ބްރޯޑްކޮމްގެ މެމްބަރު ކަމަށް އަހުމަދު ގައިސް ހަމަޖައްސަވައި ރައީސް ސޯލިހު އޭނާއަށް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ގަވައިދު ބަދަލުކުރަން ގައިސް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުކޮށްފި

ގައިސް ވިދާޅުވީ ބްރޯޑްކޮމްގެ އެންމެ މެމްބަރަކު ބޭނުންވެގެން އެ އިސްލާހު ގަވައިދަށް ނުގެނެވޭނެ ކަމަށް
14 ނޮވެމްބަރު 2022

ހަމައެކަނި ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭ ގޮތަށް ރީބްރޯޑްކާސްޓިން ގަވައިދު، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިސްލާހުކުރީ އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ގައިސް ރިޝްވަތު ނަންގަވައިގެން ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް، ގައިސްއަށް ބޮޑެތި ތުހުމަތުތަކެއް މިއަދު ކުރައްވައިފި އެވެ.

މައްސަލައިގެ ފެށުން - މި ފަހުން ބްރޯޑްކޮމުން އިސްލާހުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން:

  •  ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި

  • އެ އިސްލާހު އެގޮތަށް ގެނައުމުން، ރީބްރޯޑްކާސްޓްކުރުމުގެ ފުރުސަތު މިހާރު ލިބެނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މީޑިއާނެޓަށާއި އެ ކުންފުނިން ހުއްދަ ނަގައިގެން އަތޮޅުތެރޭގައި އެ ފަރާތުގެ ޗެނަލްތައް ދައްކާ ބްރޯޑްކާސްޓަރުންނަށް

  • އެ އިސްލާހުގެ ސަބަބުން، މީޑީއާނެޓަށް ފަހު އެންމެ ބޮޑު ބްރޯޑްކާސްޓިން ކުންފުނި ކަމަށްވާ ދިރާގަށް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ގެއްލޭނެ؛ އެއީ ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހްރެއިންގެ ބަޓެލްކޯއަށް ވާތީ

މީގެ ކުރިން ބޭއްވި ގަވާއިދު ކޮމިޓީ ބައްދަލުވުމަށް ބްރޯޑްކޮމްގެ މެމްބަރުން ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ/ (ފޮޓޯ/މަޖިލީސް)

ވީ ކިހިނެއް؟ - މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް، ގައިސް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުކުރެއްވީ، އެ ގަވައިދާ ގުޅޭ ގަރާރު ދިރާސާކުރަމުން އަންނަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ގަވާއިދު ކޮމިޓީން ގުޅިގެން ބޭއްވި ބައްދަލުވުމެއްގަ އެވެ. 

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެ ގަރާރު ހުށަހެޅުއްވީ ރާއްޖޭގައި ބްރޯޑްކާސްޓިންގެ ހިދުމަތް ދޭ އޮޕަރޭޓަރުންގެ ވިޔަފާރި އެއްކޮށް ފުނޑާލައި ވަކި ބަޔަކަށް ނާޖާއިޒު، ބޮޑެތި މަންފާތަކެއް ލިބޭ ފަދަ ގޮތަކަށް ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އެވެ. އެކަން ފާހަގަކުރައްވައި ޝިޔާމް އެ ގަރާރުގައި ގޮވާލެއްވީ އެ ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ދެނެގަތުމަށް މަޖިލީހުން ތަހުގީގެއް ކުރިއަށް ގެންދިއުމަށެވެ.

އެނގުން މުހިއްމު - ރީބްރޯޑްކާސްޓިން ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ މީގެ ކުރިން ދިރާސާކުރަމުން އައީ ގަވައިދު ކޮމިޓީންނެވެ. އެކަމަކު، ރިޔާސަތުން އަންގައިގެން ގަވައިދު ކޮމިޓީން މިހާރު އެ މައްސަލަ ދިރާސާކުރަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ބެލެނިވެރި ފަރާތް ކަމަށްވާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ އެކު އެވެ.

ބުނީ ކީކޭ؟ - މިއަދު ބޭއްވި ޖޮއިންޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މުހައްމަދު އަބްދުﷲ ޝަފީގް ވަނީ ގައިސްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެއާ އެކު، ކޮމިޓީ ބައްދަލުވުން ހޫނުވެ، މެމްބަރުން އަޑުގަދަކުރައްވަން ވެސް ފެއްޓެވި އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް. (ފޮޓޯ/މަޖިލިސް)

މެމްބަރު ވިދާޅުވީ، ރީބްރޯޑްކާސްޓިން ގަވާއިދު ބްރޯޑްކޮމް އިން އިސްލާހުކުރީ، ގައިސް މީޑިއާނެޓުން ރިޝްވަތު ނަންގަވައިގެން ކަމަށް އެ ކޮމިޝަންގެ ތެރެއިން ވެސް އޭނާއަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ އޭނާ ޔަގީންކަމާ އެކު ގަބޫލުކުރައްވާ ކަމެއް ކަމަށް މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވި އެވެ.

މި މައްސަލައިގައި ބްރޯޑްކޮމް ދިފާއުކުރުމަށް ބައެއް މެމްބަރުން މަސައްކަތްކުރައްވާތީ ވެސް އޭނާ ނުރުހުން ފާޅުކުރެއްވި އެވެ. ކޮމިޓީ ބައްދަލުވުން ހޫނުވީ އެ ހިސާބުންނެވެ.

"ތިގޮތަކަށް ނުދެއްކޭނެ ވާހަކައެއް،" ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ސަނީފް ކޯފާއިސްކުރައްވަމުން މުހައްމަދު އަބްދުﷲ ޝަފީގަށް ރައްދުދެއްވި އެވެ.

މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން، ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ނަސޭހަތްތެރިވެވަޑައިގެންނެވީ އެފަދަ ތުހުމަތުތައް ނުކުރެއްވުމަށެވެ. އެއަށް ފަހު، މާ ގިނައިރުތަކެއް ނުވެ ކޮމިޓީގެ ލައިވް ފީޑް ވަނީ ކަނޑާލާފަ އެވެ.

އެކަކު ބޭނުންވެގެން ގަވައިދު ބަދަލެއްނުކުރެވޭނެ: ގައިސް

މިކަމާ ގުޅިގެން 'ދައުރު' އިން ގައިސްއާ މިއަދު ސުވާލުކުރުމުން އޭނާ ވަނީ ރިޝްވަރުގެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ބްރޯޑްކޮމްގެ އެންމެ މެމްބަރަކު ބޭނުންވެގެން އެ އިސްލާހު ގަވައިދަށް ނުގެނެވޭނެ ކަމަށެވެ.

ގައިސް ވިދާޅުވީ އެ ގަވައިދު އިސްލާހުކުރި ބައްދަލުވުމުގައި އެ ކޮމިޝަންގެ ހަތް މެމްބަރުން ތިއްބެވި ކަމަށެވެ. ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި އެ އިސްލާހު ގެނައުމަށް ފާސްކުރީ، ގައިސް ވިދާޅުވި ގޮތުގައި، ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް