އެމްއެޗު370 ފްލައިޓު އޮޕަރޭޓުކުރި ބޯޓު ކުރީގެ ދަތުރެއްގައި. (ފޮޓޯ/މެލޭޝިއަން އެއާލައިންސް)

އެމްއެޗު370

އެމްއެޗް370: އޭވިއޭޝަން ދާއިރާގެ ބޮޑު ސުވާލުގެ ޖަވާބު ލިބެން އޮތީ ރާއްޖޭން؟

ބޯއިން 777 މަރުކާގެ އެ ބޯޓު ހޯދަން ދެކުނު ޗައިނާ ކަނޑާއި އަންދަމަން ކަނޑުގައި އެންމެ ފުރަތަމަ އަތްފުނާ އެޅުމަށް ފަހު އިންޑިއާ ކަނޑުގެ ދެކުނު ބިތް ވެސް ބަލައިފި؛ އަދިވެސް ނުފެނޭ
17 މާރިޗު 2022

ދ. ކުޑަހުވަދުއާ ވަރަށް ކައިރިން އެ ދުވަހު އެ ފެނުނީ ސީޕްލޭނެއް ނޫނެވެ. ބާރު ސްޕީޑުގައި، ރޫސްލާފައި ރަށާ ދިމާލަށް އައުމަށް ފަހު ކުއްލިއަކަށް އަނބުރާލާފައި ދިޔައީ ސީޕްލޭނަކަށް ވުރެ އެތައް ގުނައެއް ބޮޑު ބޯޓެކެވެ. ބޯޓުގައި ލާފައި ހުރި ރަތާއި ނޫ ކުލަ ފެންނަހާ ތިރިން، އާންމުކޮށް މަތިންދާބޯޓު ނުދުއްވާހާ ތިރިން، ދަތުރުކޮށްފައި ދިޔަ ބޯޓެކެވެ.

އޭރު އެއީ ކޮން ބޯޓެއް ކަމެއް ނޭނގެ އެވެ. އެއީ މައްސަލައެއް ދިމާވެގެން އުޅޭ، ރާއްޖެ ސަރަހައްދަށް ވަންނަން ނުޖެހޭ ބޯޓެއްކަން އޭރު ވިސްނާލާކަށް ވެސް ފުރުސަތެއް ނުލިބެ އެވެ. ވައިގެ ދަތުރުފަތުރުގައި ހިތާމަވެރި ހާދިސާތައް ހިނގާ މިންވަރު މަދުކަމުންނެވެ.

ކުޑަހުވަދޫ ކައިރިން "ގޮތް ނޭނގޭ ބޮޑު ބޯޓެއް" ފެނުނު މީހުންނަށް ވެސް އެ ބޯޓުގެ "ހަގީގަތާ" މެދު ސުވާލު އުފައްދަން ފެށުނީ، 8 މާޗް 2014ގައި މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ދަތުރުކުރި މެލޭޝިއަން އެއާލައިންސް ފްލައިޓް އެމްއެޗް370 ގެއްލިގެން އުޅޭ ހަބަރު ލިބެން ފެށުމުންނެވެ. އެތައް ދުވަހެއް ވީއިރު ވެސް އެ ބޯޓަށް ވީނުވީއެއް ނޭނގި، ކަމާ ބެހޭ ތަޖުރިބާކާރުންނަށް ސިހުން ގެނުވުމުންނެވެ.

ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރާފައިވާ މި ޒަމާނުގައި، ހަމަ އެހެން ހުރެފައި މާ ސިންގާ ބޯޓެއް ގެއްލިދާނެ ހެއްޔެވެ؟

މިހާތަނަށް އެ ސުވާލަށް އެއްވެސް ބަޔަކަށް ޖަވާބެއް ނުދެވެ އެވެ. ބޯއިން 777 މަރުކާގެ އެ ބޯޓު ހޯދަން ދެކުނު ޗައިނާ ކަނޑާއި އަންދަމަން ކަނޑުގައި އެންމެ ފުރަތަމަ އަތްފުނާ އެޅުމަށް ފަހު އިންޑިއާ ކަނޑުގެ ދެކުނު ބިތް ވެސް ބަލައިފި އެވެ. ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި މިހާތަނަށް ހިންގި އެންމެ އަގުބޮޑު ސާޗު އެންޑް ރެސްކިއު އޮޕަރޭޝަން 2017ގައި ރަސްމީކޮށް ނިންމާލީ އެއްވެސް ކޮޅެއްގައި ނުޖެހުމުންނެވެ.

އޭގެ ފަހުން، އެއްޗެއް ނުފެނިއްޖެ ނަމަ އަގު ދައްކަން ނުޖެހޭ ގޮތަށް 2018ގައި އެމެރިކާގެ އަމިއްލަ ކުންފުންޏަކުން ދެކުނު އިންޑިއާ ކަނޑުގައި ހިންގި އޮޕަރޭޝަން ވެސް ނިންމާލީ ހުސް އަތާ އެވެ.

މެލޭޝިއާ އަދި އޮސްޓްރޭލިއާއިން އިސް ދައުރެއް އަދާކޮށްގެން ރަސްމީ އިދާރާތަކުން ހިންގި އެ އޮޕަރޭޝަންތަކުގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރު އިންޖިނިއަރުންނާއި އެ ނޫން ވެސް މި ފަދަ އޮޅުންބޮޅުން ބޮޑު ހާދިސާތަކަށް ޝައުގުވެރިކަން ހުންނަ މީހުން އަމިއްލައަށް ވެސް ތަފާތު ތިއަރީތައް ގެންގުޅެ އެވެ. ވެއްޓުނުކަން ޔަގީންވެފައިވާ ބޯޓުގެ -- ބޯޓުގެ ކުދިކުދި ބައިތައް ރިޔޫނިއަން އައިލެންޑާއި މޮޒަމްބީކް ފަދަ އިންޑިއާ ކަނޑަށް ވާ ގޮތަށް އޮންނަ އެފްރިކާގެ ގައުމުތަކުން ވަނީ ފެނިފައި -- އޮނިގަނޑާއި އެ ނޫން ވެސް ބޮޑެތި ބައިތައް އޮތް ކަމަށް އެ މީހުންނަށް "ޔަގީން ކުރެވޭ" ތަންތަން ވެސް ވަނީ ކަމާ ބެހޭ އިދާރާތަކާ ހިއްސާކޮށްފަ އެވެ.

އޮސްޓްރޭލިއާގެ ސިސްޓަމްސް އިންޖިނިއަރު އަދި އޭވިއޭޝަން ކޮންސަލްޓެންޓް ސާޖިއޯ ކެވިއޯލޯ އަކީ ވެސް އެމްއެޗް370 ގެއްލުނު ހާދިސާ ވަރަށް ގާތުން ތަހުގީގުކުރަމުން އަންނަ މީހެކެވެ. ސެޓަލައިޓް ޑޭޓާ އާ ގޮތަކަށް އެނަލައިޒްކޮށްގެން، އެ އެނެލިސިސްއިން ދެއްކި ކަންކަމާއި މަންޒަރު ދުށް ކަމަށް ބުނާ މީހުންގެ ވާހަކަތައް ގުޅުވާލައިގެން އޭނާ ހެދި ތަހުގީގު ރިޕޯޓު މި ހަފްތާގައި އާންމުކޮށްފައި ވާއިރު، ސާޖިއޯ ބޮޑަށް ބުރަވަނީ އެމްއެޗު370 އޮތް ތަނަކާ މެދު ކުރެވޭ ބޮޑު ސުވާލަށް ޖަވާބު ލިބޭނީ ތ. ގާދިއްފުއްޓާއި ވޭމަންޑޫ ކަނޑުއޮޅި ބަލައިގެން ކަމެވެ.

އެމްއެޗު370 ވެއްޓުނު އަދި އޭގެ ބޮޑެތި ބައިތައް މިހާރު އޮތް ތަން ކަމަށް ސާޖިއޯއަށް ގަބޫލުކުރެވޭ ސަރަހައްދު.

ކުރިން ބެލި ތަން ގޯސްވީ ކީއްވެ؟

މިހާތަނަށް އެންމެ ޔަގީންކަމާ އެކު ބުނަމުން އައީ އެމްއެޗު370 ވެއްޓުނީ ދެކުނު އިންޑިއާ ކަނޑަށް ކަމަށެވެ. މެލޭޝިއާ އާއި އޮސްޓްރޭލިއާ ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަންގައި އެ ގޮތަށް ބުރަވެފައި ވަނީ، އެމްއެޗު370ގެ ސެޓަލައިޓް ކޮމިއުނިކޭޝަން ސިސްޓަމް (ސެޓްކޮމް) އާއި އިމަސެޓް ކުންފުނިން ބަލަހައްޓާ އަދި ރާއްޖެ ސަރަހައްދުގައި އިން ޖައްވީ ސެޓަލައިޓެއް އަދި އެ ސެޓަލައިޓުން މުއާމަލާތް ކުރާ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ ގްރައުންޑް ސްޓޭޝަނާ ދެމެދު ފޮނުވަމުން ދިޔަ އިލެކްޓްރޯނިކް ސިގްނަލްތަކެއްގެ ވަގުތަށް ބަލައިގެންނެވެ.

ސާޖިއޯ ގަބޫލުކުރާ ގޮތުގައި، އެ ގޮތަށް ބަލައިގެން އެމްއެޗު370 އޮތް ތަނެއް ހޯދަން އުޅުން ގޯހެވެ. އެއީ ސެޓަލައިޓާއި ގްރައުންޑް ސްޓޭޝަން އަދި ބޯޓާ މުއާމަލާތް ކުރި ވަގުތު އަންގައިދޭ ދެ ޑޭޓާ ސެޓެއް ލިބިފައިވާތީ އެވެ. އެކައްޗަކީ ބޯޓާއި ސެޓަލައިޓާ ދެމެދު ސިގްނަލް ބަދަލުކުރި ވަގުތު ނުވަތަ ބީޓީއޯ ޑޭޓާ އެވެ. އަނެއް ސެޓަކީ ހޭންޑްޝޭކް ރައުންޑްޓްރިޕް ޓައިމް (އެޗުއާރުޓީޓީ) ނުވަތަ ބޯޓުން ސެޓަލައިޓަށް ފޮނުވި ސިގްނަލް ގްރައުންޑް ސްޓޭޝަނަށް ފޯރުމަށް ފަހު އަނބުރާ ސެޓަލައިޓް މެދުވެރިކޮށް ބޯޓާ ހިސާބަށް ފޯރަން ހޭދަވި ވަގުތެވެ. އެމްއެޗު370 އޮތް ތަން އެނގޭނީ، ސާޖިއޯ ދެކޭ ގޮތުގައި، ކުރިން ބެލި ގޮތަށް ބީޓީއޯ ޑޭޓާއަށް އެކަނި ބެލުމަށް ވުރެ ފުޅާކޮށް ވިސްނައި އެޗުއާރުޓީޓީއަށް ބަލައިގެންނެވެ.

އެޗުއާރުޓީޓީއަށް ބެލުމުން، ބޯޓާއި ގްރައުންޑް ސްޓޭޝަނާ ދެމެދު، ސެޓަލައިޓް މެދުވެރިކޮށް އެ މުއާމަލާތް ހިނގިއިރު ހުރި ދުރު މިން އަންގައިދޭނެ ކަމަށް ސާޖިއޯގެ ރިޕޯޓުގައިވެ އެވެ. އެމްއެޗު370ގެ އެޗުއާރުޓީޓީ ޑޭޓާއަށް ބަލާއިރު، ސާޖިއޯއަށް ފާހަގަކުރެވޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ، ބޯޓު ނައްޓާލައިގެން ރާޑަރުން ގެއްލެންދެން ހޭދަވި ވަގުތުގެ ތެރޭގައި އެޗުއާރުޓީޓީ މުއާމަލާތަށް ހޭދަވި ވަގުތަށް ވުރެ، އޭގެ ފަހުން އެމްއެޗު370އިން ލިބިފައިވާ އެޗުއާރުޓީޓީ މުއާމަލާތްތަކަށް ހޭދަވި ވަގުތު ކުޑަ ވަމުން ގޮސްފައިވާ ކަމެވެ.

"މީގެއިން އަންގައިދެނީ، ދެކުނު އިންޑިއާ ކަނޑާ ދިމާލަށް ބޯޓު ދިއުމުގެ ބަދަލުގައި އެ ބޯޓު ސެޓަލައިޓާ (ރާއްޖެއާ) ކައިރި ވަމުން ދިޔަ ކަމެވެ. ކުރުކޮށް ބުނާ ނަމަ، މިހާތަނަށް ބަލަމުން އައި ބީޓީއޯ ޑޭޓާއިން އެކަނި ދެއްކި ގޮތާ ހިލާފަށް، ދެކުނު އިންޑިއާ ކަނޑާ ދިމާލަށް ބޯޓު ދަތުރުކޮށްފައިވުން އެއީ މުސްތަހިއްލު ކަމެކެވެ،" 125 ސަފްހާގެ ރިޕޯޓުގައިވެ އެވެ.

"ހަގީގަތަކީ އެމްއެޗު370 ނުއެއް ގެއްލެ އެވެ؛ ބޯޓު ހޯދަން މިހާތަނަށް ބަލާފައި ވަނީ އެ ބޯޓު ދަތުރުކުރި ތަނަކަށް ނުވަނީ އެވެ."

ބޯޓު ފެންނާނީ ކޮން ތަނަކުން؟

ކުޑަހުވަދޫ މީހުންނަށް ގޮތް ނޭނގޭ ބޯޓެއް ފެނުނު ކަމަށް މާޗު 2014ގެ ފަހުކޮޅު 'ހަވީރު' ނޫހުން ރިޕޯޓުކުރުމުން އޭރު ދިވެހިން ވެސް ޖޯކު ޖެހި އެވެ. މެލޭޝިއާއިން ޗައިނާއަށް ދަތުރުކުރި ބޯޓެއް އަނބުރާލާފައި އަންނަން ރާއްޖެ މިއީ ދެން ކޮން ތަނެއްތޯ ސުވާލުކުރި އެވެ. މެލޭޝިއާ ސަރުކާރުން ވެސް އޭރު ނިންމީ ރާއްޖެ މަތިން އެމްއެޗު370 ފެނުނު ކަމަށް ބުނި ބުނުމަކީ މާ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

އެކަމަކު، ކުޑަހުވަދޫގެ ބައެއް މީހުންގެ އިންޓަވިއުތަކާ އެކު އޭރު 'ހަވީރު'ގައި ދިވެހިންނާއި އިނގިރޭސިން ޝާއިއުކުރި ހަބަރަށް ބޭރުގެ މީޑިއާތަކުގެ ސަމާލުކަން ލިބުނެވެ. އޮސްޓްރޭލިއާގެ ނޫސްވެރިންތަކެއް 2015ގައި ރާއްޖެ އައިސް ކުޑަހުވަދޫ މީހުންނާ އިންޓަވިއުކޮށް ލިޔުނު ރިޕޯޓުތައް ހަފިންޓަން ޕޯސްޓް ކަހަލަ މަޝްހޫރު އޮންލައިން ނޫސްތަކުގައި ވެސް ޖެހި އެވެ.

ސާޖިއޯ ވެސް ޑިސެމްބަރު 2015ގައި ރާއްޖެ އައިސް ކުޑަހުވަދޫ އާއި އެ އަތޮޅު ގާދިއްފުށި މީހުންނާ ވާހަކަދެއްކި އެވެ. އެ މަންޒަރު ދުށް ކަމަށް ބުނާ އެ މީހުން ކިޔައިދިން ވާހަތަކަތަކާއި އަލުން ތަރުޖަމާކުރި ސެޓަލައިޓް ޑޭޓާ އަޅާކިޔުމުން ސާޖިއޯއަށް ޔަގީން ވަނީ، އެމްއެޗު370ގެ އޮނިގަނޑާއި ބޮޑެތި ބައިތައް އޮތީ ރާއްޖޭގެ ކަނޑުގެ އަޑީގާ ކަމެވެ. ލ. އަތޮޅާއި ތ. އަތޮޅާ ގުޅޭ ސަރަހައްދާއި ގާދިއްފުށި ކައިރީގަ އެވެ.

"އެމްއެޗު370ގެ ބައިތައް މިހާރު އޮންނާނީ އެ ކަނޑުއޮޅީގެ އެންމެ އަޑިއަށް ސޮއްސާލާފައި ކަމަށް ބެލެވެ އެވެ،" ކުރިން ހިނގާފައި ހުރި ބޯޓު ވެއްޓުމުގެ ބައެއް ހާދިސާތަކަށް ބިނާކޮށް، ބޯޓެއްގެ ބައިތަކެއް ގޮތަށް ގޫގުލް އާތުން ފެންނަ ފޮޓޯއެއް ވެސް ހިއްސާކުރަމުން ސާޖިއޯ ލިޔެފައިވެ އެވެ.

ރާއްޖެ ކަނޑުމަތިން ބޯޓުގެ ބައިތައް ނުފެންނަނީ ކީއްވެ؟

އެމްއެޗު370ގެ އެއްވެސް ބައެއް ރާއްޖެ ކައިރިއަކުން އަދި ނުފެނެ އެވެ. މަތިންދާބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ރާއްޖޭން އޮގަސްޓް 2015ގައި ފެނިގެން އެއީ ކޮން އެއްޗެހިތަކެއްތޯ ބެލިއިރު އެއީ މަތިންދާބޯޓެއްގެ ބައިތަކަކަށް ނުވި އެވެ.

އެމްއެޗު370ގެ ބައިތަކެއް ކަމެއް ޔަގީންކުރެވޭ އެއްޗެެހިތަކެއް މިހާތަނަށް ފެނިފައި ވަނީ އެފްރިކާގެ ތިން ގައުމަކުންނެވެ. ރިޔޫނިއަން އައިލެންޑްސް އާއި މޮޒަމްބީކް އަދި ޓެންޒޭނިއާއިންނެވެ. މިއީ މުޅިން ވެސް އިންޑިއާ ކަނޑަށް ވާ ގޮތަށް ހުރި ގައުމުތަކެވެ. ރާއްޖެ ކައިރިއަށް ވެއްޓުނު ބޯޓެއްގެ ބައިތަކެއް ރާއްޖެ ސަރަހައްދުން ނުފެނި އެފްރިކާގެ ގައުމުތަކުން ފެންނަނީ ކީއްވެ ހެއްޔެވެ؟

ސާޖިއޯ ގަބޫލުކުރާ ގޮތުގައި، ބޯޓު ވެއްޓުނު ދުވަސްވަރު ރާއްޖެއަށް އިރުވައި މޫސުން ކަމުން، ވައިގެ މިސްރާބު ހުންނާނީ އިރުއުތުރުން ހުޅަނގު ދެކުނަށެވެ. އެހެންވެ، ބޯޓުގެ ބައިތައް އެ ހާދިސާގެ ދުވަސްކޮޅެއް ފަހުން ހުޅަނގަށް ނުވަތަ ހުޅަނގު ދެކުނަށް ދަތުރުކޮށް، ރާއްޖެ ސަރަހައްދު ދޫކޮށް އެފްރިކާގެ ގައުމުތަކާ ދިމާލަށް މިސްރާބު ޖަހާފައިވާނެ ކަމަށް އޭނާ ދެކެ އެވެ. ރިޔޫނިއަން އައިލެންޑްސް އާއި މޮޒަމްބީގުން އެމްއެޗު370ގެ ބައިތައް ފެނުނީ، އޭނާ ބުނާ ގޮތުގައި، އެހެންވެ އެވެ.

އެމްއެޗު370 ދަތުރުކުރި ކަމަށް ސާޖިއޯއަށް ގަބޫލުކުރެވޭ ގޮތް.

ކުއަލަ ލަމްޕޫރުން ނައްޓާލައިގެން ޗައިނާއަށް ދަތުރުކުރި ބޯޓުގެ މިސްރާބު އެންމެ ފުރަތަމަ ބަދަލުކޮށްލީ، ސާޖިއޯގެ އާ އެނެލިސިސްއަށް ބިނާކޮށް އޭނާ ބުނާ ގޮތުގައި، އިންޑޮނީޝިއާއާ ދިމާލަށެވެ. އޭގެ ފަހުން އަންދަމަން އެންޑް ނިކޮބަ އައިލެންޑްސްއާ ދިމާލަށް ދިއުމަށް ފަހު އަނެއްކާ އަނބުރާ މެލޭޝިއާއާ ދިމާލަށް ދަތުރުކުރި އެވެ.

އެކަމަކު، ވަކި ހިސާބަކުން ބޯޓުގެ މިސްރާބު ބަދަލުކޮށް އަނެއްކާ ވެސް ދަތުރު ފެށީ ރާއްޖެއާ ވީ ކޮޅަށެވެ. ކުޑަހުވަދޫ ކައިރިން ލާފައި ތ. އަތޮޅާ ދިމާލަށް އެ ބޯޓު ދިޔައިރު ބޯޓުގެ ތެޔޮ ހުސްވެގެން ވެއްޓެން ދަނީ އެވެ. ތެޔޮ ނެތި، ބޯޓު އޭގެ ޒާތުގައި ވެއްޓެމުން ގޮސް ގާދިއްފުށި ކައިރިން ކަނޑަށް ވެއްޓުނީ އެވެ.

ވައިގެ ދަތުރުފަތުރުގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ އޮޅުންބޮޅުން ބޮޑު، އަދި އަދަށް ދާން ދެން ވެސް ޖަވާބެއް ނުލިބޭ އެއް ހާދިސާއާ ގުޅޭ ގޮތުން އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު އެންމެ ފަހުން ރާއްޖޭން ލިބުމުގެ ފުރުސަތު އެބައޮތެވެ. ޖުމްލަ 239 ފަސިންޖަރުންނާ އެކު ދަތުރުކުރި އެ ބޯޓާ ގުޅޭ ގޮތުން ކުޑަހުވަދޫ މީހުން އޭރު އެ ދެއްކި ވާހަކަ ތެދުތޯ ބަލަން މި އޮތީ ޖެހިފަ އެވެ. ސާޖިއޯ ވެސް އެދެނީ އޯޝަން އިންފިނިޓީ ކުންފުނިން އެކަން ކޮށްދިނުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް