ދިރާސީ އާ އަހަރު 7 އޮގަސްޓް 2022 ވަނަ ދުވަހު ފެށުމާ ގުޅިގެން ދަރިވަރުން ސްކޫލަށް ހާޒިރުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކުޑަކުދިން

ޓިއުޝަން ފީ: ވަކި ހާލަތެއްގައި ބައްޕަގެ އަތުން ނެގިދާނެ ހަރަދެއް

ކުއްޖާ ޓިއުޝަން ނަގަން މަޖުބޫރުވާ ހާއްސަ ހާލަތެއް އޮތް ކަމާއި ބައްޕަގެ ތަނަވަސްކަން ހުރިކަން ކޯޓުގައި ސާބިތުކޮށްދޭން ޖެހޭނެ

ބައްޕައިން ދަރިންނަށް ކޮންމެ މަހަކު ދޭން ޖެހޭ 2،000ރ. ގެ އިތުރުން ވެސް ވަކި ކަހަލަ ހަރަދުތަކެއް ދިނުން ގާނޫނާއި ގަވާއިދު ލާޒިމްކުރެ އެވެ. ނުދޭ ނަމަ ކޯޓު މެދުވެރިކޮށް ހަރަދު ހޯދަން ދައުވާކުރެވިދާނެ އެވެ. އަދި، ހައި ކޯޓުން މިދިޔަ ބުދަދުވަހު ހުކުމްކުރި ގޮތުގައި، ދެ ކަމެއް ފުރިހަމަވާ ނަމަ ޓިއުޝަން ފީއަކީ ވެސް އެފަދައިން ކޯޓުން ނަގައިދެވިދާނެ ހަރަދެކެވެ.

ހައި ކޯޓުން އެ ގޮތަށް ނިންމީ، ތިން ދަރިންނަށް ފަސް މާއްދާއަކުން ޓިއުޝަން ނަގައިދިނުމަށް އެއް އަހަރު ތެރޭ އަންހެނަކު ހަރަދުކުރި 56،000ރ. އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އެ ކުދިންގެ ބައްޕަގެ އަތުން ހޯދައިދިނުމަށް އެދުނު މައްސަލައެއްގަ އެވެ.

ފެމިލީ ކޯޓުގައި ނާކާމިޔާބުވި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަމުން އަންހެންމީހާ ބުނެފައިވަނީ ދަށު ކޯޓުގެ ހުކުމުގެ ސަބަބުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ތައުލީމުގެ ގާނޫނުގެ ދަށުން، އޭނާގެ ދަރިންނަށް ލިބިގެންވާ އުނގެނުމުގެ ހައްގަށް އުނިކަން ލިބިފައިވާ ކަމަށެވެ. ހައި ކޯޓުން ވެސް އެ މައްސަލަ ނިންމީ ފިރިހެންމީހާއާ އެއްކޮޅަށެވެ. ނަމަވެސް އެއާ އެކުއެކީގައި ފަނޑިޔާރުން ކަނޑައެޅުއްވި ގޮތުގައި، ކުއްޖާ ކޮންމެހެން ޓިއުޝަން ނަގަން ޖެހޭ ޒަރޫރީ ހާލަތެއް އޮވެފައި، ބައްޕައަކީ އެކަމަށް ބޭނުންވާ ފީ ދެއްކޭ ފަދަ ތަނަވަސް މީހެއްކަން ކޯޓަށް ސާބިތުކޮށްދީފި ނަމަ އޭނާގެ އަތުން ޓިއުޝަން ފީ ނަގައިދެވިދާނެ އެވެ.

3، ކުދިން، 5 މާއްދާ، 56،500 ރުފިޔާ

ހައި ކޯޓުގެ ހުކުމުން އެނގޭގޮތުގައި ފިރިހެންމީހާއަކީ އާއިލާއާ ބެހޭ ގާނޫނުގެ ދަށުން އަސާސީ ހަރަދުގެ ގޮތުގައި ކޮންމެ ކުއްޖަކަށް މަހަކު ދޭން ޖެހޭ 2،000ރ. ވެސް ގަވާއިދުން ނުދޭ މީހެކެވެ. ތިން ކުދިންނަށް އުމުރުން 16 އަހަރު ފުރެންދެން މަހަކު ޖުމްލަ 6،000ރ. ދިނުމަށް ފިރިހެންމީހާގެ މައްޗަށް 2013ގައި ފެމިލީ ކޯޓުން އަމުރުކޮށްފައިވެ އެވެ. ނަމަވެސް، ހައި ކޯޓުގެ ހުކުމުގައި ބުނިގޮތުގައި، އޭނާ އެ ފައިސާ ގަވާއިދުން ކޯޓަށް ދައްކަމުން ނުދާކަން ދެ ފަރާތުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އަންހެންމީހާ ފެމިލީ ކޯޓުގައި ދައުވާކުރީ ކުދިންނަށް ކުރި އެހެނިހެން ހަރަދުތަކަކަށް ފައިސާ ހޯދުމަށެވެ. އަދި އޭނާ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އިރު އެދިފައިވަނީ އޭގެ ތެރޭގައި ހިމެނޭ ޓިއުޝަން ފީގެ ހަރަދުތައް ނަގައިދިނުމަށެވެ.

ފަސްމަންޒަރު 

  • 24 ނޮވެމްބަރު 2019 - މާލޭގެ ރަށްވެހިން ކަމަށްވާ މި ދެ މީހުންގެ ކައިވެންޏަށް ލިބިފައިވާ ތިން ދަރިންގެ އެހެނިހެން ހަރަދުތަކުގެ ގޮތުގައި އަންހެންމީހާ ހޭދަކޮށްފައިވާ 76،000 އަށް ވުރެ ގިނަ ރުފިޔާ ކުދިންގެ ބައްޕަގެ އަތުން ހޯދުމަށް އަންހެންމީހާ ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅި

  • 26 ނޮވެމްބަރު 2020 - އެ ހަރަދުތައް ދެއްކުމަށް ފިރިހެންމީހާގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށް ފެމިލީ ކޯޓުން ހުކުމްކުރި

  • 10 މާޗު 2021 - ހަރަދުތަކުގެ ތެރެއިން ޓިއުޝަން ފީގެ ގޮތުގައި ހޭދަވި 56،500ރ. ފިރިހެންމީހާގެ އަތުން ނަގައިދިނުމަށް އެދި އަންހެންމީހާ ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީކުރި

  • 10 އޮގަސްޓް 2022 - ހައި ކޯޓުން ހުކުމް ކުރި

  • ހައި ކޯޓުގައި އަންހެންމީހާ އެދިފައިވަނީ ޓިއުޝަނަށް 2019 ވަނަ އަހަރު ކުރި ހަރަދުތަކަކަށް ފައިސާ ހޯދުމަށް

  • ޓިއުޝަން ނެގި މާއްދާތައް - އާޓް، އިނގިރޭސި، ގުރުއާން، ހިސާބު އަދި ދިވެހި

  • ފިިރިހެންމީހާ ކޯޓުގައި ބުނެފައި ވަނީ ހޯދަން ހުށަހެޅި ހަރަދުތައް ކުރީ އޭނާއާ މަޝްވަރާ ނުކޮށް ކަމަށާއި އެ ހަރަދުތައް ދެވެން ނެތް ކަމަށް

އިސްތިއުނާފުގައި އަންހެންމީހާގެ ފަރާތުން ބުނިގޮތުގައި ޓިއުޝަން ފީގެ ހަރަދުތައް ދެވެން ނެތް ކަމަށް ކުދިންގެ ބައްޕަ ބުނި ބުނުމެއްގެ މައްޗަށް އެކަނި ބަލައި ފެމިލީ ކޯޓުން ހުކުމް ކުރީ އޭނާގެ ތަނަވަސްކަން މަދަނީ މިންގަނޑުން ވަޒަންކުރުމެއް ނެތި ކަމަށް ވާތީ އެއީ ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލަކާ ހިލާފަށް އާބިޓްރަރީކޮށް ކުރި އިންސާފުވެރި ނޫން ހުކުމެކެވެ. އަންހެން މީހާ އަދި ބުނީ ޓިއުޝަން ފީގެ ހަރަދުތައް ކުރީ ކުދިންގެ ބައްޕައާ މަޝްވަރާކުރުމެއް ނެތި ކަމަށް ގާޒީ ކަނޑައެޅީ، ހަމައެކަނި ފިރިހެންމީހާ ބުނި ބުނުމުގެ މައްޗަށް ބިނާކޮށް، އަންހެންމީހާގެ ފަރާތުން ހުށަހެޅި ނުކުތާއަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ.

ނަމަވެސް ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރެއްވީ ފެމިލީ ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.

ގުޅުން ހުރި ކަމެއް - ކުދިންނަށް ކިޔަވައިދިނުމުގެ ހަރަދުގެ ބުރަ ހަމައެކަނި އަންހެންމީހާ އުފުލަން ޖެހުމަކީ ޖެންޑާ އީކުއަލިޓީ ގާނޫނުގައި ބަޔާންކުރާ ތަފާތުކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެ ހުކުމުގެ ސަބަބުން އޭނާއާ މެދު ތަފާތުކުރެވިފައިވާ ކަމަށް ވެސް އަންހެންމީހާ ހައި ކޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ކޯޓުން ނިންމީ އެ ހުކުމުގެ ސަބަބުން އޭނާއާ މެދު ތަފާތުކުރެވިފައިވާ ކަމަށް ބަލާނެ ހަމައެއް ނެތް ކަމަށެވެ.

ޒަރޫރީ ހާލަތެއް އޮތް ކަމެއް އެނގޭކަށް ނެތް

ދަރިންނަށް ކޮންމެ މަހަކު އަސާސީގޮތުން ކުރަން ޖެހޭ ހަރަދުގެ އިތުރުން ކުރަން ޖެހޭ ހަރަދުގެ ގޮތުގައި އާއިލާއާ ބެހޭ ގަވާއިދުގެ 66 ވަނަ މާއްދާފައި ބަޔާންކޮށްފައިވާ ތަކެތި ނުވަތަ އެ ތަކެތީގެ ހަރަދު ދިނުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް އާއިލާއާ ބެހޭ ގާނޫނުން ލާޒިމްކުރެ އެވެ. މި މައްސަލައިގެ އިސްތިއުނާފު މައިގަނޑުގޮތެއްގައި ބިނާވެފައި އޮތީ އަންހެންމީހާ ހޯދަން އެދުނު ހަރަދުތަކަކީ އެ މާއްދާގައި ހިމެނޭ ހަރަދުތަކެއް ނޫން ކަމަށް ފެމިލީ ކޯޓުން ކަނޑައަޅާފައިވުމުގެ މައްޗަށެވެ.

އެހެނިހެން ހަރަދުތަކުގެ ތެރޭގައި ކިޔަވައިދިނުމުގެ ހަރަދު ހިމެނޭކަން އެ މާއްދާގެ ށ އިން އެނގެ އެވެ. ނަމަވެސް ކިޔަވައިދިނުމުގެ ހަރަދުގެ ތެރޭގައި ހިމަނާފައި ވަނީ އަހަރަކު ދެ ޔުނިފޯމާއި އެއް ބޫޓާއި އަހަރަކު އެއް ފަހަރު ފޮތް ލިސްޓު ނުވަތަ ސްކޫލަށް ހޯދަންޖެހޭ ފޮތް ފަދަ ތަކެއްޗެވެ. އެ މާއްދާގައި ބަޔާންކޮށްފައި ހުރި އިތުރު ހަރަދުތަކުގެ ތެރޭގައި ޓިއުޝަން ފީއެއް ނުހިމެނެ އެވެ.

އަންހެންމީހާގެ ފަރާތުން ހައި ކޯޓުގައި ފާހަގަކުރިގޮތުގައި އާއިލާއާ ބެހޭ ގަވާއިދަކީ 2008ގައި އަމަލުކުރަން ފެށި މިހާރުގެ ގާނޫނުއަސާސީގެ ދަށުން އުނގެނުމުގެ ހައްގު ކަށަވަރުވުމުގެ ކުރިން 2001ގައި ވަޖޫދަށް އައި ގަވާއިދެކެވެ. އަދި އުނގެނުމުގެ ހައްގާ ގުޅޭގޮތުން އޭގެ ފަހުން ހާއްސަ ދެ ގާނޫނެއް ވެސް އައިސްފައިވެ އެވެ. އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ތައުލީމުގެ ގާނޫނެވެ. އަންހެންމީހާ ބުނެފައިވާގޮތުގައި މީގެ 21 އަހަރު ކުރީގެ އާއިލާއާ ބެހޭ ގަވާއިދުގައި ކިޔަވައިދިނުމުގެ ހަރަދު މާނަކޮށްފައި އޮތީ ޒަމާނަށް ނުފެތޭ އަދި އުނގެނުމުގެ ހައްގާ ގުޅޭގޮތުން ވަރަށް ފުޅާކޮށް ލިބިދީފައިވާ ހައްގުތަކަށް ނުފެތޭ ކަހަލަ ހަނި ދާއިރާއެއްގެ ތެރޭގަ އެވެ.

ނަމަވެސް ހުކުމުގައި ބުނީ ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ތައުލީމުގެ ގާނޫނުގެ ދަށުން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގަށް ފެމިލީ ކޯޓުގެ މި ނިންމުމުގެ ސަބަބުން އުނިކަން އަންނާނެ ކަމަށް ނުވަތަ އެ ހައްގު ހަނިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުން ހުކުމުގައި ވިދާޅުވީ ޓިއުޝަން ފީގެ ގޮތުގައި ހޯދުމަށް އަންހެންމީހާ އެދުނު ހަރަދަކީ އާއިލާއާ ބެހޭ ގަވާއިދުގެ 66 ވަނަ މާއްދާގައި ބުނާ ފަދަ ކިޔެވުމުގެ ހަރަދު ނޫން ކަމަށާއި އެ ހަރަދު ނަގައިދެވެން ނެތް ކަމަށް ފެމިލީ ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އަންހެންމީހާ ޓިއުޝަން ފީގެ ގޮތުގައި ހަރަދުކުރުމަށް ފަހު ހުށަހަޅާފައިވާ ބިލުތަކުގައިވާ ފައިސާ އިތުރު ހަރަދުގެ ގޮތުގައި ނަގައިނުދޭން ދަށު ކޯޓުން ނިންމި ނިންމުން ބިނާކުރީ އެ ހަރަދު އާއިލާއާ ބެހޭ ގަވާއިދުގެ 66 ވަނަ މާއްދާގައި ބުނާ ހަރަދުގެ ތެރޭގައި ނުހިމެނޭ ކަމުގެ މައްޗަށް އެކަންޏެއް ނޫންކަން ވެސް ކޯޓުން ފާހަގަކުރި އެވެ. ހައި ކޯޓުގެ ހުކުމުގައި ބުނިގޮތުގައި އެ ހަރަދުތައް ކުރުމުގައި ކުދިންގެ ބައްޕައަށް އާމްދަނީ ލިބޭ މިންވަރު ބަލާފައި ނުވުމާއި އެ ހަރަދުތައް ކުރުމުގެ ކުރިން ކުދިންގެ ބައްޕައާ މަޝްވަރާކޮށްފައި ނުވާ ކަމަށް ކުދިންގެ ބައްޕަގެ ފަރާތުން ބުނެފައިވުމުގެ މައްޗަށް ވެސް ފެމިލީ ކޯޓުން ރިއާޔަތްކޮށްފައިވެ އެވެ.

"އާއްމު އުސޫލަކުން ބަލާއިރު ދަރިންނަށް ހަރަދުކުރުމަކީ ބައްޕަގެ ޒިންމާގައިވާ ކަމެއް ކަމުގައިވީ ނަމަވެސް، ދަރިންގެ ހަރަދުގެ މައްސަލަތައް ފައިސަލާކުރުމުގައި، ހަރަދު ދޭން ޖެހޭ ކުއްޖާގެ ބައްޕަގެ އާމްދަނީ އާއި ތަނަވަސްކަމުގެ މައްޗަށް ރިއާޔަތްކުރެވެ އެވެ،" ހުކުމުގައިވެ އެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން ޝަފީއު ބެއްލެވި މައްސަލައިގެ ހުކުމުގައި ފާހަގަކުރި ގޮތުގައި:

  • ކުދިންގެ ޓިއުޝަނަށް އަންހެންމީހާ ހަރަދުކުރީ ކުދިންގެ ހާލަތާ ގުޅޭގޮތުން ފިރިހެންމީހާއާ މަޝްވަރާކޮށްގެންކަން އެނގޭކަށް ނެތް

  • ކުދިންގެ ބައްޕަ އެއް މަހުގެ ޓިއުޝަން ފީ ދެއްކި ކަމަށާއި އެކަމާ މަޝްވަރާކުރި ކަމަށް އަންހެންމީހާ ބުނި ނަމަވެސް އެކަން ސާބިތުކޮށްދެވިފައެއް ނުވޭ

  • ކުދިންގެ މަންމަ މި ހަރަދުތައް ކުރުމުގައި ކުދިންގެ ބައްޕަގެ ތަނަވަސްކަން ހުރި ނެތް ގޮތުގެ މައްޗަށް ބަލާފައިވާކަން އެނގޭކަށް ނެތް. އަދި އެކަން ސާބިތުވާނެ ހުއްޖަތެއް އަންހެންމީހާ ކޯޓަށް ހުށަހަޅާފައެއް ވެސް ނުވޭ

  • ކުދިން ޓިއުޝަނަށް ފޮނުވަން ޖެހޭ ފަދަ ޒަރޫރީ ނުވަތަ ހާއްސަ ހާލަތެއް އޮތްކަން ނުވަތަ ނޫންކަން ވެސް އެނގޭކަށް ނެތް

ހައި ކޯޓުގެ ހުކުމުގައި ބުނިގޮތުގައި ގާނޫނުގައި ހަރަދު ދިނުމާ ގުޅޭގޮތުން ކަނޑައެޅިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކޯޓުތަކުން ހަރަދު ނަގައިދޭން ކަނޑައެޅޭނީ ހަރަދު ދޭ ފަރާތުން އެކަމަށް ރުހޭ ނަމަ އެވެ. ނުވަތަ ކުއްޖާގެ ހާއްސަ ހާލަތެއް އޮތް ކަމާއި އެފަދަ ހަރަދުތައް ކުރެވޭ ވަރުގެ ތަނަވަސް ފަރާތެއްކަން ސާބިތުވާ ނަމަ އެވެ.

"މި ކަންކަން މިފަދައިން ސާބިތުކޮށް ނުދެވޭ ނަމަ، ބައްޕަގެ ރުހުން ނެތި، އެ ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ކުދިންގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް ކަނޑައެޅިދާނެ ކަމަކަށް ނުފެނެ އެވެ،" ފަނޑިޔާރު ޝުއައިބު ލިޔުއްވައި ދެން ތިއްބެވި ދެ ފަނޑިޔާރުން ތާއީދުކުރެއްވި ރައުޔުގައިވެ އެވެ.

ނަމަވެސް އެއާއެކު ފަނޑިޔާރުން ވިދާޅުވީ ހަރަދު ނަގައިދިނުމުގައި މިހާރު އަމަކުރާ ގަވާއިދަކީ ޒަމާނަށް ނުފެތޭ ނުވަތަ ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ތައުލީމުގެ ގާނޫނުން ލިބިދޭ އުނގެނުމުގެ ހައްގަށް ހުރަސް އަޅާ ގޮތަށް އޮތް އެއްޗެއް ނަމަ އެއީ ކަމާބެހޭ އިދާރާތަކުން ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށެވެ.

ޓިއުޝަން ފީއަކީ ކިޔަވައިދިނުމުގެ ހަރަދު ކަމަށް ބެލިދާނެ ހާލަތު

އަންހެންމީހާގެ ދައުވާއާ މެދު ގޮތެއް ނިންމި އިރު ޓިއުޝަން ފީއާ މެދު ވެސް ވަކި ގޮތެއް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ފާހަގަކުރި އެއް ކަމަކީ މި މައްސަލައިގައި ހިމެނޭ ތިން ކުދިން ޓިއުޝަނަށް ފޮނުވަން ޖެހޭ ފަދަ ޒަރޫރީ ނުވަތަ ހާއްސަ ހާލަތެއް އޮތްކަން ނުވަތަ ނޫންކަން އެނގެން ނެތް ކަމެވެ. އެއާއެކު ކޯޓުން ނިންމީ އެފަދަ ހާލަތެއް އޮތްކަމާއި ބައްޕަގެ ތަނަވަސްކަން ހުރިކަން ސާބިތުކޮށްދީފި ނަމަ ހަރަދުގެ ގޮތުގައި ޓިއުޝަން ފީ ނަގައިދެވިދާނެ ކަމަށެވެ.

"ކުއްޖާގެ ކިޔެވުމުގެ ހާލަތަށް ރިއާޔަތްކުރެވި މަދަރުސާއިން ކިޔަވާ ކިޔެވުމުގެ އިތުރަށް ކުއްޖާއަށް ކިޔެވުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ހާލަތެއް އައިސްދާނެ އެވެ،" ހުކުމުގައިވެ އެވެ.

"ދެން އުފެދޭ ސުވާލަކީ ޓިއުޝަން ފީއަކީ ކިޔަވައިދިނުމުގެ ހަރަދުގެ ތެރޭގައި ހިމެނޭ ހަރަދެއްތޯ އެވެ؟"

ހައި ކޯޓުން ފާހަގަކުރި ގޮތުގައި އާއިލާއާ ބެހޭ ގަވާއިދުގައި ޓިއުޝަން ފީގެ ނަމުގައި ވަކި ހަރަދެއް ނަގައިދިނުމަށް ބަޔާންކޮށްފައެއް ނެތެވެ. ނަމަވެސް ކުއްޖާގެ ކިބައިގައި ހުރި ހާއްސަ ހާލަތެއްގެ ސަބަބުން، ޓިއުޝަނަށް ފޮނުވައިގެން ނުވަތަ ވަކި ކުލާހަކަށް ނުވަތަ ސެންޓަރަކަށް ނުވަތަ ވަކި ތަނަކަށް ފޮނުވައިގެން ނޫނީ، ކިޔަވައިދެވެން ނެތް ނަމަ އަދި އެއީ ޒަރޫރީ ހާލަތަކަށް ވެފައި އެކަން ކޯޓުގައި ސާބިތުކޮށްދެވިއްޖެ ނަމަ އެ ހަރަދު ކޯޓުން ނަގައިދެވިދާނެ ކަމަށް ހުކުމުގައި ބުންޏެވެ. ހައި ކޯޓުން ބުނިގޮތުގައި އާއިލާއާ ބެހޭ ގަވާއިދުގެ 65 ވަނަ މާއްދާގެ ށ އަށް ބަލާއިރު، އެ ގަވާއިދުގެ 65 ވަނަ މާއްދާގެ ހގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ހަރަދު ނަގައިދިނުމަށް ގަވާއިދު ތަންދޭކަން އެނގެން އެބައޮތެވެ.

އެހެންކަމުން "ޓިއުޝަނާއި އެ ނޫން ވެސް ގޮތްގޮތުން ކުއްޖާއަށް ތައުލީމު ދިނުމަށް ކުރެވޭ ހަރަދުތައް، ބައްޕަގެ ފުދުންތެރިކަމާއި ތަނަވަސްކަމުގެ މައްޗަށް ރިއާޔަތްކޮށް، ނަގައިދެވިދާނެ" ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް އެ ގޮތަށް ކަނޑައެޅޭނީ ވަކި ހާލަތެއްގައިކަން ވެސް ކަނޑައެޅި އެވެ. ހުކުމުގައި ބުނިގޮތުގައި އެފަދަ ހަރަދު ކޯޓުން ނަގައިދެވޭނީ ކުއްޖާގެ ބައްޕައަކީ އޭނާގެ އަމިއްލަ ނަފްސަށާއި އޭނާ ހަރަދުކުރަން ޖެހޭ އެހެން ކުދިން ނުވަތަ ބަޔަކު ތިބި ނަމަ "އެ މީހުންނަށް ކުރަން ޖެހޭ ހަރަދުތައް ކުރުމާ އެކު، އެފަދަ ހަރަދުތައް ކުރެވޭ ވަރުގެ ތަނަވަސްކަން ހުރި މީހަކު ކަމުގައި ސާބިތުވާ ހާލަތުގަ" އެވެ.

ކޮމެންޓް (2)

މަރިޔަމް

14 އޯގަސްޓު 2022
އަދިވެސް ގޯސް މިވަނީ އަންހެނުން. މައްސަލަޔަކީ ކޯޓުތަކުގަ ތިބޭ ޤާޒީން މައްސަލަ ބަލާގޮތާއި އެކަން ނިންމުމަށް ހުކުމް ކުރާ ގޮތް. 21 އަހަރު ވެފައިވާ ގަވާއިދެއްގެ މާއްދާއެއްގެ މައްޗައް އަދުގެ ޙާލަތު ބަދަލު ވެފައި ވަނިކޮން ހުކުމު ކުރުމުން ޓިއުޝަން ފީ ނުނަގާ ދިނީ. ދެން ބުނަނީ އެ ޓިއުޝަން އަކީ ބޭނުން އެއްޗެއް ނޫނޯ. ހަމަ އެކަނި ބައްޕަ ބުނާ ބުނުމަކަށް ހުކުމް ކޮށް ދިނީ.
1 0

ޢަބުޫ

14 އޯގަސްޓު 2022
ބައެއް މަންމައިން އުޅެނީ ވަރިވުމަށްފަހު ދަރިން ބެލުމުގެ ޤާނޫނީ ޒިއްމާ މައިންނަށް ލިބިފައި އޮތުމުން އޭގެ ނާޖާއިޒު ފައިދާނަގައިގެން ކުދިންގެ ބައްޕަގެ ހައިސިއްތެއް ކުދިންގާތު ނޯންނާނެ ހުރިހާގޮތެއް ބަލައި ކިތައްމެ ޙަރަދެއް ކުރިއަސް ކުރާކަން ކުދިނަނަށް އިޙްސާސް ނުވާނެ ގޮތަކަށް އުޅުން.. ރަނގަޅު ވަރަށް ގިނަ ބަފައިން ދަރިންނަށް ކުރަންޖެހޭ ޙަރަދުތައް ނުކޮށްތިބޭ، މީ ހިތާމަހުރިކަން ކަން.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް