މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް މަޖިލީހުގައި. (ފޮޓޯ/މަޖިލިސް)

ނަޝީދު މަގާމުން ދުރުކުރުމާ މެދު އިދިކޮޅުގެ ވިސްނުން ބަދަލުވެއްޖެ

އިދިކޮޅުން ބުނީ ނަޝީދު މަގާމުން ދުރުކުރަން ފުރުސަތެއް ލިބިއްޖެ ނަމަ މިނެޓެއް ވެސް މަޑުނުކުރާނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން ތާއީދު ނުކުރާނެ ކަމަށް މިދިޔަ މަހު އިދިކޮޅު ކޯލިޝަނުން ބުނި ނަމަވެސް، އެ މަނިކުފާނު މަގާމުން ދުރުކުރަން ކިރިޔާ ފުރުސަތެއް ލިބުނަސް އެކަން ކުރާނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

އެނގުން މުހިންމު - މެއި 18 ވަނަ ދުވަހު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުން ބުނީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި ހިސޯރުކޮށްފައި އޮތީ ސަރުކާރުން ކަމަށާއި، އެހެންކަމުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް ތާއީދުނުކުރާނެ ކަމަށެވެ.

ވީ ކިހިނެއް؟ - ނަމަވެސް، މަޖިލީހުގެ ބައެއް މެންބަރުންނާއި ނުފޫޒު ގަދަ ބައެއް ބޭފުޅުންނަށް ތުހުމަތު ކުރެވޭ ބަދުއަހްލާގީ އަމަލުތަކެއް ފެންނަ ފޮޓޯ އަދި ވީޑިއޯތަކެއް ލީކުވި މައްސަލައާ ގުޅިގެން މަޖިލީހަށް މިއަދު ހުށަހެޅި ދެ ކުއްލި މައްސަލައަށް ބަހުސްކުރަން ނަޝީދު ފުރުސަތު ނުދެއްވުމުން އިދިކޮޅުގެ ރާގު ވަނީ ބަދަލުވެފަ އެވެ.

ތަފްސީލް - ކުއްލި މައްސަލަތައް އެޖެންޑާނުކޮށް ބޭރުކޮށްލުމާ ގުޅިގެން، އިދިކޮޅު މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އޮތް ނަމަވެސް، ދީނަށް ފުރައްސާރަކުރުމާއި ފާހިޝް ކަންކަން ދިފާއު ކުރުމުގައި އަބަދުވެސް އެއް ގަލަކަށް އަރާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ދެންނެވޭނީ ހަމަ ދެ ފަރާތް އެއްވެގެންނޭ މި ހުރިހާ ކަމަކަށް ހިތްވަރު ދީ، މި ކަންކަން ކުރިއަށް މި ގެންދަނީ،" މަޖިލީހުގެ އިދާރާގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެ ވީޑިއޯތަކާ ގުޅިގެން ނަޝީދު ދެއްކެވި ވާހަކަތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.

"ގާތްގަނޑަކަށް %5 ތިބީ އަސްލުގައި ރާއްޖޭގައި ކަމުދާ މުސްލިމުންގެ ގޮތުގައި މަސައްކަތް ކުރާ. ދެން ތިބި %95 އަކީ އަނެއްހެން ބުނާ ނަމަ މި ބާވަތުގެ އަމަލުތައް ކުރާ މީހުންނޭ ދޭހަވާ ކަހަލަ ގޮތަކަށް ވާހަކަފުޅު ދެއްކެވީ،" ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު. (ފޮޓޯ/މަޖިލިސް)

ސަލީމް ވިދާޅުވީ ފާހިޝް އަމަލުތައް ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ނުވަތަ އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކުމަކީ، ހާއްސަކޮށް ދައުލަތުގެ ވެރިން އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ބުނީ ކީކޭ؟ - ނަޝީދުގެ ވާހަކަތަކާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ސަލީމް ވިދާޅުވީ ނަޝީދު މަގާމުން ދުރުކުރަން ބޭނުން ވިޔަސް، ޕީޕީއެމް/ޕީއެންސީއަށް އެކަން ނުކުރެވޭނެ ކަމަށެވެ.

"އެ މީހުންގެ 65 މެމްބަރުންގެ ކުރިމަތީގައި މަޖިލީހުގެ ރައީސް ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް މިވަގުތަކު މާ ބޮޑު ކަމެއް ކުރެވޭނެ ކަމެއް ނޫން. އެންމެ ކުޑަމިނުން މަޖިލީހުގެ ރައީސް ވަކިކުރަން ލާން ޖެހޭ އަދަދަށް ވެސް އަޅުގަނޑުމެންގެ ތެރޭގައި މީހުންނެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީ އެތެރޭގައި މައްސަލަތަކެއް ޖެހި، ހާލަތު ވަރަށް ބޮޑަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މަޖިލީހުގެ ރައީސް ވަކިކުރުމުގެ ފުރުސަތު ލިބިއްޖެއްޔާ، އަޅުގަނޑުމެން އެންމެ މިނެޓެއް ވެސް ނުތިބޭނަން. ވަކި ކުރާނަން،" އޭނާ ވިދާޅުވި އެވެ.

 އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގުމަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ އިރު، ރަސޫލާއަށް ފުރައްސާރަކުރުމާއި އެއް ޖިއްސުން ގުޅުން ހިންގުމުގެ މައްސަލަތަކަށް އަހަންމިއްޔަތުކަން ނުދޭ ކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅުކުރި އެވެ.

އިދިކޮޅުން ވަނީ މިއީ "ފާސިގު" ސަރުކާރެއް ކަމަށް ބުނެ، ރައްޔިތުން ނުކުމެ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުމަށް ވެސް ގޮވާލައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ދިވެހި ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރާ ތަނެއް ނޫން ކަމަށް ވެސް އެ ފަރާތްތަކުން ބުންޏެވެ.

"ހެޔޮ ނުވާނެ މިކަމަށް ފުރުސަތު ދޭން. ހެޔޮ ނުވާނެ. ރައްޔިތުން ނުކުމެ މި މަޖިލިސް ޒިންމާދާރު ކުރުވަން ޖެހޭ، ރައީސް އޮފީސް ޒިންމާދާރު ކުރުވަން ޖެހޭ. މި މީހުން މިތަނުން ނެރެ ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަމެއް ކުރަން ޖެހޭ،" މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް