14 ސެޕްޓެމްބަރު 2021ގައި ރާއްޖޭގެ ހައިކޯޓު (ދައުރު ފޮޓޯ)

ފުލުސް މީހާގެ އަދަބު ބޮޑުވުމުން ދައުލަތުން ހައި ކޯޓަށް ދަނީ

އޭނާއަށް އަދަބު ބޮޑުކުރީ އޭނާއަކީ ހުވައެއް މަތީ ހުރި ފުލުހަކަށް ވެފައި، އިންސާނީ ފިތުރަތާ ހިލާފު ކަމެއް ކުރުމުން
22 ސެޕްޓެމްބަރު 2022
1

ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރް ނަމަކަށް ކިޔާ މީހަކާ އެކު މާލޭގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގެ ތެރޭގައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ)ގެ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު އަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމް ބޮޑުވުމުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އާދިއްތަ ދުވަހު އޮތް އަޑުއެހުމުގައި އަބްދުއްރަހްމާން ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އޭނާ ވަނީ ކުށަށް ތައުބާވެފައިވާ ކަމަށް ބުނެ އާންމުންގެ ކިބައިން މައާފަށް އެދިފަ އެވެ.

ކުށުގެ އުގޫބާތެއްގެ ގޮތުން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ އޭނާ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.

އެނގުން މުހިންމު - މި މައްސަލައިގައި މިހާތަނަށް އެންމެ ބޮޑު ހުކުމެއް އައިސްފައިވަނީ އަބްދުއްރަހްމާން އަށެވެ. މައްސަލައިގައި ދެން ހިމެނޭ މީހުންނަށް އައި ހުކުމް:

  • އެމްޑީ އަލަމްގީރް: އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތިން ދައުވާއަށް އިއުތިރާފުވުމުން އޭނާއަށް އައީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް

  • މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު: އޭނާގެ މައްޗަށް ކުރި ދައުވާއަށް އިއުތިރާފުވުމުން ކޯޓުން ހުކުމް ކުރީ ތިން މަހާއި 26 ދުވަހަށް ގޭބަންދު ކުރަން 

ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން އާންމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ ދަށްވާނެ އެވެ. ކުށްވެރިޔާގެ މައްޗަށް ދައުވާ ކޮށްފައި ވީނަމަވެސް އެ މައްސަލައިގެ ޝަރީއަތް ނުފެށޭހާ ހިނދަކު، ކުށްވެރިޔާ އެ ކުރި ކުށަށް އިއުތިރާފުވެއްޖެނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ ދަށްވާނެ އެވެ.

ނާޒިމް ސައްތާރާއި، އަލަމްގީރު އަދި އަބްދުއްރަހްމާން ވެސް ވަނީ ކުށަށް އިއުތިރާފުވެ، މައާފަށް އެދިފަ އެވެ. ކުށަށް އިއުތިރާފުވުމުން ނާޒިމް އަދި އަލަމްގީރުގެ އަދަބަށް ވެސް ލުއި ލިބުނެވެ.

ބުނީ ކީކޭ؟ - ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ އަބްދުއްރަހްމާން ވެސް ކުށަށް އިއުތުރާފު ވުމުން ދައުލަތުން އެދުނީ އަސާސީ އަދަބުން އެއް ދަރަޖަ އުނި ކުރުމުން އަންނަ ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބު އޭނާއަށް އިއްވައި ދިނުމަށް ކަމަށެވެ.

އެއީ ނާޒިމް ސައްތާރުގެ މައްސަލައިގައި ވެސް ދައުލަތުން އެދުނު ގޮތެވެ. ނަމަވެސް އަބްދުއްރަހްމާނަށް ހުކުމް ކޮށްފައި ވަނީ ދެ ދަރަޖަ މަތިކުރުމަށްފަހު އެވެ. 

އަބްދުއްރަހްމާން އަށް ދެ ދަރަޖަ މަތިކޮށް އަދަބު ކަނޑައަޅާފައި ވަނީ:

  • އެ ކުށުގެ އަމަލަކީ އިންސާނީ ފިތުރަތާ ހިލާފު ކަމެއްކަމުގައި ވާތީ

  • އެކަމުގެ ސަބަބުން މުޖުތަމައު ރައްކާތެރި ކުރެވިފައިވުމަކީ ޒަރޫރަތެއް ކަމުގައިވާތީ

  • މި އަމަލަކީ އިސްލާމީ ޝަޜީއަތުގައި ބޮޑުވެގެންވާ ޖަރީމާއަކަށް ވާތީ

  • އަބްދުއްރަހްމާން އަކީ ކުށުގެ އަމަލު ހިންގި އިރު ފުލުހެއްގެ ހައިސިއްޔަތުން އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ގާނޫނުތައް ނެގެހެއްޓުމަށާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި ރައްޔިތުން ހިމާޔަތްކުރުން މަތީ ދެމި ހުރުމަށް މާތްﷲ ގަންދީ ހުވައެއް ކޮށްގެން ހުރި ފަރާތަކަށް ވުން

  • އަދި އެ ހުވަޔާވެސް ހިލާފުވެފައި ވާތީ

އެހެންކަމުން، އަބްދުއްރަހްމާންގެ އަދަބު ބޮޑުކޮށްފައި ވަނީ، 'ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެގޮތުގެ އުސޫލު' ގެ ދަށުން، ފަނޑިޔާރަށް ލިބިދޭ އިހްތިޔާރުގެ ދަށުންނެވެ.

ޝަފީއު ވިދާޅުވީ އަދަބު ކަނޑައެޅި ގޮތް ރަނގަޅު ނޫން ކަމަށް ދެކޭތީ ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް (1)

ހަސަނު

23 ސެޕްޓެމްބަރު 2022
ދެރަ މީހާއަށް ދެރަގޮތް އަބަދުވެސް ..... ސޭޑް ސްޓޯރީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް