޮތް ގުޅުން ރަނގަޅު ނަމަ އެ ގުޅުމުގެ ސަބަބުން ތިމާއަށް ލިބިފައިވާ ފައިދާތައް ހަނދާން ކުރާށެވެ. އެކީގައި މަސް ގަންނަން ގޮސްފައި ހުރި ނަމަ އެ ސަގާފަތް ދެމެހެއްޓުމަށް ދަރިންނާ އެކު އެކަން ކުރެވިދާނެ އެވެ. އަދި ތިމާއާ ގުޅުން ކުޑަކޮށް ބައްޕަ އުޅުނު ނަމަ އެކަމުގެ ސަބަބުން ތަޖުރިބާ ކުރަން ޖެހުނު ހިތްދަތިކަމާއި ހާސްކަން ދަރިންނަށް ތަޖުރިބާ ކުރެވުނަ ނުދިނުމަށް މަސައްކަތް ކުރެވިދާނެ އެވެ.

ހެޔޮލަފާ ބައްޕައެއް ނަމަ އޭގެ ސަަބަބުން ދަރިފުޅުގެ މުޅި ހަޔާތަށް ރަނގަޅު އަސަރުކުރާނެ އެވެ. އަދި މި އަސަރުތަކަކީ ހަމައެކަނި ދަރިފުޅަށް ލިބޭ ފައިދާއެއް ނޫނެވެ. ތިމާއަށް ވެސް އޭގެ ސަބަބުން ފައިދާ ކުރެ އެވެ.

ކޮމެންޓް (1)

ޝައިނާ

22 ޖޫން 2022
ވަރަށް ގިނަ ބައްޕައިން މިހާރު ވަރަށް ބޮޑަށް އަޅާލާތަން ފެނޭ. އުފާވެރިކަން
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް