ޒިދާން 1998 ގެ ވޯލްޑް ކަޕުގައި ކުޅެނީ.

ފުޓްބޯޅަ

ޒިދާން ބޭނުންވަނީ ފްރާންސްގެ ކޯޗުކަން

އޭނާ ޕީއެސްޖީއާ ހަވާލެއް ނުވާނެ

ފްރާންސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާން ނިންމައިގެން ހުރީ ވޯލްޑް ކަޕަށް ފަހު އެ ގައުމުގެ ގައުމީ ޓީމާ ހަވާލުވާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޒިދާންއާ ފްރާންސްގެ ޕީއެސްޖީއާ ގުޅުވައިގެން އަންނަނީ ވާހަކަތައް ދެކެވެމުންނެވެ. އެ ޓީމުން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދޫކޮށްލަން ނިންމާފައިވާތީ ބަދަލުގައި ގެންނަނީ ޒިދާން ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ. ޕީއެސްޖީން އޭނާއާ މަޝްވަރާކުރި ކަމަށް ވެސް ވެ އެވެ.

އެކަމަކު ފްރާންސްގެ އިތުބާރު ހިފޭ ރިޕޯޓްތައް މިހާރު ބުނާ ގޮތުގައި ޒިދާން ޕީއެސްޖީ އަށް ނުދާނެ އެވެ. އޭނާގެ ހުރިހާ ވެސް ވިސްނުމަކީ ފްރާންސް ގައުމީ ޓީމަށް ކޯޗުކޮށްދިނުމެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ފަހު ޑިޑިއޭ ޑިޝޯމްޕްސްގެ ކޮންޓްރެކްޓް ހަމަވުމުން ފްރާންސުން އޭނާ އަށް އިތުރު ފުރުސަތެއް ނުދޭނެ އެވެ. އެއާ އެކު ފްރާންސް ޓީމާ ހަވާލުވުމުގެ ފުރުސަތު ޒިދާން އަށް ލިބޭނެ އެވެ.

ފްރާންސް އަކީ މިވަގުތު ހުނަރުވެރި ކުޅުންތެރިން އެންމެ ގިނަ އެއް ގައުމީ ޓީމެވެ. ކޮންމެ މަގާމަކަށް ބެލި ނަމަވެސް އެއް ފެންވަރެއްގައި ކުޅުންތެރިން ގިނަ އެވެ.

ފްރާންސްއާ އެކު 1998 ގެ ވޯލްޑް ކަޕާއި 2000 ގެ ޔޫރޯ ކާމިޔާބުކުރި ހުނަރުވެރި މިޑްފީލްޑަރު އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ޖެހިގެން ތިން ފަހަރަށް ކާމިޔާބުކޮށްދީފަ އެވެ. އޭގެ އިތުރުން އެ ޓީމަށް ސްޕެނިޝް ލީގު ދެ ފަހަރު، ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު އަދި ޔުއެފާ ސުޕަ ކަޕް ވެސް ދެ ފަހަރު ކާމިޔާބުކޮށްދިނެވެ.

އެކަމަކު އެހެން ކްލަބެއްގައި އޭނާގެ ފެންވަރު އަދި ސާބިތުކޮށްނުދެވެ އެވެ. މިހާތަނަށް މަސައްކަތްކުރީ ރެއާލުގެ ސީނިއާ ޓީމާއި ޔޫތު ޓީމުގައި އެކަންޏެވެ.

ޓެލެފުޓް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޒިދާން ބުނީ އެހެން މީހުންނެކޭ އެއް ފަދައިން އޭނާ ވެސް ދެކޭ ގޮތުގައި، އޭނާގެ ކުރިމަގު އޮތީ ކޯޗިންގައި ކަމަށެވެ.

"އަހަރެން ބޭނުން މިކަމުން ކުރިއަށްދާން. މިކަމަށް އަހަރެންގެ ލޯބި އެބަހުރި،" ޒިދާން ބުންޏެވެ.

ޒިދާން ނުލިބުމުން ޕީއެސްޖީން ކޯޗަކަށް ގެންނަނީ ނީސްގެ ކޯޗު ފްރާންސްގެ ކްރިސްޓަފް ގަލްޓިއޭ އެވެ. އޭނާ އަކީ ޕީއެސްޖީގެ އެޑްވައިޒަރަކަށް ދާދި ފަހުން ހަމަޖެއްސި ލުއިސް ކެމްޕޯސްއާ އެކު ލިލްގައި މަސައްކަތްކުރި ކޯޗެކެވެ.

ކޮމެންޓް

Placeholder

ފުޓްބޯޅަ

ފުޓްބޯޅަ