ޑިއޭގޯ މަރަޑޯނާ.

ފުޓްބޯޅަ

މަރަޑޯނާ މަރުވި މައްސަލައިގެ ޝަރީއަތް ފަށަނީ

ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި އޭނާގެ އާއިލީ ޑޮކްޓަރު ހިމެނޭ

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ މަރުވި މައްސަލައިގައި، އިހުމާލުވިކަމުގެ ތުހުމަތު ކުރެވޭ ސިއްހީ 8 ހިދުމަތްތެރިއެއްގެ މައްޗަށް ޝަރީއަތް ފެށުމަށް އެ ގައުމުގެ ކޯޓަކުން ނިންމައިފި އެވެ.

ނޮވެމްބަރު 2020 ގައި މަރަޑޯނާ މަރުވީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމުން އެ ނަގަން ކުރި އޮޕަރޭޝަނަށް ފަހު ރިކަވާވަމުން އަންނަނިކޮށެވެ. އޭރު ރިޕޯޓްކުރި ގޮތުގައި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

އާޖެންޓީނާގެ ޕަބްލިކް ޕްރޮސެކިއުޓަރުން އައްޔަންކުރި ސިއްހީ ދާއިރާގެ ކަމާބެހޭ 20 މީހުންގެ ޕެނަލަކުން ނިންމި ގޮތުގައި މަރަޑޯނާގެ ފަރުވާގެ ކަންކަން ދިޔައީ ދޯދިޔާކޮށް ކަމަށާއި އަދި އުސޫލުން ބޭރުން ވެސް ބައެއް ކަންކަން ހިނގާފައިވާ ކަމަށެވެ.

އެކަށީގެންވާ ސިއްހީ މަރުކަޒެއްގައި، ރަނގަޅު ފަރުވާއެއް ދިން ނަމަ އޭނާގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ބޮޑުވީސް ކަމަށް އެ ޕެނަލުން ބުނެފައިވެ އެވެ. އޮޕަރޭޝަނަށް ފަހު މަރަޑޯނާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔައީ އޭނާގެ ފަރާތުން ހިފާފައި ހުރި ގެއެއްގަ އެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ނިއުރޯސާޖަން އަދި މަރަޑޯނާގެ އާއިލީ ޑޮކްޓަރު ލެއޮޕޮލްޑޯ ލުކިއޫ އާއި ސައިކޭޓްރިސްޓް އޮގަސްޓީނާ ކޮސަޗޯވް އާއި ސައިކޮލޮޖިސްޓް ކާލޯސް ޑިއާޒް އާއި މެޑިކަލް ކޯޑިނޭޓަރު ނެންސީ ފޯލިނީ އަދި ދެ ނަރުހުން ހިމެނޭ ގޮތަށް އިތުރު ހަތަރު މީހަކަށެވެ.

ޕްރޮސެކިއުޓަރުން އެދިފައިވަނީ އިހުމާލުން މީހަކު މަރުވުމުމުގެ ދައުވާގައި އެ މީހުންގެ މައްޗަށް ޝަރީއަތްކުރުމަށެވެ.

މައްސަލަ ސާބިތުވެއްޖެ ނަމަ 8 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި މައްސަލައިގައި ތަހުގީގު ފެށުނީ އާއިލީ ޑޮކްޓަރު ލުކިއޫއާ މެދު މަރަޑޯނާގެ ދެ ކުދިން ޝަކުވާ ހުށަހެޅުމުންނެވެ. އެ ދެކުދިން ދެކޭ ގޮތުގައި އޮޕަރޭޝަނަށް ފަހު މަރަޑޯނާގެ ހާލު ދެރަވީ އެ ޑޮކްޓަރުގެ ސަބަބުންނެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މަރަޑޯނާ އަކީ އާޖެންޓީނާއާ އެކު 1986 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަނެވެ. އޭނާ ވަނީ ކްލަބް ލެވެލްގައި ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ނަޕޯލީއާ އެކު ކާމިޔާބީ ހޯދައިފަ އެވެ. އެކަމަކު ޑްރަގްސްގެ ވަބާއިގައި ޖެހި ކޮކެއިނަށް ދެވިހިފުމުގެ ސަބަބުން އޭނާގެ ކެރިއަރަށް ހިޔަނި އެޅުނީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް