ޓްރީ ޓޮޕް ހޮސްޕިޓަލް: ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އައިވީއެފްގެ ފަރުވާ ފެށޭވަރުވާނެ (ފޮޓޯ/ޓްރީ ޓޮޕް)

ޓްރީ ޓޮޕުން ގެނެސްދެނީ އައިވީއެފް ސެންޓަރެއްގެ އުފާވެރި ހަބަރު

ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ އެތައް ސަތޭކަ ބަޔަކު އައިވީއެފް ހަދަން ދާން ޖެހެނީ ރާއްޖެއިން ބޭރަށް
5 ޖެނުއަރީ 2023
2

މުހިންމު ނުކުތާތައް

ޓްރީ ޓޮޕްގައި އައިވީއެފް ސެންޓަރެއް ކުރިއަށް އޮތް ހަ މަހުގައި ފެށޭވަރުވާނެ

ބޭރުގައި އައިވީއެފް ހެދޭ އަގަށް ވުރެ ޓްރީ ޓޮޕްގެ އަގު ބޮޑުނުވާނެކަމުގެ ޔަގީންކަންދޭ

ހާއްސަ ޑޮކްޓަރުންނާއި ނަރުހުން ވެސް މިހާރު ތިބީ ތަމްރީންކޮށްފައި

ހަދަން ޖެހެނީ އައިވީއެފް އެވެ. ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ. ހޭދަކުރަން ޖެހެނީ އެތައް ހަރަދެކެވެ. ތިބެން ޖެހެނީ ދިގު މުއްދަތަކަށެވެ.

އެއްކޮޅުން ވަޒީފާ އެވެ. ދެމަފިރިންނަށް ތިބެވޭނެ ގޮތެއް ނެތިއްޖެ ނަމަ، އަންހެނުންގެ ކައިރީގައި މަޑުކުރާނެ، ވަގުތު އޮތް މައެކެވެ. ކޮއްކޮއެއް ނުވަތަ ދައްތައެކެވެ. ނޫން ނަމަ ރައްޓެއްސެކެވެ.

މި ހުރިހާ ކަމެއް ފުރިހަމަވެގެން ނޫނީ، ބައެއް ދެމަފިރިންނަށް، ދަރިއެއް ހޯދުމުގެ އެންމެ ފަހު މަރުހަލާއިން މޭވާއެއް ނުލިބެ އެވެ.

އެ ނަސީބު ނެތް ކިތައް ދެމަފިރިން ރާއްޖޭގައި އުޅޭނެ ހެއްޔެވެ؟ ކިތައް ދެމަފިރިން، ހިތާ ދެކޮޅަށް، ލޯތްބާ ދެކޮޅަށް، ވަކިވާން ޖެހިދާނެ ހެއްޔެވެ؟ 

ދަރިމައިވުމުގެ މައްސަލަތަކާ ކުރިމަތިވެފައިވާ ދިވެހި ބައިވެރިންގެ އަދަދު ރާއްޖޭގައި ވެސް ގިނަ އެވެ. ރާއްޖެއިން ބޭރުން ޒަމާނީ ފަރުވާ ހޯދޭނެ ފެންވަރުގެ މީހުންނާއި އެކަމަށްޓަކައި މުޅި އާމްދަނީ އެއްކުރި މީހުން، އެކި ގައުމުތަކަށް ދަތުރުކުރެ އެވެ. އައިވީއެފްއަކީ އަގު ބޮޑު ފަރުވާއެކެވެ. ހަމައެކަނި ބޭސްކުރުމުގެ އަގެއް ނޫނެވެ؛ ދިގު މުއްދަތަކަށް ބޭރު ގައުމެއްގައި ތިބުމާއި އެ ތިބުމަށް ދެމަފިރިން ގުރުބާންކުރަން ޖެހޭ މަސައްކަތުގެ އަގެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މުވައްޒަފަކު މަސައްކަތުގައި: މި ތަނުން އައިވީއެފް ސެންޓަރެއް އަންނަނީ ހަދަމުން(ފޮޓޯ/ޓްރީ ޓޮޕް ހޮސްޕިޓަލް)

އެކަމަކު ރާއްޖޭގައި އަދިވެސް އައިވީއެފްގެ ފަރުވާ ލިބޭކަށް ނެތެވެ. ބޭރަށް ގޮސް އެކަން ކުރެވެން ނޯންނަ ނަމަ ނުވަތަ ތަކުރާރުކޮށް އެ ދަތުރުކުރަން ހުރަސްތައް ދިމާވާ ޖޯޑުތައް އުއްމީދުކުރަމުން އަންނަނީ ރާއްޖޭގައި ތިބެގެން އައިވީއެފް ހެދޭނެ ދުވަހަކަށެވެ.

އެ އުފާވެރި ހަބަރު ގެނެސްދެނީ ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އައިވީއެފް ފެށުން،" ޓްރީ ޓޮޕްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި'ދައުރު'އަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވީ އައިވީއެފްގެ ޒަމާނީ ހިދުމަތް އެ ހޮސްޕިޓަލްގައި ފެށުމުގެ ގިނަ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އައިވީއެފްއަށް ހާއްސަ ޑޮކްޓަރުން ވަނީ ހޮސްޕިޓަލާ ގުޅިފަ އެވެ. އެކަމަށް ހާއްސަ ނަރުހުން ވަނީ ތަމްރީންކޮށްފަ އެވެ. ބޭނުންވާ ސާމާނު ވަރަށް އަވަހަށް ރާއްޖެ އަންނާނެ އެވެ.

ޓްރީ ޓޮޕްގައި އަންހެނުންނަށް ހާއްސަ ފްލޯގައި އައިވީއެފްއަށް ވަކި ސަރަހައްދެއް މިހާރު އަންނަނީ ތައްޔާރުކުރަމުންނެވެ. އެ މަސައްކަތްކުރަނީ، ޓްރީ ޓޮޕް ވެސް އިމާރާތްކުރި ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ.

މިއީ ކުރަން ޖެހޭ އެކަމަކު ނުވެފައި އޮތް ކަމެއް

ގިނަ ބަލިތަކަކަށް ރާއްޖެއިން މިހާރު ހާއްސަ ފަރުވާ ލިބެ އެވެ. ބޮޑެތި އިންވެސްޓްމަންޓްތައް ވެސް ވަނީ ކޮށްފަ އެވެ. އެކަމަކު އައީވީއެފްއަކީ މީހެއްގެ ފުރާނައާ ގުޅުމެއް ނެތް ނުވަތަ ބައްޔެއްގެ ގޮތުގައި ބަލާ ކަމަކަށް ނުވާތީ، އެ ފަރުވާއާ ކައިރިވުން އޮތީ އެންމެ މުހިންމު ކަންކަމުގެ ލިސްޓަކު ނޫނެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުން އެކަން އެގޮތަކަށް ނުނަގަ އެވެ. އާދިލް ވިދާޅުވީ ދަރިމައިވުމުގެ މައްސަލަތައް ހުރި ދިވެހިން ރާއްޖޭގައި ވެސް ގިނަ އިރު އައިވީއެފްއަކީ އެ މީހުންނަށް އޮތް ދިރިއުޅުމުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރަނީ މިއީ ކުރަން ޖެހޭ ކަމެކޭ. ކޮންމެވެސް ސަބަބުތަކެއް ހުރެގެން ނުކޮށް، ނުވަތަ ނުވެފައި އޮތިއްޔޭ،" އާދިލް ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑިރެކްޓަރުން ބޭނުންވީ، އޭނާ ވިދާޅުވި ގޮތުގައި، އައިވީއެފްގެ ހުރިހާ ހިދުމަތެއް ދެވޭވަރުގެ އިންތިޒާމްތަކާ އެކު އެކަން ފަށާށެވެ.

 ރަށެއްގެ ގަސްދޮށުގައި ކުޑަކުއްޖަކު ނިންދުވަން ބާއްވާފައި: ދަރިއެއް ލިބުމުގެ އުފަލުން މަހުރޫމްވެފައި ތިބި ގިނަ ބަޔަކު ރާއްޖޭގައި ވެސް އުޅޭ (ފޮޓޯ/ ކުޑަފަރީ ކައުންސިލް)

"އަސްލު ބޭނުމަކީ ރާއްޖެއިން ބޭރުން ވެސް އެ ލިބޭ ފެންވަރުގައި ޓްރީ ޓޮޕުން ވެސް ހިދުމަތް ދިނުން،" އާދިލް ވިދާޅުވި އެވެ.

ރާއްޖޭގައި އައިވީއެފްގެ ތަޖުރިބާ ހުރި ޑޮކްޓަރުންނެއް ނެތެވެ. އެހެންކަމުން ޓްރީ ޓޮޕް ހޮސްޕިޓަލުން އޭގެ ފަންނީ އެހީތެރިކަން ހޯދަނީ އިންޑިއާގައި އައިވީއެފްއަށް މަޝްހޫރު ހޮސްޕިޓަލަކުންނެވެ. އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ޓްރީ ޓޮޕަށް ޒިޔާރަތްކުރާނެ އެވެ. ކަންކަން ބަލާނެ އެވެ. ބޭނުންވާ ލަފާ ދޭނެ އެވެ.

"އައިވީއެފް ސެންޓަރުގެ ހުރިހާ ކަމެއް ފެށީ ވެސް އެ މީހުންގެ އެހީތެރިކަމާ އެކު. އެމީހުން ހުރިހާ ކަމެއް މޮނިޓަކުރާނެ. އަޅުގަނޑުމެންނަށް އެވަރުގެ ތަޖުރިބާއެއް ލިބެންދެން އެހީތެރިވާނެ،" މިވަގުތު އެއީ ކޮން ފަރާތެއްކަން ހާމަނުކުރައްވައި، އާދިލް ވިދާޅުވި އެވެ.

ޒަމާނީ ބޭސްވެރިކަމުގެ ކުރިއެރުންތަކުގެ ތެރެއަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަންނަނީ ބޮޑު ހޭދައަކާ ވެސް އެކުގަ އެވެ. އޭގެ ތަފްސީލު އާންމުނުކުރެއްވި ނަމަވެސް އާދިލް ވިދާޅުވީ މިއީ 'ކުރިން ހީކުރި ވަރަށް ވުރެ ހުރިހާ ގޮތަކުން ވެސް ބޮޑު ކަމެއް" ކަމަށެވެ. 

އުފާވެރި ހަބަރަކީ، ހޭދަ ކިތައްމެ ބޮޑުވި ނަމަވެސް، ޓްރީ ޓޮޕް ހޮސްޕިޓަލް މިހާރު މި އޮތީ އައިވީއެފް ފަށަން ތައްޔާރުވެފައި ކަމެވެ.

ދައުލަތުގެ އެހީތެރިކަމެއް ބޭނުންވޭ

ރާއްޖެއަކީ ދައުލަތުގެ ސިއްހީ އިންޝުއަރެންސް ސްކީމެއް 'އާސަންދަ'އިގެ ނަމުގައި ކުރިއަށް ގެންދާ ގައުމެކެވެ. ސިއްހީ ވަރަށް ގިނަ މައްސަލަތައް މި އިންޝުއަރެންސްގައި ކަވަރުކުރެ އެވެ. ނަމަވެސް އައިވީއެފްގެ ބައެއް ނުހިމެނެ އެވެ. އައިވީއެފްގެ ފަރުވާ ނަމަ، އެހެން ހާލަތްތަކުގައި އާސަންދައިން ކަވަރުކޮށްދޭ ބައެއް ބޭސް ވެސް ނުލިބޭ ކަމަށް، ބައެއް ޑޮކްޓަރުން ބުނެ އެވެ.

އެކަމަކު ބައެއް މީހުންނަށް 'އެންސްޕާ' މެދުވެރިކޮށް ކޮންމެވެސް ވަރެއްގެ އެހީއެއް ލިބޭ ކަމަށްވެ އެވެ. 

އައިވީއެފްގެ ފަރުވާ ހޯދަން ބޭރަށް ދާ ވަރަށް ގިނަ ދިވެހިންގެ ހިތުގައި އޮތް ޝަކުވާ ބޮޑެވެ. އެމީހުން ބުނާ ގޮތުގައި ދަރިމައިނުވުމަކީ ވެސް ގުދުރަތީ މައްސަލައެކެވެ. އެހެންކަމުން ދައުލަތުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބެން ޖެހޭނެ އެވެ.

އާސަންދައިގެ އިސް ވެރިންނާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ބައްދަލުކުރައްވަނީ: އާސަންދައިގެ ތެރެއިން އައިވީއެފް ކަވަރެއް ނުކުރޭ (ފޮޓޯ/މަޖިލިސް)

ބައެއް މީހުން ގަބޫލުކުރަނީ، ދައުލަތުން ސިއްހީ އިންޝުއަރެންސް ދޭ ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް، އައިވީއެފްގެ އެއް ބުރު، އާސަންދައިން ކަވަރުކޮށްދިނުމެވެ. ގިނަ މީހުންނަށް އައިވީއެފްގެ އެއް ބުރުން ވެސް ކުއްޖަކު ލިބެ އެވެ. އަނެއް ބަޔަކު އެތައް ބުރަކަށް، އަދި އެތައް އަހަރެއް އެކަމުގައި ހޭދަކުރެ އެވެ.

ކުއްޖަކު ނުލިބިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަކަން އާދިލް މިހާރު ވެސް ވަނީ ތަޖުރިބާކުރައްވައިފަ އެވެ. އެގޮތުން ޓްރީ ޓޮޕްގައި ކުރިން މަސައްކަތްކުރި، ދަރިމައިނުވުމުގެ މައްސަލަތަކާއި އައިވީއެފްއަށް ހާއްސަ ޑޮކްޓަރަކަށް ދައްކަން200 އާއި300އާ ދެމެދުގެ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރި އެވެ.

"އިންފާޓިލިޓީ [ދަރިމައިނުވުން] މައްސަލަތައް ހުރި ގިނަ ބަޔަކު އެބަ އުޅޭ، އެކަން އަޅުގަނޑުމެންނަށް ޔަގީން. އެ އެންމެން ވެސް އުއްމީދުކުރާނެ އައިވީއެފްއަށް. އަޅުގަނޑު ގަބޫލުކުރަން އާސަންދައިން ކޮންމެވެސް ބައެއް ކަވަރުކުރުން ރަނގަޅު ކަމަށް،" އާދިލް ވދިާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް އާންމުންނަށް ދެއްވޭނެ ޔަގީންކަމެއް އެބަ އޮތެވެ: ބޭރު ގައުމުތަކުން އައިވީއެފް ހެދޭ އަގަށް ވުރެ ޓްރީ ޓޮޕްގެ ހިދުމަތުގެ އަގު ބޮޑުނުވާނެ ކަމެވެ.

ޓްރީ ޓޮޕްގެ އައިވީއެފް ސެންޓަރަކީ، ދަރިއެއް ލިބުމުގެ އުއްމީދުގައި ތިބި ދިވެހިންނަށް، ދައުލަތުން އެހީވިޔަސް ނުވިޔަސް، ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ. ދިވެހި އެތައް ސަތޭކަ ދެމަފިރިންނަކަށް އޮތް އުފާވެރި ހަބަރެކެވެ.

ކޮމެންޓް (2)

ފަޒީލް

7 ޖެނުއަރީ 2023
ކިތަންމެ ގިނަ ޚިދުމަތެއްވެސް ނަންބަރު ތަރުތީބުން ފެށިދާނެއެވެ. އެކަމަކު އެ ޚިދުމަތްތައް ދިނުމުގައި ފަރުވާކުޑަވެ ދޭންޖެހޭ ކުލުވެރިކަން ނުދެވޭނަމަ އެ ޚިދުމަތުން ރަތްޔިތުމީހާއަށް ލިވެންޖެހޭ ފަރުވާއެއް ނުލިބޭނެއެވެ. އެހެންކަމުން ޓްރީޓޮޕުން ފުރަތަމަ ކުރަންވީ ކަމަކީ ފެންވަރު ރަނގަޅު ސަރވިސް އެއް ދިނުމަށް ފަށަންވީ އެވެ.
0 0

އިބްރޭ

5 ޖެނުއަރީ 2023
މާ ލަސްވެއްޖެ، މާ ލަސްވެއްޖެ. އެކަމަކު ލަސްވިޔަސް ދެން އެތައް ބަޔަކަށް ތިކަމުން ލިބޭނެ ފަސޭހަހިތަށްއަރަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް