Majlis 2024

ނާޒުނާ އޭނާގެ ކޮޓަރީގެ ބަންކު ބެޑުގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ)

މި ހިތްދަތި ހަޔާތުގައި ވަރަށް ހިތްވަރު އެބަހުރި

ނާޒުނާ އިބްރާހިމް އަލީ މިއީ ކާކު ހެއްޔެވެ؟ މިހައި ހިތްދަތި ނިކަމެއްޗެއްގެ ހިތް، މިހައި ހެޔޮ ތަނަވަސް ހިތަކަށް ބަދަލުކޮށްލީ ކޮން ސަބަބުތަކެއް ހެއްޔެވެ؟ އޭނާގެ ހިތާމައަކީ ކޮބައި ހެއްޔެވެ؟ ނުވަތަ މި ހަޔާތުގައި އެއްވެސް ކަހަލަ އުފަލެއް ވާ ނަމަ އެ އުފަލަކީ ކޮބައި ހެއްޔެވެ؟
9 އޯގަސްޓު 2022
8

މުހިންމު ނުކުތާތައް

ނާޒުނާގެ ނިކަމެތި ހިތަކީ އެހެން ނިކަމެތިންނަށް ސުވަރުގެއެއް

ކިތަންމެ ހާލުގައި އުޅެން ޖެހިފައިވިޔަސް އޭނާ އެންމެ ކުރާހިތްވާ ކަމަކީ މީހުންނަށް އެހީވުން

އޭނާ ބުނަނީ އެ ހާލުގައި އުމުރު ދުވަސް ހޭދަވެފައިވުމުން އެ ހިތްޗަށް ފަރިތަވެފައިވާ ކަމަށް

ދާންވީ ދިމާލެއް ނޭނގިފައި ހުއްޓައި އެ ދިމާލުގައި އޮތް ހަނި ގޯޅިގަނޑަކުން ނުކުތް އަންހެނަކު ހަނާ އަޅާލި ގޮތުން އެއީ އަހަރެންގެ ކަންފަތުގައި ޖަހައިގެން ހުރި ފޯނުގެ ކޯލާ ގުޅިފައި ހުރި މީހާކަން އެނގުމާ އެކު ފޯނު ކަނޑާލައި ޖީބަށް ލައިގެން އަހަރެން އެ ދިމާލަށް ހިނގައިގަތީ އެވެ. މާސްކަކާއި އައިނެއް އަޅައިގެން ހުރުމުން އެ އަންހެން މީހާގެ މޫނު ރަނގަޅަށް ފެންނަ ވަރެއް ނުވެ އެވެ. އެކަމަކު ވެސް މިއީ، 58 އަހަރުގެ ނާޒުނާ އިބްރާހިމް އަލީކަން މިހާރު ޔަގީނެވެ.

ދައްތަ ކިހިނެއް ހެއްޔޭ ސުވާލުކޮށްލުމުން ވަރަށް ރަނގަޅޭ ބުނެފައި ގޯޅިގަނޑަށް އެނބުރި ވަދެ ހިނގައިގަތުމުން އަހަރެން ވެސް ފަހަތުން ހިނގައިގެންފީމެވެ. ދޮރެއް ހުޅުވާލާފައި އެތެރެއަށް ވަދެގަތުމާ އެކު އަހަރެމެންނާ ބައްދަލުކުރީ ހިރަފުސް އަރައި ބައުވެފައިވާ ލަކުޑީގެ ސިޑިބަރިއެކެވެ. އެ ހިރަފުހުގައި ކޮށި އަރައި އަހަރެން ކިނބިހި އަޅައިގަތެވެ. ހިރަފުހަށް އެލާޖިކްވާ މީހަކަށް ވީމަ އެވެ. ނުވަތަ އެއީ، ނާޒުނާގެ ދިރިއުޅުން ހަމަ އެއްގޮތަކަށް ވެސް ރަނގަޅު ނޫން ކަމުގެ އިންޒާރެވެ.

އަހަރެމެން އެރީ ދެވަނަ ފްލޯއަށެވެ. އެއީ ބައު 'ޖިފުޓިގަނޑެކެވެ.' އަނެއްކާވެސް ހަނި ގޯޅިގަނޑެކެވެ. މީހަކު ފިތި ނޭވާ ހާސްކޮށްލާ ވަރުގެ ނުތަނަވަސްކަމެކެވެ. ތިން ފޫޓުގެ އެ ގޯޅިގަނޑަކީ ނާޒުނާގެ 'ސިޓިންރޫމެވެ.' ނުވަތަ އެއީ އޭނާގެ ލޯންޑްރީ އެވެ. ނުވަތަ ބަދިގެ އެވެ. ކާ ތަނެވެ. އެތަން މި ހުރިހާ ސާމާނުތަކުން ފުރި ގެއްލިފައި އޮތީމަ އެވެ. އެތެރެއަށް ދެމިގެން ގޮސް ބޯދިއްކޮށްލުމުން ފެންނަނީ ބަދިގޭގައި ބައުވެ ހަސްނެތެމުންދާ ސިންކާ އިންވެގެން ހުރި ކުޑަ ފާހާނާއެކެވެ. ޖެހިގެން އޮތް ބެލްކަނީ އަށް ބޯދިއްކޮށްލުމުން އެތަނުން ނުކުމެގެން އައީ ދިގުކެހެރިލީ ހަތަރެސްފައި ޖެހި ހައިވާނެކެވެ.

އޮޅުވެގެން އައިސް ފަހަތު އަޅުވާލައިފި އެވެ.

އިންޓަވިއު ނަގަން އަހަރެން ގޮސް އިށީނުމުން، ފަހަތު އަޅުވާލައިގެން އައި މި ހައިވާނު ވެސް އެތަނުގައި ޖައްސާލި އެވެ. ކަންނެތްކަމުގައި އަރާމުގެ ތެރޭގައި ފެތުރިގަތެވެ.

"ތިއީ ލޫސީ،" ބަންކު ބެޑަކާއި ކުޑަ އަލަމާރިއަކާ އެކު ނޭވާނުލެވޭ ވަރަށް ފުރި ބަންދުވެ ބާރުވެފައި އޮތް ކޮޓަރީގެ އެނދުގައި އިށީނދެލައިގެން އިން ނާޒުނާ ބުނެލި އެވެ.

ނާޒުނާ ބަދިގޭގައި އަދި އޭނާގެ ބުޅާ ލޫސީ ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ)
ނާޒުނާގެ ބޫޅާ ލޫސީ (ދައުރު ފޮޓޯ)

ކޮޓަރީގެ ދޮރު ކައިރީގައި އަހަރެން އަޅައިގެން ހުރި ގޮނޑި ކައިރީގައި ޖައްސާލައިގެން އޮތް 'ރަންކުލައިގެ' ބޮޑު ބުޅަލާ ދިމާލަށް ގުދުވެ ފިރުމާލީމެވެ. އަންހެން ކުއްޖެއްގެ ނަމުން ނަންދީފައި އޮތަސް އެއީ ބޮޑު ފިރިހެން ބުޅަލެކެވެ. އަދި މި އިންޓަވިއުގައި ނާޒުނާ ހާއްސަވާ މިންވަރަށް ހާއްސަ މެހެމާނެކެވެ.

އެކަމަކު ކީއްވެގެން ހެއްޔެވެ؟

ލޫސީ އަކީ އެއް އިރެއްގައި މަގުމަތިވެ ބިކަވެ ބަނޑުހައިވެފައި އޮތް ކުޑަކުޑަ ބުޅަލެކެވެ. ފަހަތު އަޅުވާލައިގެން ރޮމުން އަންނަން ފެށުމުން އެ ސޮރު ނަގައިގެން ގެއަށް ގެނައި ގޮތަށް ނާޒުނާގެ ދިރިއުޅުމުން ބޯހިޔާވަހިކަން ދީ، ކާންދީ، ބޯންދީ ލޯބިދީ މިހާރު އެ އޮތީ 'ސިންގާއެއްހެން' ބޮޑުކޮށްފަ އެވެ.

އެކަމަކު މިއީ އޭނާ އެގޮތަށް ބަލައި ބޮޑުކޮށް ބޯހިޔާވަހިކަން ދީގެން ގެންގުޅުނު ހަމައެކަނި ބުޅަލެއް ނޫނެވެ.

"ފަންސާހެއްހާ ބުޅާ އަޅުގަނޑު މިގޮތަށް ކުރިން ގެންގުޅުނިން ކާންދީ ނިދާނެ ތަން އެ ސޮރުމެންނަށް ދީގެން،" ނާޒުނާ ބުނެލި އެވެ.

ނާޒުނާގެ ބަދިގެ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެކަމަކު ނާޒުނާގެ ހިތާއި އޭނާގެ މި ނިކަމެތި 'ޖިފުޓިގަނޑުން' ބޯހިޔާވަހިކަމާއި ރައްކާތެރިކަން އޭނާ ފޯރުކޮށް ދެނީ ހަމައެކަނި ބުޅަލަކަށް ނޫނެވެ. އޭނާ އިށީނދެލައިގެން އެ އިން ބަންކު ބެޑުގައި ނިދައި ބޮޑުވެ، އުމުރުން މިހާރު 18 އަހަރު ފުރިފައިވާ ފިރިހެން 'ދަރި' އަކީ ވެސް، އެ ކުއްޖާގެ އުމުރުން 15 ދުވަހުން ފެށިގެން ނާޒުނާގެ އަމިއްލަ ދަރިއެއްހެން ބަލައި ބޮޑުކޮށްފައިވާ ކުއްޖެކެވެ.

އަދި މި ކުއްޖާ އެކަންޏެއް ވެސް ނޫނެވެ. ބަނޑުފުރާނަ މުއްތިކޮށްލާނެ ގޮތެއް ނެތި، ނިދާލާނެ ތަނެއް ނެތި މާލޭގައި މަގުމަތިވެފައި ތިބި އެތައް ބަޔަކަށް ނާޒުނާގެ ފެންވަރާއި ހާލަތާއި ތަނަވަސްކަމުގައިވީ ހިޔަލުން ޖާގަ ނުދޭ ދުވަސްވަރެއް އޭނާގެ އަޑި މި ހަޔާތުގައި ނެތެވެ. އޭގެ ތެރެއިން ގިނަ މީހުންގެ އެންމެ ފަހު ދުވަސްތަކުގައި ކާންދީ، ބޭސްދީ ފެންވަރުވައި ހަދައިދިނީ ވެސް ނާޒުނާގެ ދެ އަތުންނެވެ.

"މޮޔަ ނާސިރާއޭ ކަލޭމެން އެންމެން ކިޔައި އުޅުނު ނާސިރާ ވެސް ބާޒާރުމަތީގައި، މަގުމަތީގައި ނިދާތީ އަޅުގަނޑު އޭނަ ގޮވައިގެން ގެންގޮސް އަޅުގަނޑު އޭރު ދިރިއުޅުނު ތަނުގައި ނިންދެވިން. ވަރަށް ބޮޑަށް ބަލިވެގެން، އެންމެފަހުން އަޅުގަނޑުމެން އެމްބިއުލާންސަށް ގުޅައިގެން އެއަށް ލައިގެން ގެންދަނިކޮށް ނިޔާވީ،" އަސަރާ އެކުގައި ކިޔައިދެމުން ނާޒުނާ އޭނާގެ މާސްކު ނަގައި ތިރިކޮށް ބުރުގާ ބޮލަށް ހެޔޮވަރުކޮށްލި އެވެ.

ވަޅުވަދެފައިވާ ދެ ލޮލާއި ކޮލާއި މޫނުމަތީގައިވީ އެކަނިވެރިކަމާއި ހިތްދަތިކަމުގެ ފަރުދާ ކަހައި ވައްޓާލި އެވެ. ނާޒުނާގެ 58 އަހަރުވީ ހަޔާތުގައި ތިބި އޭނާގެ ވަރަށް ގިނަ ރައްޓެހިންނަކީ މާލޭގެ ބާޒާރުމަތީގައި ސަލާންޖަހަން ތިބި މީހުންނެވެ. ނުވަތަ މިހާރު ވެސް ސަލާންޖަހާ މީހުންނެވެ.

ސަބަބަކީ އޭނާ ވެސް އޭނާގެ ހަޔާތުގައި އެންމެ ގިނަ ދުވަސްވަންދެން ކުރި އެއް ކަމަކީ ސަލާން ޖެހުން ކަމަށްވުމެވެ. އަދި ދުވަހަކު ވެސް އޭނާގެ މި ހަޔާތާ ވަކިވެ ނުދިޔަ ތުރާލަކަށް އެ ފަގީރުކަމާއި ހިތްދަތިކަން ވެފައިވުމެވެ.

ނާޒުނާ އޭނާ ކުއްޔަށް ދިރިއުޅޭ ތަނުގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެކަމަކު ނާޒުނާ އިބްރާހިމް އަލީ މިއީ ކާކު ހެއްޔެވެ؟ މިހައި ހިތްދަތި ނިކަމެއްޗެއްގެ ހިތް، މިހައި ހެޔޮ ތަނަވަސް ހިތަކަށް ބަދަލުކޮށްލީ ކޮން ސަބަބުތަކެއް ހެއްޔެވެ؟ އޭނާގެ ހިތާމައަކީ ކޮބައި ހެއްޔެވެ؟ ނުވަތަ މި ހަޔާތުގައި އެއްވެސް ކަހަލަ އުފަލެއް ހިތްހަމަޖެހުމެއްވާ ނަމަ އެ އުފަލަކީ ކޮބައި ހެއްޔެވެ؟

އެއްވެސް އުފާވެރިކަމެއް ނެތެވެ. ފެންކަޅިވެފައިވާ ދެ ލޯ ހެކިކޮށް ނާޒުނާ ދިނީ މި ޖަވާބެވެ. އަދި އަހަރެން ގޮވައިގެން ގެންދިޔައީ މާ ކުރީގެ ހަނދާންތަކެއްގެ ތެރެއަށެވެ.

"މީހުން ކިޔައިދޭ ގޮތުން ނަމަ އަޅުގަނޑުގެ މަންމަ އަޅުގަނޑު ވިހަންވެގެން، މާލެ އިން ފުރައިގެން ދިޔައީ މަންމަގެ އުފަން ރަށް ކެލަޔަށް. ބައްޕަ އަކީ އއ. ބޮޑުފޮޅުދޫ މީހެއް. ބައްޕަގެ އެހީއެއް ލިބުނު ހަނދާނެއް ދުވަހަކު ވެސް ނުވޭ. މަންމަ އޮޑިއަށް ލާފައި ވަރިކޮށްލާފައި އެ ދިޔަ ބައްޕަ ކޮށްދިން ކަމެއް ނެތް،" ނާޒުނާ ކިޔައިދިނެވެ.

"އަޅުގަނޑަށް ހަތަރު ވަރަކަށް އަހަރުގައި މަންމަ ނިޔާވެއްޖެ. ބައްޕަގެ އާއިލާ ކީއްކުރަންތޯ، މަންމަގެ އާއިލާއިން ވެސް އެއްވެސް ބަޔަކު އަޅުގަނޑު ބަލައެއް ނުގަތް."

"ދެން ރަށުގައި ފަޅު ގެތަކުގައި ނިދައި، އޮފީހުގެ ފެންޑާގައި، ޖޯލިފަތީގައި ނިދައި އުޅެނިކޮށް އަޅުގަނޑު މާލެ ގެނައީ ދުރުތާ ތިމާގެ މީހެއް. ގެނެސް ބެހެއްޓީ މާލޭގެ ގެއެއްގައި."

ނާޒުނާގެ އުމުރުން އޭރު ގާތްގަނޑަކަށް އަށެއްކަ އަހަރެވެ. ދިރިއުޅެމުން ދިޔަ ގޭގައި ކުނިކަހައި ތަންމަތިއަޅައި އެކި ވަރުގެ މަސައްކަތްކުރަން ޖެހެ އެވެ. އެކަމަކު ކިޔަވަން ތަނަކަށް ދާކަށް ފުރުސަތެއް ނުލިބެ އެވެ. އަމުދަކުން ބަނޑުހައިހޫނުކަމެއް ވެސް ނުފިލަ އެވެ. އެ ގޭގައި އުޅުނުއިރު އަބަދުވެސް ނާޒުނާ އަށް ވަކި މިންވަރަކަށް ވަކި ގޮތަކަށް ވަކި ވައްތަރަކުން ކާން ލިބުނީމަ އެވެ. ފާރޮށިކޮޅަކާއި ކަޅު ސައިތައްޓެކެވެ.

"އެ ހާލުގައި، އެ ބަނޑުހައިހޫނުކަމުގައި އުޅެން ޖެހުމުން އަނެއްކާވެސް އަޅުގަނޑު އެދުނީ ރަށަށް ގެންދަން. އެކަމަކު އަޅުގަނޑުގެ ހާލު ބަލައިލަން އޭރު އައި ދުރުތާ ތިމާގެ މީހާ އަޅުގަނޑު ގޮވައިގެން ގެންދިޔައީ އަނެއްކާވެސް އެހެން ގެއަކަށް،" ނާޒުނާ ކިޔައިދިނެވެ.

ނާޒުނާ އޭނާގެ ބަދިގޭގައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެއީ ފުރާވަރުގެ ދުވަސްތަކެވެ. މީހުންގެ ފުރައްސާރަ އާއި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެދާނެހެން ހީވާން ފެށުމުން އެންމެފަހުން އެ ގެއިން ވެސް ނުކުމެގެން ދާން މަޖުބޫރުވީ އެވެ. އެ ސިލްސިލާގައި އެއް ގެއިން އަނެއް ގެއަށް ބަދަލުވަމުން ގޮސް، ނާޒުނާ ކިޔައިދިން ގޮތުން ނަމަ، އޭނާ ހަރުލީ ކުރީގެ ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް އާދަމް ޒާހިރުގެ ގޭގަ އެވެ.

"އާދަމް ޒާހިރުބޭގެ އަންހެނުންނަށް އޭރު ދަރިއަކު ލިބިލައްވައިގެން އުޅުއްވަނީ. ދެން އަޅުގަނޑު އުޅުނީ އެ ގޭގައި ދަރިފުޅު ބަލަން،" ނާޒުނާ ކިޔައިދިނެވެ.

އޭނާގެ ހަޔާތުގައި ނަގަމުން ދިޔަ ރާޅުތައް ބިޔަވެ، އެނބުރި އައުމެއް ނެތް ގޮތަށް އެ އޮޔާއި ވަޔާއި ލޮނާއި ބާރުތަކުގެ ތެރެއަށް ދަމައިގެން ގެންދިޔައީ އުމުރުން 15 އަހަރުގައި މީހަކާ އިން ހިސާބުންނެވެ.

"އަޅުގަނޑު އިނީ މ. މަޑުއްވަރީ މީހަކާ. ވަރަށް ލޯބިން އިނީ. ދެ ފިރިހެން ކުދިން ލިބި ދެވަނަ ކުއްޖާ އަށް ހަތް މަހުގައި، ކައިވެންޏަށް ހަތް ވަރަކަށް އަހަރުގައި ވަރިކޮށްލާފައި ގެއިން ނެރެ މަގުމަތިކޮށް ނިކަމެތިކޮށްލީ. އަދި އެ ވެސް އެ ބީރައްޓެހި ރަށުގައި،" ނާޒުނާ ކިޔައިދިނެވެ.

"އެންމެ ދޮށީ ކުއްޖާ އަޅުގަނޑަކަށް ނުވެސް ދިން. އަދި މިހާރު ވެސް ކުއްޖާ ކައިރީގައި ބުނެފައި އޮންނަނީ އަޅުގަނޑަކީ މަންމަ ވެސް ނޫން ކަމަށް."

ހަގު ދަރިފުޅު ގޮވައިގެން ނާޒުނާ ފެށި ހަޔާތުގައި ކަނޑުވީ އިތުރަށް ގަދަ އެވެ. އޭނާ ޖަހައިގެން ދިޔަ ތޫފާނުގައި ކަނޑުވެ އިތުރަށް ބިކަވީ އެވެ.

ނާޒުނާގެ ބަދިގެ އާއި ފާހާނާ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އިތުރު ދެ ކައިވެނިކޮށް ޖުމްލަ ހަ ކުދިން ލިބިފައި ތިއްބަސް، ނާޒުނާ ބުނިގޮތުގައި، އަމިއްލަ ދަރިން ހަޔާތުގައި ތިއްބަސް އޭނާގެ ހަޔާތުގައި ދުވަހަކު ވެސް މަޑުނުކުރި އިހުސާސަކީ އުފާވެރިކަމެވެ.

"ކުދިން ލިބިފައި ތިއްބަކަސް އަސްލު ހިތްހަމަޖެހުމެއް ނެތެއްނުންތޯ؟ އެ ކުދިންތައް ވެސް ބިކަހާލުގައިތާ އުޅެން މި ޖެހެނީ، އެ ކުދިންތައް ގޮވައިގެން ބިކަހާލުގައިތާ އަޅުގަނޑުގެ މުޅި ހަޔާތުގައި އުޅެން މި ޖެހެނީ،" އޭނާ ކިޔައިދިނެވެ.

"އުފަލަކަށް ވާނީ މަންމަ އާއި ބައްޕަ ވަކިނުވެ ރީތިކޮށް ކުދިންނަށް ލޯބި ދީގެން އުޅުމެއް ނޫންތޯ؟ މިހާރު މަންމަގެ ޒިންމާތައް އަދާކުރަމުން ބައްޕައެއްގެ ރޯލު ކުޅެމުން އެ ކުދިންނަށް ބައްޕައެއްގެ ލޯބި ވެސް ހޯދައިދޭން މި ޖެހެނީ މި މަންމަ އަށް."

"އެ ކުދިންގެ ކާފަ އާއި މާމަގެ ލޯބި ވެސް އެ ކުދިންނަށް ދޭން މި ޖެހެނީ އަޅުގަނޑު މިއަދު. އޭގެ އެއްވެސް މީހަކު މި ކުދިންގެ ދިރިއުޅުމުގައި ނެތީމަ. ގާތްތިމާގެ މީހުންގެ ލޯބި ވެސް އެ ކުދިންނަށް ދޭން ހުރި މީހަކީ މި މަންމަ އެކަނި،" ނާޒުނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އެހެންވީމަ ކޮބައިތޯ އުފަލަކީ؟"

ސަލާން ޖަހައިގެންނާއި ގޮނޑު ހޮވައިގެންނާއި ގޭގޭގައި ބުރަކަށި ބިންދައިގެންދާ ވަރަށް މަސައްކަތްކޮށްގެން ބަލައި ބޮޑުކުރި ކުދިން އެހީވޭތޯ ސުވާލުކުރުމުން ދޮށީ އަންހެން ދަރިފުޅުގެ ހެޔޮ ވާހަކަ ކިޔައިދިނެވެ. ދަރިން ގޯސް ކަމަކަށް އެއްގޮތަކަށް ވެސް ނުބުނެ އެވެ.

ނާޒުނާ އޭނާ ދިރިއުޅޭ ގޭގެ ހަނި ގޯޅިގަނޑުގައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

"އަޅުގަނޑު ގޮނޑަށް ދަމުން، ގޭގެއިން ކުނި އުކަމުން، ގޭގެ އަށް ބޯފެން އުފުލައި ދެމުން، ގޭގޭގައި ކުނިކަހަމުން އަޅުގަނޑުގެ މި ދަރިންތައް ބަލައި ބޮޑުކުރީ. ސަލާންޖަހަން ވެސް އަޅުގަނޑު އުޅުނީ ދަރިންނަށްޓަކައި. އެއްގޮތަކަށް ވެސް އަޅުގަނޑު ކުރާހިތުން ކުރި ކަމެއް ނޫން ސަލާންޖެހުމަކީ. ކުދިން ނެތްއިރު އަޅުގަނޑު އުޅުނީ ފިނޭންސް މިނިސްޓްރީގައި މަސައްކަތު މީހެއްގެ ވަޒީފާގައި،" ދަރިން ބަލަން ގޭގައި މަޑުކުރި ގޮތް ނާޒުނާ ކިޔައިދިނެވެ.

"އިތުރު އެއްވެސް ގޮތެއް ނެތުނީމަ ސަލާންޖަހަން ނުކުތީ. މާލޭގައި އޭރު ވަންނާނެ ގެއެއް ހުރީކީއެއް ނޫން. އެއްޗެއް ދިއްކޮށްލާނެ މީހަކު ހުރީކީއެއް ނޫން. ކުދިންގެ ބައްޕަމެން އެއްގޮތަކަށް ވެސް އެހީވަނީކީއެއް ނޫން."

ދަރިން ގޮވައިގެން ނާޒުނާ ބާޒާރު މައްޗަށް ސަލާންޖަހަން މީގެ 15 ވަރަކަށް އަހަރު ކުރިން ނުކުތްއިރު އޭނާ އޭނާ އިނީ އެންމެ ހަގު ދަރިފުޅަށް ބަލިވެ އެވެ. ސަލާންޖެހުމުގެ އެ ދިރިއުޅުން ނިމުމަކަށް ގެނުވީ ވެމްކޯ އުފެދި އެތަނުން ވަޒީފާއެއް ލިބުނު ދުވަހެވެ.

ނާޒުނާ ކިޔައިދިން ގޮތުން ނަމަ އުފާވެރިކަން އަލަށް ވެސް އިހުސާސުވި ދުވަހަކީ ވެމްކޯގެ ވަޒީފާ ހަމަޖެހުނު ދުވަހެވެ. އެ ވަޒީފާގައި އުޅުން ފިޔަވައި ދެން އެންމެ ކުރާހިތްވާ ކަމަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ އެނބުރި ދިޔައީ އެއްކަލަ ބުޅަލުގެ ހަޔާތަށެވެ. ނުވަތަ މަގުމަތިވެފައިވާ ބުޅަލެއްގެ ހަޔާތަށެވެ.

"އަޅުގަނޑު އެންމެ ކުރާހިތްވާ އެއް ކަމަކީ އެހެން މީހުންނަށް އެހީވުން. އެގޮތަށް ވަރަށް ގިނަ ކުދިން ގެންގުޅުނިން. ބުނެދޭން ނޭނގޭ ވަރަށް މީހުންނާއި ކުދިން ގެންގުޅުނިން އަޅުގަނޑު އޭރަކު ދިރިއުޅުނު ތަންތަނުގައި. އަޅުގަނޑު ކައިބޮއި ހެދި އެއްޗެއް އެމީހުންނަށް ދީގެން، އަޅުގަނޑު ނިދައި އުޅުނު ތަނެއްގައި ނިންދަވައިގެން،" ނާޒުނާ ކިޔައިދިނެވެ.

"އެއީ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ އަޅުގަނޑު އުޅެ ބޮޑުވި ހާލު. ބޯހިޔާވަހިކަމެއް ނެތި ކާނެ ބޯނެ އެއްޗެހި ނެތި ތިން އިރު ނުކައި އުޅޭނެ މީހެއްގެ އިހުސާސް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. މިހާރު ވެސް އަޅުގަނޑު ވަރަށް ބޭނުން އެގޮތަށް މީހުންނަށް އެހީވާން. އެކަމަކު މިވަގުތު އަޅުގަނޑުގެ ހާލަތު ހުރި ގޮތަކުން ނެތް އިތުރު މީހަކު މިތަނުގައި ބަހައްޓައިގެން ބެލޭކަށް."

ނާޒުނާ އޭނާ ދިރިއުޅޭ ގެ ހުންނަ ގޯޅިގަނޑަށް ވަދެގެން ދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެކަމަކު ވެސް ނާޒުނާގެ ހިތުގައި އެ އެންމެނަށް ވެސް ޖާގަ އެބައޮތެވެ. އެހައި ވެސް ބޮޑު ހިތެކެވެ. ކިތަންމެ ހިތްދައްޗަސް، ކިތަންމެ ނިކަމެއްޗަސް ދާންވީ ދިމާލެއް ނޭނގި ހުއްޓިފައިވީ ހަޔާތެއް ނޫނެވެ.

މި އިންޓަވިއުގެ ރިކޯޑިން އަހަރެން އެ ހިސާބުން ހުއްޓުވާލީމެވެ. އެކަމަކު ނާޒުނާ އިބްރާހިމް އަލީގެ ދުނިޔެ، އަލިކަމެއް ނެތް ކައުނެއްގައި އަދިވެސް އެނބުރެނީ އެވެ.

އޭނާ ދެކޭ ހުވަފެނަކީ ބޯހިޔާވަހިކަމަށް ފްލެޓެކެވެ. އެކަމަކު އެ ހުވަފެން ދުވަހަކު ވެސް ހަގީގަތަށް ވާނެ ހެއްޔެވެ؟

ކޮމެންޓް (8)

ހާލަތު

19 އޯގަސްޓު 2022
މާލޭ މުއްސަނދިންތަށް ހިޔާ ފްލެޓް ހޯދައިގެން ކުއްޔަށް ދީގެން އުފަލުގަ. ތި ކަހަލަ ރާއްޖެތެރެއަށް އުފަން މީހުންނަކަށް މި މާލެއަކުން ޖާގައެއް ނެތް
0 0

ސަރާސަރު

9 އޯގަސްޓު 2022
ރެހެންދި އެވޯޑްވެސް ހައްޤުވަނީ މިކަލަ ބޭފުޅުންނަށް އަކަމަކު ގިނަފަހަރަށް ސްޓޭޖްމަތިން އެވޯޑް ދެނީ ފެމެނިސްޓް ނަށް މިއީ ދެރަކަމަކީ މިބޭފުޅުން ގިނަފަހަރަށްވަނީ ނުވިމީހުންނަށް
37 0

ސާބަސް

9 އޯގަސްޓު 2022
ތިދައްތައަށް އަހަރުމެން އެންމެންގެ އައްސަރިބަހާ ސާބަސް ހައްގު! ދައްތައަށް ހެޔޮ ރަޙްމަތް ލައްވާށި! އާމީން!
39 0

ސަލާމް އަހްމަދު

9 އޯގަސްޓު 2022
ގިނަ ފަހަރު މީހުންނަށާއި ޖަނަވާރުން އެންމެ ހެޔޮވާން ދަސްވެފައި ތިބޭނީ ބިކަ ހާލުގައި އުޅޭ މީހުންނަށް. ނާޒުނާ ކަހަލަ ގިނަ ބަޔަކު ދިވެހިރާއްޖޭގައި އުޅޭ. މިކަހަލަ ވާހަކަތައް ގެނައުމުން މުޖުތަމައުގައި އޯގާތެރިކަން އިތުރުވާން ހިތްވަރު ލިބޭ އާންމުންނަށް. އަހަރުމެން ގައުމަށް ކޮންމެހެން ބޭނުންވާ ކަމެއް އެއީ ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލުތަކަށް. ސިޔާސީ ކުޅިވަރަށް އެންމެން މަސްތުވެގެން ދުވާއިރު، ގައުމުގެ އިޖްތިމާއީ އޯގާތެރި ފޭރާން އޮޔާ ގޮސްފި.
51 0

ޙުސައިން

9 އޯގަސްޓު 2022
ނަދީމް، މި ވާހަކައަށް ފިލްމެއް ހަދަން ވީނު. މި ދައްތަ ގެ ދިރިއުޅުމުގައި ބަރކާތް ލައްވާށި.
55 0

މުޙައްމަދު

9 އޯގަސްޓު 2022
ހެޔޮ ދައްތަ އަށް ހެޔޮ ރަހުމަތް ލައްވައި ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި. އާމީން
61 0

މާޒިން

9 އޯގަސްޓު 2022
ބުނާނެ އެއްޗެއް ވެސް ނޭނގުނު. ތި ދައްތައަށް އުފާވެރި ހަޔާތެއް މިންވަރު ކުރައްވާށި. ތި ހެޔޮކަމުގެ ޖަޒާ ދެއްވާނެ
93 0

ވަކީލު

9 އޯގަސްޓު 2022
@މާޒިން އާމީން ..ދައްތަްަށް އުފާވެރިކަން މިންވަރު ކޮއްދެއްވާށި
27 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް