މިދިއަ މަހު މާލޭގައި އޮތް ގައުމީ އެތުލެޓިކްސް މުބާރާތުގެ 400 މީޓަރު ދުވުން ހިމްނާ ނިންމަނީ: އޭނާއަކީ 1 މިނިޓަށް ވުރެ އަވަހަށް 400 މީޓަރު ދުވި ރާއްޖޭގެ ފުރަތަމަ އަންހެން ދުވުންތެރިޔާ
ހިމްނާގެ ދުވުން ބާރު، ރެކޯޑަކަށް ފަހު ރެކޯޑެއް
މާލޭގެ ދުވާ ޓްރެކެވެ. އިރު އޮއްސެމުން ދިޔަ ހިތްގައިމު ވަގުތުކޮޅެވެ. ޓްރެކްގައި 200 މީޓަރުގެ ރޭސް ފަށާ ހިސާބުގައި، ވަރަށް ޅަ އަންހެން އަށް އެތުލީޓުން ތިބީ ރޭހަށް ތައްޔާރުވެގެންނެވެ. ފުރަތަމަ 50 މީޓަރާ އެކު އެއް ދުވުންތެރިއެއްގެ ސްޕީޑް، އެހެން ކުދިންނަށް ވުރެ ބާރުވާން ފެށި އެވެ. ޓްރެކުގެ ކަނުން ލަނބާލައި، ސީދާ ރޮނގަށް މިސްރާބު ޖަހާލި އިރު، އެ ދުވުންތެރިޔާގެ ތަފާތު ފެނުނީ އަދި މާ ބޮޑުކޮށެވެ. އެ ބާރުމިނުގައި ނިންމީ ހަމަޖެހިލައިގެން، އެކަމަކު ރާއްޖޭގެ އަންހެން ދުވުންތެރިންގެ ސްޕީޑުން ބަލާ ނަމަ، 'އުދުހިފައި' ކަހަލަ ގޮތަކަށެވެ.
އެއީ އުމުރުން 19 އަހަރުގެ އައިޝަތު ހިމްނާ ހަސަން އެވެ. މިދިއަ ނޮވެމްބަރު 19 ވަނަ ދުވަހު އޮތް ގައުމީ ޗެމްޕިއަންޝިޕްގެ އަންހެނުންގެ 200 މީޓަރު ފައިނަލް އޭނާ ނިންމި 26:13 ސިކުންތަކީ، ގައުމީ މުބާރާތުގެ ރެކޯޑެވެ. އެހެންކަމުން ވާދަކުރި ޒުވާން އެހެން ދުވުންތެރިންނަށް ހިމްނާ އަތުނުވުމަކީ މި ވަގުތަށް މައްސަލައެއް ނޫނެވެ: އެ ކުދިން އެ ވާދަކުރީ މިހާރު ރާއްޖޭގައި ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާއާ އެވެ.
ހިމްނާގެ ބާރު ސްޕީޑުގެ ރަން ވަނަތައް ފެނުނީ ހަމައެކަނި 200 މީޓަރަކުން ނޫނެވެ. އޭނާ ވަނީ 100 މީޓަރު އަދި، އޭނާގެ ހާއްސަ ދާއިރާ 400 މީޓަރުގެ ދުވުމުން ވެސް ގައުމީ ޗެމްޕިއަންޝިޕްގެ ރެކޯޑް ހަދައިފަ އެވެ. މި ނަތީޖާތަކުން ކިޔައިދޭ ވާހަކަ ވަރަށް ސާފެވެ: ހިމްނާއަކީ އަންހެނުންގެ ސްޕްރިންޓް އިވެންޓްތަކުގެ ރާއްޖޭގެ މިހާރުގެ ތަރި އެވެ.
އައްޑޫ ހިތަދޫގައި ދިރިއުޅެމުން އަންނަ ހިމްނާގެ ބާރު ސްޕީޑް އޭނާގެ ކުޑައިރުގެ ރޭސްތަކުން ވެސް އެތުލެޓިކްސް ކޯޗުންގެ ލޮލުގައި އަޅައިގަތެވެ. އުމުރުން 10 އހަރުގައި ސްކޫލްތަކުގެ މުބާރާތްތަކުގައި ބައިވެރިވާން ފެށި އެވެ. ހަލުއި ދުވުންތެރިޔާ އެ ތަފާތު ދައްކަމުން އަ އެވެ.
ހިމްނާ ވާނަ ސަރަހައްދީ މުބާރާތްތަކުން އެންމެ ފުރަތަމަ މެޑެލް ހޯދާ އަންހެން ދުވުންތެރިންގެ ތެރޭގައި
"ކުޑައިރު ވެސް އެންމެ ކުރާހިތްވަނީ ދުވުން. ސްވިމިން ވެސް، ނެޓްބޯޅައި ވެސް އުޅުނިން. އެކަމަކު ދުވަން ހުރި ފުރުސަތުތައް ގިނަ،" ގައުމީ މުބާރާތަށް ފަހު އެނބުރި ރަށަށް ގޮސް ފޯނުން 'ދައުރު'އާ ވާހަކަ ދައްކަމުން ހިމްނާ ބުންޏެވެ.
އިންޓަ ސްކޫލް މުބާރާތްތަކުގައި ބައިވެރިވާން ފެށި ފަހުން ފާހަގަކުރެވުނު އެއް ކަމަކީ އޭނާ ބަލިކުރެވޭ ވަރުގެ އެހެން ދުވުންތެރިޔަކު ނުފެނުމެވެ. ހާއްސަކޮށް 2017 އިން ފެށިގެން ބޭއްވި ސްކޫލްތަކުގެ ހުރިހާ މުބާރާތެއްގެ ވެސް 100، 200 އަދި 400 މީޓަރުން އެއް ވަނަ ހޯދީ ހިމްނާ އެވެ.
އެކަމަކު ދުވުމަށް ހާއްސަވާން ފެށީ 2017 ގައި، ކޯޗު ސުލްތާން ސައީދުގެ ލަފާގެ މަތިންނެވެ.
"ކޯޗު ބުނީ ދެން މިހާރު އެބަ ޖެހެއޭ ކޮންމެވެސް އެއް ކުޅިވަރަކުން ހާއްސަވާން. އެހެން ބުނީމާ ދެން އަސްލު ދުވަން ވެސް ބޭނުންވާތީ ދުވުމަށް ހާއްސަވީ،" ހިމްނާ ބުންޏެވެ.
400 މީޓަރު 1 މިނިޓަށް ވުރެ އަވަހަށް ދުވި ފުރަތަމަ ދުވުންތެރިޔާ
ދޭތެރެ ދޭތެރެއިން ރާއްޖޭގައި ވެސް ނިސްބަތުން ބާރު އަންހެން ދުވުންތެރިން އުފެދުނެވެ. އެގޮތުން 1990ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 2000ގެ އަހަރުތަކުގެ ކުރީކޮޅުގައި ނަމަ ޝަމްހާ އަހުމަދެވެ. އަންހެނުންގެ 100 މީޓަރުގެ ދުވުމުގެ ރެކޯޑް 12.27 ސިކުންތުން ދުވެގެން އަދިވެސް އޮތީ އޭނާގެ އަތުގަ އެވެ.
ޝަމްހާގެ ފަހަތުން، އޭގެ ގާތްގަނޑަކަށް 15 އަހަރު ފަހުން އުފެދުނީ އަފާ އިސްމާއިލް އެވެ. އަންހެނުންގެ 200 މީޓަރުގެ ރެކޯޑް 24:96 އިން ދުވެގެން އަދިވެސް އޮތީ އޭނާގެ އަތުގަ އެވެ. އެކަމަކު އަފާ މި ދުވަސްކޮޅު އުޅެނީ ދުވުމާ ދުރުގަ އެވެ.
ހިމްނާގެ ތަފާތުކަން އެނގެނީ 400 މީޓަރުގަ އެވެ. ޖަޕާންގައި 2018 ގައި އޮތް އޭޝިއަން ޖޫނިއަ ޗެމްޕިއަންޝިޕްގައި 59:76 ސިކުންތުން 400 މީޓަރު ދުވުމަކީ ރާއްޖޭގެ ތާރީހުގައި ވެސް މުޅިން އާ ކަމެކެވެ. އެއީ ދިވެހި އަންހެން ދުވުންތެރިޔަކު އެ ރޭސް އެއް މިނިޓަށް ވުރެ އަވަހަށް ދުވި ފުރަތަމަ ފަހަރެވެ.
އޭގެ ފަހުން ތިން ބުރަކަށް ހިމްނާ ވަނީ ރެކޯޑް އާކޮށްފަ އެވެ. އެންމެ ފަހުން މި އަހަރުގެ އޮގަސްޓް މަހު ކެންޔާގައި އޮތް ވޯލްޑް ޖޫނިއަ ޗެމްޕިއަންޝިޕްގައި އޭނާގެ ވަގުތަކީ 58:90 ސިކުންތެވެ.
މިދިއަ މަހު އޮތް ގައުމީ މުބާރާތުގައި ބަރާބަރު 1 މިނިޓުން ރޭސް ނިންމިޔަސް އެއީ ގައުމީ މުބާރާތުގެ ރެކޯޑެވެ.
އަދި 10 ސިކުންތުވަރު އަވަސްކުރެވިދާނެ
ހިމްނާއަކީ، އެތުލެޓިކްސް އެސޯސިއޭޝަނުން ދެކޭ ގޮތުގައި، ރައްޖޭގެ ހަތަރު ސަރަހައްދެއްގައި އެސޯސިއޭޝަންގެ ކޯޗުން ބައިތިއްބައިގެން ތަމްރީންތައް ހަދަން ފެށުމުގެ ފޮނި ނަތީޖާ އެވެ.
"އެ މަސައްކަތުގެ އަސްލު އުފެއްދުމެއް ނޫނީ އޭގެ ނަތީޖާ މިއީ،" އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވި އެވެ.
އެކަމަކު މިހާރު ހިމްނާއަށް ފައިދާ ބޮޑީ ރާއްޖޭގައި ތަމްރީން ހެދުމަށް ވުރެ ބޭރުން ފުރުސަތު ލިބުން ކަމަށް، އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ. އެހެންކަމުން ބޭރުގައި ގިނަ ދުވަހު ތަމްރީންކުރެވޭނެ ގޮތެއް ފެނޭތޯ، އޮލިމްޕިކް ކޮމިޓީއާ ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.
މުންތަގިމް ވިދާޅުވި ގޮތުގައި ދެތިން އަހަރު ބޭރުގައި ރަނގަޅު ކޯޗެއްގެ ބެލުމުގެ ދަށުން ހިމްނާއަށް ތަމްރީން ލިބިއްޖެ ނަމަ އޭނާގެ 400 މީޓަރުގެ ވަގުތުން '10 ސިކުންތުވަރު އަވަސްކުރެވިދާނެ ކަމަށް ލަފާކުރެވެ' އެވެ.
"ހިމްނާ ވާނެ ސަރަހައްދީ މުބާރާތްތަކުން އެންމެ ފުރަތަމަ މެޑެލް ހޯދާ އަންހެން ދުވުންތެރިންގެ ތެރޭގައި،" މުންތަގިމް ވިދާޅުވި އެވެ.
އެ އުއްމީދު ފުރިހަމަކުރާނެ މަގުތައް ކޮށޭތޯ މިހާރު ވެސް ބައެއް ތަންތަނަށް ހިމްނާގެ ނަން އެސޯސިއޭޝަނުން ވަނީ ފޮނުވައިފަ އެވެ. އެގޮތުން ދުނިޔޭގެ އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕަކަށް އުއްމީދުކުރެވެ އެވެ.
ހިމްނާ ހުރީ 200 މީޓަރާއި 400 މީޓަރުގެ ރެކޯޑްތަކަށް ފެން ބޮވައިގެންފަ އެވެ. އޭނާ ބުނި ގޮތުގައި ސުލްތާންގެ ތަމްރީންތަކާއި އެހީތެރިކަން ވަރަށް ބޮޑެވެ. މިހާ ހިސާބަށް އާދެވުނީ ވެސް ކޯޗުގެ ސަބަބުން ކަމަށް، ހަތަރު މެމްބަރުން ތިބި އާއިލާއަކަށް ނިސްބަތްވާ، ދުވުންތެރިޔާ ބުންޏެވެ.
"ސުލްތާން ކޯޗަކީ އެންމެ މޮޅު ކޯޗު އަޅުގަނޑަށް،" ޝުކުރުގެ ބަހެއް ބުނެލުމުގެ ގޮތުން ހިމްނާގެ ޝުއޫރު ފާޅުކުރި އެވެ.
"ކޯޗު ދޭ މޮޓިވޭޝަނާއި ތަމްރީންތައް ވަރަށް ރަނގަޅު."
ޒުވާން ދުވުންތެރިންގެ ދުވުމުގެ ކެރިއަރު ރާއްޖޭގައި މިހާރު ފެންނަނީ ވަރަށް ކުރުކޮށެވެ. އެކަމަކު ހިމްނާ ހުރީ އެހެން އަޒުމެއްގަ އެވެ. މަންމަ އާއި އާއިލާގެ އެހެން މީހުންގެ ހިތްވަރާއި އެހީތެރިކަމުގެ ތެރެއިން، ހިމްނާ ބުނީ 'ދުވުން ހުއްޓާލަން ގަސްދުނުކުރާ' ކަމަށެވެ.
"މިހާރު އެންމެ އިސްކަން މި ދެނީ ދުވުމަށް. ވަރަށް ލޯބިކުރަން، ވަރަށް ހިތްވަރު ވެސް ކުރަން،" ހިމްނާ ބުންޏެވެ.
"އަވަހަކަށް ދުވުން ހުއްޓައެއް ނުލާނަން އިރާދަކުރެއްވިއްޔާ."
ގިނަ މީހުންނަށް އޭނާގެ އެ ބާރު ދުވުން ހަމަ ލޮލުން ފެނިފައެއް ނުވާނެ އެވެ. އެކަމަކު ފެނިއްޖެ ނަމަ ތައުރީފުގެ ބަހެއް ބުނެނުލާ ނުހުރެވޭނެކަން ޔަގީނެވެ.