Majlis 2024

އަމިއްލަ ދަރިފުޅު މަރާލިކަން ސާބިތުވި އާމިނަތު ޝާހިދާ ފުލުހުންގެ ބެލުމުގެ ދަށުގައި: މިފަދަ އަނިޔާވެރި މަރުތަކުން ވެސް ގައުމުގެ ހާލަތު ވިސްނާލެވޭނެ (ފޮޓޯ/ސަން އޮންލައިން)

އެކަނި އިންނައިރު: ހަމައެކަނި ބިހެއް ނޫން، ކުނިނުވާ އެއްޗެއް ނެތް

އިޖުތިމާއީ މައްސަލަތަކާއި ސިޔާސީ މައްސަލަތަކާ ހެދި ރާއްޖޭގެ ކުރިމަގާ މެދު އޮތް އުއްމީދު ކުޑަ

އެކަނިމާއެކަނި ތަނެއްގައި މަޑުކޮށްލައިގެން އިނދެ ވިސްނާލާ އިރު، ބައެއް ފަހަރު، ގައުމަށް ކުރާ އިހުތިރާމް ވެސް ކުޑަވެދާ ފަދަ ހިޔާލުތައް އާދެ އެވެ.

ގައުމު ދެކެ ލޯބިވެ އެވެ. ގައުމާ މެދު ހިތުގައި އޮންނަ އިހުތިރާމް ވެސް އެހާމެ ބޮޑުމެ އެވެ. އެކަމަކު ގައުމުގައި ހުރި ރީތި ސިފަތައް ދޫކޮށް މުޖުތަމައުގެ ގިނަ ކަންކަން ހަލާކުވެ، 'ކުނިވެ' ދާ ތަން ފެންނަ ނަމަ، ދެން އެ އިހުތިރާމް ދޫކޮށް، ފާޑުކިޔަން ޖެހޭ ހިސާބަށް ހުރެވޭނީ ގޮހެވެ.

މި ގައުމު ގިނަ ކަންކަން 'ކުނިވެއްޖެ' ކަމަށް ހިތަށްއެރުމުން ދެން ވިސްނާލެވުނީ އެހެން އެވީ ކީއްވެގެން ހެއްޔޭ އެވެ. އިއްޔެ އަހަރެމެންގެ މީޑިއާތަކުން ފެނުނީ މިހާރު މާލޭގެ ފިހާރަތަކުން ވިއްކާ ކުކުޅު ބިހުގައި ގިނަ އަދަދެއްގެ ކުނި ބިސް ހުރި ހަބަރެވެ.

އެމްއެފްޑީއޭއިން އާންމުންގެ ހޭލުންތެރިކަމަށް އާންމުކުރި އިއުލާނަކާ އެކު ކުނި ކުކުޅު ބިހާ މެދު އަހަރެމެންގެ ވިސްނުން ދޫކޮށްލެވުނެވެ. އިރުކޮޅަކަށެވެ. ބިހަކީ ކެއުމުގެ އާންމު އެއްޗަކަށް ވުމުން އެކަމާ މެދު ވިސްނާލަން ވެސް ޖެހެ އެވެ. އެކަމަކު މިއަދު ވެސް ގޭގައި ބޭނުންކުރަން ތިން ބިސް ލިބުނީ ފަސް ބިސް ތަޅައިގެންނެވެ: ދެ ބިސް އޮތީ ކުނިވެފަ އެވެ.

މާލޭގައި މަސްތުވާތަކެތި ބޭނުންކުރާ ތަނެއް: ގައުމު ކުރިމަގު ރަނގަޅެއް ނޫން

ރަނގަޅު މާހައުލެއްގައި ރައްކާތެރިކަމާ އެކު ބަހައްޓަން ޖެހޭ ބިސްތަކަށް އަޅާނުލެވި ދޫކޮށްލުމުން އާންމު ރައްޔިތުންނަށް ބޭނުންކޮށްލަން މި ލިބެނީ ކޮންމެ ދެ ބިހަކުން އެއް ބިހެވެ. ކުކުޅު ބިސްތައް ކުނިވުމުން އެމްއެފްޑީއޭއިން އާންމުންގެ ސަމާލުކަމަށް އެކަން ގެނެސްފި އެވެ. އެކަމަކު ގައުމުގެ އެހެން ކަންކަން 'ކުނިވެގެން' އުޅޭ އިރު އާންމުން ހޭލުންތެރިކުރުވާނީ ކޮން އިދާރާއަކުން ހެއްޔެވެ؟ އެއީ ކޮން ބައެއްގެ ޒިންމާއެއް ހެއްޔެވެ؟ ގައުމުގެ ކަންކަން 'ކުނިވެއްޖެ'އޭ ބުނެވިދާނެ ހެއްޔެވެ؟ އެއީ މި ރީތި، ކުޑަކުޑަ ގައުމާ މެދު އިހުތިރާމް ކުޑަކުރުން ހެއްޔެވެ؟

މި ކަހަލަ ކިތައްމެ ސުވާލެއް ހިތުގައި އުފެދިދާނެ އެވެ. އެކަމަކު 'ގައުމު ވެސް ކުނިވެއްޖެ' ކަމަށް ބުނުމުގެ ހައްގު، އެ މިސްރާބަށް ވިސްނުން ދޫކޮށްލާ ބަޔަކަށް ވިއްޔާ ނުލިބިއެއް ނުދާނެ އެވެ. އަހަރެމެންގެ ގިނަ ކަންކަން 'ކުނިވެގެން' މިއުޅެނީ މި ގައުމު ދާ މިސްރާބުންނެވެ. އެ މިސްރާބު ބަދަލުވާނެ އަލި މަގެއް ނުފެނިގެންނެވެ.

ވިސްނާ ބަޔަކަށް އޮތީ ރުޅި އިސްނުކޮށް އަމިއްލަ ނަފުސު ހަމަޖައްސަން މަސައްކަތްކުރުމެވެ. އެކަމަކު އަމިއްލަ ނަފުސަށް ލަދުވެތިވާ ހިސާބަށް ވެސް ކަންކަން ދާ ނަމަ، ކުރާނެ ކަމެއް ނެތެވެ. މި ދައްކާ ވާހަކަ ރަނގަޅަށް ބުނެދެވޭތޯ ދެތިން މިސާލަކަށް ޖެހިލާނަމެވެ.

މިދިއަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ނިންމީ ހަ އަހަރު ވެފައި އޮތް މައްސަލައެކެވެ. އުމުރުން އެންމެ ހަތަރު އަހަރުގެ އަންހެން ދަރިފުޅުގެ ގަޔަށް ވަޅި ހަރާ މަރާލި މަންމަ އައިމިނަތު ޝާހިދާގެ މައްޗަށް ކުށް ސާބިތުވީ އެވެ. މި ދައްކަނީ ކުޑަކުޑަ ވާހަކައެއް ނޫނެވެ. ހިތުގައި އަސަރެއް ހުރި ކޮންމެ މީހެއްގެ ލޮލުން، އެ ކުއްޖާ، ފާތުމަތު ޝައިހާގެ އެ ބަދުނަސީބު ވަގުތުކޮޅާ މެދު ވިސްނާލައިފި ނަމަ، ކަރުނަ ނުހިލިއެއް ނުހުންނާނެ އެވެ.

ސިޔާސީ ލީޑަރުން (ކަނާތުން ވާތަށް) ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް މައުމޫން، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ގައުމުގައި ކަންކަން ހިނގާ ގޮތުން މި ބޭފުޅުންނާ މެދު އޮތް އިތުބާރު ކުޑަ

މި އަނިޔާވެރި މަރުގެ އަހަރެއް ކުރިން، ހަމަ އެ އުމުރުގެ މުހައްމަދު އިބްތިހާލް ވެސް މަރާލީ އޭނާގެ މަންމަ އާފިޔާ އަހުމަދެވެ. އެ ކުއްޖާ ނިދާފައި އޮއްވާ މޭމަތީ ޖެހިޖެހީނުން މޭކަށިގަނޑު ބިންދާލައި، އޭގެ ފަހުން ކަރުގައި ހިފައިގެންނެވެ.

މި ދެ މައިންގެ މައްޗަށް ކުށް ސާބިތުވެ، އުމުރުގެ ބޮޑު ބައެއް މިހާރު އެ އޮތީ ޖަލުގައި ހޭދަކުރަން ޖެހިފަ އެވެ. އެކަމަކު މި ކުޑަކުޑަ ގައުމުގައި އެހާ ބޮޑެތި އަނިޔާވެރި އަމަލްތައް ތަކުރާރުވާ ނަމަ، ގައުމުގެ ކަންކަން މި އޮތީ 'ކުނިވެފައޭ' ބުނެވޭނެ އެވެ. 

އިޖުތިމާއީ ތަފާތު މައްސަލަތައް، އިންސާނާގެ ހޭބުއްދި ފިލުވާލަނީ އެވެ. ޖަނަވާރުންނަށް ބަދަލުކޮށްލަނީ އެވެ. ގާތިލުންނަށް ހަދާލަނީ އެވެ. ގައުމު ބިނާވެފައި މި އޮންނަނީ މުޖުތަމައުއެއްގެ މައްޗަށެވެ. އެ މުޖުތަމައުގައި އިންސާނާގެ ލެއަކީ އަގެއް ނެތް އެއްޗަކަށް ވާ ހިސާބުން، ގައުމުގައި އަގެއް ހުރި އެހެން އެއްޗެއް ނުހުންނާނެ އެވެ.

މައިން ދަރިން މަރާއިރު އެކި އުމުރުގެ ފިރިހެނުން އުޅެނީ އެ މީހުން އެ މީހުން މަރާށާއި، މަސްތުވާތަކެތީގެ ވިޔަފާރި އާއި މަސްތުވުމުގަ އެވެ. ވަޒީފާއެއް އަދާނުކުރާ އަދި އާމްދަނީ ލިބޭނެ އެހެން ގޮތެއް ވެސް ނެތް އެތައް ބަޔަކު ބޮޑެތި މަހުޖަނުންނަށް ބަދަލުވަނީ އެވެ. އެއީ ކިހިނެއް ވާ ކަމެއްތޯ ބަލާނެ ރަސްމީ އިދާރާއެއް ނެތެވެ. އެ ކެރުމާއި ތެދުވެރިކަން ވެސް ނެތީ އެވެ. ދައުލަތް ހިންގުމުގައި ވެސް މައްސަލަތަކެވެ. ތެދުވެރިކަން ދޫކޮށް، މީހުންގެ އަތްދަށުވުމުގައި ވެސް ހައްދެއް ނޯވެ އެވެ. ދެން ފެންނަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް ކަނޑާލައިފައި، އަޅާނުލާ ތިބޭތަނެވެ.

ގައުމު ތެރެއިން ފެންނަ މިކަހަލަ ހިތްދަތި މަންޒަރުތަކާ މެދު ވިސްނާ ބައެއްގެ ހިތަށް ދެން އަރާނީ މި ގައުމުގެ ވެރިން ކޮބައި ހެއްޔެވެ؟ އެކަމަކު މި ސުވާލު ސިކުނޑިއަށް ވަނުމާ އެކު 'ވެރިން ވެސް ކުނިވެފައޭ' ބުނެ، އަމިއްލައަށް ޖަވާބު ވެސް ދެވޭހާ، ގައުމުގެ ސިޔާސީ ދާއިރާގެ ހާލަތު ގޯހެވެ. އިތުބާރު ކުރާނެ ވެރިޔަކު ނެތެވެ. ޕާޓީތަކުގެ އައުވާނުންނަކަށް ނޫނެވެ. އެކި ލީޑަރުންގެ ފަހަތުން އެނބުރޭ އަދި ލޯ މަރާލައިގެން ތިބި ސަޕޯޓަރުންނަކަށް ވެސް ނޫނެވެ؛ އެހެން މީހުންނަށެވެ.

ކުރީގެ ރައީސް ޔާމީން އާއި ޕީޕީއެމްގެ އިސް ބޭފުޅުން: އިއްޔެ ވެރިކަން ކުރެއްވި ގޮތް ހަނދުމަފުޅަކު ނެތް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާއެނކެވެ. ސިޔާސީ ލީޑަރުންގެ އިތުބާރު މި އޮތީ ގެއްލިފަ އެވެ. އިދިކޮޅުގައި ތިއްބަވާ އިރު ލީޑަރުން ފެންނަނީ ހުދު ފޮތިކޮޅެއް ފަދައިންނެވެ. އެކަމަކު ވެރިކަމުގައި ކަޅު ފޮތިން ނިވާވަނީ އެވެ. ދައުލަތް ހިންގުން މި އޮންނަނީ ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ މާލީ ގާބިލްކަން ނެތަސް، ދަރާ ވިކިގެން ވިޔަސް، ރައްޔިތުންގެ ހިތް އަތުލުމުގެ ގޮތުން ހިލޭ އެތައް ކަމެއް ކޮށްދީ، އެތައް މަޝްރޫއުއެއް ހިންގަނީ އެވެ. އޭގެ ފަހުން ދެން އަންނަނީ ދެ ވަނަ ގޮތެވެ. އެއީ ސަރުކާރު ހިންގުމުގެ ތެރެއިން ނުބައި އެތައް ކަމެއް އަމިއްލަ ފައިދާއަށް ކޮށް، މާލީ ތަނަވަސްކަން ހޯދުމެވެ.

މިނިވަން މުއައްސަސާތައް ނަމެއްގައި ހުއްޓަސް، ކަމެއްގައި ނެތެވެ. ރައްޔިތުންގެ މަޖިލިހުގެ ހައިބަތު ބޮޑެވެ. އެކަމަކު އެތަނުގައި އުފެދޭ ބަހުސްތަކުގަ އާއި މެމްބަރުންގެ އަމަލްތަކުގައި އެ ހައިބަތެއް ނުހުރެ އެވެ. ފުލުހުންނާއި ސިފައިންނަށް އޮންނާނީ ވެރިން އެންގެވި ގޮތެކެވެ؛ ގާނޫނަކާއި ގާނޫނެކެވެ. އެ ބުނާ ކަމެއް ކޮށް ނިންމައިދޭނެ އެވެ.

އެކަނި އިންނައިރު މި ހުރިހާ ކަމެއް އަލުންބަލުން ލިއެވޭ ގޮތް މިވީ، ބާޒާރުގައި ކުނި ކުކުޅު ބިސް ވިއްކާތީ ރައްޔިތުން ސަމާލުވާން އެންގި ގޮތަށް، ގައުމުގެ ކަންކަން 'ކުނިވެގެން' ދާއިރު އެކަމާ މެދު ސަމާލުވާން އަންގާނެ ފަރާތެއް ނެތުމުންނެވެ. ގައުމަށް ހެޔޮ އެދޭ މީހުން، ސޯޝަލް މީޑިއާ އާއި އެހެން މީޑިއާތަކުގައި ކަންކަން ހާމަކުރާއިރު ވެސް، އެ ވާހަކަތަކާ މެދު ވިސްނާ ރައްޔިތުން ވަރަށް މަދުކަން ހިތަށްއެރުމުންނެވެ.

އުއްމީދުގެ އަލިކޮޅެއް މި ދަނޑިވަޅު ފެންނާކަށް ނެތެވެ.

އިއްޔެ ގައުމުގެ މިލްކިއްޔާތުން ވައްކަންކޮށް، ގާނޫނުއަސާސީން ލިބިދޭ އެތައް ހައްގެއް ހިފަހައްޓައި، އެތައް ބަޔަކު ބޭއިންސާފުން ބަންދުކޮށް، ޖަލަށް ލައި، ގައުމުން ބޭރުކުރި މީހުން މިއަދު އެ ދައްކަނީ އަމާނާތާއި ހައްގުގެ ވާހަކަ އެވެ. އޭރު ކުރި އެއްވެސް ކަމަކަށް ރައްޔިތުންގެ ކުރިމަތީގައި 'ތައުބާއެއްނުވެ' އެވެ. މައާފަކަށް ވެސް ނޭދެ އެވެ. އެކަމަކު ހަމަ ގިނަ ބަޔަކު އެތިބީ އެ ވާހަކަތަކަށް އަތް ޖަހާށެވެ.

ގައުމުގެ ކަންކަން 'ކުނިވެއްޖެ' އެވެ. އެކަމަކު އަލުން ރަނގަޅުވެ، ތާޒާވެ، އުފާވެރި ވަސްތަކުން އަތަރު ލެވޭނެ ދުވަހެއް ވެސް އަތުވެދާނެ އެވެ.

މި ވަގުތަކު ނޫނެވެ.

މިހާރު މި ގައުމުގެ އިޖުތިމާއީ މައްސަލަތަކާއި ސިޔާސީ ހާލަތު އޮތް ފެންވަރުން، އެފަދަ އުއްމީދެއް ކުރެވޭކަށް ނެތެވެ.

އެކަނި އިނދެ، ފިކުރުކޮށްލާ އިރު އަމިއްލަ ނަފުސަށް ބުނެދެވެނީ އެހެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް