ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިއްޔެ މާލޭ އިސްކަންދަރު ސްކޫލުގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލާފައި: އަނެއްކާވެސް ނުފޫޒާއި ވޯޓު ގަތުމުގެ ވައުދުތަކުން ފުރިގެން ބޭއްވި އިންތިހާބެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސިޔާސީ

ވައުދުތަކެއް ނޫން، ވޯޓު ގަންނަން ހުށަހަޅާ ރިޝްވަތު

އިންތިހާބުތަކުގައި ވައުދުތައް މެދުވެރިކޮށް ވޯޓު ގަންނަން ފާޅުގައި ކުރާ މަސައްކަތްތަކަށް އަދަބެއް، ހުއްޓުވުމެއް ނެތް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރުން އެތަކެއް މިލިއަން ރުފިޔާގެ މަޝްރޫއުތައް އިއުލާންކުރަން ފެށުމާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވި އެވެ. އެމަނިކުފާނުގެ ސަރުކާރުން މަޝްރޫއުތައް ހިންގީ އިންތިހާބުތަކަކަށް ނޫން ކަމަށް ވިދާޅުވަމުންނެވެ. އެކަމަކު، ހދ. ކުޅުދުއްފުށީގައި ރަންވޭއެއް އެކަނި އަޅައި އެއާޕޯޓެއްގެ ގޮތުގައި އެ ތަން ހުޅުއްވައިދެއްވުމަށް، 2018ގެ ރިޔާސީ އިންތިހާބުގެ ދެ ދުވަސް ކުރިން، ބޯ ވާރޭ ތެރޭ ރައްޔިތުންނަށް އާދޭސްކުރެއްވި ޔާމީނަށް ވެސް، އަދި ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ސަރުކާރުގެ މައްސަލަ ނެންގެވި ޕީޕީއެމްގެ އެހެން އިސް ބޭފުޅުންނަށް ވެސް، އެއީ ދޮގެއްކަން އެނގިވަޑައިގަންނަވާނެ އެވެ.

ސަބަބަކީ އެއީ ރާއްޖޭގެ އިންތިހާބުތަކުގެ ބަދަލުވުމެއް ނެތް ހަގީގަތެވެ. ސިޔާސީ ޕާޓީތައް ވާދަކުރާ އިންތިހާބުތައް ބާއްވާތާ މިވީ 14 އަހަރު ތެރޭ ކޮންމެ ސަރުކާރަކުން ވެސް އިންތިހާބުތަކަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ނުވަތަ ބޭނުންކުރުމަށް ވައުދުވެ، ނުފޫޒު ފޯރުވަ އެވެ. އިދިކޮޅު ޕާޓީން އެ ވަގުތު އެކަމަށް ހެސްކިޔާފައި ފާޑުކިޔަސް، ވެރިކަމަށް އާދެވުމާ އެކު، އެ ޕާޓީ ވެސް ހިނގައިގަންނަނީ ހަމަ އެ މަގުންނެވެ. ނަގުދު ފައިސާ އާއި ތަކެތިން ރިޝްވަތު ދޭ ބީދައިން ވައުދުތައް މެދުވެރިކޮށް ވޯޓު ގަންނަން މަސައްކަތްކުރަނީ، އާއްމުވެފައި އޮތްލެއް ބޮޑުކަމުން، އެއީ ގޯހެއްކަން އާއްމުންގެ ގިނަ މީހުންނަށް ނަގައިނުގަނެވި ފިސާރި ފާޅުގައި އަދި ފުޅާކޮށެވެ.

ހަގީގަތުގައި މިއީ އިންތިހާބުތަކުގެ ގާނޫނީ އަދި ސުލޫކީ މިންގަނޑުތަކާ މުޅިން ހިލާފު ވައުދުތަކެކެވެ. އެކަން ދެނެ ތިބި ސިޔާސީ ޕާޓީތަކުން ވޯޓު ގަތުމާއި ރިޝްވަތުގެ ވައުދުތައް ހުއްޓާލަން ބޭނުން ނުވެ އަދި ކަމާ ބެހޭ މުއައްސަސާތަކުން އެކަން ހުއްޓުވުމުގެ ފިޔަވަޅެއް ނާޅައި، ސަގާފަތެއް އަށަގަތީ އެވެ.

ކޮމަންޑޫ ބައި-އިލެކްޝަނާ ދިމާކޮށް ސަރުކާރުން ދެ ކޮމަންޑޫ ގުޅާލަން ބިން ހިއްކުމުގެ މަޝްރޫއުއެއް އިއުލާންކުރުމާ އެކު ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ވަނީ، ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށައި އިއުލާންކޮށް އިފްތިތާހުކުރުމަކީ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށް ބުނެފަ އެވެ. ޓީއެމްގެ ގްރާންޓްސް އެންޑް އައުޓްރީޗް މެނޭޖަރު ޝާޒިޔާ އަލީ 'ދައުރު'އަށް ވިދާޅުވި ގޮތުގައި އެ ޖަމްއިއްޔާ އިން 2008 އިން ފެށިގެން ހުރިހާ އިންތިހާބުތަކެއް މޮނިޓަކުރަމުން އައި އިރު ފާހަގަކުރެވުނީ "ހަމަ އެއް ކަމެއް ތަކުރާރުވަމުން" ދާ ކަމެވެ.

"ދެން މިހާރު އަދި ކުރިއަށް ވުރެ ބޮޑަށް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި ހޮވަން އަންނަ މަގާމާ ނުގުޅޭ އެކި ކަހަލަ ވައުދުތައް ވެގެން ހޮވެން މަސައްކަތްކުރުން [ފަދަ]، ވޯޓު ގަތުމުގެ ބައިވަރު ކަންތައްތަކެއް ފެނިގެން މި ދަނީ،" ޝާޒިޔާ ވިދާޅުވި އެވެ.

ކިޔާލަން:

ރާއްޖޭގެ އިންތިހާބީ މާހައުލުގައި، ނޭނގުމެއްގެ ތެރޭގައި ނަމަވެސް ނުވަތަ ނުބައި ނިޔަތެއްގައި ނަމަވެސް، އެކަން ކުރާ ގޮތަކީ އެއީ. އެއީ ވަރަށް ބޮޑު ގޯހެއް.

މަރިޔަމް ޝިއުނާ، އޭސީސީގެ ކުރީގެ ރައީސް

ނުވެވޭނެ ވައުދުތަކެއް

ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް، ހިދުމަތެއް، ނުވަތަ މަންފާއެއް ފޯރުކޮށްދޭނެ ކަމަށް ބުނުމަކީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުން މަނާ ކަމެކެވެ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދޭ ލީފްލެޓެއްގައި، ގާނޫނުގެ އެ މާއްދާއާ ހަވާލާދީ، ނުވެވޭނެ ވައުދުތަކުގެ މިސާލުތަކެއް ހިމަނާފައިވެ އެވެ. އެއީ، ގާނޫނުގައި އޮތް ގޮތުން، ހައްތަހާ ވެސް ރިޝްވަތެވެ. އެކަމަކު، ކޮމަންޑޫ ބައި-އިލެކްޝަނެކޭ އެއްގޮތަށް، ވަރަށް އަޑުހަރުކޮށް ކޮންމެ ކެމްޕެއިނެއްގައި ވެސް ގޮވަމުންދާ އާއްމު ވައުދުތަކެކެވެ.

އޭސީސީން ދީފައިވާ، މަނާ ވައުދުތަކުގެ މިސާލުތަކުގެ ތެރޭގައި:

  • ރަށުގައި ނަރުދަމާ ނުވަތަ ފުޓްބޯޅަ ދަނޑެއް އަޅައިދޭނެ ކަމަށް ނުވަތަ ރަށުގެ ބިން ހިއްކައިދޭނެ ކަމަށް ބުނުން

  • ދާއިރާގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދޭނަމޭ ބުނުން

  • ދާއިރާގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށާއި ގުރުއާން މުބާރާތް ފަދަ ކަންކަމަށް ހަރަދުކުރަން ވައުދުވުން

  • އިވެންޓުތަކާއި މުބާރާތްތަކުގައި އިނާމު ދޭނެ ކަމަށާއި ހިދުމަތްތަކާއި އެހީ ފޯރުކޮށްދޭނެ ކަމަށް ބުނުން

  • އިންތިހާބުވުމަށް ފަހު މުސާރައިގެ ވަކި ޕަސެންޓެއް ދާއިރާއަށް ހަރަދުކުރާނެ ކަމަށް ބުނުން

މިކަހަލަ ކަންތައްތައް އެއްވެސް ވަރަކަށް ނުބެލި މި ދަނީ، މުއައްސަސާތަކުގެ މަސައްކަތްތައް އެންމެ ރަނގަޅަށް ނުކުރާތީ.

ޝާޒިޔާ އަލީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް

ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރަން އުޅެނިކޮށް ހުރިހާ މެމްބަރުން އެކުގައި އިސްތިއުފާދިން އިރު އޭސީސީގެ ރައީސަކަށް ހުންނެވި މަރިޔަމް ޝިއުނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މަޝްރޫއުތައް ހިންގަން ޖެހެނީ ދައުލަތުގެ އަހަރީ ބަޖެޓާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމަނައިގެންނެވެ. އޭގެ ބޭރުން ވަކި ދާއިރާއެއް ނަގައި، ރައްޔިތުން ވޯޓު ދީފި ނަމަ އެ ދާއިރާއަށް ވަކި ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާނަމޭ ބުނުންކަން ޝިއުނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮތީ ރަށުގެ ތަރައްގީއަށް ކުދިކުދި ކަންތައްތައް ކޮށްދިނުމަށް ވުރެ މާ ފުޅާ، ގައުމީ ފެންވަރުގެ މަސައްކަތްތަކެއް ކުރުމުގެ ދައުރެއް ކަމަށް ވާއިރު، މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންނަކަށް ރަށު ފެންވަރުގެ ވައުދުތައް ވުމުގެ ހައިސިއްޔަތެއް ވެސް ނެތެވެ.

"އެކަމަކު ރާއްޖޭގެ އިންތިހާބީ މާހައުލުގައި، ނޭނގުމެއްގެ ތެރޭގައި ނަމަވެސް ނުވަތަ ނުބައި ނިޔަތެއްގައި ނަމަވެސް، އެކަން ކުރާ ގޮތަކީ އެއީ. އެއީ ވަރަށް ބޮޑު ގޯހެއް،" ޝިއުނާ ވިދާޅުވި އެވެ.  

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ބަނދަރުމަތީގައި ފޮތި ދަމައި ޕޯސްޓަރު ހަރުކޮށްފައި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ސިވިކް އެޑިއުކޭޝަން އާއި ވޯޓާ އެޑިއުކޭޝަން އެހާ ބޮޑަށް ދަށްކޮށް އޮންނަ ތަނެއްގައި ފަސޭހަވެގެންދާނެ، ކޮންމެ ކޮންމެ ވައުދަކުން ސަލާމަތްވާން.

ޝާޒިޔާ އަލީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް

ސަގާފަތަކަށް ވީ ކިހިނެއް؟

ވޯޓު ހޯދަން ދައްކާ ވާހަކަތައް އާއްމުންގެ އެންމެ ބޮޑެތި ބޭނުންތަކާއި ތަކުލީފުތަކާ ގުޅުވާލަނީ އޭގެ ބޭރުން އެހެން ކަމެއް ނުފެންނާނެ ވަރަށެވެ. ތައުލީމާއި ސިއްހަތު ފަދަ އެންމެ އަސާސީ ހިދުމަތްތައް ވެސް ހިމަނައިގެން ވިއްކާ ވައުދުތަކަށް މީހުން ލަންބުވާލެވެ އެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި އާއްމުކޮށް އަޑުއިވޭ ކެމްޕެއިން ވައުދުތަކަކީ އަވަހަށް ހަގީގަތަކަށް ވެދާނެ ކަމަށް އާއްމުންނަށް ގަބޫލުކުރެވޭ ކަންތައްތަކަށް ވެ، ފަހުން އެހެން ކަމެއް ނުލިބިދާނެކަމުގެ އިހުސާސްކުރެވޭތީ އެ ވައުދުތައް ބަލައިގަންނަން މީހުންނަށް ފަސޭހައީ އެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ އިތުބާރު ނެތީ އާއްމުންގެ މައްސަލައަކުންނެއް ވެސް ނޫނެވެ.

"އިންސާނީ ތޮބީއަތަކަށް ވާނީ، ކޮބާހޭ ބޭނުމަކީ، ތިމަންނައަށް މި ވަގުތީ އުފާ މާ މުހިއްމޭ، ދިގު މުއްދަތުގައި މި މީހުން ކަންތައްތަކެއް ނުކޮށްދޭނެއޭ. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި އާއްމު ރައްޔިތުން ކުށްވެރިއެއް ނުކުރެވޭނެ،" ޝިއުނާ ވިދާޅުވި އެވެ.

ޝާޒިޔާ ވިދާޅުވީ އެ ވަގުތަކު ލިބެން އޮތް އެއްޗެއް ލިބިގަތުމުގެ ވިސްނުން އާއްމުން އިސްކުރަނީ، އެ ކެންޑިޑޭޓަކު މަގާމަށް އައުމަށް ފަހު ދެން ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ހިޔާލު ހޯދައި އަޑުއަހާފާނެ ކަމުގެ ޔަގީންކަމެއް ނޯންނާތީ ކަމަށެވެ.

"ނިޒާމަށް އިތުބާރު ނުކުރެވޭތީ، ވޯޓު ގަތުމަށާއި ކޮރަޕްޓް މީހުންނާއި ނަޒާހާތްތެރި ނޫން މީހުން މަގާމުތަކަށް އައުމަށް ފުރުސަތު ދެވޭ،" އޭނާ ވިދާޅުވި އެވެ.

އާއްމުންގެ އެ ވިސްނުމަށް ބޭނުންވަނީ ހޭލުންތެރިކަމެވެ. އެކަމަކު އިންތިހާބުތަކާ ގުޅުވައިގެން ވެސް އަދި ތައުލީމީ ނިޒާމުގެ ތެރެއިން ވެސް އެ ބައެއް ނެތެވެ. ޝާޒިޔާ ވިދާޅުވި ގޮތުގައި އާއްމުންގެ ބޮލަށް ރިޝްވަތުގެ ވައުދުތަކެއް ވައްދައިދީގެން ވޯޓު ހޯދަން ފަސޭހަވަނީ، ރާއްޖޭގައި ސިވިކް އެޑިއުކޭޝަން ނެތުމާއި ވޯޓާ އެޑިއުކޭޝަންއަކީ ވެސް "ނަމެއްގައި، ވަރަށް ކުޑަ ގޮތަކަށް، ވޯޓުލާ ދުވަހު ކަން ހިނގާ ގޮތް ކިޔައިދިނުމަށްޓަކައި ދެވޭ އެއްޗެއް" ކަމަށް ވާތީ އެވެ.

"ސިވިކް އެޑިއުކޭޝަން އާއި ވޯޓާ އެޑިއުކޭޝަން އެހާ ބޮޑަށް ދަށްކޮށް އޮންނަ ތަނެއްގައި ފަސޭހަވެގެންދާނެ، ކޮންމެ ކޮންމެ ވައުދަކުން ސަލާމަތްވާން. އޭގެ ހެއްކެއް، ތަހުޒީބުވެފައި ނުވަތަ ޑިމޮކްރެޓިކް ވެލިއުސް ބޮޑަށް އަށަގެންފައި ހުންނަ ތަންތަނުގައި މިކަހަލަ ވައުދުތައް ވާ ތަން މަދުން ފެންނަނީ،" ޝާޒިޔާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް އިސްކަންދަރު ސްކޫލުގައި މީހުން އިއްޔެ ކިޔޫގައި މަޑުކޮށްގެން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މި ހާލަތުގައި، ފަރުދީ ޒިންމާއަށް ވުރެ ބޮޑަށް ނަގަން ޖެހެނީ ކަމާ ބެހޭ މުއައްސަސާތަކުން ފިޔަވަޅު ނާޅާ މައްސަލަ އެވެ. ގާނޫނާ ހިލާފު އަމަލުތަކަށް ވެސް އަދަބެއް ނުލިބޭ އަދި ވާނުވާ ބަލަން މާ ބޮޑު މަސައްކަތެއް ނުކުރާ މި ނިޒާމުގައި ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން ޖެހިލުންވާންވީ ސަބަބެއް ނެތެވެ. ކެމްޕެއިނެއްގައި ކެންޑިޑޭޓަކަށް ހަރަދުކުރެވޭނީ ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ، ބޮލަކަށް 2،000 ރުފިޔާއަށް ވުރެ ގިނަ ނުވާނެ މިންވަރަށް ކަމަށް ގާނޫނުގައި އޮތަސް، ކެމްޕެއިނެއްގެ ހަގީގީ އަގު އޭގެ އެތައް ގުނައެއް ބޮޑުކަން ސާފެވެ. އެކަމަކު ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާންތަކުން އެކަން ނުފެންނަ އިރު، ސައްހަކަން ކަށަވަރުކުރުމެއް ވެސް ނޯވެ އެވެ.

ދޭ ވޯޓަކީ އެ މަސައްކަތެއް ކުރުމަށްޓަކައި އެންމެ ގާބިލް އަދި އެންމެ ނަޒާހާތްތެރި މީހާ ހޮވުމަށް ދޭ ވޯޓަކަށް ހެދުން، މި ވަގުތަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ.

ޝާޒިޔާ އަލީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް

ޝާޒިޔާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިންތިހާބުތަކުގައި ރަނގަޅަށް ދަނީ ވޯޓުލާ ދުވަހުގެ ކަންކަމެވެ. ވޯޓު ލުމުގެ ކުރިންނާއި ފަހުން ހޭލުންތެރިކުރުމާއި ފާރަވެރިވުމާއި ބަލައި ފިޔަވަޅު އެޅުމުގެ ބައިތައް ނޯންނަކަން ފާހަގަކުރައްވައި ޝާޒިޔާ ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ވޯޓުލާ ދުވަހުގެ ކަންކަމަށް އެކަނި ސަމާލުކަން ދިނުން ކަމަށެވެ. ކޮންމެ އިންތިހާބަކަށް އެކުލަވާލާ ގައުމީ ލަފާދޭ ކޮމިޓީ އާއި އިލެކްޝަންސް ކޮމިޝަން، އޭސީސީ، ފުލުހުން، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް ފަދަ މުއައްސަސާތަކުގެ ޒިންމާތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިކަހަލަ ކަންތައްތައް އެއްވެސް ވަރަކަށް ނުބެލި މި ދަނީ، މުއައްސަސާތަކުގެ މަސައްކަތްތައް އެންމެ ރަނގަޅަށް ނުކުރާތީ،" ޝާޒިޔާ ވިދާޅުވި އެވެ.

"ހަގީގަތުގައި ޕްރޯއެކްޓިވްލީ އެކަންކަން ބަލައި ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ނަމަ، މިހާރު ހުރި ގާނޫނުތަކުން ވެސް އެފަދަ ކަންކަން ހުއްޓުވޭނެ."

މުއައްސަސާތައް ޖަވާބުދާރީކުރަން އޮތީ ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލީހުގެ މެމްބަރުންނާއި އެ މެމްބަރުން ނިސްބަތްވާ ޕާޓީތަކުގެ މަސްލަހަތަކީ ވޯޓު ގަތުން ނުހުއްޓުވުމެވެ. ސަރުކާރުތަކުގެ މަސްލަހަތަކީ ވެސް އިންތިހާބީ ހަތިޔާރަކަށް މަޝްރޫއުތައް ހެދޭ ގޮތަށް ބޭއްވުމެވެ.

"މިކަން ހުއްޓުވުމަށްޓަކައި ސިޔާސީ ގޮތުން މާ ބޮޑު ނިޔަތެއް ނެތް،" ޝާޒިޔާ ވިދާޅުވި އެވެ.

ހައްލަކީ ކޮބާ؟

ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އިންތިހާބުތަކުގައި ވޯޓު ގަތުމުގެ އަމަލުތަކާ މެދު ފިޔަވަޅު އެޅުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެއް ސަބަބަކީ އެކަން އާއްމުވެފައި އޮތް މިންވަރެވެ. މިސާލަކަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި، ގާތްގަނޑަކަށް ހުރިހާ ކެންޑިޑޭޓުންގެ ވެސް ވައުދު ލިސްޓުގައި މަނާ ކަންކަން ހިމެނޭ އިރު، އެ ހުރިހާ އެންމެންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަކީ އަމަލީ ގޮތުން ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެއްދިދާނެ އެވެ.

ބައި-އިލެކްޝަންގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމަންޑުއަށް ކުރެއްވި ދަތުރުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ކ) އަދި އެ ދެ ބޭފުޅުންގެ ފަހަތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ޝިއުނާ ވިދާޅުވީ ވެރިކަންކުރާ ޕާޓީގެ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ މައްސަލަތަކާ މެދު ފިޔަވަޅު އެޅުން އަމުދުން އުނދަގޫވުން އެކަށީގެންވާ ކަމަށެވެ. އެއީ، ރާވާފައި ހުރި މަޝްރޫއުތަކެއް ކަމަށް ބުނެ ހުއްޖަތް ދައްކަން ސަރުކާރުން މަސައްކަތްކުރާނެތީ އާއި ދައުވާއެއް ކުރާނީ ކާކުގެ މައްޗަށްތޯ ނިންމަން ދަތިވުން ފަދަ ސަބަބުތަކާ ހެދި އެވެ. އެހެންކަމުން، ޝިއުނާ ވިދާޅުވި ގޮތުގައި، ނިޒާމީ ބަދަލުތަކެއް އެބަ ބޭނުންވެ އެވެ.

އޭގެ މިސާލެއް އެހެން ގައުމުތަކުން ދައްކަވަމުން ޝާޒިޔާ ވިދާޅުވި ގޮތުގައި އިންތިހާބުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނުތައް ތައާރަފްކުރެވިދާނެ އެވެ. ވަކި މުއްދަތެއްގެ ތެރޭގައި އާ މަޝްރޫއުތައް އިއުލާންކުރުމާއި ނިމިފައި ހުންނަ މަޝްރޫއުތަކުގެ ނިންމުމުގެ ރަސްމިއްޔާތުތައް ބޭއްވުމާއި އެ ވަގުތު މަގާމުގައި ހުންނަ މީހާއަށް އިތުރު ފައިދާތަކެއް ލިބޭ ގޮތަށް ހުންނަ ކަންތައްތައް ހުއްޓުވުމުގެ ފިޔަވަޅުތައް އެޅުމަށެވެ.

އިންސާނީ ތޮބީއަތަކަށް ވާނީ، ކޮބާހޭ ބޭނުމަކީ، ތިމަންނައަށް މި ވަގުތީ އުފާ މާ މުހިއްމޭ، ދިގު މުއްދަތުގައި މި މީހުން ކަންތައްތަކެއް ނުކޮށްދޭނެއޭ. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި އާއްމު ރައްޔިތުން ކުށްވެރިއެއް ނުކުރެވޭނެ

މަރިޔަމް ޝިއުނާ، އޭސީސީގެ ކުރީގެ ރައީސް

ޝިއުނާ ވިދާޅުވި ގޮތުގައި ބައެއް ގައުމުތަކުން ފެނިފައިވާ އަނެއް ފިޔަވަޅަކީ ވޯޓުލާ މީހުން އިތުރުވާ ގޮތަށް އިންތިހާބީ ދާއިރާ ފުޅާކުރުމެވެ. މިސާލަކަށް ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ ދާއިރާއަކަށް މިހާރު އޮންނަ އާބާދީ 5،000 އިން 10،000 އަށް ބޮޑުކުރުމެވެ.

"އެހެން ހަދަނީ 5،000 މީހުން ގަތުމަށް ވުރެ 10،000 މީހުން ގަންނަން އުނދަގޫވާނެތީ. އޭރުން ވޯޓު ބެހިގެން ވެސް ދާނެ. އެއީ، އެންމެން އެއް ވިސްނުމެއްގައި އަބަދަކު ނުތިބޭނެ،" ޝިއުނާ ވިދާޅުވި އެވެ.

ކެމްޕެއިނަށް ހަރަދުކުރާ ގޮތުގެ ހާމަކަން ބޮޑުކުރުމުގެ ފިޔަވަޅުތަކާއި ސިޔާސީ ޕާޓީތަކުން އަމިއްލައަށް އެތެރޭގެ އުސޫލުތަކެއް ހަމަޖެއްސުމަކީ ވެސް ބައެއް ހައްލުތައްކަން ޝިއުނާ ފާހަގަކުރެއްވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ކަރުދާސްތައް އިސްކަންދަރު ސްކޫލުގައި އިއްޔެ ގުނާ އިރު އޮބްޒާވަރުން ބަލަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެކަމަކު މިހާރުގެ ސަގާފަތަށް ބަދަލެއް ގެންނަން ސިޔާސީ މީހުންގެ ޝައުގުވެރިކަމެއް ނެތީސް އަދި އެމީހުންގެ މަސްލަހަތު އޭގެ އަނެއްކޮޅަށް އޮތް އިރު، އުއްމީދެއް އެބަ އޮތް ހެއްޔެވެ؟

ޝާޒިޔާގެ ޖަވާބަކީ، ނިޒާމަށް ރައްޔިތުންގެ އިތުބާރު ނެތް މިފަދަ ދަނޑިވަޅުތަކުގައި އާއްމުން އަމިއްލައަށް ބަދަލަށް މަސައްކަތްކޮށް، މަގާމަށް އެކަށީގެންވާ، ނަޒާހާތްތެރި މީހުން ހޮވަން ރައްޔިތުންނަށް ދޭ ނަސޭހަތް ތަކުރާރުކުރަން ޖެހޭ ކަމެވެ. "ކޮރަޕްޓް ނޫން މީހަކު ލިސްޓުގައި ނުހިމެނޭ ކަމަށް ވެއްޖެއްޔާ ރައްޔިތުމީހާއަށް އޮންނަ ފަރުދީ ޒިންމާ އަދާކުރުމާއި އޭނާގެ ހައްގު ލިބިގަތުމުގެ ފުރުސަތު ދަނީ ގެއްލިގެން" ކަން ގަބޫލުކުރައްވަމުން ވެސް އޭނާ ވިދާޅުވީ ރައްޔިތުންގެ ބާރު ހެޔޮ ގޮތުގައި ބޭނުންކުރުން ވަރަށް މުހިއްމު ކަމަށެވެ.

"ހައްލަކާ މެދު ވިސްނާ އިރު، ވަރަށް އުނދަގޫ ފައްތަރެއްގައި ހަގީގަތުގައި މި އޮތީ،" ޝާޒިޔާ ވިދާޅުވި އެވެ. "އެކަމަކު އެންމެ ބޮޑު ބާރެއް ރައްޔިތުންގެ އަތުގައި މި އޮތީ. އެހެންވީމާ ދޭ ވޯޓަކީ އެ މަސައްކަތެއް ކުރުމަށްޓަކައި އެންމެ ގާބިލް އަދި އެންމެ ނަޒާހާތްތެރި މީހާ ހޮވުމަށް ދޭ ވޯޓަކަށް ހެދުން، މި ވަގުތަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ."

ކޮަމަންޑޫ ދާއިރާގެ އިންތިހާބުން އެޅި ރަތް ސިގްނަލަކީ ބައި-އިލެކްޝަނެއްގައި ސަރުކާރުގެ ނުފޫޒު އެ ވަރަށް ބޭނުންކުރި އިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދި ކިހާ ވަރެއް ކުރާނެތޯ އެ ސުވާލެވެ. ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އިއުލާންކުރުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް، 2023ގެ ރިޔާސީ އިންތިހާބުގެ ކުރިން އެކުލަވާލައި ފުރިހަމައަށް ތަންފީޒުކުރަން ގޮވާލައިފަ އެވެ. ސަރުކާރުން ނުވަތަ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީން އެފަދަ ކަމެއް ކުރުމަށް ވުރެ ގާތީ ނުކުރުމެވެ. އެކަމަކު އެފަދަ ފިޔަވަޅުތަކެއް އަންނަންދެން އަދި މިހާރު ހުރި ފިޔަވަޅުތައް ތަންފީޒުކުރަންދެން، ރިޝްވަތުގެ ވައުދުތަކުގެ ސަގާފަތް ދާނީ ކުރިއަށެވެ.

"ޑިމޮކްރެސީއެއްގައި އެންމެ މުހިއްމު އެއް ސިފަ އެއީ މިނިވަން، އިންސާފުވެރި އިންތިހާބެއް އޮތުން. އެއިން ކަށަވަރުކޮށްދޭ، ރައްޔިތުންގެ ހައްގުތަކާއި ކެންޑިޑޭޓުންގެ ހައްގުތައް ވެސް،" ޝާޒިޔާ ވިދާޅުވި އެވެ. "މިހާރު ފެނިގެން މި ދަނީ ރައްޔިތުންގެ ޗޮއިސްއަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވުމަށް މަސައްކަތްކުރާ ތަން."

ކޮމެންޓް (2)

އުމޭމާ

6 ފެބްރުއަރީ 2022
ބޮޑެތި އިލްމުވެރިންނަށް ވެގެން ރައްޔިތުންނަށް ތަންދޮރު ނޭނގި، އިލްމެއް ނެތޭ ބުނީމަ ދެން ވަރަށް ހުތުރު. އަހަރެމެނަށް ދަސްކޮށްދީފަ އޮންނަނީ ފިނި ކޮޓަރީގަ ބޮޑު ގޮނޑީގައި އިންނަ މީހާއަށް ވުރެ ރަނގަޅު ޑިޒިޝަން އެތަނެއްގަ އުޅޭ ރައްޔިތު ނަގާނެއޭ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ތިޔަ ޒާތުގެ ވައުދުވޭ. އަދި ވޯޓުވެސް ގަނޭ. ހުއްޓުވިދާނެ ކަމަކީ ވޯޓު ދުވަސްކޮޅު ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ރަސްމީ ދަތުރުވެސް ކުރެވޭ މިންވަރު ލިމިޓް ކުރުން
1 0

ނުބައި

6 ފެބްރުއަރީ 2022
ވަރަށް ރަނގަޅު ލިޔުމެއް. މި ލިޔުމުގައިވެސް ވަނީ މި ދައުރުގެ ޝަރުތު ހަމަކޮށްފައި. އެއީ ފަށަމުން ޔާމީނަށް ބަވައިލުން. އޭގެ ފަހުން އެހެން ވާހަކަ ދައްކާނީ. ބޮޑު ވަގަކު ހައްޔަރު ކުރީމާވެސް އެ ވާހަކަ ލިޔާއިރު ފަށަން ވާނީ ޔާމީނަށް ވަގަށް ގޮވާފައި. މީހަކު މަރުވީމާވެސް އެ ވާހަކަ ލިޔާއިރު ފުރަތަމަ ޔާމީނުގެ ވާހަކަ ލިޔަން ވާނެ. އެއީ ބިސްމި. ބިސްމިން ނުފެށިއްޔާ ބަރަކާތެއް ނުލައްވާނެ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް