Majlis 2024

ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓު އަހުމަދު ސައީދު އަލީ: އޭނާގެ މައްސަލަ އޭސީސީ އާއި ފުލުހަށް ހުށަހަޅަން ވަނީ ނިންމާފައި. (ފޮޓޯ/ޖޭއެސްސީ)

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކުރީގެ އިސް މެޖިސްޓްރޭޓުގެ މައްސަލަ އޭސީސީ އާއި ފުލުހަށް ހުށަހަޅަނީ

މައްސަލަތައް ވަކި ގޮތަކަށް ނިންމުމުގައި ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކުރެވޭ
28 ސެޕްޓެމްބަރު 2022

ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަހްމަދު ސައީދު އަލީގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމުގެ މަގާމަށް އަހްމަދު ސައީދު އަލީ އައްޔަންކުރީ 2014 ވަނަ އަހަރު އެވެ.

އޭނާ އަކީ މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ 27 މެޖިސްޓްރޭޓުން ހޯދަން އެ އަހަރުގެ މާޗު މަހު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި 12 މީހުންގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަވިއުކޮށް މަގާމަށް އައްޔަންކުރި ހަމައެކަނި ފަރާތެވެ.

ތަފްސީލް - ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށް އަހްމަދު ސައީދު އަލީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓެވުމާއި ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަމުން ދަނިކޮށް އޭނާ ވަނީ މި މަހުގެ 6ގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ބުނީ ކީކޭ؟ - ޖޭއެސްސީން މިއަދު ބުނީ:

  • އެ ކޮމިޝަނަށް ބެލޭނީ ފަނޑިޔާރެއްގެ މަގާމުގައި ހުރި ފަރާތެއްގެ ސުލޫކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް 

  • އަހްމަދު ސައީދު އަލީ މިހާރު ފަނޑިޔާރުކަމުން ވަކިވެފައިވާތީ، އޭނާއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔަ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވޭކަށް ނެތް

އެހެންކަމުން، ޖޭއެސްސީން ކުރަމުން ދިޔަ ތަހުގީގު ހުއްޓާލައި އެ މައްސަލަ ފައިލްކުރަން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ މައްސަލަ ކޮމިޝަންގެ ފަރާތުން އޭސީސީ އާއި ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް