އުތުރު ކޮރެއާގެ ވެރިރަށުގައި ހުންނަ ކުޑަކުދިންގެ ފިހާރައެއް ޑިސްއިންފެކްޓް ކުރަނީ. (ފޮޓޯ/ ގެޓީ އިމޭޖެސް)

އުތުރު ކޮރެއާ

އުތުރު ކޮރެއާގައި މިލިއަނެއްހާ މީހުންނަށް ކޮވިޑު ޖެހިފައިވާކަމުގެ ބިރު އެބައޮތް

އުތުރު ކޮރެއާއިން އެދުނު މިންވަރަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދެކުނު ކޮރެއާއިން ވަނީ ބުނެފައި

އުތުރު ކޮރެއާގައި ހަލުވިކަމާއި އެކު ކޮވިޑު ފެތުރެމުން ދިއުމާ ގުޅިގެން، ލީޑަރު ކިމް ޖޮންގް-އުން އެ ގައުމުގެ ސިއްހީ އޮފިޝަލުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބޭސް ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް އަސްކަރިއްޔާއަށް އަމުރު ކުރައްވައިފި އެވެ.

މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުންނަށް "ހުމެއް" ޖެހިފައިވާ ކަމަށް ސަރުކާރުގެ އިދާރާތަކާ ހަވާލާދީ އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފަ އެވެ. މި ހުމުގައި 50 ވަރަކަށް މީހުން މިހާތަނަށް މަރުވެފައިވީ ނަމަވެސް މީގެން ކޮވިޑު ޖެހިގެން މަރުވީ ކިތައް މީހުން ކަމެއް ޔަގީނެއް ނުވެ އެވެ. އަދި ކޮވިޑު ޓެސްޓު ހެދުމަށް އުތުރު ކޮރެއާގައި ހުރި ދަތިތަކާ ހެދި މި ބަލި ޖެހޭކަން ޔަގީން ކުރެވެނީ ވެސް މަދު އަދަދެއްގެ ބަޔަކަށެވެ.

އުތުރު ކޮރެއާގައި އެކި ބަލިތަކަށް ވެކްސިން ޖަހާފައިވާ މީހުންގެ ނިސްބަތް މަދުވުމާއި އެ ގައުމުގައި އޮތް ދުވަސްވީ ސިއްހީ ފަރުވާގެ ނިޒާމާ ގުޅިގެން ކޮވިޑުގެ ބަލިމަޑުކަން އުތުރު ކޮރެއާގައި އިންތިހާއަށް ބޮޑަށް ފެތުރުން ވަރަށް ގާތެވެ. މި ސަބަބާ ހުރެ ބޭރު ދުނިޔެއަށް އެހާމެ ބޮޑަށް ބަންދުކޮށްފައި އޮންނަ އުތުރު ކޮރެއާ މިހާރު އެކީގައި ވަނީ ލޮކްޑައުން ކޮށްފަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް މި ހަފްތާ ބަންދުގައި ޕޮލިޓްބިއުރޯގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި ސިއްހީ އޮފިޝަލުން ބޭސް ފޯރުކޮށްދެއްވަމުން ގެންދަވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ކަމަށް ކޮރެއާ ސަރުކާރުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ބޭސް ފޯރުކޮށްދިނުމުގެ މި މަސައްކަތަށް އަސްކަރިއްޔާގެ ވަރުގަދަ ފައުޖުތައް ނުކުމެ، ވެރިރަށް ޕްޔޯންގްޔޭންގުގެ ބޭހުގެ ސަޕްލައި ރަނގަޅުކުރުމަށް ކިމް ވަނީ އަމަރުކުރައްވާފަ އެވެ.

އުތުރު ކޮރެއާގައި ކޮވިޑު ފެތުރުމާ ގުޅޭ ރިޕޓެއް. (ވީޑީއޯ/ އަލްޖަޒީރާ)

އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ކޮވިޑު ޖެހިފައިވާ މީހަކު ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހަފްތާގަ އެވެ. ނަމަވެސް މި ވައިރަސް އެ ގައުމުގައި އުޅޭތާ ދުވަސްތަކެއް ވެފައިވުން ވަރަށް ގާތް ކަމަށް މާހިރުން ދެކެވަޑައިގަންނަވަ އެވެ.

އުތުރު ކޮރެއާއަށް އެހީވުމަށް ޗައިނާގެ ވެކްސިނާއި އެސްޓްރަޒެނެކާގެ ވެކްސިން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން މިދިޔަ އަހަރު ހުށަހެޅި އެވެ. ނަމަވެސް ޖެނުއަރީ 2020ގައި ބޯޑަރުތައް ބަންދުކުރުމާ އެކު އެ ގައުމަށް ކޮވިޑު ވަނުން ބަންދުކުރެވިފައިވާ ކަމަށް އޭރު ކިމް ވިދާޅުވި އެވެ.

އުތުރު ކޮރެއާގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑާ ގުޅިގެން ބޭނުން މިންވަރަކަށް ވެކްސިނާއި ސިއްހީ އެހީތެރިންނާ އަދި ސިއްހީ ވަސީލަތްތައް ފޯރުކޮށްދޭނެކަމަށް ދެކުނު ކޮރެއާއިން ވަނީ ބުނެފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ވާހަކަދައްކަވަމުން ކިމް ވަނީ ކޮވިޑަކީ އުތުރު ކޮރެއާ ވުޖޫދަށް އައި ފަހުން ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑާ ގުޅިގެން އުތުރު ކޮރެއާގައި ކާބޯތަކެތި އުފެއްދުމުގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވިފައި ވާއިރު، އެ ގައުމުގައި މިހާރު ވެސް 11 މިލިއަން މީހުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުލިބޭ ކަމަށް އދ.ގެ ކާބޯތަކެތީގެ ޕްރޮގްރާމުން ލަފާކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް