Majlis 2024

މިދިޔަ އަހަރު ބޭއްވި 2019 ވަނަ އަހަރުގެ ޓޮޕް އެޗީވާސް އެވޯޑު ޖަލްސާގެ ތެރެއިން. (ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ)

ތައުލީމު

ގަދަ 10ގެ ޖަލްސާއާ މެދު ދަރިވަރުންނާއި ބެލެނިވެރިންގެ ގިނަ ޝަކުވާތަކެއް

މިހާރު އުޅޭ ސްކޫލުގެ ޔުނީފޯމު ލާން ޖެހުމާއި ދެ ބެލެނިވެރިންނަށް ނުދެވުމަކީ ބައެއް ކަންބޮޑުވުންތައް

މުހިންމު ނުކުތާތައް

ޔުނީފޯމް ލާން ޖެހޭކަން އެނގުނު އިރު ބައެއް ކުދިން ތިބީ ޖަލްސާއަށް ލާނެ ހެދުން ފަހައިގެން

މިނިސްޓްރީން ބުނިގޮތުގައި ޔުނީފޯމު ލުމަކީ އިހުތިޔާރީ ކަމެއް

އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ މޮކް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ ވެސް ކަންބޮޑުުވުން އެބައޮތް

ސާނަވީ އިމްތިހާނާއި މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ޓޮޕް އެޗީވާސް އެވޯޑު ޖަލްސާގެ ބައެއް ކަންކަން އިންތިޒާމުކޮށްފައިވާ ގޮތާ މެދު ބެލެނިވެރިންނާއި ދަރިވަރުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ވޭތުވެދިޔަ ދެ އަހަރުގެ ޓޮޕް އެޗީވާސް އެވޯޑު ދިނުން 24 އަދި 25 އޮގަސްޓްގައި ދަރުބާރުގޭގައި ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެކަން އަންގައި، މިނިސްޓްރީން ދަރިވަރުންނާއި ބެލެނިވެރިންނަށް ލިޔުން ފޮނުވާފައިވާއިރު، އެ ލިޔުމުގައި ބުނާ ގޮތުން:

  • ސްކޫލްތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން ޖަލްސާއަށް އަންނަން ޖެހޭނީ މިހާރު އުޅޭ ސްކޫލެއްގެ ޔުނީފޯމުގައި

  • މިހާރު ސްކޫލްތަކުގައި ނޫޅޭ ދަރިވަރުން ލާނީ މުނާސަބަތާ ގުޅޭ ހެދުމެއް (ބޭނުން ކުލައަކުން)

  • ޖަލްސާގައި ބައިވެރިވެވޭނީ ދަރިވަރާ އެކު އެއް ބެލެނިވެރިއަކަށް

  • ދައުވަތު ކާޑު ދޭނީ 23 އޮގަސްޓްގައި އޮންނަ ރިހާސަލަށް ފަހު

މިދިޔަ އަހަރު ބޭއްވި 2019 ވަނަ އަހަރުގެ ޓޮޕް އެޗީވާސް އެވޯޑު ޖަލްސާގެ ތެރެއިން. (ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ)

ބުނީ ކީކޭ؟ - ބެލެނިވެރިންނާއި ދަރިވަރުންގެ ޝަކުވާތަކުގެ އަސްލަކީ އެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަމެވެ. 'ދައުރު'އާ ކަންބޮޑުވުން ހިއްސާކުރި ބެލެނިވެރިޔަކު ނަން ނުޖަހަން އެދި ބުނީ ޖަލްސާގައި ޔުނީފޯމު ލާން ޖެހޭ ވާހަކަ ބުނީ ދުވަސް ކައިރިވެފައި ވަނިކޮށް ކަމަށެވެ. އޭނާ ބުނީ ބެލެނިވެރިންނާއި ދަރިވަރުން ތައްޔާރުވީ މީގެ ކުރީގެ އަހަރުތަކުގައި ވެސް ޖަލްސާ ބޭއްވި ގޮތަށް، ދަރިވަރުން ފޯމަލް ހެދުން ލާ ގޮތަށް ކަމަށެވެ.

ތަފްސީލު - އެ ބެލެނިވެރިޔާ ބުނި ގޮތުގައި:

  • ޖަލްސާ ބާއްވާ ވާހަކަ ދަރިވަރުން ގާތުގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު

  • ޖަލްސާ އޮންނަ ވާހަކަ ބުނުމާ އެކު، ކުރީ އަހަރުތަކުގައި ވެސް ކުދިން ކޯޓުފަޓުލޫނު ފަދަ ރަސްމީ ހެދުން ލާތީ، ހުރިހާ ބެލެނިވެރިން ވެސް ކޯޓުފަޓުލޫނު ފަހަން ފެށި

  • ނަމަވެސް މިހާރު ކިޔަވާ ކުދިން ޔުނީފޯމު ލައިގެން ޖަލްސާއަށް ދާން ޖެހޭ ކަމަށް ބުނީ އޭގެ ފަހުން

"މީގެ ކުރިން ބޭއްވި ޖަލްސާތަކަށް ބަލާފައި، ކުދިން ތިބީ ކޯޓުފަޓުލޫނާއި ހެދުން ފަހައިގެން. މިހާ ބޮޑަށް ދުވަސް ކައިރިވެފައި އޮއްވާ ޔުނީފޯމު ލާ ގޮތަށް ބަދަލުކުރީމަ ކުދިން ވެސް ވަރަށް ޑީމޯޓިވޭޓްވެފަ ތިބީ،" ބެލެނިވެރިޔާ ބުންޏެވެ.

އޭނާ ބުނީ ބެލެނިވެރިންނާއި ދަރިވަރުން އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ޝަކުވާ ކުރި ކަމަށާއި ނަމަވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި އެހެން ބެލެނިވެރިޔަކު ބުނީ ޖަލްސާގައި ޔުނީފޯމު ލާން ނިންމުމުގައި އޮތް އަނެއް މައްސަލަ އަކީ މިހާރު ކިޔަވާ ސްކޫލެއްގެ ޔުނީފޯމު ލާން ޖެހޭ ގޮތަށް އޮތުން ކަމަށެވެ.

"އޯ ލެވެލް ފުރިހަމަކުރި ސްކޫލް ނޫން އެހެން ސްކޫލަކުން އޭ ލެވެލް ކިޔަވާ ކުދިން ވެސް އެބަތިބި. މި ނިންމުމަކީ އެ ކުދިން އޯ ލެވެލް ފުރިހަމަ ކުރި ސްކޫލަށް ވަރަށް ބޭއިންސާފުވެރި ގޮތެއް،" އޭނާ ބުންޏެވެ.

"ހުރިހާ ޝަރަފެއް މި ލިބެނީ ކުދިންގެ ކިޔެވުމަށް އެއްވެސް މަސައްކަތެއް ނުކޮށްދޭ ސްކޫލަކަށް."

މިދިޔަ އަހަރު ބޭއްވި 2019 ވަނަ އަހަރުގެ ޓޮޕް އެޗީވާސް އެވޯޑު ޖަލްސާގެ ތެރެއިން.  މުނާސަބަތާ ގުޅޭ ގޮތަށް ބޭނުން ހެދުމެއް ލުމުގެ އިހުތިޔާރު މީގެ ކުރިން ދަރިވަރުންނަށް އޮންނަނީ ދީފައި. (ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ)

މިހާރު ކިޔަވަމުން ގެންދާ ދަރިވަރުން ޓޮޕް އެޗީވާސް ޖަލްސާގައި ޔުނީފޯމު ލާން ޖެހޭތީ ދަރިވަރުން އިސްނަގައިގެން އެކަމާ ދެކޮޅަށް ޕެޓިޝަނެއް ވެސް ވަނީ ހަދާފަ އެވެ. އެ ޕެޓިޝަނުގައި އަމާޒު ހިފާފައި އޮތީ 500 ސޮއި ހޯދުމަށެވެ. މި އާޓިކަލް ޝާއިއުކުރުމާ ހަމައަށް އެ ޕެޓިޝަނަށް 700 ސޮއި ވަނީ ހަމަވެފަ އެވެ. އޮންލައިންކޮށް ކުރިއަށްގެންދިޔަ އެ ޕެޓިޝަންގެ ތިރީގައި ވެސް ބައެއް ދަރިވަރުން ވަނީ ހިޔާލު ފާޅުކޮށްފަ އެވެ.

"ރަނގަޅު ގްރެޖުއޭޝަނެއް، ފެއާވެލްއެއް ނުލިބުނު ތަނުގައި ހެދުމެއް ލާން ޕްރައިޒް ޑޭއެއް ވެސް ނުބާއްވާ. ޔުނީފޯމަކާ ހުރެ މިކަން [ޓޮޕް އެޗީވާސް ޖަލްސާ] ވެސް ފްލޮޕްވާކަށް ބޭނުމެއް ނޫން،" ދަރިވަރަކު ލިޔެފައިވެ އެވެ.

މިނިސްޓްރީގެ ބަސް - ޖަލްސާއަށް ދަރިވަރުން ޔުނީފޯމު ލާންޖެހުމާ މެދު ހުރި ޝަކުވާތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއާ ސުވާލުކުރުމުން، އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ރޭ 'ދައުރު'އަށް ވިދާޅުވީ، މިނިސްޓްރީން އެގޮތަށް ނިންމީ ހަރަދު ސަލާމަތް ކޮށްދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އޭނާ ދެން ވިދާޅުވީ ޖަލްސާއަށް ދާން ޔުނީފޯމް ލުމަކީ އިހުތިޔާރީ އެއްޗެއް ކަމަށެވެ.

"ދަރިވަރުން ބޭނުން އޮޕްޝަނެއް [ހެދުމެއް] ނެގުމުގެ އިހުތިޔާރު އޮންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ހަރަދުކުޑަ ކުރުމުގެ ނިޔަތުގައި ދަރިވަރުން ޔުނީފޯމު ލައިގެން ޖަލްސާއަށް ދާން ޖެހޭ ގޮތަށް މިނިސްޓްރީން ނިންމި ނަމަވެސް، އެއީ މުޅިން ދެކޮޅު ޖެހޭ ވާހަކައެއް ކަމަކަށް ބައެއް ބެލެނިވެރިން ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ އަތޮޅުތަކުގައި ތިބި ދަރިވަރުން މި ޖަލްސާއަށް ހާޒިރުވާން މާލެއަށް ކުރަން ޖެހޭ ދަތުރަކީ ވެސް ހަމަ ހަރަދު ހިނގާ ކަމަކަށް ވާތީ އެވެ.

"ދުވަސް ކުޑަތަން ވެފައި އޮއްވާ ބުނީމަ، އަގުބޮޑުކޮށް ޓިކެޓު ނަގަން މި ޖެހެނީ. އަނެއްކާ ހަމަ މާލެ ގޮސް ތިބޭ މުއްދަތުގައި އެކޮމޮޑޭޝަނާއި ކެއުމަށް ވެސް ހަމަ ހަރަދެއް ނޫންތޯ އެ ހިނގަނީ؟" ބެލެނިވެރިޔަކު ބުންޏެވެ.

"މިނިސްޓްރީން އެހާ ހަރަދު ކުޑަކޮށްދޭން ބޭނުންވާ ނަމަ އަދި ގައުމީ ޓޮޕް 10 އެވޯޑު، މިހާ އާދައިގެ ގޮތަކަށް ބާއްވާ ނަމަ، އަތޮޅު ފެންވަރުގައި އެކަން ކުރި ނަމަ."

އިމްތިހާނު ދުވަސްވަރު ޖަލްސާ ބާއްވާތީ ކަންބޮޑުވުންތަކެއް

ޓޮޕް އެޗީވާސް އެވޯޑު ލިބޭ ދަރިވަރުންގެ ބެލެނިވެރިންނަށް މައުލޫމާތު ދެމުން އަންނަނީ އެވޯޑުގެ ކޮންމެ ދަރަޖައަކަށް ވަކިން ވައިބާ ގުރޫޕެއް ހަދައިގެންނެވެ. އެނގިފައިވާ ގޮތުގައި މި ގުރޫޕުތައް ހިންގަނީ، އެ ޖަލްސާގެ ހޯސްޓު، އިސްކަންދަރު ސްކޫލުންނެވެ.

އޭގެ ތެރެއިން ބައެއް ވައިބާ ގުރޫޕުތަކުގައި ބެލެނިވެރިން ކޮށްފައި ހުރި ޝަކުވާތަކުގެ ސްކްރީންޝޮޓުތައް 'ދައުރު'އަށް ވަނީ ލިބިފަ އެވެ. އެ ގުރޫޕުތަކުން އާންމު ކަންބޮޑުވުމެއްގެ ގޮތުގައި ފެނުނު އެއް ކަމަކީ، އޭ ލެވެލްއަށް ކިޔަވަމުން އަންނަ ދަރިވަރުންގެ އިމްތިހާނު ދުވަސްވަރާ ދިމާކޮށް ޓޮޕް އެޗީވާސް އެވޯޑު ބޭއްވުމެވެ.

"ކުދިންގެ މޮކް ޓެސްޓު ތެރޭ މި ޖަލްސާ ބާއްވާތީ ކުދިންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް ދެއްތޯ މިއީ؟" ވައިބާ ގުރޫޕެއްގައި ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިޔަކު ބުނެފައިވެ އެވެ.

"ރިހާސަލްތަކާއި ޖަލްސާއަށް ދާ ވަގުތަކީ ހަމަ ކުދިންގެ ކިޔެވުމަށް ގެއްލިގެންދާ ވަގުތު ދެއްތޯ؟ މި ވާހަކަ ތިޔަ ބޭފުޅުން [ގުރޫޕުގެ އެޑްމިން] މިނިސްޓްރީއާ ހިއްސާކޮށްދެއްވުން އެދެން."

'ދައުރު'އަށް އެނގިފައިވާ ގޮތުގައި މި ޖަލްސާއަށް ވަގުތު ހުސްކުރުމަށްޓަކައި ބައެއް ސްކޫލްތަކުގައި އޭ ލެވެލް ދަރިވަރުންގެ މޮކް އިމްތިހާނު ބާއްވާ ތާރީހު ވަނީ ފަސްކޮށްފަ އެވެ. މޮކް އިމްތިހާނު ފަސްކުރި ނަމަވެސް، އޮކްޓޫބަރު މަހު އޭ ލެވެލް އިމްތިހާނު އޮންނާނެ އެވެ. މޮކް އިމްތިހާނު ފަސްކުރުމުގެ ސަބަބުން ދެ އިމްތިހާނުގެ ދެމެދުގައި ކިޔަވަން ލިބޭ ވަގުތު ކުޑަވެ، ދެ އިމްތިހާނަށް ފަރިތަކުރަން ޖެހުމުގެ ޝަކުވާ ދަރިވަރުން ގެންދަނީ ކުރަމުންނެވެ.

ވައިބާ ގުރޫޕުތަކުގައި ބެލެނިވެރިން ކުރި ދެވަނަ ޝަކުވާ އަކީ، އެންމެ ބެލެނިވެރިއަކަށް ޖަލްސާއަށް ދައުވަތު ލިބުމެވެ.

"އެހެން ފަހަރުތަކެކޭ އެއްފަދައިން މި ފަހަރު ވެސް ދެ ބެލެނިވެރިންނަށް ދެވޭނެ ގޮތެއް ނެތްތޯ؟ މިވަރުގެ އުފަލެއްގައި [ދަރިވަރުގެ] މަންމަ އާއި ބައްޕަ ވެސް ބައިވެރިވުން ހައްގު،" ބެލެނިވެރިއަކު ބުންޏެވެ.

ކޮމެންޓް (3)

އިބުރޭ

15 އޯގަސްޓު 2022
ޓޮޕް 10 ހޮވުން ހުއްޓާލަނީ ކޮން އިރަކުންބާ؟ ޒަމާނެއްގަ މުހިންމު ސެޓްފިކެޓަކަށްވިޔަސް މިހާރުތީ އެހާ މުހިންމު އެއްޗެއް ނޫނެ. އޯލެވެލް އޮވެގެން މިހާރު އާދައިގެ ވަޒީފާގަނޑެއްވެސް ނުލިބޭނެ.
7 0

ސަމްސީ

15 އޯގަސްޓު 2022
ކޯޓުލައިގެން ޖަލްސާއަށް ދިޔުމަކީ ދުނިޔޭގަ އެފަދަ އުފަލަކާއި އަރާމެއް އެނޫން ގޮތަކުން ނުލިބޭފަދަ މާތް މަތިވެރި ކަމަކީތަ؟؟ ޖަލްސާއެއް ވެސް ބާއްވާނެ ކަމެއް ނެތް. އެމީހަކު އުނގެނުނު އެއްޗެއްގެ ބޭނުން އެމީހަކަށް ކުރެވިދާނެ ދެއްކުންތެރިކަމުގެ ފެޝަންޝޯއެއް ނުބޭއްވިޔަސް
4 11

ޖަމްޝީދު

15 އޯގަސްޓު 2022
ފޮނިވެސް ބަޔެކޭ ދޯ. ކޯޓު ފަޓުލޫނު ލާހިތުން؟؟؟ ކޮންމެ އެއްޗެއް ލައިގެން ދިޔަސް ކީއްތަ ވަނީ؟؟
3 11

އިތުރު އާޓިކަލް

އިތުރު އާޓިކަލް