Majlis 2024

11 ސެޕްޓެމްބަރު 2001 ވީ އަންގާރަ ދުވަހު މަތިންދާބޯޓު ބޭނުންކޮށްގެން އަލްގާއިދާއިން އެމެރިކާއަށް ދިން ހަމަލާގައި ޓުވިން ޓަވަރު އަނދަނީ.

ހަނގުރާމަތަކުގައި މީޑިއާއިން ބަލަނީ ސަރުކާރުގެ އެޖެންޑާއަށް

9/11 އިން ފެނުނީ އެމެރިކާގެ ނޫސްތަކުން ސަރުކާރާއި އަސްކަރިއްޔާގެ އެކު ތިބިތަން. އަފްޣާނިސްތާނާއި އިރާގު ހަނގުރާމައިގެ ކުރީކޮޅު އެމެރިކާގެ ގިނަ މީޑިއާތައް ދިޔައީ ހަނގުރާމައަށް ތާއީދު ކުރަމުން.
11 ސެޕްޓެމްބަރު 2021

ސެޕްޓެމްބަރު 11 ވީ އަންގާރަ ދުވަހު މާލޭ ގަޑިން ހަވީރު 5 ޖަހާ އެހާކަށްހާއިރު އަހަރެން ހުރީ "ހަވީރު" ނޫހުގެ ނިއުސް ރޫމްގަ އެވެ. އޭއެޕީ ނިއުސް އޭޖެންސީ އިން ރަނގަބީލު އަޅާފައި އައީ ދެތިން ލަފުޒުގެ 'ފްލޭޝް' އެކެވެ. ވަރަށް ބޮޑު ހާދިސާއެއް ހިނގައިފި ނަމަ، ނޫސް އޭޖެންސީތަކުން ފުރިހަމަ ހަބަރެއް ލިޔުމުގެ ބަދަލުގައި ފަސް ވަރަކަށް ލަފުޒުގެ މެސެޖެއް 'ފްލޭޝް' ނުވަތަ 'އާޖެންޓް' ނުވަތަ 'އެލާޓް" ގެ ދަށުގައި ލިޔެފައި ފޮނުވާލަ އެވެ. ފްލޭޝް އަކީ މީގެ އެންމެ މަތީ ލެވެލް އެވެ. އޭއެފްޕީގެ ފްލޭޝް އަކީ މަތިންދާބޯޓެއް ނިއު ޔޯކްގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ ޓަވަރެއްގައި ޖެހިއްޖެ އެވެ.

މި ބްރޭކިން ނިއުސްގެ ވާހަކަ ނިއުސްރޫމްގައި އެންމެންނާ ފުރަތަމަ ހިއްސާކުރީ ހަނދާންވާ ގޮތުން "ހަވީރު"ގެ ބޭރު ހަބަރާ ބެހޭ އެޑިޓަރު އިމާދު ލަތީފެވެ. އެންމެ ފުރަތަ ހީކުރެވުނީ އެއީ ކޮންމެވެސް ކުޑަ މަތިންދާބޯޓެއް، ނިއު ޔޯކް ބަލަން ބޭނުންވާ މީހުން ގޮވައިގެން އުދުހެނިކޮށް، ޓަވަރުގައި ޖެހުނީ ކަމަށެވެ. އެހާ ބޮޑު ސީރިއަސް ކަމެއްކަމަށް ހިތަކަށް ނާރަ އެވެ. ނަމަވެސް ވަގުތުން ނިއުސް ރޫމްގައި ހުރި ޓީވީ ހުޅުވީ އެވެ. އިތުރު ތަފްސީލެއް ލިބޭތޯ ބެލުމަށެވެ. އެއިރު ފޮކްސް ނިއުސް އިން ލައިވްކޮށް ޓްވިން ޓަވަރުން ދުން އަރަމުންދާތަން ދައްކަމުން ދިޔަ އެވެ. އިތުރު މައުލޫމާތެއް ނުލިބެ އެވެ. ބުނަނީ މަތިންދާބޯޓެއް ޖެހުނީ ކަމަށެވެ. އެއީ ކިހާވަރެއްގެ ބޯޓެއްކަމެއް ޔަގީނެއް ނުކުރެވެ އެވެ. މާ ގިނައިރުތަކެއް ނުވަނީސް ކުއްލިއަކަށް ފެނުނީ ބޮއިން 767 ގެ މަތިންދާބޯޓެއް (ޔުނައިޓެޑް އެއާލައިންގެ ފްލައިޓް 175) ޓްވިން ޓަވަރުގައި ޖެހުނު ތަނެވެ. އެއިރު 6:03 އެވެ.

މިއީ އެންމެންނަށް ވެސް ލިބުނު ސިހުމެކެވެ. އެމެރިކާ އާއި ދުނިޔޭގެ މީޑިއާތަކުން އެމެރިކާއަށް ދިން މި ހަމަލާތައް ވަގުތުން ކަވަރުކުރަމުން ދާން ފެށި އެވެ. މި ހާދިސާތަކުގެ ތަފްސީލު ލިބެމުން ދިޔަވަރަކަށް ނޫސްތަކާއި ބްރޯޑްކާސްޓް މީޑިއާގެ އެޖެންޑާ ބަދަލުވާން ފެށި އެވެ. ހާއްސަކޮށް އެމެރިކާގަ އެވެ. ބޮޑެތި ނޫސްތަކުން ޚާއްސަ އަދަދުތައް ނެރެން ފެށި އެވެ. ތަފާތު އެޑިޝަންތައް ޗާޕްކުރަމުން ދިޔަ އެވެ. "އެމެރިކާއަށް ހަމަލާ ދީފި"، "އެމެރިކާގެ އެންމެ އަނދިރި ދުވަސް" ފަދަ ސުރުޚީތައް ބޭނުންކުރި އެވެ.

11/9 ހަމަލާގެ ހަބަރު އެމެރިކާގެ ބައެއް ނޫސްތަކުގެ ބޭރުގަނޑުން.

އެމެރިކާގެ މީޑިއާތަކުން ފެންނަން ފެށީ އެމެރިކާއަށް ކުއްލި ހަމަލާއެއް ބަޔަކު ނުވަތަ ގައުމަކުން ދިނުމުން (މިސާލަކަށް ދެވަނަ ބޮޑު ހަނގުރާމާގައި ޖަޕާނުން ޕާލް ހާބަރަށް 7 ޑިސެމްބަރު 1941 ގައި ބޮންއެޅުން) މީޑިއާތަކުން އެ ހާދިސާތައް ފުރަތަމަކޮޅު ކަވަރުކޮށްފައިވާ ގޮތަށް ރިޕޯޓް ކުރަން ފެށި ތަނެވެ. މާ ގިނަ ސުވާލުތަކެއް އުފެއްދުމެއް ނެތި ސަރުކާރާއި އަސްކަރީ އޮފިޝަލުންގެ ފަރާތުން އަންނަ ވާހަކަތައް އެއީ އެންމެ މުހިންމު ސޯސްތައް ކަމަށް ދެކުމެވެ. ނަތީޖާއަކަށް ވީ އިތުރު ވިސްނުމަކަށް ނުގޮސް ސަރުކާރުގެ އެޖެންޑާ އިސްކުރުމެވެ. ވަކި ގޮަތަކަށް މި ޓެރަރިސްޓް ހަމަލާ އެމެރިކާގެ ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ހުށަހަޅަން ސަރުކާރަށާއި އަސްކަރިްޔާ އަށް ފުރުސަތު ދިނުމެވެ.

ވަކި އެޖެންޑާއެއް އަދި ވަކިގޮަތަކަށް ހާދިސާ ހުށަހެޅުން

ދިރާސާތަކުން ދައްކާ ގޮތުގައި އެމެރިކާގެ މަސްލަހަތު ހިމެނޭ ހަނގުރާމަ، ޓެރަރިޒަމް ފަދަ ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތަކުގައި އެމެރިކާގެ މީޑިއާތަކުން ފުރަތަމަކޮޅު ސަރުކާރު ނުވަތަ އަސްކަރިއްޔާ ބޭނުން ގޮތަކަށް ކަވަރުކޮށް ދެ އެވެ. އަފްޣާނިސްތާނާއި އިރާގަށް ހަމަލާދިނުމުގައި ސަރުކާރުގެ އެޖެންޑާއަށް އާންމުންގެ ތާއީދު ހޯދުމުގައި އެހީތެރިވެ ދިނީ މީޑިއާ އެވެ. އަލްގައިދާގެ އިސް ވެރިން ހޯދުމަށާއި ތާލިބާނުންގެ ބާރު ނިމުމަކަށް ގެނައުމަށް އޮކްޓޯބަރު 2001 ގައި އެމެރިކާއިން ފެށި ހަނގުރާމާގައި އެމެރިކާގެ މީޑިއާތަކުން އާންމުންނަށް ލިބުނު ގެއްލުމުގެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އޭގެ ބަދަލުގައި ބޮޑަށް ސަމާލުކަން ދިނީ އެމެރިކާގެ މޮޅު ހަތިޔާރުން ސީދާ ދުޝްމަނުން ތިބޭ ތަންތަނަށް ހަމަލާ ދެމުންދިޔަ ވާހަކަ އެވެ. ޕެންޓަގަން އިން ބޭއްވި ޕްރެސް ބްރީފިންތަކުގައި ހާމަކުރި މިސައިލް އާއި ބޮމުގެ ހަމަލާތަކުގެ ވީޑިއޯއިން ފެންނަނީ "ސާޖިކަލް ސްޓްރައިކް" ކަމަށް ފްރޭމް ކުރަމުންދިޔައެވެ. މިފަދަ ހަމަލާތަކުން އާންމުންނަށް ނުރައްކަލެއް ނެތް ކަމަށް ނޫސްތަކުގައި ލިޔަމުން ދިޔަ އެވެ.

11/9 ހަމަލާގެ ޚަބަރު އެމެރިކާގެ ބައެއް ޓީވީ ޗެނެލްތަކުން ވަގުތުން ދައްކަމުން ދިޔައިރު ނަގާފައިވާ ދެ ފޮޓޯއެއް.

އާންމުންގެ ތާއީދު ބޮޑުކުރުމުގެ ގޮތުން ޕެންޓަގަން އިން ހަނގުރާމަ ކަވަރުކުރުމުގައި ނޫސްވެރިންނަށް ނުފޫޒް ފޯރުވަން ބޭނުންކުރާ އެއް އުކުޅަކީ ނޫސްވެރިން ސިފައިންނާ އެކު 'އެމްބެޑް' ކުރުމެވެ. މި ނިޒާމުގެ ދަށުން ސިފައިން ދާނީ ނޫސްވެރިންގެ މަސައްކަތަށް ފާރަލަމުންނެވެ. އަދި އަސްކަރިއްޔާއިން ބޭނުންވާ ބަޔަކާ ބައްދަލުކުރެވޭ ގޮތަށް ހަމަޖައްސަމުންނެވެ. މި އުކުޅު ގްރެނާޑާ (1983)، ޕެނަމާ (1989)، އަފްޣާނިސްތާން (2001) އަދި އިރާގުގައި (2003) ބޭނުންކުރި އެވެ. ދިރާސާތައް ދައްކާ ގޮތުން، މިފަދަ ހާލަތްތަކުގައި، މީޑިއާތަކުގެ ހަބަރުތަކުގައި އެންމެ ގިނައިން ބޭނުންކުރަނީ ސަރުކާރު ނުވަތަ އަސްކަރީ އޮފިޝަލުންގެ ފަރާތުން ލިބޭ މައުލޫމާތެވެ. އިރާގު ހަނގުރާމާގައި އަސްކަރީ އޮފިޝަލުން ފެތުރި ދޮގު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ވެސް އެމެރިކާގެ މީޑިއާތަކުން ހަބަރު ފަތުރި އެވެ. މިސާލަކަށް އެމެރިކާގެ އަންހެން ސިފައިންގެ މީހެއް ކަމަށް ވާ ޕްރައިވެޓް ޖެސިކާ ލިންޗް ސަލާމަތް ކުރުމަށް ސްޕެޝަލް ފޯސަސް އިން ވަރުގަދަ އޮޕަރޭޝަނެއް ހިންގި ކަމަށާއި، ޖެސިކާ ވެސް ދުޝްމަނުންނާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަކުރިކަމެވެ. ވޮޝިންޓަން ޕޯސްޓް ފަދަ ނޫސްތަކުން މި ހަބަރު އެންމެ ބޮޑު ޚަބަރެއްގެ ގޮތުގައި އޭޕްރިލް 3، 2003 ގައި ޝާއިއުކުރި އެވެ. އޭގެ މަހެއްހާ ދުވަސް ފަހުން އެއީ ތެދު ވާހަކަތަކެއް ނޫންކަން އެނގުމުން ވޮޝިންޓަން ޕޯސްޓުން ވަނީ މައާފަށް އެދިފަ އެވެ.

ހަގީގަތަކީ ޖެސިކާ ލިންޗަށް އިރާގުގެ ހޮސްޕިޓަލެއްގައި ފަރުވާދީ އަދި އޭނާ އެމެރިކާ ސިފައިންނާ ހަވާލުކުރަން އިރާގު ޑޮކްޓަރުން މަސައްކަތް ކުރިކަމެވެ. ހަގީގަތް ހާމަވުމުން މިއީ ހަނގުރާމައިގެ ކިލަނބުކަމުގެ ތެރޭގައި ދިމާވި ކަމެއްކަމަށް ސަރުކާރާއި މީޑިއާތަކުން ވެސް ނިންމީ އެވެ.

އިރާގުގައި ނުރައްކާތެރި ކެމިކަލް ހަތިރާ ހުރިކަމަށް ބުނެ އެމެރިކާ ސަރުކާރުން ދައްކަމުން ދިޔަ ވާހަކަތައް ވެސް އާންމުންނަށް "ވިއްކައިދިނީ" މީޑިއާއިންނެވެ. އިރާގަށް ހަމަލާދިނުމަށް އާންމުންނާއި ދުނިޔޭގެ ތާއީދު ހޯދުމުގެ ގޮތުން އެމެރިކާގެ ޚަރިޖީ ވަޒީރު ކޮލިން ޕަވަލްސް ފެބްރުއަރީ 2003 ގައި އިރާގުގައި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ވިދާޅުވި ވާހަކަތަކާ އެކު ހަނގުރާމައަށް ތާއީދުކޮށް ގިނަ ނޫސްތަކުން ޚަބަރުތައް ފަތުރި އެވެ. ސުވާލެއް، ބަހުސެއް ކުރުމެއް ނެތި އެވެ. މިއީ 11/9ގެ ހާދިސާއާ ގުޅުވައިގެން އައި މައްސަލައަކަށް ވުމާ އެކު އާންމުންގެ ތާއީދު އޮތީ ސަރުކާރާ އެއްކޮޅަށް ކަމަށްވު މާ އެކު އެގޮތަށް މީޑިއާތަކުން ނިންމީ އެވެ. މިއީ ރަނގަޅު ނިންމުމެއް ނޫންކަން އެނގެނީ މާ ފަހުންނެވެ. ނިއު ޔޯކް ޓައިމްސްގެ އެޑިޓޯރިއަލް ބޯޑުން މޭ 2004 ގައި ނެރުނު ބަޔާނެއްގައި އެ ނޫހުން އިރާގުގެ މައްސަލަ ކަވަރުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް އެއްބަސްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް