ރޭ ޓޮޓެންހަމް ހޮޓްސްޕާސް ކޮޅަށް ދެ ލަނޑު ޖަހައި މެންޗެސްޓަ ސިޓީ މޮޅުކޮށްދިން ރިޔާޒު މާރޭޒް ލަނޑަށް ފަހު އުފާ ފާޅުކުރަނީ

މެންޗެސްޓާ ސިޓީ

ފަހަތުން އަރާ މޮޅުވެ ރޭ ގާޑިއޯލާ ނިދީ 'ކުޑަކުއްޖެއް ފަދައިން'

މި މޮޅާ އެކު ސިޓީ ވަނީ އެއްވަނާގައި އޮތް އާސެނަލްއާ އެންމެ ފަސް ޕޮއިންޓަށް ތަފާތު ކުޑަކޮށްފައި
20 ޖެނުއަރީ 2023

ފުރަތަމަ ހާފުގައި މެންޗެސްޓަ ސިޓީގެ ސަޕޯޓަރުން ޓީމާ މެދު ހިތްހަމަނުޖެހި، މަލާމާތުގެ އަޑު އިއްވި އެވެ. ރަނގަޅެވެ. އޭރު ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ދެ ލަނޑު ޖަހައި، 2-0ގެ ލީޑު ނަގައިފަ އެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލްގެ އެއް ވަނާގައި އަށް ޕޮއިންޓްގެ ތަފާތަކުން އޮތް އާސެނަލް އަތުން އެ މަގާމު އަތުލަން، އެންމެ ފަހުގެ ޗެމްޕިއަން ސިޓީން ކުރަން ޖެހޭ މަސައްކަތަށް، އެ ނަތީޖާއަކީ ބޮޑު ހިޔަންޏެކެވެ. އެހެންކަމުން އަމިއްލަ ދަނޑުގައި ސަޕޯޓަރުން ރުޅިއަންނާނެ އެވެ. އެކަން ކޯޗު ޕެޕް ގާޑިއޯލާއަށް އެނގެ އެވެ. ޓީމުގެ ކުޅުމާ މެދު އޭނާ ވެސް ހުރީ ރުޅިއައިސްފަ އެވެ.

އިންޓަވަލް ގަޑީގައި ކުޅުންތެރިންނަށް 'އަޅާލީ' ކިހިނެއް ކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ ދެ ވަނަ ހާފަށް ނުކުމެ، މުޅި މެޗު ސިޓީން ބަދަލުކޮށްލި ކަމެވެ. ޖޫލިއަން އަލްވަރޭޒް (51 ވަނަ މިނިޓް)، އާލިން ހާލޭންޑް (53)، ރިޔާޒް މާރޭޒް (63 އަދި 90)ގައި ޖެހި ހަތަރު ލަނޑު ސިޓީއަށް ފުދުނެވެ. މިހާރު އެވަނީ އާސެނަލްއާ އެންމެ ފަސް ޕޮއިންޓް ކައިރިއަށް ޖެހިލައިފަ އެވެ. އެކަމަކު އާސެނަލްއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.

މެޗަށް ފަހު ގާޑިއޯލާ ބުނީ "ކުޑަކުއްޖެއް ފަދައިން މިރޭ އަހަންނަށް ނިދާލެވޭނެ" ކަމަށެވެ. ނަމަވެސް އެހާ ހިސާބަކުން އޭނާގެ ވާހަކަ ނުނިމެ އެވެ.

"އަހަރެން ބޭނުން ސަޕޯޓަރުންގެ ސަޕޯޓް، އެ މީހުން ދުލެއް ނުކުރެވޭނެ،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ކުޅުންތެރިންގެ ޖޯޝާއި ހިތްވަރާއި މޮޅުވަން ފެންބޮވައިގަތުން ބޭނުން ކަމަށެވެ. އެއީ މިހާރު އާސެނެލް ކުޅުންތެރިންގެ ފަރާތުން ފެންނަ ކޮލިޓީ އެވެ.

"އަހަރެމެން އެގޮތަށް [ފުރަތަމަ ހާފުގައި ކުޅުނު ގޮތަށް] ކުޅެފި ނަމަ އާސެނަލްއިން އަހަރެމެން ފުނޑުކޮށްލާނެ،" ގާޑިއޯލާ ބުންޏެވެ.

އެހެންކަމުން އޭނާ ސަޕޯޓަރުންގެ ކިބައިން އެދެނީ ވެސް، ޓީމަށް ހިތްވަރުދޭން ވަރުގަދައަށް ސަޕޯޓްކުރާށެވެ. ކުޅުންތެރިން އިދިކޮޅު ޓީމުގެ ތެރެއަށް އަރިގަންނާށެވެ. ޓޮޓެންހަމް ބަލިކުރި ގޮތް އޭނާއަށް ކަމުދެ އެވެ. އެކަމަކު ފަހު 45 މިނިޓަކު ނޫނެވެ. މުޅި މެޗުގައި ވެސް އެ ކުޅުން ދެއްކުމެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 18، ޕޮއިންޓް 47

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 19، ޕޮއިންޓް 42

  • 3-

    މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 19، ޕޮއިންޓް 39

  • 4-

    ނިއުކާސަލް، ކުޅުނު 20، ޕޮއިންޓް 38

  • 5-

    ޓޮޓެންހަމް، ކުޅުނު 20، ޕޮއިންޓް 33

އިތުރު އާޓިކަލް

އިތުރު އާޓިކަލް