Majlis 2024

މާލޭގެ މަގެއްގެ މަތިން އަންހެނަކު ހިނގާފައި ދަނީ: ގަދަކަމުން އަންހެނަކު ގޯޅިގަނޑަކަށް ވެއްދި މައްސަލައެއްގައި އެކަކު ވަނީ ޖަލަށްލާފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކްރިމިނަލް ކޯޓު

ގަދަކަމުން އަންހެނަކު ގޯޅިގަނޑަކަށް ވެއްދި މީހަކު 4 މަހަށް ޖަލަށް

މި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރި އިރު އޭގެ ތެރެއިން އެކެއްގެ މައްސަލަ އަދިވެސް ނުނިމޭ

މާލޭގެ މަގުމަތިން ދަނިކޮށް، ދެ މީހަކު ވެގެން އަންހެނެއްގެ ދެ ފައިގައި ހިފައި ގޯޅިގަނޑަކަށް ވެއްދި މައްސަލައިގައި ދައުލަތުން ދައުވާ ކުރި އެކަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ވި ކިހިނެއް؟ - އެ މައްސަލައިގައި ދައުލަތުން ވަނީ ދެ މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން، ހދ. ނޭކުރެންދޫ/ވިނަރެސް، އާދަމް ވިޝާންގެ މައްސަލައިގައި ހުކުމް ކޮށްފައި ވާއިރު، ހދ. ވައިކަރަދޫ/މިލާފަރު، އަލީ ރަޝީދުގެ މައްސަލަ އަދި ބަލައި ނުނިމެ އެވެ.

ތަފްސީލް - އަންހެން މީހާ ހިފެހެއްޓި މައްސަލައިގައި ދައުލަތުން ވިޝާންގެ މައްޗަށް ކުރި ދައުވާތަކުގައި ވަނީ، މިދިޔަ އަހަރުގެ އޭޕްރިލް 16 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އޭނާ އާއި އަލީ ރަޝީދު ވެގެން އެ އަންހެން މީހާ މަގުމަތިން ހިފަހައްޓައި އޭނާގެ އަތާއި ފައިގައި ހިފައި ގޯޅިގަނޑަކަށް ވައްދައި އޭނާ ބިންމައްޗަށް ވައްޓާލި ކަމަށެވެ. އެ އަންހެން މީހާ ވައްޓާލުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް އަނިޔާވި ކަމަށް ވެސް ދައުވާގައިވެ އެވެ.

ވިޝާންގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކަކީ:

  • ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުން: އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް

  • އަނިޔާއެއް ދިނުން: އަސާސީ އަދަަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން

އެންމެ ފުރަތަމަ ވިޝާން ބުނީ އޭނާ ދައުވާއަށް އިންކާރު ކުރާ ކަމަށާއި ވަކީލަކު ބޭނުންވާ ކަމަށެވެ. އެކަމަކު، ފަހުން ބޭއްވި އަޑުއެހުމެއްގައި އޭނާ ވަނީ މައްސަލަ ވަކީލަކާ ނުލައި ކުރިއަށްގެންދަން އެދި ދައުވާތަކަށް އިއުތިރާފުވެފަ އެވެ.

އިއުތިރާފުވުމުން ލިބޭ ލުއިތަކާ އެކު ކްރިމިނަލް ކޯޓުން ހުކުމް ކުރީ:

  • ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުން: ދެ މަހާއި 16 ދުވަހަށް ޖަލަށް

  • އަނިޔާއެއް ދިނުން: 27 ދުވަހަށް ޖަލަށް

ވިޝާންގެ މައްޗަށް ހުކުމް ކުރީ ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި އެއް މަހާއި ތިން ދުވަހުގެ މުއްދަ އުނިކުރުމަށް ފަހު އެވެ. އަދި އިއުތިރާފުވުމުން ވެސް އޭނާގެ ކުށުގެ ދަރަޖަ އެއް ދަރަޖަ ދަށް ކުރި އެވެ.

އޭނާގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށް ސާބިތުވެފައިވާތީ، އަނިޔާއެއް ދިނުމުގެ ކުށަށް އިއުތިރާފުވުމުން ލިބުނު ލުޔާ އެކު އަންނަ ހުކުމް، ގާނޫނުގައިވާ ގޮތުގެ މަތިން ކޯޓުން ނިންމީ ދެބައިކުޅަ އެއްބަޔަަށް ހަދާށެވެ. އެ ކުށަށް 27 ދުވަސް ދިނީ އެހެެންވެ އެވެ.

އެނގުން މުހިންމު - މި މައްސަލައިގައި އަނިޔާ ލިބުނު އަންހެން މީހާ މިހާރު ހުރީ، އޭނާ މެސެޖުކޮށްގެން ގެސްޓްހައުސްއެއް ކައިރިއަށް ގެނައި ފުލުހަކު ކޮޓަަރިއަކަށް ގެންގޮސް، އިތުރު ބަޔަކު ވެގެން ފޭރި، ބިރު ދެއްކި މައްސަލައެއްގައި ޖަލަށްލާފަ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް