މާޅޮހުގައި އެމެރިކާގެ މީހުން ދިރިއުޅުނު ގެ: ރަށުގެ ރައްޔިތުންނާ ވަރަށް ބޮޑު ގުޅުމެއް އެމީހުން ބޭއްވި

މާޅޮހުގައި އެމެރިކާގެ ދަނޑުވެރިން: ތަފާތު މާޒީއެއް

އެމެރިކާގެ 10 ވަރަކަށް މީހުން މާޅޮހުގައި ހައެއްކަ އަހަރު އުޅުނު އިރު، އެ މީހުންގެ މަސައްކަތަކީ އެ ރަށުގައި ދަނޑުވެރިކަން ކުރުން

ރަށާ ބެހޭ ގޮތުން ޝައުގުވެރި ވާހަކައެއް އެބަ އޮތްތޯ، އއ. މާޅޮހު މީހެއް ކައިރީ އަހައިފި ނަމަ، އެންމެ ފުރަތަމަ ވެސް ބުނާނީ ކަށިކޭލުގެ ވާހަކަ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކަށިކެޔޮ ވާ މާޅޮހުގައި އޮންނައިރު އެއީ އެ ރަށުގެ މީހުންގެ ފަހުރެވެ.

ދެން އިތުރު ވާހަކައެއް ކިޔައިދޭން އެދެފި ނަމަ ކުރާނީ މި ސުވާލެވެ؛ މި ރަށުގައި އެމެރިކާގެ ބަޔަކު ދަނޑުވެރިކަން ކުރަން އުޅުނުކަން އެނގޭ ހެއްޔެވެ؟ ރަށުގެ ކޮންމެ އުމުރެއްގެ މީހެއްް ކައިރީ އެ ސުވާލު އެހިޔަސް، އެކި ވަރުވަރުން އެ މީހުން އޭގެ ތަފްސީލު ކިޔައިދޭނެ އެވެ.

މީގެ އަހަރުތަކެއް ކުރިން، މާޅޮހަށް އެމެރިކާގެ ބަޔަކު ދަނޑުވެރިކަން ކުރަން ދިޔަ އެވެ. މާޅޮހުގައި ގެ އަޅައިގެން އެތައް އަހަރެއް ވަންދެން އެ މީހުން އެ ރަށުގައި އުޅުނެވެ. އެމެރިކާ މީހުންނާއި ރަށު ރައްޔިތުންނާ ދެމެދު ހާއްސަ ގުޅުންތަކެއް ވެސް އުފެދުނެވެ. 

އެމެރިކާގެ މީހުން މާޅޮހުގައި ދަނޑުވެރިކަން ކުރި ސަރަހައްދު: މިހާރު ވެސް އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ދަނޑުވެރިކަން ކުރޭ

އެއީ މީގެ 35-36 އަހަރު ކުރި އެވެ. ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް، އެމެރިކާގެ ޕެންސިލްވޭނިއާ ޔުނިވަސިޓީގެ ރިސާޗަރުންތަކަކާއި އެ މީހުންގެ އާއިލާ ހިމެނޭ ގޮތަށް ޖުމްލަ ދިހަވަރަކަށް މީހުން ރާއްޖެ އައީ ސަރުކާރުގެ ދައުވަތަކަށެވެ. ސަރުކާރުގެ އަމާޒަކަށް ވީ، އިންޓަގްރޭޓެޑް ފާމިން ރާއްޖެއަށް ތައާރަފްކޮށް، އެކަން ކުރެވޭތޯ ބެލުމެވެ.

ދެމަފިރިންނާއި އެ މީހުންގެ ކުޑަ ދަރިން އަދި އިތުރު މީހުން ހިމެނޭ ގޮތަށް އެ ގުރޫޕު މާޅޮހަށް ދިޔުމުން، ރަށުގެ މީހުންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. އޭރު ބިދޭސީން ރަށްރަށަށް ގޮސް ނޫޅޭތީ، ހާއްސަކޮށް ކުޑަކުދިންތަކެއް ގޮވައިގެން 'ދޮން މީހުންތަކެއް' ރަށުގައި ދިރިއުޅެން ފެށުމުން މާޅޮހު މީހުންނަށް އަޖައިބަކަށް ވި އެވެ.

އެމެރިކާގެ އެ މީހުން މާޅޮހަށް ދިޔައިރު، އެއީ މަދު ބަޔަކު އުޅޭ، ވަސީލަތްތައް ވެސް ނެތް ރަށެކެވެ. ކަރަންޓުގެ އަލިކަމެއް، ފާހާނާއެއް ނުހުރެ އެވެ. އެ ދަނޑުވެރިންނާއި މާޅޮހުގެ މީހުންގެ ދިރިއުޅުން ވަރަށް ތަފާތެވެ. އެކަމަކު އެ ގުރޫޕުގެ އެކި މީހުން، ރަށުގެ އެކި ގޭގެއަށް ބަހާލައި، އެ މީހުންނާ އެކު އުޅެން ފެށުމުން އެކުވެރިކަން އުފެދެން ފެށި އެވެ.

"އެ މީހުން ބޭނުންވީ އަހަރުމެން އުޅޭ ގޮތަށް އުޅެން. އަންހެނުން ލާނީ ވެސް، އަހަރެމެން ލައި އުޅުނު ކަހަލަ ހެދުންބުރި އާއި ކަނޑިކި،" މާޅޮހުގައި އުޅުނު އެމެރިކާގެ އަންހެން ދަނޑުވެރިއަކާ ގާތް ގުޅުމެއް ބޭއްވި، އައިމިނަތު ހަސަން ކިޔައިދިނެވެ.

މާޅޮހުގައި ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ހާއްސަ ބިމެއް ހަމަޖެއްސި އެވެ. އެތަނުގައި އެ މީހުން ތަފާތު ވައްތަރުގެ ގަސް ހެއްދި އެވެ. ހަނޑޫ ފަދަ ރާއްޖޭގައި އާއްމުކޮށް ނުހައްދާ ބާވަތްތަކުގެ އަޖުމަ ވެސް ބެލި އެވެ. ކުކުޅާއި ގެރި ބަކަރި ގެންގުޅުނެވެ.

މާޅޮހުގައި އެމެރިކާގެ މީހުން ދިރިއުޅުނު ގެ: މިހާރު މި ގެއަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައި

މި މަސައްކަތް އެ މީހުން ކުރީ، މާޅޮހު މީހުންނާ ގުޅިގެންނެވެ.

ދަނޑުވެރިކަން ކުރާތާ އަހަރުތަކެއް ފަހުން، މާޅޮހު މީހުން، އެ ދަނޑުވެރިންނަށް އެ ރަށުގައި ގެއެއް ވެސް އަޅައިދިނެވެ. ރަށުގެ ރައްޔިތުން ނުކުމެ، މޫދުން ގާ ނަގައިގެން ގެ އަޅައިދިނީ، އޭރު ދަނޑުވެރިކަން ކުރި ސަރަހައްދުގަ އެވެ. އެއީ އެތަނުގައި އާއިލާއެއް ދިރިއުޅެވޭ ގޮތަށް، އިދާރީ ބޭނުމަށް ހެދި ތަނެކެވެ.

އެމެރިކާގެ އެ ދަނޑުވެރިންނާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވި މުހައްމަދު ލަތީފް ވިދާޅުވި ގޮތުގައި މާޅޮހުގެ މީހުންނާއި ދަނޑުވެރިންނާ ދެމެދު އެކުވެރިކަން އުފެދުނީ ހީކުރި ވަރަށް ވުރެ އަވަހަށެވެ. އޭގެ އެއް ސަބަބެއް ކަމަށް އޭނާ ގަބޫލުކުރައްވަނީ އެ ދަނޑުވެރިން، މީހުން ދިރިއުޅޭ ގޭގޭގައި އުޅެން ޖެހުމެވެ. ދިވެހިންގެ ސާދާ ދިރިއުޅުން އެ މީހުންނަށް ކަމުދިޔަ އެވެ.

"ބަސް ނޭނގުނަސް އެ މީހުން އަތުންފައިން މުހާތަބުކޮށް އުޅުނު. ވަރަށް އަވަހަށް އެމީހުން އެކުވެރިވެއްޖެ،" ފަހުން ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވެސް އިސްކޮށް މަސައްކަތްކުރެއްވި ލަތީފް ވިދާޅުވި އެވެ.

އެމެރިކާގެ މީހުންނާ އެކު، ދެ އަހަރާއި ބައި ވަންދެން އޭނާ މާޅޮހުގައި ހުންނެވި އެވެ. އެ ދުވަސްތަކުގައި އެ މީހުން ވަނީ ޖެނެރޭޓަރު ބަހައްޓައި، އަމިއްލައަށް ރަށަށް އަލިކަން ދީފަ އެވެ. ޒަމާނީ ފާހާނާ ވެސް އެ ރަށަށް ތައާރަފްކުރީ އެ މީހުންނެވެ.

މާޅޮހު މަގެއްގެ މަތި: މިއީ ރާއްޖޭގައި ކުޑަ އާބާދީއެއް އޮތް އެއް ރަށް

ރިސާޗުުގެ މުއްދަތު ހަމަވުމުން ލަތީފް އެ ރަށުން ފުރާވަޑައިގެންނެވި އިރު ވެސް އެމެރިކާގެ މީހުން އެ ރަށުގައި އުޅުނެވެ. މާޅޮހުގެ މީހުން ބުނާ ގޮތުން އެ އާއިލާތައް މާޅޮހުގައި ހައެއްކަ އަހަރު ހޭދަކުރި އެވެ.

އެ މީހުންގެ ނަންތައް، މާޅޮހު މީހުން އަދިވެސް ހަނދާން ހުރެ އެވެ. 'ކިޓީ' އާއި 'ނޭންސީ' އާއި 'ޖީނީ' އާއި 'ސުޓީފް' [ސްޓީވް] އެވެ.

ދަނޑުވެރިކަމުގެ އިތުރުން މާޅޮހު މީހުންނަށް އެ މީހުން އިނގިރޭސި ބަސް ދަސްކޮށްދިނެވެ. މަސައްކަތް ނުކުރާ ހުސް ވަގުތުތަކުގައި ގޭގެއަށް ޒިޔާރަތްކޮށް، މަޖާކޮށް ހެދި އެވެ. އެއް ސުފުރާ މަތީގައި ކައިބޮއި ހެދި އެވެ. ފޮތެއްގައި ލިޔެގެން ދިވެހި ބަސް ދަސް ކުރެވޭތޯ ވެސް ބެލި އެވެ.

"އަދިވެސް ވަރަށް ރަނގަޅަށް ހަނދާން ހުރޭ އެ މީހުން ކުރި ކަންކަން. އަހަރެން އެންމެ ހަނދާން ވަނީ އެއީ ވަރަށް ކުޅިކޮށް ކާ ބައެއްކަން،" މިހާރު 50 އަހަރުން މަތިވެފައިވާ އައިމިނަތު ކިޔައިދިނެވެ.

މާޅޮހަށް ދަނޑުވެރިކަން ކުރަން ދިޔަ އެމެރިކާގެ މީހުންނާ ގުޅޭ ގޮތުން އެ ރަށުގެ ބައެއް މީހުންނާ ސުވާލު ކުރުމުން، ވަރަށް އެހެން ކަހަލަ ވާހަކައެއް ވެސް ކިޔައިދިނެވެ. ބައެއް މީހުން ތުހުމަތުކުރި ގޮތުގައި އެ މީހުންގެ އަސްލު މަގްސަދަކީ އެ ރަށުގައި ކްރިސްޓިއަން ދީން ފެތުރުމެވެ.

އީސާއީ ދީނުގެ މައުލޫމާތު ހިމެނޭ ލިޔުންތަކާއި ވާހަކަތައް އެ މީހުން ރަށުގެ މީހުންނަށް ކިޔައިދޭ ކަމަށް ވެ އެވެ.

މާޅޮހުގެ ބަނދަރު މަތީގައި މީހަކު އިށީނދެގެން: އެމެރިކާގެ ގްރޫޕް ހައެއްކަ އަހަރު އެ ރަށުގައި އުޅުނު

ދަނޑުވެރިންގެ އަސްލު މަގްސަދެއް އައިމިނަތަކަށް ސާފެއް ނޫނެވެ. އެކަމަކު އޭނާ ބުނީ ރަށު މީހުން އަޅައިދިން ގޭގައި، އެ މީހުން ކުލަ ގަދަކޮށް ކްރިސްމަސް ފާހަގަކުރާ ކަމަށެވެ. އެ ދުވަހު ރަށުގެ ރައްޔިތުންނަށް ވާވަރަށް ކައްކައި، ދައުވަތު ދެ އެވެ. އީސާގެފާނާއި މޭރީގެ ފޮޓޯ، ގޭގެ ބޭރުގައި ހަރުކޮށްފައި ހުންނައިރު، އޭގެ މައުލޫމާތު ރަށުގެ ރައްޔިތުންނަށް ދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކްރިސްމަސް އެ މީހުން ފާހަގަކުރޭ. އެކަމަކު އެމީހުން އަހަރެމެން ކައިރިއަށް އައިސް، އިސްލާމްދީނާ ގުޅޭ ގޮތުން ވެސް ވާހަކަ ވަރަށް އޮޅުންފިލުވާ،" އައިމިނަތު ކިޔައިދިނެވެ.

އަހަރުތަކެއް ފަހުން އެމެރިކާ މީހުން އެ ރަށުން ފައިބައިގެން ދިޔައީ މާޅޮހުގައި ދަނޑުވެރިކަން ކުރެވޭނެކަން ސަރުކާރަށް ޔަގީންކޮށްދިނުމަށް ފަހު އެވެ. އޭގެ ފަހުން ވެސް އޭގެ ތެރެއިން ބައެއް މީހުން މާޅޮހަށް ޒިޔާރަތް ކުރި އެވެ. އެކަމަކު މިހާރު އެއިން އެއްވެސް މީހެއްގެ ހަބަރެއް ނުވެ އެވެ.

އެމެރިކާގެ އެ ގްރޫޕުގެ ހަނދާންތައް އެ ރަށުން ފިލައިގެންނެއް ނުދެ އެވެ. އެމީހުންނަށް އަޅައިދިން ގެ އަދިވެސް އެބަ ހުއްޓެވެ. ރަށަށް ޒިޔާރަތް ކުރާ މީހުންނަށް އެ ގެ ދައްކައި، މައުލޫމާތު ދެ އެވެ. އެމީހުންގެ ހަނދާންތައް ހުރި މާޅޮހު ރައްޔިތުންނަށް އެއީ އުފާވެރި މާޒީއެކެވެ. 

ކޮމެންޓް (3)

މާޅޮސް ހަނދާނުން

17 އޭޕްރީލު 2022
އެމީހުންނަކީ ދަނޑުވެރިކަމުގެ އެކިބާވަތް ހެެއްދި ބަޔެއް. އެމީހުންނާއެކު( އެމީހުންގެ ކުދިންނާއެކު) ދަނޑުން އެއްޗެހިކަނޑަން އަހަރެންވެސް ދިޔައިން. ބަށީގެ އެކި ވައްތަރު، ބެލްޕެޕާ، ޓޮމާޓޯގެ އެކި ވައްތަރު، ކެޕްސިކަމް، ހަނޑޫ، ޒުވާރި އަދި ބީންސް ވެސް ހެއްދި. މީގެ އިތުރަށް އެހެނިހެން އެއްޗެހިވެސް. ލިޔުމުގައި ވާފަދައިން ވަރަށް ހިތްހެޔޮ ބައެއް އެ. އަދި މިހުންނަށް އެހީތެރިވެ ދަނޑުގެ މަސައްކަތްތައް ދަސްކޮށްދިން. ނަމަވެސް ޢީސާއީ ދީން ފަތުރަން އުޅޭތީވެ ސަރުކާރުގަ ދަންނަވައިގެން ރަށުން ފޮނުވާލީ. ނަމަވެސް އެންމެން ރާއްޖެއިން ނުދާކަން އެނގުނު. ލ އަތޮޅަށް ގޮސް އުޅޭކަން ފަހުން އެނގުނު.
1 0

އަތޯލާ

17 އޭޕްރީލު 2022
ބޭރުމީހުންނާ ސަރުކާރުގެ ފަރާތުން ހަވާލުވެގެން ދިޔަ އިސް މީހެއް ކަމަށް ބުނެފައިވާ މީހާގެ ނަން އޮތީ ނުބައިކޮށް ލިޔެވިފަ. ރަނގަޅު ގޮތަކީ އަބްދުއްލަތީފު . އަބްދުއްލަތީފު ސްކޫލް ނިމިގެން އެގްރިކަލްޗަރ މިނިސްޓަރި އަށް ވަން ތަނުން އެ މަސައްކަތާ ހަވާލުވެގެން ފިލްޑް އޮފްސަރެއްގެ ގޮތުގައި މާޅޮހަށް އައީ. އެތާގައި 2 އަހަރު އުޅެފައި ދެން ލަތީފު ދިޔައީ ކުރަމަތި ރިސޯޓްގެ ބްލޫލެގޫން މެނޭޖަރަކަށެވެ. އޭގެ އަހަރު ތަކެއް ފަހުން ކުރަމަތި ރިސޯޓްގެ ޖީއެމް އަކަށް ބަދަލުވީ ގޮތަށް 30 އަހަރަށް ވުރެން ގިނަ ދުވަހަށް ކުރަމަތީގައި މަސަައްކަތްކުރުމަށް ފަހު މިހާރު އަމިއްލަ ބިސިޒަސް ހިންގަން އުޅެނީ. މާލެއާއި ހުޅުމާލޭގައި ހިންގާ ބްެރެޑް މެޓަރސް ރެސްޓޯރެންޓް ތަކުގެ މޭސްތިރިއަކީ ވެސް ލަތީފެވެ.
1 0

ދަތުރުވެރި

16 އޭޕްރީލު 2022
ހިއްގައިމު އާޓިކަލެއް... އެކަމު އެމީހުންގެ ދިރާސާގެ ތަފުސީލު ހޯދޭ ގޮތް ނުވީތޯ؟ ހަގީގީ ޕޮއިޓް އޮއްބާލީމަ ކަމަކު ނުދޭ. ދިރާސާގެ ނަތީޖާގެ ބަދަލުގައި އެމީހުންގެ އަމިއްލަ ކަންކަމާ ބެހިގަނެފަ ތިއޮތީ. ދެރަ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް