Majlis 2024

ޓީއެމްއޭގެ ސިސްޓަމްގައި ޖެހުނު މައްސަލަ ހައްލުނުވެ، މިއަދު ވެސް އެއާޕޯޓްގައި ތޮއްޖެހިފައި: މިއީ މިހާތަނަށް ކުރިމަތިވި އެތެރޭގެ ދަތުރުފަތުރުގެ އެންމެ ބޮޑު މައްސަލަ ކަމަށް ވޭ (ފޮޓޯ/ދައުރު)

އާ އަހަރު އެއާޕޯޓް މި އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި

ޓީއެމްއޭގެ ސިސްޓަމަށް އިއްޔެ ދިމާވި މައްސަލަ އަދިވެސް މުޅިއަކުން ހައްލުނުވޭ. އެއާޕޯޓްގައި ޓޫރިސްޓުން ތޮއްޖެހިފައި
1 ޖެނުއަރީ 2023
1

މުހިންމު ނުކުތާތައް

އެތެރޭގެ ދަތުރުފަތުރުގެ މިވަރުގެ ބޮޑު މައްސަލައެއް މީގެ ކުރިން ކުރިމަތިވެފައެއް ނެތް

ވީއައިޕީ ބޭނުންވާ މިންވަރަކަށް އާ ވީއައިޕީން ވެސް ޖާގައެއް ނުލިބޭ

ރާއްޖޭގެ ޓޫރިޒަމް ކުރިއަރާފައިވާ ފެންވަރަށް އެއާޕޯޓުން ހިދުމަތް ނުދޭކަމުގެ ޝަކުވާ ބޮޑު

"ދުވަހަކު ވެސް މިވަރުގެ ކަމެއް ދިމައެއް ނުވޭ،" ރާއްޖޭގައި ހިންގާ ބައިނަލްއަގުވާމީ ރިސޯޓްތަކެއްގެ އެއާޕޯޓް އޮފިޝަލެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ މީހަކު ރޭ ބުންޏެވެ.

މިއަދު ހެނދުނު އޭނާއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެ އެވެ. މެސެޖަށް ވެސް ޖަވާބެއް ނާދެ އެވެ. ސަބަބު އެނގެ އެވެ. އޭނާ އެ އުޅެނީ ޓޫރިސްޓުން ރިސޯޓްތަކަށް ފޮނުވުމުގެ މަސައްކަތުގައި ބުރަކޮށެވެ. ފޯނު ވެސް ބަލައިނުލެވޭ ވަރުގަ އެވެ.

ޓޫރިސްޓުންނާ އެއާޕޯޓުން ބައްދަލުކޮށް ރިސޯޓްތަކަށް ފޮނުވުމުގެ ޒިންމާ ނަގަމުން އަންނަތާ ވިއްސަކަށް އަހަރު ވެފައިވާ އެ މުވައްޒަފާއި އެހެން މުވައްޒަފުން އިއްޔެ ޓީއެމްއޭގެ ސިސްޓަމަށް ދިމާވި މައްސަލައިގެ ސަބަބުން އުފުލި ބުރަ ބޮޑެވެ. އެއަށް ވުރެ އެ މީހުންގެ ނުތަނަވަސްކަން އޮތީ އާ އަހަރު ފާހަގަކުރަން ބޮޑު އަގުގައި ރާއްޖެ އަންނަ ޓޫރިސްޓުން އެއާޕޯޓްގައި އެތައް ގަޑިއިރެއް ވަންދެން ތާށިވުމުގެ މާޔޫސްކަމެވެ. ހިތްހަމަނުޖެހުމެވެ. ޝަކުވާތަކެވެ.

 ޓީއެމްއޭގެ ސިސްޓަމް ޑައުން ވުމުން އިންޓަނޭޝަނަލް ޓާމިނަލް ތެރޭގައި އިއްޔެ ކިއޫ ދަމާލާފައި

ހެނދުނު އައި ފްލައިޓުން އޭނާ ހަވާލުވި ޓޫރިސްޓުންނަށް، މެނުއަލްކޮށް ޗެކިން ހަދައިގެން ފުރޭވަރުވީ މެންދުރުފަހު ތިނެއް ވެސް ޖެހި ފަހުންނެވެ. އެއީ ޓީއެމްއޭގެ ޗެކިން ކައުންޓަރުތަކުގެ މުވައްޒަފުންނަށް ނުޖައްސައި، އޭނާ އާއި އޭނާގެ އެހެން މަސައްކަތުގެ ބައިވެރިން، އަމިއްލައަށް އިސްނަގައިގެން ކުރި މަސައްކަތުންނެވެ.

ޓީއެމްއޭއަކީ ރާއްޖެ އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން އެކި ރިސޯޓްތަކަށް އުފުލައިދީ، އަލުން އެއާޕޯޓަށް ގެންނަ މައި ސީޕްލޭން އޮޕަރޭޓަރެވެ. ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން ކުންފުންޏެވެ. ނަމަވެސް އިއްޔެ ހެނދުނު ގާތްގަނޑަކަށް އަށެއްޖަހާކަން ހާއިރު އެ އެއާލައިންގެ ސިސްޓަމް ޑައުންވި އެވެ. ކަސްޓަމަރުންނަށް ޓީއެމްއޭއިން ހެނދުނު ފޮނުވި މެއިލްއެއްގައި ބުނީ 'މަލްވެއާ އެޓޭކެއް' އެތަނުގެ ސިސްޓަމަށް ކުރިމަތިވެއްޖެ ކަމަށެވެ.

އިންޓަނޭޝަނަލް ޓާމިނަލް އިއްޔެ އޮތީ ތޮއްޖެހިފަ އެވެ. މިއަދު ވެސް އެހެންނެވެ. ރިސޯޓްތަކަށް ޓޫރިސްޓުން ފޮނުވާނެ އެހެން ގޮތެއް ހޯދަން ޓީއެމްއޭއިން ކަސްޓަމަރުންނަށް އެންގި ނަމަވެސް، އިއްޔެ އެ ހުރިހާ ކަމެއް ބޮއްސުންލި އެވެ. ސީޕްލޭން އޮޕަރޭޓްކުރާ އަނެއް ދެ އެއާލައިން ކަމަށްވާ މޯލްޑިވިއަން އާއި މަންޓާގައި ވެސް، އެވަގުތު އެހާ ގިނަ ދަތުރުވެރިން އުފުލާނެ ގާބިލްކަމެއް ނެތެވެ. ރާއްޖޭގެ ވެސް ޗުއްޓީ ދުވަސްވަރުކަމުން، ލޯންޗުފަހަރު ހޯދަން ވެސް އެތައް އުނދަގުލެއް ދިމާވި އެވެ.

އެހެންކަމުން އިއްޔެއަކީ [ފަހަރެއްގައި މިއަދަކީ ވެސް] ރާއްޖޭގެ ޓޫރިޒަމްގައި އެތެރޭގެ ދަތުރުފަތުރަށް އެންމެ ބޮޑު ލޮޅުންއެރި ދުވަހެވެ.

'މި ކަމެއް ނުވޭ'

މިއީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ރިސޯޓްގެ ފަރާތުން އެއާޕޯޓްގައި ހުންނަ އެއް މުވައްޒަފު، ޓޫރިސްޓުންނަށް އެއާޕޯޓްގައި ހުރި އިންތިޒާމްތަކާ މެދު ބުނެވުނު ޖުމްލައެކެވެ: މި މީހުންނަކަށް މިކަމެއް ނުވޭ އެވެ.

އޭނާ އެގޮތަށް ބުނީ ވަރަށް ގިނަ މައްސަލަތައް ދައްކަމުންނެވެ. ދުނިޔޭގެ ބޮޑެތި މުއްސަނދިންނާއި އެންމެ މަޝްހޫރު މީހުންގެ މަންޒިލަކަށް ރާއްޖެ ވީ އިރު އެއާޕޯޓުން އެ ފެންވަރުގެ ހިދުމަތްތައް ނުލިބުމެވެ. އާ ވީއައިޕީ/ސީއައިޕީ މިދިއަ އަހަރުގެ ޖެނުއަރީ މަހު ހުޅުވިޔަސް، އަދިވެސް އެތަން ފުރިހަމަނުވުމެވެ.

"ވީއައިޕީން ޖާގަ ހޯދަން ސަލާން ޖަހައިގެން ވެސް ނުލިބޭ،" އެ މުވައްޒަފު ބުންޏެވެ.

"އާންމުންގެ ތެރެއިން ނުގެންދެވޭނެ ކިތައްމެ ބަޔަކު މި ޖެހެނީ ދޫކޮށްލަން. އެ މީހުން އެ ތިބީ ކޮންމެ އަގެއް ދައްކަން ވެސް ރެޑީވެގެން ވީއައިޕީއަށް. އެކަމަކު ޖާގައެއް ނެތް."

ޓީއެމްއޭގެ ބޯޓުފަހަރު މޫދުގައި: އިއްޔެ އާއި މިއަދު ދިމާވެގެން އުޅެނީ ބޮޑު މައްސަލައެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

ކުރީ ސަރުކާރުން 11 މިލިއަން ޑޮލަރު ހޭދަކޮށްގެން ފެށި މަޝްރޫއުގައި އަދި ނިމިފައި ހުރީ އިމާރާތުގެ އެއް ބަ އެވެ. ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގައި ދެ ވަނަ އިމާރާތުގެ މަސައްކަތް މި ވަގުތު ބާރަށް އެބަ ކުރިއަށް ދެ އެވެ.

"ޓީޖީއެސްޓީ ބޮޑުނުކޮށް ސަރުކާރަށް ލާރި ލިބޭ ވަރަށް ވީއައިޕީން ވެސް ލިބިދާނެ،" ކުރިން ވާހަކަ ދެއްކި މުވައްޒަފު، މަލާމާތުގެ ބަހެއްގެ ގޮތުން ބުންޏެވެ.

"އެތަން ބޭނުންވާ ޓޫރިސްޓުން އެހާ ގިނަ. އެ މީހުންނަށް 215 ޑޮލަރު [3،225] އަކީ އެއްވެސް އެއްޗެއް ނޫން."

ވީއައިޕީއަށް ޗާޖްކުރަނީ 215 ޑޮލަރެވެ. އެކަމަކު މި ވަގުތު ވެސް ރާއްޖޭގައި އެތައް ބިލިއަނަރުންނެއް ގެންދަނީ، އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުންނެވެ. ހޮލީވުޑްގެ އެންމެ މަޝްހޫރު ބައެއް ތަރިންނާއި، ބޮޑެތި ކުންފުނިތަކުގެ ވެރިންނާއި ކުޅިވަރުގެ ތަރިން ތިބީ، ރާއްޖޭގެ އަގުބޮޑު ރިސޯޓްތަކުގަ އެވެ.

އެ މީހުންގެ އަތުން ފައިސާ ހޯދެން އޮތީ ހަމައެކަނި ވީއައިޕީން އެކަންޏެއް ނޫނެވެ. އަމިއްލަ ޖެޓުން ފައިބައިގެން އެތަނަށް އަންނާށާއި ފުރަން ދާއިރު ބޯޓާ ހަމައަށް ގެންދަން ބޭނުންކުރާ ކާރުން ވެސް އަގު ލިބެ އެވެ. މިވަގުތު އެމްއޭސީއެލްގައި އޮތީ މާސިޑީޒް ބެންޒް ފެންވަރުގެ ދެތިން ކާރެވެ. އެކަމަކު ރާއްޖެ އަންނަ ބައެއް މަހުޖަނުންނާއި ތަރިންނަށް އެވަރު ނުފުދެ އެވެ. އެ މީހުން އެއަށް ވުރެ އަގުބޮޑު ކާރުތަކަށް ޑިމާންޑްކުރެ އެވެ.

ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓެއް: ދުނިޔޭގެ ނަމޫނާ ރިސޯޓްތައް ރާއްޖޭގައި ހިންގާ އިރު ޓޫރިސްޓުންނަށް އެއާޕޯޓުން ކުރިމަތިވާ މައްސަލަތަކަށް އަވަސް ހައްލެއް ބޭނުންވޭ (ފޮޓޯ/ސޮނޭވާ)

"ބައެއް މީހުން ބުނޭ ރޯލްސް ރޯއީސްއޭ ތިމަންނަމެން ބޭނުންވަނީ،" ބިލިއަނަރުންނާއި އެތައް ތަރިންނަކާ އެއާޕޯޓުން ބައްދަލުވެފައިވާ ރިސޯޓެއްގެ އިސް މުވައްޒަފަކު ބުންޏެވެ.

"އަހަރެންގެ ހިތަށްއަރަނީ ރާއްޖޭގައި އެ ފެންވަރުގެ ރިސޯޓްތައް ހިންގާ އިރު އެމްއޭސީއެލްއަށް އެ ހިދުމަތް ނުދެވޭންވީ ކީއްވެހޭ؟ އެއީ ލިބޭނެ ލާރިއެއް ނޫންހޭ. ހިލޭ ހިދުމަތް ދޭށެކޭ ނޫންތާ މި ބުނަނީ."

ރާއްޖޭގެ މައި އެއާޕޯޓް މި އޮތީ ފުރިފަ އެވެ. އެއާޕޯޓްގެ ތަރައްގީއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި، އޭގެ ކުރިން ދިވެހި ތާރީހު ނުދެކޭ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ މަޝްރޫއުތަކުގެ ސަބަބުން ވަރަށް ބޮޑު ބަދަލެއް މިހާރު ވެސް ވަނީ އައިސްފަ އެވެ. ވީއައިޕީގެ އިތުރުން އާ ރަންވޭ އާއި އާ ސީޕްލޭން ޓާމިނަލާއި ފިއުލް ފާމާއި ކާގޯ ޓާމިނަލެވެ. އަދި އެ ވެރިކަމުގެ އެންމެ ފަހު އަހަރު ފެށި އިންޓަނޭޝަނަލް އާ ޓާމިނަލްގެ މަސައްކަތެވެ.

އާ އަހަރު، 2023ގައި، ރާއްޖެ އައި ފުރަތަމަ ޓޫރިސްޓާއި އޭނާގެ އާއިލާ (ފޮޓޯ/އެމްއެމްޕީއާރުސީ)

އާ ޓާމިނަލަކީ ރާއްޖޭގެ ޓޫރިޒަމްގެ ވެސް އާ މޫނެވެ. ނަމަވެސް ކޮވިޑް-19 އާއި އެހެން ލަސްކަމާ އެކު އެ މަޝްރޫއު ކުރިއަށް ދަނީ 'ފިނިހަކަ ސްޕީޑް'ގަ އެވެ. މިހާރު ލަފާކުރެވޭ ގޮތުން 2025ގެ ކުރިއަކުން އާ ޓާމިނަލްގެ އެހީތެރިކަމެއް، ޓޫރިޒަމަކަށް ނުލިބޭނެ އެވެ.

މިއަދު ވެސް އެއާޕޯޓްގައި އޮތީ ތޮއްޖެހުމެވެ. ޓީއެމްއޭގެ ސިސްޓަމަށް ބޭރުން އައި ހަމަލާއިން އަދި ސަލާމަތެއް ނުވެވެ އެވެ. މި މައްސަލަ މި ގޮތަށް ކުރިމަތިވުމުން އުފެދޭ ސުވާލަކީ، ޓޫރިޒަމްގެ ދަތުރުފަތުރުގެ މައިގަނޑު ހިއްސާދާރުގެ އެތެރޭގެ ނިޒާމްގެ ފެންވަރު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކަށަވަރުކުރަން ނުޖެހޭނެ ހެއްޔެވެ؟

އެހެން ބަޔަކަށް މި ސުވާލު މުހިންމު ނޫނަސް، އަޅުގަނޑަށް މިއީ މި ވަގުތު ވަރަށް މުހިންމު، ރާއްޖޭގެ އިގުތިސާދާ ގުޅިފައި އޮތް ބޮޑު ސުވާލެކެވެ.

އާ އަހަރުގެ ފުރަތަމަ ޓޫރިސްޓަށް މިއަދު ހެނދުނު ސަރުކާރުން ފުރިހަމަ މަރުހަބާއެއް އެ ވަނީ ކިޔައިފަ އެވެ. އެކަމަކު އެ ފޮޓޯއިން ނުފެންނަ ފަރާތުގައި އޮތީ ޓޫރިސްޓުންގެ ތޮއްޖެހުމެވެ.

ކޮމެންޓް (1)

ކޮތަވާލިސޮރު

1 ޖެނުއަރީ 2023
ސަރުކާރި ތިއޮތީ ފެއިލްވެފާ.... އަބަހަށް ބަދަލުކުރޭ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް