Majlis 2024

އައިޖީއެމްއެޗުގެ ޑޮކްޓަރުން ކ. މާފުށީ ސިއްހީ މަރުކަޒަށް ކުރި ޒިޔާރަތެއްގައި ޑޮކްޓަރަށް ދައްކަން ގެންދިޔަ ކުޑަކުއްޖަކު ބަލަނީ: ރާއްޖޭގައި އަހަރުން އަހަރަށް ޑޮކްޓަރުން އިތުރުވަމުން އައި ޓްރެންޑަށް ކޮވިޑާ ގުޅިގެން ވަނީ ނޭދެވޭ އަސަރު ފޯރާފައި. (ފޮޓޯ/އައިޖީއެމްއެޗް)

ޑޮކްޓަރުން

ތަފާސްހިސާބުން ޑޮކްޓަރުން: %90 އަށް ވުރެ ގިނަ ދިވެހި ޑޮކްޓަރުން މާލޭގައި

ޑޮކްޓަރުންގެ %63 އަކީ ބިދޭސީން، ދިވެހި ޑޮކްޓަރުންގެ ތެރޭގައި ގިނައީ އަންހެނުން، ރަށްރަށުގައި އަންހެން ޑޮކްޓަރުން ވަރަށް މަދު

ރާއްޖޭގައި ހާހަކަށް ވުރެ ގިނަ ޑޮކްޓަރުން އެބަ ތިއްބެވެ. އޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ޑޮކްޓަރުން ތިބީ އަތޮޅުތަކުގަ އެވެ. ޑޮކްޓަރުންގެ %48 ޕަސެންޓް ތިބީ މާލޭގަ އެވެ.

ތަފާސްހިސާބު ލިބެންހުރީ 2020ގެ ނިޔަލަށެވެ. ހެލްތު މިނިސްޓްރީން ނެރޭ 'މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް'ގެ އަހަރީ ރިޕޯޓްތައް ދައްކާގޮތުގައި ޑޮކްޓަރުންގެ އަދަދު 2017 އިން 2019ގެ ނިޔަލަށް އަހަރުން އަހަރަށް ފާހަގަކުރެވޭ މިންވަރަކަށް އިތުރުވި އެވެ. ނަމަވެސް 2020 ނިމުނު އިރު 2019އަށް ވުރެ ގިނަވީ އެންމެ ހަތަރު ޑޮކްޓަރުންނެވެ.

އެ ބަދަލު އައީ ހާއްސަ ޑޮކްޓަރުންގެ އަދަދު ދަށަށް ދިޔުމުންނެވެ. ކޮވިޑް-19އާ އެކު ސިއްހީ ނިޒާމުތަކަށް ގުޑުންއެރި 2020ގައި ރާއްޖޭގައި އާއްމު ޑޮކްޓަރުން އިތުރުވި ނަމަވެސް ސްޕެޝަލިސްޓުން ވީ މަދެވެ.

ކޮވިޑްގެ އަސަރާއި ބިދޭސީންގެ މަތީ އަދަދު

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވިގޮތުގައި ކޮވިޑްގެ ތެރޭގައި ބޭރުގެ "ވަރަށް ގިނަ" ޑޮކްޓަރުން ރާއްޖެ އިން ފުރައިގެން ދިޔަ އެވެ. އަލަށް ނެގި ޑޮކްޓަރުންނަށް ވުރެ، ވަކިވި ޑޮކްޓަރުން "މާ ގިނަ" ކަމަށާއި އެއާ އެކު ކުރިމަތިވި ހުސްކަން އަދިވެސް ފޫބެއްދިފައި ނުވާ ކަމަށް ނަސީމް ވިދާޅުވި އެވެ. 

ޑޮކްޓަރުންގެ ތެރޭގައި 2020 ވަނަ އަހަރު ސްޕެޝަލިސްޓުންގެ ނިސްބަތަކީ %40 އެވެ. އެއީ 2017 އާއި 2020އާ ދެމެދު އެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ރާއްޖެ ސަރަހައްދުން ސްޕެޝަލިސްޓުން ލިބުން ދަތިވެގެން ހެލްތު މިނިސްޓްރީން ވަނީ ކިއުބާ އިން ޑޮކްޓަރުން ގެންނަން މަސައްކަތް ފަށައިފަ އެވެ. ސައްބީސް ޑޮކްޓަރަކު އަންނަ މަހުގެ ކުރީކޮޅު އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ނަސީމް މަޖިލީހުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ޑޮކްޓަރުން އައުމުން "އަޅުގަނޑުމެންނަށް ކޮންމެވެސް ކަހަލަ ތަސައްލީއެއް މި ކަމަށް ލިބޭނެ" އެވެ.

ރާއްޖެ އަދިވެސް ވަރަށް ބޮޑަށް ބަރޯސާވަނީ ބިދޭސީ ޑޮކްޓަރުންނަށެވެ. ދިވެހި ޑޮކްޓަރުންގެ އަދަދު މަޑުމަޑުން އިތުރުވަމުން އާދެ އެވެ. އެކަމަކު 2020ގައި ވެސް ޑޮކްޓަރުންގެ %63 އަކީ ބިދޭސީންނެވެ.

ދިވެހި ޑޮކްޓަރުންގެ %91 މާލޭގައި

ރާއްޖެއަށް ބިދޭސީ ޑޮކްޓަރުންގެ ބޭނުން އެހާ ބޮޑީ ރަށްރަށުގައި ހިދުމަތް ދިނުމަށެވެ. އަތޮޅުތަކުގައި ބިދޭސީ ޑޮކްޓަރުންގެ އަދަދު، އެހެން އަހަރުތަކާ ތަފާތުކޮށް، 2020ގައި ވަނީ އިތުރު ވެސް ވެފަ އެވެ. އޭގެ ކުރީ ތިން އަހަރަށް ބަލާ އިރު 2017 އަދި 2018ގައި އެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުރެފައި 2019ގައި ދަށްވި އެވެ.

ތަފާސްހިސާބު ލިބެންހުރި ހަތަރު އަހަރު ވެސް ދިވެހި ޑޮކްޓަރުންގެ %90 އަށް ވުރެ މަތީ އަދަދެއް ތިބީ ވެރިރަށް މާލޭގަ އެވެ. ރަށްރަށުގައި ހިދުމަތް ދޭން 2020ގައި އުޅުނީ ރާއްޖޭގައި އެ އަހަރު ތިބި 396 ދިވެހި ޑޮކްޓަރުންގެ ތެރެއިން އެންމެ 37 މީހުންނެވެ. އެއީ %9 ޕަސެންޓެވެ.

އެހެން ގޮތަކަށް ބަލާ ނަމަ، 2020 ވަނަ އަހަރު ރަށްރަށުގައި ތިބި ޑޮކްޓަރުންގެ ތެރޭގައި ދިވެހި ޑޮކްޓަރުންގެ ނިސްބަތަކީ އެންމެ %7 އެވެ. 

މާލެ އާއި އަތޮޅުތަކުގެ އެންމެ ބޮޑު އަނެއް ފަރަގަކީ ރަށްރަށުގައި އަންހެން ޑޮކްޓަރުން އަބަދުވެސް ވަރަށް މަދުކަމެވެ.

މާލޭގައި 2020 ވަނަ އަހަރު ފިރިހެން ޑޮކްޓަރުންނަށް ވުރެ އަންހެން ޑޮކްޓަރުން ގިނަ އެވެ. އެއާހިލާފަށް އެ އަހަރު ރަށްރަށުގައި ކޮންމެ ހަތަރު ފިރިހެން ޑޮކްޓަރަކަށް އެންމެ އަންހެން ޑޮކްޓަރެކެވެ.

ސްޕެޝަލިސްޓުން 2020ގައި މަދުވި ކަމަށް ދައްކަނީ މާލެ އިންނެވެ. އެއީ މާލޭގައި ހަތަރު އަހަރު ތެރޭ ހާއްސަ ޑޮކްޓަރުންގެ އަދަދު ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އެއާ ހިލާފަށް އަތޮޅުތަކުގައި އެ އަހަރު ސްޕެޝަލިސްޓުން ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގައި ތިބި ސްޕެޝަލިސްޓުންގެ %42، 2020 ވަނަ އަހަރު ހިދުމަތްކުރީ ރަށްރަށުގަ އެވެ. އެއީ އޭގެ ކުރީ ތިން އަހަރާ އަޅާބަލާ އިރު ފާހަގަކޮށްލެވޭ ވަރެއްގެ އިތުރުވުމެކެވެ.

ދިވެހި ޑޮކްޓަރުންގެ ތެރޭގައި ގިނައީ އަންހެނުން

ޖުމްލަކޮށް ބަލާ އިރު އަންހެން ޑޮކްޓަރުންނަކީ ޑޮކްޓަރުންގެ ތިންބައިކުޅަ އެއްބައެވެ. އެކަމަކު މި ހަތަރު އަހަރު ވެސް ދިވެހި ޑޮކްޓަރުންގެ ތެރޭގައި ފިރިހެނުންނަށް ވުރެ ގިނައީ އަންހެނުންނެވެ. އަދި އެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އައިސް 2020ގައި ދިވެހި ޑޮކްޓަރުންގެ %63 އަކީ އަންހެނުންނެވެ.

އަންހެން ޑޮކްޓަރުންގެ ތެރޭގައި ގިނައީ ވެސް ދިވެހި ޑޮކްޓަރުންނެވެ.

ޖުމްލަކޮށް ދިވެހިންނަށް ވުރެ ބިދޭސީ ޑޮކްޓަރުން ގިނަ ނަމަވެސް، އަންހެން ޑޮކްޓަރުންނަށް ވަކިން ބަލާ އިރު ފެންނަނީ އޭގެ އިދިކޮޅެވެ. އަންހެން ޑޮކްޓަރުންގެ ތެރޭގައި ދިވެހިންގެ ނިސްބަތް އިތުރުވަމުން އައިސް 2020ގައި ވަނީ %67 އަށް އަރައިފަ އެވެ. އެއާ ހިލާފަށް ފިރިހެން ޑޮކްޓަރުންގެ ތެރޭގައި ދިވެހިންގެ ނިސްބަތަކީ އެންމެ %21 ޕަސެންޓެވެ.

ޖުމްލަކޮށް ބަލާ އިރު ޑޮކްޓަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާއަށް މި ހަތަރު އަހަރު ތެރޭ އައި ކުރިއެރުން އެހާ ބޮޑު ނޫނަސް އަހަރުން އަހަރަށް ފިިރިހެން ޑޮކްޓަރުން އިތުރުވާ މިންވަރަށް ވުރެ ބާރަށް އަންހެން ޑޮކްޓަރުން އަންނަނީ އިތުރުވަމުންނެވެ.

މިއީ ރާއްޖޭގައި ޑޮކްޓަރުންގެ ގޮތުގައި ރަޖިސްޓްރީވެގެން 2017، 2018، 2019 އަދި 2020 ނިމުނު އިރު ހިދުމަތުގައި ތިބި މީހުންގެ ތަފާސްހިސާބެވެ. 'މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020'ގައި ބުނެފައިވާ ގޮތުގައި އޭގައި ހިމަނާފައިވަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ އަދި ޕްރެކްޓިސްކުރަމުން ގެންދިޔަ ޑޮކްޓަރުންނެވެ. 'މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2017-2019'ގައި ބުނެފައިވާ ގޮތުގައި ޑޮކްޓަރުންގެ އަދަދުތައް ގެނެސްދީފައިވަނީ ސިއްހީ ހިދުމަތް ދޭ ސަރުކާރުގެ ތަންތަނާއި ޕްރައިވެޓް ބައެއް ތަންތަން ވެސް ހިމެނޭ ގޮތަށެވެ.

ކޮމެންޓް (1)

ޑޮކް

18 އޭޕްރީލު 2022
ދެއި ނީޑް މަނީ ޓޫ އެންޑް ދެއާ އިޒިންޓް މެނީ ޕްލޭސެސް ދެޓް ޑޫ. އެވްރީތިންގ އިޒް ހިއާ އިން މާލެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް