Majlis 2024

މާޒިޔާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. (ފޮޓޯ/މާޒިޔާ)

މާޒިޔާ އަށް އަނެއްކާ ވެސް ތަފާތު ބޮޑު މޮޅެއް

މި މޮޅާ އެކު މާޒިޔާ ވަނީ އެއް ވަނައިގައި ލީޑު ފުޅާކޮށްފައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި ވެލެންސިއާ ކޮޅަށް 13 ލަނޑު ޖެހި މާޒިޔާ އިން މި ހަފުތާގައި ކުޅުނު މެޗުން ވެސް ތަފާތު ބޮޑުކޮށް، ޑަ ގްރާންޑޭ އަތުން 5-0 އިން މޮޅުވެ އެއް ވަނައިގައި ލީޑު ފުޅާކޮށްފި އެވެ.

މާޒިޔާ އެއް ވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓާ އެކު އެވެ. އެންމެ ގާތުގައި އޮތީ، ނުވަ މެޗުން 22 ޕޮއިންޓް ހޯދާފައިވާ އީގަލްސް އެވެ. މާދަމާރޭ ސުޕަ ޔުނައިޓެޑް އަތުން މޮޅުވެގެން އީގަލްސް އަށް މާޒިޔާއާ ދެ ޕޮއިންޓަށް ގާތްކުރެވޭނެ އެވެ.

މި މެޗުގެ ހަތަރު ވަނަ މިނެޓުގައި މާޒިޔާ އަށް ކުރި ހޯދައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. މިއީ ހަމްޒާ މުހައްމަދު (ހަމްޕު) އަރިމަތިން އޭރިއާ ތެރެއަށް ވައްޓާލި ބޯޅައެއް ނާއިޒް މެއިން ކޮންޓްރޯލްކުރުމަށް ފަހު ގޯލުގެ ތިރީ ކަނަށް ވައްދާލި ބޯޅައެކެވެ.

ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި މާޒިޔާގެ ދެ ވަނަ ގޯލް ޖެހީ ކޯނަރަކުން ހުރަސްވި ބޯޅައެއް ބޮލުން ޖަހައި ޑިފެންޑާރު ނެމަންޔާ ކަޓާލް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ހަމްޒާ އާއި ކޮނޭލިއަސް ސްޓެވާޓް ލީޑު އިތުރަށް ފުޅާކޮށްދިނެވެ. ހަމްޒާގެ ގޯލަކީ އަރިމަތިން ނާއިޒް ނަގައިދިން ހުރަހެއް ހަނި އޭންގަލުން ބޮލުން ޖަހައި ވައްދާލި ގޯލެކެވެ. ކޯނޭލިއަސްގެ ގޯލަކީ ފަހަތުން ކުރިއަށް ދިން ބޯޅައެއް، ޑަ ގްރާންޑޭގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ލިބުނު ވަގުތު، ކުރިއަށް ނުކުމެ ހުރި ގޯލްކީޕަރު ބޯމަތިން ވައްދާލި ލަނޑެކެވެ.

މާޒިޔާގެ ފަހު ލަނޑު ދެ ވަނަ ހާފުގައި ޖެހީ އަސަދުﷲ އަބްދުﷲ އެވެ. މިއީ ހިލޭ ޖެހުމަކުން އުފެއްދި ހަމަލާއެއްގައި އޭނާ ބޮލުން ޖެހި ގޯލެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް