ކޮވިޑް-19 ވެކްސިން ޖެހުމަށް މާލޭގެ ސޯޝަލް ސެންޓަރުގައި މީހަކު ތައްޔާރުވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ކޮވިޑް ވެކްސިން ޖެހި ގޮތުގެ އޮޑިޓެއް ހަދަނީ

މި އޮޑިޓް ހަދާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނި ގޮތުގައި، ރާއްޖެ ގެނައި ވެކްސިންގެ އަދަދާއި ހަދިޔާކޮށްފައި ވަނީ ކިހާ އަދަދެއްގެ ވެކްސިނެއްތޯ ބަލާނެ

ރާއްޖެއަށް ކޮވިޑް-19 ވެކްސިން ގެނެސް، އެ ވެކްސިން ޖެހި ގޮތުގެ އޮޑިޓެއް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހަދަން ފަށައިފި އެވެ.

އެނގުން މުހިއްމު - ރާއްޖެއަށް ކޮވިޑް ވެކްސިން ގެނެސް، އާއްމުންނަށް ޖަހަން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ، އިންޑިއާއިން ހަދިޔާކުރި 'ކޮވިޝީލްޑް' ވެކްސިނެވެ. އޭގެ ފަހުން ގައުމުތަކާއި ޖަމިއްޔާތަކުން ވެސް ރާއްޖެއަށް ވެކްސިން ހަދިޔާކުރިއިރު، މިދިޔަ ޖުލައި މަހު މުޅި އާބާދީއަށް ވާ ވަރަށް ވެކްސިން ހޯދާފައިވާކަން ސަރުކާރުން ހާމަކުރި އެވެ.

ބުނީ ކީކޭ؟ - ވެކްސިން ޖެހި ގޮތުގެ އޮޑިޓެއް ހަދަމުންދާކަން ހާމަކުރަމުން ޓްރާންސްޕޭރެންސީން ބުނީ އެންމެންނަށް ހަމަހަމަކަމާ އެކު ކޮވިޑްގެ ވެކްސިން ލިބޭކަން ކަށަވަރުކުރުމަށް ދެ ފުށް ފެންނަ ގޮތަކަށް، އެއް ތަނެއްގައި މައުލޫމާތު ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. 

ޓްރާންސްޕޭރެންސީގެ ސީނިއާ ލީގަލް ކޯޑިނޭޓަރު ޝައިފާ ޝާހިދު މިއަދު 'ދައުރު'އަށް ވިދާޅުވީ، މި އޮޑިޓުގައި:

  • ރާއްޖެ ގެނައި ވެކްސިންގެ އަދަދާއި ހަދިޔާކޮށްފައި ވަނީ ކިހާ އަދަދެއްގެ ވެކްސިނެއްތޯ ބަލާނެ

  • އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކަށް ފޮނުވި އަދަދު ބަލާނެ

  • ވެކްސިން ޖެހި މީހުންގެ ތަޖުރިބާ އާއި ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ނުޖަހާ ސަބަބު ވެސް ހިމަނާނެ

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ޖޫން މަހަށް ނިންމާލެވޭތޯ" ޝައިފާ ވިދާޅުވި އެވެ.

އެ ޖަމިއްޔާއިން ބުނީ މި އޮޑިޓުގައި، ވެކްސިން ދިނުމުގައި އިސްކަންދޭ ގްރޫޕްތަކާއި ސަރުކާރުގެ އިސްވެރިން ވެކްސިން ޖެހި ރޭޓުތައް ހޯދައި އާއްމު ކުރާނެ ކަމަށެވެ. އެ ހޯދުންތަކާ އެކު އެންމެ ނިކަމެތި މީހުންނަށް ވެކްސިން ދިނުމަށް ކުރާ މަސައްކަތަށް އިތުރު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް ޓްރާންސްޕޭރެންސީން ގަބޫލުކުރެ އެވެ.

ވެކްސިންގެ ތަފާސްހިސާބު:

  • ފުރަތަމަ ޑޯޒު - 398،597 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %88.03)

  • ދެ ވަނަ ޑޯޒު - 383،980 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %84.80)

  • ބޫސްޓާ ޑޯޒު - 159،008 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %35.12)

އިތުރު އާޓިކަލް

އިތުރު އާޓިކަލް