ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން (ފޮޓޯ/ރޮއިޓާސް)

ޕާކިސްތާން

އިމްރާން ހާން ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް އެއްވުމެއްގައި ބައިވެރިވެވަޑައިގެންފި

އިމްރާން އަށް ތާއީދު ކުރާ އެތައް ލައްކަ ބަޔަކު ވަނީ މި އެއްވުމުގައި ބައިވެރިވެފައި
27 ނޮވެމްބަރު 2022

ބަޑީގެ ހަމަލާއެއްގައި މީގެ ތިން ހަފްތާ ކުރިން ޒަހަމްވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އެ ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް އެއްވުމެއްގައި ބައިވެރިވެވަޑައިގަންނަވައި އޭނާއަށް ތާއީދު ކުރާ އެތަކެއް ލައްކަ ސަޕޯޓަރުންނާ މުހާތަބުކުރައްވައިފި އެވެ. 

އިމްރާން ވަނީ މި އެއްވުމުގައި ބައިވެރިވި ސަޕޯޓަރުންނަށް މަރުވެދާނެ ކަމުގެ ބިރެއް ނެތި އުޅުމަށް ގޮވާލައްވާފަ އެވެ. 

އިމްރާން އަށް މި މަހު ކުރީކޮޅު ހަމަލާ ދީފައި ވަނީ މިފަދަ އެއްވުމެއްގައި ބައިވެރިވެވަޑައިގަންނަވަމުން ދަނިކޮށެވެ. އެ ހަމަލާގައި އެކަކު މަރުވި އިރު އިމްރާންގެ އިތުރުން ވެސް ބައެއް މީހުންނަށް އަނިޔާވި އެވެ. 

އެ ހަމަލާ ދިނުމުގެ އަޑީގައި ތިބީ މިހާރުގެ ސަރުކާރުގެ އިސް ވެރިންކަމަށް އިމްރާން ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

ނަމަވެސް ޕާކިސްތާނުގެ ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މި ހަމަލާގައި ބައިވެރިވި ހަމައެކަނި މީހާ ދީފައިވާ ވީޑިއޯ ބަޔާނެއް އާންމުކޮށްފަ އެވެ. 

ރާވަލްޕިންޑީގައި އޮތް އެއްވުމުގައި އިމްރާން ފެނިލުމާ އެކު އެތައް ބަޔަކު ވަނީ އޭނާއަށް ހޫނު ތަރުހީބެއް ދީފަ އެވެ.

މި އެއްވުމުގައި ބައިވެރިވި އަންހެނަކު ބީބީސީ އަށް ބުނި ގޮތުގައި އޭނާ އެ ތަނަށް ދިޔައީ އަމިއްލަފުޅު ބޭނުންތަކުގެ ބަދަލުގައި  ޕާކިސްތާނުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި އިމްރާން މަސައްކަތް ކުރައްވާތީ އެވެ. 

"އަހަރެން މިތަނަށް އައިސް މިހުރީ އަހަރެމެން އެންމެންނަށް ތާއީދު ކުރާ ލީޑަރަކަށްޓަކައި،" އޭނާ ބުންޏެވެ. 

"އިދާރާތަކާ ދެކޮޅަށް އަޑު އުފުލާ މީހަކަށް ހުރީ އެންމެ މީހެއް. އޭނާ މިތަނަށް އައިސް އެހެރީ މުސްތަގުބަލަށް ބަލައިގެން. އޭނާ ވަނީ އަހަރެމެންނަށް ތަސަައްވުރެއް ދީފައި،" އެއްވުމުގައި ބައިވެރިވި ފިރިހެނަކު ބުންޏެވެ. 

މި އެއްވުން ކުރިއަށް ގޮސްފައި ވަނީ ވަރަށް އުފާވެރި މާހައުލެއްގައި ނަމަވެސް ސަލާމަތީ ކަންތައްތައް އޮތީ ވަރަށް ވަރުގަދަ ކޮށްފަ އެވެ. އަދި ގިނަ ބަޔަކު ދިޔައީ އިމްރާން އަށް ސަނާ ކިޔާ ޕާކިސްތާނުގެ މަޝްހޫރު ލަވަތައް ލައުޑްސްޕީކަރުތަކުން ޖަހަމުންނެވެ. 

މި މަހު ކުރީކޮޅު ދިން ހަމަލާއަށް ފަހު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ބައިވެރިވިވަޑައިގެންނެވި ފުރަތަމަ އެއްވުމާ ގުޅޭ (ވީޑިއޯ/ ބީބީސީ)

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ދުރުކުރީ މި އަހަރުގެ އޭޕްރިލް މަހު ގާނޫނު ހަދާ މަޖިލިހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ފަހު އެވެ. 

މަގާމުން ދުރުކުރި ފަހުން އިމްރާން އަންނަނީ ޕާކިސްތާނުގެ ސަރުކާރަށާއި އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޕާކިސްތާނުގެ އާންމުންގެ ގިނަ ބަޔަކު އިމްރާން އަށް ތާއީދު ކުރެ އެވެ. 

ހަމަޖެހިފައިވާ ގޮތަށް އަންނަ އަހަރު އާންމު އިންތިހާބެއް ބާއްވާނެ ކަމަށް ޕާކިސްތާނުގެ ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް އިންތިހާބު އަވަސް ކުރުމަށް އިމްރާން އަންނަނީ ގޮވާލައްވަމުންނެވެ. 

ޕާކިސްތާނަކީ ސިޔާސީ ހަމަނުޖެހުންތަކުގެ ދިގު ތާރީހެއް އޮތް ގައުމެކެވެ. އެގޮތުން އެގައުމުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ 2007 ވަނަ އަހަރު އާންމު އެއްވުމެއްގައި ބައިވެރިވެވަޑައިގަންނަވަމުން ދަނިކޮށް ހަމަލާދީ ވަނީ އަވަހާރަކޮށްލާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް