(ފޮޓޯ/ ރޮއިޓާސް)

އޫބާ

ދިރިއުޅުމުގެ އަގުތައް އުފުލުމާ އެކު އޫބާ ޑްރައިވަރުންގެ އަދަދު ރެކޯޑު މިންވަރަކަށް މައްޗަށް

އޫބާގެ ދަތުރުތައް ވަނީ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކުރި ދަތުރުތަކަށް ވުރެ %12 އިތުރުވެފައި

އޫބާ އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުފަތުރުގެ ހިދުމަތްތައް ދެމުން އަންނަ ޑްރައިވަރުންގެ އަދަދު ރެކޯޑު މިންވަރަކަށް މައްޗަށް ހިނގައްޖެ އެވެ.

އޫބާ ޑްރައިވަރުންގެ އަދަދު މިހާ މައްޗަށް ގޮސްފައި މިވަނީ ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން އާމްދަނީ އިތުރުކުރާނެ ގޮތްތައް ހޯދުމަށް ގިނަ ބަަޔަކު މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.

އޫބާގެ ޑެލިވަރީ ހިދުމަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ފަސް މިލިއަނާ ގާތް ކުރާ އަދަދަކަށް މީހުން ބައިވެރިވަމުން އަންނަ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %31ގެ ކުރިއެރުމެއް ކަމަށް އެ ކުންފުނީގެ ވެރިޔާ ޑާރާ ހޮޝްރޯޝާހީ ވިދާޅުވި އެވެ.

އޫބާގެ ހިދުމަތް ދެމުން އަންނަ ޑްރައިވަރުންގެ އަދަދު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ވަރަށް ބޮޑުތަން ދަށަށް ދިޔަ އެވެ. މިއާ އެކު ކަސްޓަމަރުން އޫބާގެ ހިދުމަތް ހޯދުމަށް ހޭދަކުރަން ޖެހޭ ވަގުތުތައް ވަރަށް ބޮޑުތަން ދިގުލައިގެން ދިޔަ އެވެ. އަދި ޕެޓްރޯލުގެ އަގުތައް ބޮޑުވުމާ ގުޅިގެން، އޫބާ މެދުވެރިކޮށް އާމްދަނީ ހޯދުމަށް، ޑްރައިވަރުންނަށް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ނަމަވެސް، މި ގޮންޖެހުންތަކާ އެކު ވެސް، އޫބާއާ ގުޅެމުން އަންނަ ޑްރައިވަރުންގެ އަދަދު މައްޗަށް ގޮސްފައިވާ ކަމަށް ހޮޝްރޯޝާހީ ވިދާޅުވި އެވެ.

"ރަނގަޅު: ޕެންޑެމިކުގެ ކުރިން ތިބި މިންވަރަށް ވުރެ އޫބާއިން އާމްދަނީ ހޯދަމުން އަންނަ ޑްރައިވަރުންގެ އަދަދު މިހާރު އިތުރު. މުޅި ދުނިޔޭގައި ވެސް ގޭހުގެ [ގޭސޮލީން] އަގުތައް މައްޗަށް ގޮސްފައިވާ ދުވަސްވަރެއްގައި މިކަމުން ދައްކުވައިދެނީ އޫބާއިން ފައިދާކުރާނެކަން ޑްރައިވަރުންނަށް ފެންނަކަން،" ހޮޝްރޯޝާހީ ވިދާޅުވި އެވެ.

އޫބާގެ ހިދުމަތްތައް ފޯރުކޮށްދޭ ޑްރައިވަރުން އިތުރުކުރުމަށް އެ ކުންފުނިން އަންނަނީ މިފަހުން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑްރައިވަރުންގެ ހަރަދުތައް ދެކޮޅުޖެއްސުމަށް ކަސްޓަމަރުން އަތުން ފިއުލް ސާޗާޖެއް ނެގޭނެ ގޮތް ވެސް އޫބާއިން ވަނީ މިފަހުން ހަމަޖައްސައިދީފަ އެވެ. 

އަދި މީގެ އިތުރުން ދަތުރެއް ކުރުމަށް އެއްބަސްވުމުގެ ކުރިން، ޑްރައިވަރުންނަށް އެ ދަތުރަކުން ލިބޭނެ އާމްދަނީ ފެންނާނެ ގޮތް ވެސް މިފަހުން ވަނީ ހަދައިދީފަ އެވެ.

"ހަމައެކަނި މާލީ ފައިދާތަކުގެ މައްޗަށް ނުބަލާ އަހަރެމެންގެ އަމާޒަކަށްވީ ޑްރައިވަރުންގެ ޖުމްލަ ތަޖުރިބާ ރަނގަޅުކުރުން،" ހޮޝްރޯޝާހީ ވިދާޅުވި އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އޫބާގެ މާލީ ހިސާބުތައް ހުރި ގޮތާ ގުޅޭ (ވީޑިއޯ/ ރޮއިޓާސް)

އޫބާ ކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އޫބާ އެޕްލިކޭޝަން މެދުވެރިކޮށް ޖުމުލަ 1.87 ބިލިއަން ދަތުރު ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %24ގެ ކުރިއެރުމެކެވެ. އަދި ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކުރި ދަތުރުތަކަށް ވުރެ ވެސް %12 އިތުރު އަދަދެކެވެ.

ހުސްވި ކުއާޓަރުގައި އޫބާއިން ކޮށްފައިވާ ދަތުރުތަކުގެ ޖުމުލަ އަގު ވަނީ %33 އިތުރުވެ، 29.1 ބިލިއަން ޑޮލަރަށް އަރާފަ އެވެ. އަދި ކުންފުނީގެ އާމްދަނީ ވަނީ ދެ ގުނަ އިތުރުވެ 8.1 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

ނަމަވެސް އާމްދަނީގެ މި ބޮޑު ކުރިއެރުމާ އެކު ވެސް ކުންފުންޏަށް ލިބިފައިވާ ގެއްލުން ހުރީ 2.6 ބިލިއަން ޑޮލަރުގަ އެވެ. މި ގެއްލުމުގެ މައިގަނޑު ސަބަބަކީ ޒޮމާޓޯ، ގްރެބް އަދި އަރޯރާ ފަދަ، އޫބާއިން އޭޝިއާގައި އިންވެސްޓުކޮށްފައިވާ ކުންފުނިތަކުގެ އަގުތައް ވެއްޓުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނަތިޖާތަކާ އެކު އޫބާ ކުންފުނީގެ ހިއްސާގެ އަގު ވަނީ %13 މައްޗަށް ޖެހިލާފަ އެވެ.

ކޮމެންޓް

Placeholder