Majlis 2024

ހެޕީ ހޯމޯންތައް އުފައްދާ މިހާގެ މޫޑު ރަނގަޅުކޮށް އުފާވެރިކަމަުގެ އިހްސާސްތައް އިތުރު ކުރުމަށް ކުރަންޖެހެނީ ވަރަށް އާދައިގެ ކަންކަން. އެކަމަކު މީގައި ސިއްރައި އޮވޭ.

މޫޑު ރަނގަޅުކޮށްދެނީ މި ހޯމޯންތަކުން؛ އޭގައި ސިއްރެއްވޭ

އުފަލުގެ ހޯމޯންގެ ގޮތުގައި ހިމެނެނީ ޑޮޕަމީން، ސެރޮޓޯނިން، އޮކްސިޓޯސިން އަދި އެންޑޯފިންސް

ހޯމޯން އަކީ ހަށިގަނޑުގެ އެކި ގްލޭންޑްތަކުގައި އުފައްދާ ކެމިކަލް ތަކެކެވެ. ލޭގެ ތެރޭގައި ހޯމޯންތައް ދައުރުކުރަނީ މެސެންޖަރުންގެ ގޮތުގައި ހަށިގަނޑުގައި އެކި އެކި ރޯލްތައް އަދާ ކުރުމަށް އެހީތެރިވެދިނުމުގަ އެވެ. 

ހަށިގަނޑުގެ ބައެއް ހޯމޯންތަކަކީ މީހާގެ މޫޑު ރަނގަޅު ކުރުމަށް އެހީތެރިކޮށްދީ، އުފާވެރިކަމުގެ އިހްސާސްތައް ޕްރޮމޯޓްކޮށްދީ އަދި އުފާވެރިކަން ގެނެސްދޭ އެއްޗެއްކެވެ.

އިންސާނެއްގެ ހަށިގަނޑުގެ ހޯމޯންތަކުން ކުރާ މައިގަނޑު އެއް ކަމަކީ މީހާގެ މޫޑަށް ގެންނަ ބަދަލު

މި ހޯމޯންތަކަށް އާއްމުކޮށް ކިޔައި އުޅެނީ "ހެޕީ ހޯމޯން" އެވެ.

ހެޕީ ހޯމޯންގެ ގޮތުގައި ހިމެނެނީ ހަތަރު ހޯމޯން އެކެވެ. އޭގެ ތެރޭގައި ހިމެނެނީ؛

1. ޑޮޕަމީން: ޑޮޕަމީން އަށް ކިޔައި އުޅެނީ "ފީލްގުޑް" ހޯމޯން އެވެ. އެއީ މި ހޯމޯންގެ ސަބަބުން މީހާއަށް އުފާވެރިކަމުގެ އިހްސާސްތައް ގެނެސްދެ އެވެ. މިއީ ސިކުނޑީގައި ކަމެއް ހާސިލު ކުރެވުމުން ލިބޭ އުފާވެރިކަމާ ގުޅިފައިވާ މުހިއްމު ބަޔެކެވެ. ޑޮޕެމީން ގުޅިފައިވަނީ ދަސްކުރުމާއި، ހަނދާން ކުރުމާއި އަދި މޯޓޯސިސްޓަމްތައް މަސައްކަތް ކުރާ ގޮތާ އެވެ.  

2. ސެރޮޓޯނިން: މި ހޯމޯން ގުޅިފައިވަނީ މީހާގެ މޫޑު ހަމައަކަށް އެޅުމަށާއި ނިދުމާއި، ކެއުން، ހަޖަމުކުރުން، ދަސްކުރަން ފަސޭހަވުން އަދި ކަންކަން ހަނދާންކުރުމާއި އެވެ.

މައިވަންތަކަމުގެ ލޯބި ގުޅިފައިވަނީ އޮކްސިޓޯސިން އާއި

3. އޮކްސިޓޯސިން: މި ހޯމޯން އަށް "ލަވް ހޯމޯން" އޭ ކިޔައި އުޅެ އެވެ. ވިހެއުމާއި، ގާތުން ދިނުމާއި އަދި ދަރިފުޅާ އޮންނަ ގުޅުމާ، މި ހޯމޯން ގުޅުންވެ އެވެ. މީހުންނަށް ކުރާ އިތުބާރާއި މީހުންނާ ގުޅުން ބޭއްވުމާއި އަނެކާގެ އިހްސާސް ދަންނަ މީހަކަށް ވަނީ މި ހޯމޯންގެ ސަބަބުން އެވެ. ބައިވެރިޔާއާ އެކު ބައްދާ، ދޮންދީ އަދި ގުޅުން ބާއްވާ ނަމަ އޮކްސިޓޯސިން އިތުރުވެ އެވެ.

4. އެންޑޯފިންސް: އެންޑޯފިންސް އަކީ ސްޓްރެސް އާއި އުދަނގޫތަކުން އަރައިގަތުމަށް ގުދުރަތީ ގޮތުން ހަށިގަނޑުގައި ރިހުން ފިލުވާލަދޭ އެއްޗެކެވެ. އެންޑޯފިންސް ހަށިގަނޑުގައި ހުންނަ މިންވަރު އިތުރުވުމަށް މެދުވެރިވާ އެއް ސަބަބަކީ ކަންކަން ހާސިލް ވުމުން އެވެ. ދުވުމާއި ކަސްރަތު ކުރުން އަދި ކެއުން އަދި ބައިވެރިޔާއާ ގުޅުން ބޭއްވުމުން އެންޑޯފިންސް އިތުރުވެ އެވެ.

މީހާގެ މޫޑު ރަނގަޅު ކުރުމަށް މިކަން ކަން ކުރެވިދާނެ އެވެ.

1. ބޭރުގައި ވަގުތު ހޭދަ ކުރަންވީ

ރާއްޖޭގެ އާބާދީގެ ބޮޑު ބައި އުޅޭ މާލެ ސިޓީގެ އެޕާޓްމަންޓްތަކަކީ އިރުގެ އަލި ނުލިބުން އާއްމެވެ. އެންޑޯފިންސް އަދި ސެރެޓޯނިއަން ހޯދުމަށް އަވީގައި ވަގުތުކޮޅެއް ހޭދަ ކުރަން ޖެހެ އެވެ. އެކަން 2008 ވަނަ އަހަރު ހެދި ދިރާސާ އަކުން ސާބިތުކޮށްދެ އެވެ. ކޮންމެ ދުވަހަކުވެސް 10-15 މިނެޓު އަވީގައި ހޭދަ ކުރަން ޖެހެ އެވެ. އެންމެ ރަނގަޅީ ހެދުނުގެ ވަގުތެވެ.

2. ކަސްރަތަށް ވަގުތު ހޯދާ

ކަސްރަތުން ފައިދާ އިތުރު ކުރެވޭ ގޮތްތަކެއްވެސް ހުރޭ

ކަސްރަތަކީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ގޮތުން އެތައް ފައިދާ އެއް ކުރާ ކަމެކެވެ. "ރަނާސް ހައި" އޭ ކިޔާ އެއްޗެއް އަޑު އަހަން ހެއްޔެވެ؟ އެއީ ދުވުމުން މީހާ އަށް ލިބޭ އުފާވެރިކަން ނުވަތަ ހަށިގަނޑުގައި އުފައްދާ އެންޑޯފިންސަށް ނިސްބަތްކޮށް ބުނެ އުޅޭ އެއްޗެކެވެ. ކަސްރަތުން ހަމައެކަނި މީހާގެ އެންޑޯފިންސް އިތުރުކޮށްދެނީ އެއް ނޫނެވެ. ގަވާއިދުން ކަސްރަތު ކުރާ ނަމަ ޑޮޕަމީން އަދި ސެރޮޓޯނިން އިތުރުކޮށްދެ އެވެ.

ކަސްރަތުގެ ފުރިހަމަ ފައިދާ ހޯދުމަށް ކަން ކުރަންވީ މިހެންނެވެ.

ގުރޫޕް ކަސްރަތުތަކުގެ ފައިދާ ބޮޑު ކަމަށް ދިރާސާތަކުން ބުނޭ
  • އެކުވެރިންނާ އެކު ކުރާ ކަމެއްގެ ގޮތުގައި ކަސްރަތު ބޭއްވުން، ސަބަބަކީ ދިރާސާތަކުން ބުނާ ގޮތުގައި ގުރޫޕް ކަސްރަތަކީ އެކަނި ވަކިން އެކަހެރިކޮށް ކުރާ ކަސްރަތަށް ވުރެ އޭގެ ފައިދާ ބޮޑު އެއްޗެކެވެ.

  • އިރުގެ އަލީގައި ކަސްރަތު ކުރުމަކީ ފައިދާ ހުރި ކަމެކެވެ. މިއީ ސެރެޓޯނިއަން އިތުރުވުމަށް މެދުވެރިވާ ކަމެކެވެ.

  • ފުރިހަމަ ފައިދާ ހޯދުމަށް 30 މިނެޓުގެ ކަސްރަތު ހަށިގަނޑަށް ބޭނުންވެ އެވެ. ކިތަންމެ ކުޑަ މިންވަރެއްގެ ކަސްރަތެއްވެސް އޭގެ ސިއްހީ ފައިދާ ހަށިގަނޑަށް ލިބެ އެވެ. އެހެން ނަމަވެސް ރިސާޗުން އެނގޭ ގޮތުގައި އެންޑޯފިންސް ދޫކުރުމަށް 30 މިނެޓުގެ މެދުކެނޑުމެއް ނެތި ކަސްރަތު ބޭނުންވެ އެވެ.

3. ރައްޓެއްސަކާ އެކު ހީ ސަމާސާ ކޮށްލުން

އެކުވެރި ކަމަކީ ގަދަ ފަދަ ބާރެކޭ ބުނެ އުޅޭ ނޫން ހެއްޔެވެ. އަދި ހުނުމަކީ އެންމެ ރަނގަޅު ޝިފާ އޭ ވެސް ބުނެ އުޅެ އެވެ. ހީގެން ހުރިހާ ސިއްހީ މައްސަލައެއް ހައްލެއް ނުވެދާނެ އެވެ. އެކަމަކު އެންޒައިޓީ އަދި ސްޓްރެސްއާ ދުރުކޮށްދީ މީހާގެ މޫޑު ރަނގަޅު ކޮށްދެ އެވެ. ޑޮޕަމީން އާއި އެންޑޯފިންސް އިތުރުކޮށްދެ އެވެ.

4. ކެއްކުމާއި ކެއުން

އެކުވެރިންތަކެއް ގުރޫޕެއް ހަދައިގެން ލުއި ކެއުމެއްގައި

ކާހިތްވާ މީރު އެއްޗެއް ތައްޔާރުކޮށްގެން ލޯބިވާ ބަޔަކާ އެކު އެ މީރު ކެއުމެއް މޭޒެއްގައި ކާލުމަކީ ހަމަ ގައިމު ވެސް  ތިއަރީގައި ބުނާ ގޮތުން ހުރިހާ ހޯމޯނެއް އިތުރުވާ ކަމެކެވެ. ކާހިތްވާ މީރު އެއްޗެއް ކާލުމުން ލިބޭ އުފާވެރި ކަމުގެ އިހްސާސްގެ ސަބަބުން އެންޑޯފިންސް އަދި ޑޮޕަމީން އުފައްދަ އެވެ. ލޯބިވާ މީހަކާ އެކީގައި ކައްކާ އަަދި ކެއުމުން އޮކްސިޓޯސިން އިތުރުކޮށްދެ އެވެ.

ބައެއް ކަހަލަ ކާނާ އަކީ އޭގެ ގޮތުން ހޯމޯން އުފެއްދުން އިތުރުކޮށްދޭ އެއްޗެއްސެވެ. މީގެ ތެރޭގައި އަންނަނިވި ބާވަތްތައް ފާހަގަ ކުރެވެ އެވެ.

ކުޅި އެއްޗެހިި ކެއުމުން އެންޑޯފިންސް އުފައްދަ އެވެ. އަދި  ޔޯގަޓް، ބީންސް، ބިސް، ފެޓުގެ ބާވަތްތައް މަދުން ހިމެނޭ މަސް އަދި އާމަންޑްސް އަކީ ޑޮޕަމީންއާ ގުޅިފައިވާ ބައެއް ކާނާ އެވެ. ޕްރޮބައޮޓިކް އޭގައި ހިމެނޭ ބާވަތްތައް ކަމުގައިވާ ޔޯގަޓް އަދި ކިމްޗީ އަކީ ވެސް ހޯމޯން އާއި ރައްޓެހި ބައެއް ކާނާ އެވެ.

5. ބައިވެރިޔާއާ އެކު 'ރޮމޭންޓިކް' ވަގުތު ކޮޅެއް

ބައިވެރިޔާއާ އެކު ވަގުތު ހޭދަ ކުރުން މީހާގެ ހަމަޖެހުމާ ގުޅިފައިވާ ކަމެއް

ލަވް ހޯމޯން އޭ އޮކްސިޓޯސިން އަށް ކިޔަނީ ކަމެއްވެގެން އެވެ. މީހަކާ ހިތް ކިޔުމަކީ ވެސް ހަށިގަނޑުގައި އޮކްސިޓޯސިން އިތުރު ކުރުމަށް މެދުވެރިވާ ސަބަބެެކެވެ. ބެއްދުމާއި، ބޮސްދިނުމާއި ގުޅުން ހިންގުމުން އޮކްސިޓޯސިން އުފައްދާ މިންވަރު އިތުރު ކުރެ އެވެ. ބައިވެރިޔާއާ އެކު ވަގުތު ހޭދަކުރުމަކީ ވެސް މި ހޯމޯން އިތުރުވާ ކަމެކެވެ. ވަގުތު ހޭދަ ކުރުމުން އެކަކު އަނެކަކާ ގާތްވެ، ގުޅުން އިތުރުވެ ބަދަހިވެ އެވެ. ޕޮޒިޓިވް އިހްސާސްތަކެއް އުފެދި މީހާ އަށް ހަމަޖެހުން ގެނެސްދެ އެވެ.

6. ރަނގަޅަށް ހަމަ ނިދި ހޯދުން

ހަމަ ނިދި ހޯދުމުގެ އާދަ ހަރުލެއްވުމަށް ނިދާ ކޮޓަރީގެ މާހައުލު އެހީތެރިވެދޭ

އަހަރުމެން ހީކުރާ ވަރަށް ވުރެ ބޮޑަށް ހަށިގަނޑަށް ހަމަ ނިދި މުހިއްމެވެ. ހަަމަ ނިދި ނުލިބޭ ނަމަ ސިއްހަތަށް އޭގެ އަސަރު އެކި ގޮތް ގޮތަށް ކުރެ އެވެ. ހޯމޯންތައް ބެލެންސުން ކަޓަ އެވެ. ހާއްސަކޮށް ޑޮޕަމީން އެވެ. މީގެ ސަބަބުން މޫޑަށް އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރެ އެވެ. ކޮންމެ ރެއަކު ވެސް މަދުވެގެން7-9 ގަޑި އިރުގެ ނިދި ހޯދަން ޖެހެ އެވެ.

ރޭގަނޑުގެ އަރާމު ނިދި ހޯދުމަށް؛

  • ކޮންމެ ރެއަކު ވެސް އެއްވަގުތެއްގައި ނިދުމަށް އަޒުމް ކަނޑައަޅާ ށެވެ.

  • ނިދާތަނަކީ އަލި، އަޑު އަދި ސްކްރީންތައް ހިމެނޭ ތަނެއް ގޮތުގައި ނުބާއްވާށެވެ.

  • މެންދުރު ފަހުން ކެފެއިން މަދު ކުރުމަކީ ވެސް ރޭގަނޑުގެ ނިދި ހޯދުމަށް ކުރެވިދާނެ ކަމެކެވެ.

7. ސްޓްރެސް މެނޭޖް ކުރުން

ކްރޮނިކްސްޓްރެސް އަކީ އޭގެ ނޭދެވޭ އަސަރު ޖިސްމާނީ އަދި ނަފްސާނީ ގޮތުން މީހާ އަށް ކުރާ ކަމެއް

ކޮންމެ މީހަކުވެސް ދިރިއުޅުމުގައި އެކި އެކި ސްޓްރެސްއާ ކުރިމަތިލާން ޖެހެ އެވެ. ސްޓްރެސް ވުމަކީ މައްސަލައެއް ނޫނެވެ. ބައެއް ފަހަރަށް އެއީ މީހާ އަށް ކަންކަން ކުރަން ހިތްވަރަކަށްވާ ކަމެކެވެ. ސްޓްރެސް ގޯސްވަނީ ދިރިއުޅުމުގެ ހާލަތާ މެދު އަބަދު ސްޓްރެސްއެއްގައި އުޅެން ޖެހުމުންނެވެ. " ކްރޮނިކް ސްްޓްރެސް"ގެ ސަބަބުން ހަށިގަނޑުގައި ހުންނަ ޑޮޕަމީން އަދި ސެރެޓޯނިން އުފެއްދުން ދަށްކޮށްލަ އެވެ. މީގެ އަސަރު ސިއްހަތާއި މޫޑަށް ކޮށް މީހާގެ ހާލަތު އިތުރަށް ގޯސްވެ އެވެ.

ދިރިއުޅުމުގައި އަބަދު ބޮޑު ސްޓްރެސްގަނޑެއް ތެރޭގައި  އުޅޭ ނަމަ 'އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން' ލަފާ ދެނީ ކުދި ކުދި ފަސޭހައިން ކޮށްލެވޭ ކަންތައްތަކެއް ކުރުމަށެވެ.

  • ފުރަތަމަ ސްޓްރެސްވާން މެދުވެރިވާ ކަމުން ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ދުރަށް ޖެހިލެވެތޯ ބަލަންވީ އެވެ.

  • ހުނުމަށް ފުރުސަތެއް ހޯދަންވީ

  • ކޮންމެވެސް ކަހަލަ ކަސްރަތަކަށް އެންމެ 20 މިނެޓު ހުސްކޮށްލަންވީ 

  • މެޑިޓޭޝަން ހެދުން

  • މީހުންނާ ގުޅުން ބާއްވާ ގުޅުންތައް ބަދަހި ކުރުން

މިކަން ކަން ކޮށްފި ސެރެޓޯނިއަން އަދި ޑޮޕަމީންގެ އިތުރުން އެންޑޯފިންސް ވެސް އިތުރުވެ އެވެ.

ހެޕީ ހޯމޯންތައް އުފައްދާ މިހާގެ މޫޑު ރަނގަޅުކޮށް އުފާވެރިކަމަުގެ އިހްސާސްތައް އިތުރު ކުރުމަށް ކުރަންޖެހެނީ ވަރަށް އާދައިގެ ކަންކަމެވެ. އެކަމަކު މީގެ ސިއްރެއް ވެސް އޮވެ އެވެ. ސިއްރަކީ މިކަން ކަން ކުރުމުގައި ދެމި ހުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް