Majlis 2024

މާލޭގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި އެކްޓިވިޓީ ޔުނިފޯމްތަކެއްގެ ތެރެއިން ބޭނުންވާ ސައިޒު ހޯދަން މީހަކު މަސައްކަތްކުރަނީ

ދިރާސީ އާ އަހަރު

އެކްޓިވިޓީ ޔުނިފޯމް: ކޮންމެ އަހަރެއްގެ ބޮޑު އުނދަގޫ

ވަގުތު ކުޑަތަންވާ އިރު ވެސް އެކްޓިވިޓީ/ސްޕޯޓްސް ޔުނިފޯމް ވިއްކާ ފިހާރަތަކުން އެ ލިބެން ނެތުމާއި ބައެއް ސްކޫލްތަކުން އަހަރުން އަހަރަށް ޑިޒައިން ބަދަލުކުރުމަކީ ބެލެނިވެރިންނަށް ތަކުލީފެއް
4 އޯގަސްޓު 2022
1

މުހިންމު ނުކުތާތައް

އެކްޓިވިޓީ ޔުނިފޯމް ދުރާލާ ލިބެން ނެތުމުން ފަހު ވަގުތު ބޮޑު ބޮލުގެރިހުމަކަށް ވޭ

ފޮތް، ދަބަސް އަދި ބޫޓު ގަންނަން ކުރިއަށް ވުރެ މިހާރު ފަސޭހަ

ބައެއް ބެެލެނިވެރިން އޮންލައިންކޮށް ވިޔަފާރިކުރޭ؛ ނަމަވެސް އަދިވެސް ފިހާރަތަކަށް ބާރުބޮޑު

އަންނަ އާދީއްތަދުވަހު ފެށޭ ދިރާސީ އާ އަހަރަށް ތައްޔާރުވުމަށް މި ދުވަސްވަރު ބެލެނިވެރިން ދަނީ ސްކޫލަށް ބޭނުންވާ ސާމާނު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ސްކޫލް ބޫޫޓާއި ދަަބަހާއި ޔުނިފޯމް ހޯދުމާއި ފޮތުގައި ކަރުދާސް ލެއްވުމަކީ ކޮންމެ އަހަރަކު ވެސް އޮންނަ ކަމެކެވެ. އެއާއެކު މާލޭގައި މި ތަކެތި ވިއްކާ ފިހާރަތަކަށް ބާރު ބޮޑުވެ އެވެ.

މި ހަލަބޮލިކަމުގެ ތެރޭގައި ގިނަ ބެލެނިވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ގިނަ ސްކޫލްތަކުގެ ޔުނިފޯމްގެ ބައެއްގެ ގޮތުގައި އޮންނަ ސްޕޯޓްސް ނުވަތަ އެކްޓިވިޓީ ޔުނިފޯމް ނުލިބުމެވެ.

ވަކި ފިހާރައަކުން ސްޕޯޓްސް ޔުނިފޯމް ލިބެން ހުންނާނެ ކަމަށް ސްކޫލްތަކުން ބުނި ނަމަވެސް، ވަގުތު ކުޑަތަންވާ އިރު ވެސް، އެ ތަންތާކު އެ ވިއްކާކަށް ނުހުރެ އެވެ. މިއީ، ސްކޫލް ހުޅުވެން ކައިރިވެފައިވާ އިރު ވެސް، މި ޔުނިފޯމް ވިއްކާ ތަންތަން ތައްޔާރު ނޫން މިންވަރު ހާމަވާ ކަމެކެވެ.

ސްޕޯޓްސް ޔުނީފޯމް ވިއްކާ ތިން ފިހާރައަކަށް މިދިޔަ ހަފްތާގައި ދިޔައީ ގްރޭޑް 1 އަށް ދާ ދަރިވަރެއްގެ ސްޕޯޓްސް ޔުނީފޯމް ހޯދާށެވެ. އެކަމަކު ޔުނިފޯމް ލިބޭނެ ގޮތެއް ނުވި އެވެ. ސައިޒެއް ނެތެވެ.

އެއް ބެލެނިވެރިޔަކު ޝަކުވާ ކުރި އެވެ.

"ކޮންމެ އަހަރަކު ވެސް މިހާ ހާލުގައި އުޅެން ޖެހެނީ. ހަމަ އެނގެންވާނެ [ދިރާސީ] އަހަރު ފެއްޓެންވާ އިރަށް ހުރިހާ ސައިޒެއްގެ ސްޓޮކް ހުންނަންވާނެ ކަން،" އޭނާ ބުންޏެވެ.

"ސްކޫލްގެ ވެބްސައިޓުގައި ބުނާ ފިހާރައަކު ނެތް ޔުނިފޯމު ލިބޭކަށް. ސްކޫލުން ދެން ބުނި ފިހާރައިން ވެސް އެ ލިބޭކަށް އަދިވެސް ނެތް،" އެހެން ބެލެނިވެރިޔަކު މިދިޔަ ހަފްތާގައި އޭނާ ކުރި ތަޖުރިބާ ކިޔައިދިނެވެ.

މާލޭގެ ފިހާރައެއްގައި އެކްޓިވޓީ ޔުނިފޯމްތަކެއް ވިއްކަން ބަހައްޓާފައި: އަންނަ ހަފްތާގައި ފެށޭ ދިރާސީ އާ އަހަަރަށް ބޭނުންވާ ސާމާނު ގަތުމަށް ބެލެނިވެރިން އުޅެނީ އަވަދި ނެތި
މާލޭގެ ފިހާރައެއްގައި ސްކޫލެއްގެ ރަސްމީ ޔުނިފޯމް ވިއްކަން ބަހައްޓާފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެއް ބެލެނިވެރިއެއްގެ ޝަކުވާ އަކީ ސްކޫލްގެ ސްޕޯޓްސް ޔުނިފޯމް އަވަސް އަވަހަށް ބަދަލުވުމެވެ.

"މިދިޔަ އަހަރު ލީ ޔުނިފޯމެއް ނޫން މި އަހަރު މި ލާން ޖެހެނީ. ސްކޫލްގައި ކުޅިވަރު އަދި އާޓް މަސައްކަތް އޮންނަ އިރު އެކްޓިވިޓީ ޔުނިފޯމް ލާތީ ގިނަ ކުދިންގެ އަތުގައި ރަސްމީ ޔުނިފޯމަށް ވުރެ ގިނައީ ސްޕޯޓްސް ޔުނިފޯމް. އެކަމަކު ޑިޒައިން އަވަސް އަވަހަށް ބަދަލުވާތީ އަނެއްކާވެސް ފަހުގެ އެތި ހޯދަންވެފައި މި އޮންނަނީ،" އޭނާ ބުންޏެވެ.

ސްކޫލްތަކުގެ ސްޕޯޓްސް ޔުނިފޯމް ގަންނަންދާ އިރު ސައިޒު ނުހުންނާތީ ޝަކުވާ ބޮޑު

ކޮވިޑްގެ ބޮޑު ބަންދަށް ފަހު ސްކޫލު ހުޅުވި ފަހުން ދަރިވަރުން ލަނީ ރަސްމީ ޔުނިފޯމުތޯ ނުވަތަ ސްޕޯޓްސް/އެކްޓިވިޓީ ޔުނިފޯމްތޯއެއް ސްކޫލްތަކުން މާ ބޮޑަކަށް ނުބަލަ އެވެ. ސަބަބަކީ ގިނަ ދުވަސްތަކެއް ވަންދެން ސްކޫލް ބަންދުވެފައި ހުޅުވޭ އިރު ކުދިންގެ ހެދިބޮޑުވުމަށް އަންނަ ބަދަލާ އެކު ޔުނިފޯމްތައް ހެޔޮވަރު ނުވުމެވެ.

"ޓައިމް ޓޭބަލްގައި އޮންނަ ގޮތުން ހަފްތާއަކު ތިން ދުވަހު ރަސްމީ ޔުނިފޯމު ލާ އިރު އަނެއް ދެ ދުވަހަކީ އެކްޓިވިޓީ ޔުނީފޯމް ލާން ޖެހޭ ދުވަސް. ޕެންޑެމިކަށް ފަހު އެހާ ހަރުކައްޓެއް ނޫން. އެހެންވެ ކުދިން އަބަދުވެސް ލާން ބޭނުންވަނީ ސްޕޯޓްސް ޔުނިފޯމް،" ދެ ކުދިންގެ މަންމައަކު ބުންޏެވެ.

ސްޕޯޓްސް/އެކްޓިވިޓީ ޔުނީފޯމް ވިއްކަން ބަހައްޓާފައި

ތިރީހަކަށް ކުދިންނާ އެކު ކްލާސްރޫމެއްގައި ދުވާލަކު ފަސް ގަޑި އިރު ހޭދަކުރާ އިރު، ކުދިންގެ ހައްޓަށް ފަސޭހަ ފޭރާމެއްގެ ޔުނިފޯމެއް ލައްވަން ބެލެނިވެރިން ވެސް ބޭނުންވެ އެވެ. 

އަނެއްބައި ބެލެނިވެރިންގެ ޝަކުވާ އަކީ ގްރޭޑް 1 އަށް އަލަށް ދާ ކުދިންނަށް ސްކޫލްތަކުން ދިން ހޭންޑްބުކްގައި،  ސްޕޯޓްސް ޔުނިފޯމް ލާން ޖެހޭނީ ހަފްތާއަކު ކިތައް ދުވަހުކަން ބުނެފައި ނެތުމެވެ. ލާން ޖެހޭ ދުވަހުގެ އަދަދު ނޭނގޭތީ، ގަންނަންވީ ޔުނިފޯމްގެ އަދަދު ކަނޑައަޅަން ނޭނގޭ ކަމަށް ބެލެނިވެރިޔަކު ބުންޏެވެ.

"ޕްރީ ސްކޫލުގެ ފުރަތަމަ އަހަރު ސްޕޯޓްސް ޔުނީފޯމް އަގު ބޮޑެއް ނޫން. މި އަހަރު ކުރީ އަހަރަށް ވުރެ އަގު ބޮޑު،" އޭނާ ބުންޏެވެ.

ސްކޫލް ބާޒާރުގެ އެހާރާއި މިހާރު

ސްކޫލް ސާމާނު ވިއްކާ ހުރިހާ ފިހާރައަކަށް ހެން މި ދުވަސްވަރު ބާރު ބޮޑެވެެ. 

ސްކޫލަށް ތައްޔާރުވުމަށް ބާޒާރުކުރާ މީހުންނާ އެކު މި ދުވަސްވަރު މަޖީދީމަގަށް ބާރު ބޮޑު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިހާރު ބައެއް ބެލެނިވެރިން ވިޔަފާރިކުރަނީ އޮންލައިންކޮށެވެ. ވަކި ބްރޭންޑެއްގެ ދަބަހާއި ބޫޓު ސޯޝަލް މީޑިއާގެ ޕޭޖްތަކުން ގަނެ އެވެ. އެމީހުންނަށް އޮތް ފަސޭހަ އަކީ މަގުމަތީ ކާރޫބާރޫ ބޮޑުވެފައި އޮންނަ ވަގުތުގައި ދަރިން ގޮވައިގެން ބޫޓާއި ދަބަސް ހެޔޮވަރު ކުރުމަށް އުޅެން ނުޖެހުމެވެ.

ކުދިންނާއި ބެލެނިވެރިން މި ދުވަސްވަރު އުޅެނީ ބޫޓާއި ޔުނިފޯމާއި ދަބަސް ގަތުމުގައި އަވަދިނެތި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަނެއް ބަޔަކަށް މި ތަކެތި ހޯދުމަށް އަދިވެސް މާލޭގެ މަޖީދީމަގު ވަރު ތަނެއް ނެތެވެ. އަތްފޯރާ އަގުތަކެއްގައި ކޮލިޓީގެ ގޮތުން މާ ގޯސް ނޫން ތަކެތި ކޮންމެ އަހަރަކު ސްކޫލް ސީޒަނާ ދިމާކޮށް ވިޔަފާރިވެރިން ގެނެ އެވެ. ބޭނުންވާ ޑިޒައިނަކުން ނުވަތަ ކުލައަކުން ދަބަސް ލިބެ އެވެ.

ނަމަވެސް ބައެއް ފަހަރަށް ރަނގަޅު ބޫޓެއް ހޯދަން އުނދަގޫވެ އެވެ.

ފަޔަށް ފަސޭހަ އަދި ސްކޫލްގެ ގަވާއިދަށް ފެތޭ ބޫޓު ހޯދަން އަދިވެސް ދަތިވޭ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ނާޑުވާ އައްސާ ބޫޓަށް ވުރެ ބޮޑަށް ބެލެނިވެރިން ހިޔާރުކުރަނީ ނާޑުވާ ނުލައްވާ ފަސޭހައިން އަރާލެވޭ ބޫޓު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސްކޫލް ބޫޓުގެ ގޮތުގައި ގިނަ ފިހާރަތަކުގައި ވިއްކަން ހުންނަނީ ކޮޅަށް އޫކޮށް ހުންނަ ބޫޓެވެ. މިކަހަލަ ބޫޓަކީ ކުދިންގެ ފަޔަށް ފަސޭހަ އެއްޗަކަށް ނުވެދާނެ އެވެ. އަދި ވަގުތު ސަލާމަތްކުރުމަށާއި އުމުރު ހަގު ކުދިން އަމިއްލައަށް ބޫޓަށް އަރައި ބާލަން ފަސޭހަކޮށްދިނުމަށް ގިނަ ބެލެނިވެރިން ބޭނުންވަނީ ނާޑުވާ ނުލައްވާ ގޮތަށް ހުންނަ ބޫޓެވެ. ނަމަވެސް މިފަދަ ބޫޓުގެ ބޭނުންވާ ސައިޒު ހޯދަން ދަތިވެދާނެ އެވެ. 

ސްކޫލް ހުޅުވެން ގާތްވެފައިވާ އިރު އެކްޓިވިޓީ ޔުނީފޯމް ނުލިބުމަކީ އެންމެ ބޮޑު ޝަކުވާ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކުރިޔާ އަޅާ ބަލާއިރު ވިޔަފާރިކުރުމުގައި އިންތިހާ އަށް ފަސޭހަ އަދި ވަގުުތު ސަލާމާތްވާ ގޮތްތައް ވެސް ބައެއް ވިޔަފާރިވެރިން ގެންގުޅެ އެވެ. ފޮތްބައި ގަންނަން ދިޔުމުން ލިސްޓުގައި އަގުޖަހައި އެ ވަގުތު ފޮތްތައް ކޮތަޅަށް އެޅުމުގެ ބަދަލުގައި ވިޔަފާރިވެރިން ހުންނަނީ ކަރުދާސް ފޮށީގައި ފޮތްތައް ބަންދުކޮށްފަ އެވެ. ފޮތްތަކުގައި ލައްވާނެ ސެލޯފޭނާއި ޓޭޕް ރޯލު ވެސް އެ ފޮށީގައި އޮވެ އެވެ.

ރަސްމީ ޔުނިފޯމް ފަސޭހައިން ލިބެން ހުރޭ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ސްކޫލް ހުޅުވެން ކައިރިވެފައިވާ މި ދުވަސްވަރު މަޖީދީމަގުގެ ފިހާރަތަކަށް ބާރު ބޮޑު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޔުނިފޯމް ވިއްކާ މީހުން އެކި ސައިޒަށް ޔުނީފޯމް ގަމީސް ފަހާފައި ހުރެ އެވެ. ދަރިފުޅު ގަޔަށް އެ ހެޔޮވަރިއްޔާ އަދި އެ ބޭނުންމިއްޔާ ގަންނަންވީ އެވެ. ނޫނީ ފޮތި ގަނެގެން މިން ނަގައިގެން ފަހަންވީ އެވެ. 

ސްކޫލް ޝޮޕިންގައި އެއް ބަޔަކު ގެންގުޅޭ ވިސްނުމަކީ ޗުއްޓީގައި ރަށްރަަށަށް ނުވަތަ ރާއްޖެއިން ބޭރަށް ދާ މީހުން އެނބުރި މާލެ އަންނަންވާ އިރަށް ތަކެތި ހޯދާ ނިންމާލުމެވެ. އޭރުން ފަހު ވަގުތު ތެޅިގަންނާކަށް ނުޖެހެ އެވެ. އެކަމަކު އެކްޓިވިޓީ ޔުނިފޯމަކީ ގިނަ ފަހަރު އެ ގޮތަށް ދުރާލާ ލިބޭ އެއްޗަކަށް ނުވެ އެވެ. ވަގުތު އޮއްވާ ބާޒާރުކުރާ ބެލެނިވެރިންނަށް ވެސް ޖެހެނީ ވިއްކަން ފިހާރައަށް ލަންދެން ނުވަތަ ބޭނުންވާ ސައިޒު ލިބެންދެން މަޑުކުރާށެވެ. އެހެންވެ ކޮންމެ އަހަރަކު ވެސް އެކަން ބޮލުގެރިހުމަކަށް ވަނީ އެވެ.

ކޮމެންޓް (1)

ބެލެނިވެރިޔާ

4 އޯގަސްޓު 2022
ރަސްމީ ޔުނިފޯމުގެ ފޮތިވެސް ގަންނަން ނުލިބޭ… ކުރިން ބޭނުންކުރި ހުދު ފޮތިން ޔުނިފޯމު ފަހަންވީ …
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް