Majlis 2024

ވޯލްޑް ކަޕްގައި އާޖެންޓީނާ މޮޅުކުރަން އެ ގައުމުގައި ސިހުރު ހަދާ މީހަކު ކިޔެވެލިކިޔެވުމުގައި (ފޮޓޯ/ނިއު ޔޯކް ޓައިމްސް)

އާޖެންޓީނާގެ ސިހުރުވެރިން، މެސީ އާއި ޓީމުގެ ހިމާޔަތުގައި

އެކަމަކު މިރޭގެ ފައިނަލްގައި ވާދަކުރާ ފްރާންސާއި ހާއްސަކޮށް އެމްބާޕޭއާ ދެކޮޅަށް އެއްވެސް ސިހުރެއް ހަދަން އެ މީހުން ތިބީ ޖެހިލުންވެފައި
18 ޑިސެމްބަރު 2022
3

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ ދުވަސްވަރު، 1980 އާއި 1990ގެ ކުރީކޮޅު، ނިއު ރޭޑިއަންޓް/ވިކްޓަރީ/ވެލެންސިއާ/ލެގޫންސްގެ މެދުގައި އެހެން ހަނގުރާމައެއް ހިނގަ އެވެ: އެ ޓީމުތަކުގެ ސިހުރުވެރިންގެ ސިހުރުތަކެވެ.

ބައެއް ފައިނަލް މެޗުތަކުގެ ކުރިން ގަލޮޅު ސަހަރާ އާއި ގަލޮޅު ދަނޑު، އިދިކޮޅު ޓީމުގެ ސިހުރުތަކުން ސަލާމަތްކުރަން، ޓީމުތަކުގެ ބައެއް ސަޕޯޓަރުން، ނުނިދައި، ފާރަޔަށް ތިބެ އެވެ.

އޭރު ގަބޫލުކުރެވުނީ މެޗުތަކުން މޮޅުވާން ސިހުރު ވެސް މުހިންމު ބައެއް ކުޅޭ ކަމެވެ.

މިއީ ރާއްޖެއަށް ހަމައެކަނި ނިސްބަތްވާ ކަމެއް ނޫނެވެ. މިރޭ ނިމޭ ވޯލްޑް ކަޕްގެ ފައިނަލްގައި އެއްކޮޅުން ކުޅޭ އާޖެންޓީނާގެ ސިހުރުވެރިން ތިބީ ލިއޮނެލް މެސީ އާއި އެހެން ކުޅުންތެރިން، އެހެން ގައުމުތަކުގެ މީހުންގެ 'ސިހުރަކުން' ސަލާމަތްކުރަން ނުކުމެ އެވެ.

ނިއު ޔޯކް ޓައިމްސްގައި ވަނީ އެކަމާ ބެހޭ ރިޕޯޓެއް އިއްޔެ ޖަހައިފަ އެވެ. އެ ރިޕޯޓް ބިނާކޮށްފައިވާ އެއް ސިހުރުވެރިޔަކީ މަގާލީ މާޓިނޭޒް އެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު އިރު ދަނޑު މަތީގައި މެސީ ގަބުވެފައި ހުންނަކަން އޭނާއަށް ފާހަގަކުރެވުނެވެ. އެއީ ދުނިޔޭގެ އެކި ސަގާފަތުގެ ތެރޭގައި ހިމެނޭ ރޫހާނީ ބާރެއްގެ ސަބަބުން ވާ ގޮތެއް ކަމަށް އޭނާ ނިންމި އެވެ.

 އާޖެންޓީނާ މޮޅުކުރަން އެ ގައުމުގައި ސިހުރު ހަދާ މީހަކު މަސައްކަތުގައި

ސިހުރު ހަދަން ފެށީ އެހާ ހިސާބުންނެވެ. ފެން ތައްޓެއްގެ ތެރެއަށް މަޑުމަޑުން ތެޔޮ ތިކިތައް ބުރުވަމުން، ކިޔެވެލިތައް ކިޔަވަމުން ގެންދިޔަ އެވެ. ފެނުގައި އެ ތެޔޮތައް ރޫޅިފައި ހުރި ނަމަ މެސީ ވެސް އެ ހުރީ ސަލާމަތުންނެވެ. އެކަމަކު އެއް ތަނަކަށް ތެޔޮތައް ޖަމާވެ އެކުވެއްޖެ ނަމަ، އޭނާއަށް އެ ހުރީ އެހެން ބައެއްގެ ސިހުރު ޖެހިފަ އެވެ.

"އެ ހުރިހާ އެއްޗެއް ދަގަތްފާނޭ އެއްގޮތަށް އެކުވީ،" މަގާލީ ބުންޏެވެ.

"އެހާ ހިސާބުން އަހަންނަށް އެނގިއްޖެ އަހަންނަށް އެކަނި [މެސީއަށް] ފަރުވާއެއް ނުކުރެވޭނެކަން."

އެހާ ހިސާބުން އޭނާ ކަހަލަ އެހެން ސިހުރުވެރިންގެ އެހީތެރިކަމަށް، ސޯޝަލް މީޑިއާ މެދުވެރިކޮށް، މަގާލީ ގޮވާލި އެވެ. އެތައް ހާސް ބަޔަކު އޭނާގެ ޓްވީޓް ރިޓްވީޓްކުރި އެވެ. އަދި އޭނާ ކަހަލަ އެތައް ސިހުރުވެރިންނެއް، އެމީހުންގެ މެސީގެ ހިމާޔަތުގައި އޭނާއާ ގުޅުނެވެ.

މަގާލީ ބުނީ އޭގެ ފަހުން އާޖެންޓީނާ އަދި ބަލިނުވާ ކަމަށެވެ.

ފުރަތަމަ މެޗުގައި އާޖެންޓީނާ އަތުން ސައުދީ މޮޅުވީ ދުނިޔެ ހައިރާންކޮށްލާފައި 2-1 އިންނެވެ.

އާޖެންޓީނާ މޮޅުކުރަން ސިހުރު ހަދަނީ އަންހެނުން ހިމެނޭ ބޮޑު ގްރޫޕަކުން

އެކަމަކު ސައުދީއަށް ދެ ވަނަ ބުރަކަށް ވެސް ނުދެވެ އެވެ. އާޖެންޓީނާ އެ ނުކުންނަނީ މިރޭގެ ފައިނަލްގައި ފްރާންސާ ދެކޮޅަށެވެ.

މެޗުތަކަށް ބެޓްކުރާ މީހުން މިރޭގެ ފައިނަލަށް ބެޓްކޮށްފި އެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން، ދަނޑު މައްޗަށް އަރާ 22 ކުޅުންތެރިންގެ ކުޅުން ދިރާސާކޮށް، އެ މީހުންގެ ލަފާކުރުންތައް ވެސް އާންމުކޮށްފި އެވެ. ނަމަވެސް މިހާ ހިސާބުން އަދި މެޗާ ބެހޭ ހުރިހާ ކަމެއް ނުނިމެ އެވެ: އާޖެންޓީނާގެ އަންހެން ސިހުރުވެރިންގެ މަސައްކަތް ވެސް އެބަ ހިމަނާލަން ޖެހެ އެވެ.

މެސީ އާއި މުޅި ޓީމުގެ ހިމާޔަތުގައި މިވަގުތު އާޖެންޓީނާގެ އެތައް ސަތޭކަ އަންހެން ސިހުރުވެރިން ގެންދަނީ އެކި ތަންތަނުގައި ސިހުރު ހަދަމުންނެވެ. އޭގެ އެކި އުކުޅުތައް ބޭނުންކޮށްގެންނެވެ. އޭގެ ތެރެއިން އެކަކީ 27 އަހަރުގެ ރޮޒިއޯ ކަބްރަލް މެންނާ އެވެ. ކޮންމެ މެޗެއްގެ ނަތީޖާ ޖަހާފައި އޮތް ފަތެއް، އޭނާގެ ބައިވެރިންގެ ކުރިމަތީގައި އަންދާލަ އެވެ.

އޭނާ ބުނީ ދަނޑު މަތީގައި ކުޅުންތެރިން ވާދަކުރަމުން ގެންދާ އިރު އަމިއްލަ ފަސްގަނޑުގައި "އަހަރެމެން ސިހުރުވެރިން މި އުޅެނީ އެ މީހުންގެ ހިމާޔަތުގައި" ކަމަށެވެ.

ސިހުރުވެރިން ބުނާ ގޮތުގައި އެ މީހުންގެ މަސައްކަތަކީ އާޖެންޓީނާގެ ކުޅުންތެރިންގެ ހަށިގަނޑުން ގޯސް ހަކަތަ ބޭރުކޮށް ރަނގަޅު ހަކަތައަށް ބަދަލުކުރުމެވެ. މި މަސައްކަތުގައި އެ މީހުން ވަރުބަލިވާ ކަމަށް ވެސް، ބައެއް ސިހުރުވެރިން ބުނެ އެވެ.

"ބޯ އަނބުރައި، މޭ ނުބައިކޮށް، ގައިގައި ވެސް ރިއްސާ،" އާޖެންޓީނާގެ ކުޅުންތެރިންގެ ހިމާޔަތުގައި ހަދާ ސިހުރުތަކުގައި އެ މީހުންނަށް ވާ ގޮތް ކިޔައިދެމުން އެންޓޯނެލާ ސްޕަޑަފޯރާ، 23، ބުންޏެވެ.

"[ކުޅުންތެރިންގެ ހަށިގަނޑުގައި ހުރި ނުބައި ހުރިހާ ކަމެއް] ލިބިގަންނަނީ އަހަރެމެން. އެއީ އެހާ މަޝްހޫރު މީހުންނަށް ވާތީ އެތައް ބައެއްގެ ނުބައި ހިޔާލުތައް އެމީހުންނަށް އަމާޒުވާނެ. އެ ހުރިހާ އެއްޗެއް ބޭރުކުރަން މި ކުރާ މަސައްކަތުގައި ވަރަށް ގިނަ ފަހަރަށް [އަހަރެމެންގެ] ހަށިގަނޑުން ވަރުދޫވޭ."

އެ އުނދަގޫތަކުން ސިހުރުވެރިން ދުރުކުރުވުމުގެ ގޮތުން މިހާރު ވަނީ އެ އެންމެން އެކި ގްރޫޕްތަކަށް ބަހާލައި، ކޮންމެ ގްރޫޕަކުން ވަކި ކުޅުންތެރިއެއްގެ ހިމާޔަތުގައި އުޅެން ނިންމައިފަ އެވެ.

މި ސިހުރުވެރިންގެ އަމާޒަކީ ހަމައެކަނި އާޖެންޓީނާގެ ކުޅުންތެރިންނެއް ނޫނެވެ. އިދިކޮޅު ކުޅުންތެރިން ވެސް އެ މީހުންގެ ސިހުރުގައި ޖައްސަން މަސައްކަތްކުރެ އެވެ. ހާއްސަކޮށް އިދިކޮޅުން ކުޅޭ ޓީމުގެ ގޯލްކީޕަރެވެ. އެގޮތުން ހަދާ އެއް ސިހުރުގައި ގޯލްކީޕަރުގެ ނަން ޖަހާފައި އޮންނަ ކަރުދާސްގަނޑެއް ފިނީގައި ގަނޑުކުރެ އެވެ. ދެން މެޗުގެ ކުރިން އެއަށް ކިޔަވާފައި އަންދާލަނީ އެވެ.

އަންހެން ސިހުރުވެރިންގެ ތެރޭގައި ހިމެނޭ ރޮޒިއޯ ކަބްރަލް މެންނާ: އާޖެންޓީނާގެ ކޮންމެ މެޗެއްގެ ކުރިން އެކަމެއް ކުރޭ

އެކަމަކު މިރޭގެ މެޗުގައި ފްރާންސަކީ މި ސިހުރުވެރިންނަށް ބިރެކެވެ. ހާއްސަކޮށް ކީލިއަން އެމްބާޕޭ އެވެ.

"ފްރާންސް ގަނޑުކޮށްލާކަށް އަހަރެމެން ނޭދެމެވެ. ސަބަބަކީ އެ މީހުންގެ ކުޅުންތެރިން ވަނީ އަނދިރި ބައިގަނޑަކުން ހިމާޔަތްކޮށްފަ އެވެ. އެހެންވެ އަހަރެމެން ހަދާ އެއްޗެއް އަހަރެމެންނަށް ލައްވާލަފާނެ އެވެ،" ގްރޫޕުން ކުރި ޓްވީޓެއްގައި ލިއުނެވެ.

"ފްރާންސް ޓީމުން އަހަރެމެންނަށް ވަރަށް އަނދިރި އެއްޗެހި އެބަ ފެނެ އެވެ. ހާއްސަކޮށް އެމްބާޕޭގެ އެވެ."

ނިއު ޔޯކް ޓައިމްސްގައި ވަނީ އެ މީހުންނާ ބެހޭ ވަރަށް ދިގު ރިޕޯޓެއް ލިއެފަ އެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ، ސައުދީ އަރަބިއްޔާ އަތުން ބަލިވުމުން، އާޖެންޓީނާގެ މިކަހަލަ ވިސްނުމުގެ ބައިވެރިންނަށް އެ ނަތީޖާ ފެނުނީ އެހެން ގޮތަކަށް ކަމެވެ.

ކޮމެންޓް (3)

މުހައްމަދު

18 ޑިސެމްބަރު 2022
ސައުދީ އާ ކުޅުނު ދުވަހު ތިޔަ ސިހުރުވެރިން ކޮބާ ބާ؟
2 0

ނިޒާމް

18 ޑިސެމްބަރު 2022
މިކަހަލަ ހުރާފާތް ނުވަތަ ސިހުރު ޕުރަމޯޓު ކުރުން ހުއްޓާލުން ރަނގަޅު. ރާއްޖޭގަވެސް ބުރިޖު އެޅިއަ ނުދޭން ސިހުރުވެރިން ގެ ޓީމެއް މަސައްކަތް ކުރާ އަޑު ގަދަވާން ފަށައިފި. އެޓީމުގައި ލަންކާ ގެ ސިހުރުވެރިންވެސް ބައިވެރިވާކަމަށް ހަބަރު ލިބޭ.
1 2

ސަމް

18 ޑިސެމްބަރު 2022
@ނިޒާމް ކޮން ބައެއް ތިޔަ ޕްރޮމޯޓް ކުރަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް