އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

ޗާގޯސް މައްސަލައިގައި އިނގިރޭސިންގެ ވިސްނުން ބަދަލުކުރުމުގައި ޝާހިދުގެ އަތެއް ވާކަމަށް ޔާމީން ތުހުމަތުކުރައްވައިފި

ޔާމީން މި ތުހުމަތުތައް ކުރެއްވީ ހާރިޖީ ވަޒީރު ޝާހިދު މިފަހުން އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅުވައި
6 ނޮވެމްބަރު 2022
2

ޗާގޯސް ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަން ބަލައިގަންނަން އިނގިރޭސިން މަޝްވަރާތަކަށް ތައްޔާރުވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދެއްވި ޔަގީންކަމަކާ ގުޅިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަން އައްޑޫ، ފޭދޫގައި ހުންނަވައިގެން ޔާމީން އެ ތުހުމަތުތައް ކުރެއްވީ އިނގިރޭސިންގެ ޒަމާންވީ ސްޓޭންޑް ބަދަލުވުމުގައި ޝާހިދުގެ ބައިވެރިވުން އޮތް ކަމަށް ވިދާޅުވަމުންނެވެ.

ޔާމީންގެ މި ވާހަކަތައް ގުޅުވާލެއްވީ ރާއްޖެ-މޮރިޝަސްގެ ކަނޑު ބައިކުރުމުގެ މައްސަލަ ކުރިޔަށް ދަނިކޮށް ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅާ އެވެ.

އެ ސިޓީ އާންމު ކުރުމަށް އިދިކޮޅު ޕާޓީތަކާއި މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ ގޮވާލައްވައިފަ އެވެ. އެކަމަކު ސަރުކާރުން ބުނަނީ ސިޓީ ހާމަނުކުރާނެ ކަމަށެވެ. އެ ސިޓީ ހާމަކުރުމާ ގުޅޭ މައްސަލަ މަޖިލިހުގައި މިހާރު އެބަ ކުރިޔަށް ދެ އެވެ.

ބުނީ ކީކޭ؟ - ފޭދޫގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި ގޮތުގައި އިނގިރޭސިންގެ ވިސްނުން ބަދަލުވީ ރައީސް ފޮނުއްވި ސިޓީގެ 'އަނެއް ފަރާތުގައި' ހުރި ވާހަކައެއް ކަށަވަރު ވެގެންނެވެ. އެ ޔަގީންކަން ދިނީ އޭގެ ތިން ދުވަސް ކުރިން އިނގިރޭސިވިލާތުގައި ހުންނެވި ޝާހިދު ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"އެއީ މި ސިޓީގެ އަނެއް ފަރާތުގައި އުޅޭ ކަންކަމަކީ. އެ ސިޓީގައި ހުރި ވާހަކައެއް އިނގިރޭސިންނަށް ކަށަވަރު ވެގެން، ތަންފީޒުކޮށްދިނުމަށް ޓަކައި، އަބްދުﷲ ޝާހިދު ގޮސް ހުރީ. އަބްދުﷲ ޝާހިދު އެތާ އުޅެނިކޮށް އެކަން ނިންމާފައި، އިނގިރޭސިން މި ގަބޫލުކުރީ ފޯޅަވަހީގެ ސޮވަރިނިޓީ މޮރިޝަސްއަށް ދިނުމާ ބެހޭ ގޮތުން އެ މީހުން އެއްބަސްވީ."  ޔާމީން ވިދާޅުވި އެވެ.

އދ.ގެ އާންމު މަޖިލީހުގެ 77 ވަނަ ދައުރުގެ އާންމު ބަހުސްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: މި ވަގުތު ވެސް ހުންނެވީ ސާބިއާގައި. (ފޮޓޯ/އދ.)

ތަފްސީލް - ޔާމީން އެ ވިދާޅުވާ ދުވަސްތަކުގައި ޝާހިދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. ޗާގޯސް މައްސަލައިގައި އަންނަ އަހަރުގެ ކުރިން ހައްލެއް ހޯދަން އިނގިރޭސިން މަޝްވަރާތަކަށް ތައްޔާރަށް އޮތް ކަން ފޮރިން ސެކެޓްރީ ޖޭމްސް ކްލެވަލީ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހާ ހިއްސާކުރީ ޝާހިދުގެ ދަތުރުފުޅު ނިންމަވާލެއްވި ހުކުރު ދުވަހު އެވެ.

ޝާހިދުގެ ދަތުރުފުޅާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ޖޭމްސް ކްލެވަލީއާ ބައްދަލުކޮށް، މިހާރު ވެސް ދެ ގައުމުން އެކުގައި މަސައްކަތް ކުރަމުންދާ ކަންކަމާއި ދިވެހި މަހަށް ޑިއުޓީ ކަނޑާލުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ބުންޏެވެ.

މިއީ އިއްތިފާގެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ޔާމީން ވިދާޅުވި ގޮތުގައި، މިއީ ވަރަށް ރޭވިގެން ވަރަށް ހީލަތްތެރިކަމާ އެކު ނިންމި ކަމެކެވެ. އަދި ފޮރިން ސެކްޓްރީ ކްލެވަލީގެ ނަމުގެ މާނައާ ގުޅުވާ، މިއީ ވަރަށް ވިސްނުން ތޫނުކަމާ އެކީ ދިވެހިން މާޔޫސްވާ ގޮތަށް ނިންމި ނިންމުމެއް ކަމަށް އިނގިރޭސި ބަހުން ޔާމީން ވިދާޅުވި އެވެ.

"މި ވަގުތު އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރަށް ހުރީ ކްލެވަލީ ކިޔާ މީހެއް. އެކަމަކު ވެރީ ކްލެވަލީ ދިސް ހޭސް ބީން ޑަން [ވަރަށް މޮޅަށް މިކަން ނިންމައިފި]. އެންޑް ޓު އަވާ އަޓްމޯސްޓް ޑިސްއަޕޮއިންޓްމަންޓް [އަދި އަހަރުމެން ވަރަށް މާޔޫސްކޮށްފައި]. މިކަން ނިންމައިފި." ޔާމީން ވިދާޅުވި އެވެ.

އެހެން ވިދާޅުވުމަށް ފަހު ޔާމީން ވަނީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ، ޗާގޯސްއަކީ މޮރިޝަސް ކަމަށް ބަލައިގަންނަން މި ސަރުކާރުގެ ނިންމުން "ބޮލާލައި" ޖަހާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައިފަ އެވެ.

ކޮމެންޓް (2)

ތުފަންސް

7 ނޮވެމްބަރު 2022
މިއަދު ދޭތެރެ ޖައްސާ ފަސާދަކުރަން ކޮންމެ އެއްޗެކޭވެސް ތިބޭފުޅާ ކިޔައިފާނެ ތިހިރީ އެވަރަށް ވެރިކަމާ ބޫތުކައިފަ އެކަމަކު ފޯޅަވައްސަކީ މޮރިޝަޝްގެ ތަނެއް ކަމަށް ނިންމީ އަލިފްދާލުން ދިވެހިރާއްޖެއަކުން ނޫން ޝާހިދު ބުނެގެން އިނގިރޭސިވިލާތުގެ ބޮޑު ނިންމުމެއް ބަދަލުކުރާނެތަ؟ ނުކުރާނެ އެކަމަކު އދ އިން ނިންމީމަ އެޔޮތީ އެގޮތަށް ނިމިފައި
1 0

ސިކުނޑި

6 ނޮވެމްބަރު 2022
ފޯޅަވަހިއަކީ ރައީސް ސާލިހު ކަނޑާފައި މޮރިޝަސްއަށް ދިން ގޯއްޗެއްނޫން! އެއީ މޮރިޝަސްގެ ތަނެއްކަމަށް ކަނޑައެޅީ ދިވެހި ދައުލަތަކުންވެސް ނޫން! ދުނިޔޭގެ ކޯޓަކުން! ޔޫއެންއިން! އައްޑޫމީހުން އެހާ ގަމާރުވާނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް