Majlis 2024

ފަނޑިޔާރުން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން. (ފޮޓޯ/ މިހާރު)

ވަކި ކުރާ ފަނޑިޔާރުންނަށް 6 މަސް ވަންދެން ވަކީލުކަން ނުކުރެވޭ އިސްލާހު އަނބުރާ ކޮމިޓީއަށް

ވަކީލުކަމުގެ ހުއްދަ އަލުން ދިނުމާ މެެދު ގޮތެއް ނިންމުމުގެ ބާރު ކޮމިޓީން ދީފައި ވަނީ ބާ ކައުންސިލަށް

އަމިއްލައަށް ފަނޑިޔާރުކަމުން ވަކިވާ މީހުންނާއި ވަކިކުރާ ފަނޑިޔާރުންނަށް، އެ ތާރީހުން ފެށިގެން ހަ މަސް ވަންދެން ގަނޫނީ ވަކީލުކަން ނުކުރެވޭ ގޮތަށް ހަދަން ޖުޑީޝަރީ ކޮމިޓީން ފާސްކުރި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ނުވެ، މިއަދު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

އެނގުން މުހިންމު - ޖޫން 2019ގައި ތަސްދީގުކުރި ގާނޫނީ ފަންނުގެ ގާނޫނު މިހާރު އޮންނަ ގޮތުން ފަނޑިޔާރަކު މަގާމަށް އައްޔަންކުރުމާ އެކު އެ މީހެއްގެ ވަކީލު ކަމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓޭނެ އެވެ. އަދި ފަނޑިޔާރުކަމުން ވަކިވުމާ އެކު އަލުން އެ ހުއްދަ ދޭން ޖެހެ އެވެ.

ވީ ކިހިނެއް؟ - މަގާމާ އެކަށީގެން ނުވާ އަމަލެއްކޮށްގެން ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމާ ހާލަތުގައި، އެ މީހެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދައާ މެދު އަމަލު ކުރާނެ ހަރުކަށި އުސޫލުތަކެއް ބަޔާންކޮށް، ސަރުކާރުގެ ފާރާތުން ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ހުށަހެޅީ މިދިޔަ ޖޫން 1ގަ އެވެ. އޭގެ ހަ މަސް ފަހުން، މިއަދު މަޖިލީހުގެ މި އަހަރު ފަހު ޖަލްސާއަށް ބައެއް ބަދަލުތަކާ އެކު ޖުޑީޝަރީ ކޮމިޓީން ވަނީ ބިލު ފޮނުވާފަ އެވެ.

ތަފްސީލު - ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްނުވީ އެއާ ދެކޮޅަށް 49 މެންބަރުން ވޯޓު ދެއްވުމުންނެވެ. އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވާފައި ވަނީ އެ ބިލު ދިރާސާކުރި ޖުޑީޝަރީ ކޮމިޓީގެ ދެ މެންބަރުންނެވެ. އެއީ:

  • ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު މޫސާ ސިރާޖު 

  • ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން

ބިލު ފާސް ނުވުމުން، ދެން ވޯޓަށް އެހީ ކޮމިޓީއަށް އަނބުރާ ފޮނުވާލުމާ މެދު އެވެ. މި ބިލު ކޮމިޓީއަށް އަނބުރާ ފޮނުވާލީ 48 މެންބަރުންްގެ ވޯޓުންނެވެ. ބިލާ އެއްކޮޅަށް ވޯޓު ދެއްވި ސިރާޖާއި އަލީ ހުސައިން މި ވޯޓުގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.

ސަަރުކާރުން ބިލު ހުށަހެޅި އިރު ހުރި ބައެއް ހަރުކަށި އުސޫލުތައް ކޮމިޓީން ވަނީ ބަދަލުކޮށްފަ އެވެ. ސަރުކާރުން ބިލު ހުށަހެޅިއިރު، އިސްލާހުތަކުގައި ބުނެފައި ވަނީ:

  • ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމުން، އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހުން ނިންމައިފިނަމަ، އޭނާ ކުރި އަމަލަކީ ގާނޫނީ ވަކީލުކަމުގެ ސުލޫކާ ހިލާފު އަމަލެއް ކަމުގައި ބެލެވޭވެނެ؛ އެއާ އެކު، އޭނާއަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ  

  • މި ހާލަތުގައި އޭނާގެ ވަކީލުކަމުގެ ހުއްދަ ބާތިލުކޮށްފި ނަމަ، ދެން އެ މީހަކަށް ވަކީލުކަން ކުރެވޭނީ، އެ ތާރީހުން ފެށިގެން ފަސް އަހަރުދުވަސް ފަހުން އަދި އަލުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދަން ހުށަހަޅަން ޖެހޭ

  • މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުގައި، އެ މީހަކު ކުރި އަމަލަކީ، "ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ ބޮޑު އަމަލެއް" ކަމުގައި ވާނަމަ، އޭނާއަށް މުޅި އުމުރު ދުވަހަށް ރާއްޖޭގައި ވަކީލުކަމެއް ނުކުރެވޭނެ 

  • ޖޭއެސްސީން ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމާފައިވަނިކޮށް، އެ ފަނޑިޔާރަކު އިސްތިއުފާ ދެއްވިޔަސް އެ މީހެއްގެ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލުވާނެ

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ތެރެއިން (ފޮޓޯ/ މަޖިލިސް)

ކޮމިޓީން ނިންމާފައިވަނީ، އެ ހަރުކަށި އުސޫލުތައް އުނިކޮށް، ބައެއް ބަދަލުތައް ގެނައުމަށެވެ. އަދި އަލުން ހުއްދަ ދިނުމުގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށް، ގޮތެއް ނިންމުމުގެ ބާރު ދީފައި ވަނީ ވަކީލުންގެ ބެލެނިވެރި އިދާރާ، ބާ ކައުންސިލަށެވެ. އެގޮތުން، ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކުގައި ބުނެފައި ވަނީ:

  • މަގާމުން ވަކިކުރާ/ވަކިވާ ފަނޑިޔާރުންނަށް އެ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއއްގައި ވަކީކލެއްގެ ގޮތުގައި ނުދެވޭނެ ކަމަށް

  • ހުއްދަ ހިފެހެއްޓުން ނިމުމަކަށް ގެންނަން އެދޭ ވަކީލަކު، އެކަން ބަޔާންކޮށް ބާ ކައުންސިލަށް ހުށަހެޅިދާނެ

  • އެ ހުށަހެޅުމުގައި އެ މީހެއްގެ މައްޗަށް ޖޭއެސްސީން ނުވަތަ އެނޫންވެސް ތަހުގީގީ އިދާރާއަކުން މައްސަލައެއް ބަލަަމުންދިޔަނަމަ، އެ މައްސަލައެއްގެ ތަފްސީލާއި ވަކިކޮށްފައިވާ ފަނޑިޔާރެއްނަމަ، ވަކިކުރު މައްސަލައިގެ ތަފްސީލު ހުށަހަޅަން ވާނެ

  • އެ ހުށަހެޅުމާ އެކު އަލުން ވަކީލުކަމުގެ ހުއްދަ ބާ ކައުންސިލަށް ދެވިދާނެ؛ ނަމަވެސް ހުށަހެޅި ހުށަހެޅުންތަކަށް ބަލައި އޭނާ ވަކީލެއްގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކޮށްފައިވާ ކަމަށް ބާ ކައުންސިލަށް ސާބިތުވާ ނަމަ، ގާނޫނުގައިވާ ގޮތުގެ މަތިން އެ ގާނޫނީ ވަކީލަކާ މެދު ފިޔަވަޅު އެޅިދާނެ

މި އިސްލާހަށް އަމަލުކުރަން ފަށަން އޮތީ ރައީސް ބިލު ތަސްދީގުކުރައްވައި ގެޒެޓްގައި ޝާއިއުކުރައްވާ ދުވަހުން ފެށިގެންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި ބިލުގެ އިތުރުން، ޖުޑީޝަރީ ކޮމިޓީން ދިރާސާކުރި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް މިއަދުގެ ޖަލްސާގައި ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފަ އެވެ. އެ ކޮމިޓީގެ ގިނަ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނެވެ.

ކޮމެންޓް (1)

ހާމާނު

28 ނޮވެމްބަރު 2022
ފާސްކޮށް ނިމުނީމައި ދެން ކީއް ކުރަން ފޮނުވި އެއްޗެއް ތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް