އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ޖެނެރަލް ސެކްރެޓަރީ ޖަވާޒް. (ފޮޓޯ/މިހާރު)

އެފްއޭއެމް

ރޭޑިއަންޓަށް ފުރުސަތު ނުދޭން ނިންމީ އޭއެފްސީން: އެފްއޭއެމް

އެފްއޭއެމްގެ ގާނޫނީ ވަކީލް ޖައުޝަން ވިދާޅުވީ އޭއެފްސީން އެގޮތަށް ނިންމީ ފީފާގެ ޑިސިޕްލިނަރީ ކޯޑަށް ބެލުމަށް ފަހު ކަމަށް

އަލަށް ރަޖިސްޓްރީކުރި ރޭޑިއަންޓަކީ، ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓުގެ 'ސްޕޯޓިން ސަކްސެސާއެއް[ ކަމަށް ބަލައި އެ ޓީމަށް ފުރުސަތު ނުދޭން ނިންމީ އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީން ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރޭޑިއަންޓަކީ، ނިއު ރޭޑިއަންޓް ނެތުމުން އެ ކްލަބުގެ ސަޕޯޓަރުން އިސްވެ އުފެއްދި ކްލަބެކެވެ. އެ ކްލަބުން ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީ ކުރުމަށް ފަހު އެފްއޭއެމްގެ މެމްބަޝިޕް ހޯދަން އެދުމުން އެ ފުރުސަތު ނުދިނުމުން އެފްއޭއެމްއަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

ބުނީ ކީކޭ؟ - އެކަމަކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ރޭޑިއަންޓުގެ މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރީ ވެސް އޭއެފްސީން ކަމަށާއި އެ ކްލަބަށް، ކްލަބް ލައިސަންސް ނުދޭން ނިންމީ ވެސް އޭއެފްސީން ކަމަށެވެ.

އެފްއޭއެމްގެ ގާނޫނީ ވަކީލް މުހައްމަދު ޖައުޝަން ވިދާޅުވި ގޮތުގައި އޭއެފްސީން އެގޮތަށް ނިންމީ ފީފާގެ ޑިސިޕްލިނަރީ ކޯޑަށް ބެލުމަށް ފަހު އެވެ. އެއީ ކްލަބެއް މާލީ މައްސަލައަކާ ހުރެ ސަސްޕެންޑްކުރުމުން، މާލީ ޒިންމާއިން ރެކި އާ ކްލަބެއްގެ ގޮތުގައި އެނބުރި އަންނަން ކުރާ މަސައްކަތް ހުއްޓުވަން ފީފާ އިން ގަވާއިދަށް އިތުރު ކުރި ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގަވާއިދުގައި ބުނަނީ ކްލަބެއްގެ ލޯގޯ އާއި ކުލަ އާއި ސްޓޭކްހޯލްޑަރުންނާއި ވާދަކުރާ ކުޅިވަރު އެއްގޮތްވާ ނަމަ އެއީ ސްޕޯޓިން ސަކްސެސާއެއް ކަމަށް ބަލައި ފުރުސަތު ނުދޭން ނިންމިދާނެ ކަމަށެވެ.

ތަފުސީލު - ޖައުޝަން ވިދާޅުވި ގޮތުގައި ރޭޑިއަންޓުގެ ޗެއާމަން އަހުމަދު ވާސިފާއި ހަޒާންދާރު ޒަހީނުއްދީން ސައީދު ވަނީ ނިއު ރޭޑިއަންޓުގެ ބޯޑުގައި މަސައްކަތްކޮށްފަ އެވެ. އަދި ރޭޑިއަންޓުގެ ކުލަ އާއި ލޯގޯ ވެސް ނިއު ރޭޑިއަންޓާ އެއްގޮތް ކަމަށާއި ވާދަކުރަނީ ވެސް އެއް ކުޅިވަރެއްގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖަވާޒް ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރޭޑިއަންޓް ރަޖިސްޓްރީކުރިތާ ފަސް ވަނައަށް ވީ ދުވަހު އެކަން އޭއެފްސީން، އެފްއޭއެމްގެ ސަމާލުކަމަށް ގެނެސް އެ ކްލަބުގެ މައުލޫމާތު ހޯދަން އެދުނު ކަމަށެވެ. ސްޕޯޓްސް ރާޑާ ކިޔާ ބަޔަކާ ގުޅިގެން އޭއެފްސީން ސްޕޯޓްސް އިންޓެގްރިޓީ ބައި ވަރުގަދަކޮށްފައިވާ ކަމަށާއި އެހެންވެ ސަސްޕެންޑްކޮށްފައި އޮތް ކްލަބަކާ ގުޅޭ ކްލަބެއް ވުޖޫދުވުމާ އެކު އެކަން އޭއެފްސީއަށް އެނގުމުން ހައިރާންވެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަވާޒް ވިދާޅުވީ ރޭޑިއަންޓުން އިންތިހާބު ބޭއްވުމުގެ ކުރިން މާޗު 16 ގައި އެކަން ކްލަބުގެ މިހާރުގެ ޗެއާމަން އަދި އޭރުގެ މުއައްސިސް ވާސިފްއާ ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން ނިއު ރޭޑިއަންޓުގައި އުޅުނު ބަޔަކު ރޭޑިއަންޓުގެ ބޯޑަށް އަތުވެއްޖެ ނަމަ އޭއެފްސީން ސްޕޯޓިން ސަކްސެސާއެއް ކަމަށް ބަލާ މިންގަނޑުގައި ކްލަބް ހިމެނިދާނެކަން ސަމާލުކަމަށް ގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު ނުދެކެން މިއީ އެ ބޭފުޅުންނަށް ނޭނގި ކުރި ކަމެއް ކަމަކަށް،" ޖަވާޒް ވިދާޅުވި އެވެ.

ރޭޑިއަންޓުން އިންތިހާބު ބޭއްވީ ޖެހިގެން އައި ދުވަސް ކަމަށް ވާ މާޗު 17 ގަ އެވެ. އަދި އެފްއޭއެމްގައި ރަޖިސްޓްރީވާން އެދުނީ މާޗު 28 ގަ އެވެ.

ޖަވާޒް ވިދާޅުވީ އެފްއޭއެމުން ރޭޑިއަންޓަށް ހުރަސް ނާޅާ ކަމަށާއި މިކަމުގައި އިތުރު ގޮތެއް ފެނޭތޯ ވާހަކަދައްކަން އެ އެސޯސިއޭޝަން އޮތީ ތައްޔާރަށް ކަމަށެވެ.

ރޭޑިއަންޓަށް ފުރުސަތު ނުދޭން ނިންމީ އެ ކްލަބުން ކޯޗުންނާއި ކުޅުންތެރިން ހޯދައި ތިން ވަނަ ޑިވިޝަނަށް ތައްޔާރުވެފައި ވަނިކޮށެވެ. ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހީމެވެ.

ރޭޑިއަންޓުގެ ޗެއާމަން ވާސިފް (ކ-4) ބޯޑު މެމްބަރުންނާ އެކު.

ފަސް މަންޒަރު - ރޭޑިއަންޓް އުފައްދައި ހަރަދުކުރަނީ ނިއު ރޭޑިއަންޓުގެ ސަޕޯޓަރުންނެވެ. އެކަމަކު އާ ކްލަބާ ރަސްމީ އުސޫލުން ނިއު ރޭޑިއަންޓާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެ ސަޕޯޓަރުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ވާދަކުރެވޭނެ އެހެން ގޮތްތަކެއް ހޯދުމަށް އެ ކްލަބުން އަންނަނީ މަސައްކަތްކުރަމުންނެވެ.

"މި ޖޯޝާ ނުކުޅޭތި، މި ލެޔާ ނުކުޅޭތި، ނުލާ ހުދުގެ ލަޝްކަރު މިތިބީ މިފަހަރު ދޫދޭކަށް ނޫން،" އެ ކްލަބުގެ ފޭސްބުކުގައި ލިއެފައިވެ އެވެ.

މި ހަރަކާތުގައި އިސްކޮށް އުޅޭ މީހަކު ނަން ނުޖަހާ ގޮތަށް ބުނީ ނިންމުން ބޭއިންސާފު ކަމަށެވެ. އޭނާ ބުނި ގޮތުގައި ނިއު ރޭޑިއަންޓުގެ ބޯޑު މެމްބަރުންތަކެއް އެހެން ކްލަބެއްގެ ބޯޑުގައި ތިބުމަކީ، އެ ކްލަބަކާ ނިއު ރޭޑިއަންޓާ ރަސްމީ ގުޅުމެއް އޮތުން ކަމަށް ބެލުމަކީ ތާކުންތާކު ޖެހޭ ނިންމުމެއް ނޫން ކަމަށެވެ.

"މާނައަކީ ނިއު ރޭޑިއަންޓުގެ ބޯޑު މެމްބަރުންތަކެއް މާދަމާ ވެލެންސިއާގެ ބޯޑަށް ދާއިރަށް ވެލެންސިއާ އަކީ ނިއު ރޭޑިއަންޓުގެ ސަސްކެސާއެއް ކަމަށް ބަލައި އެ ކްލަބް ވެސް ސަސްޕެންޑްކުރާނެޔޭ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެ މެމްބަރުން ނިއު ރޭޑިއަންޓުގެ ބޯޑަށް ދިޔައީ މުސާރައިގެ މައްސަލަ ޖެހުނު ފަހުން ކަމަށާއި އެހެންވެ ކްލަބް ސަސްޕެންޑްވާން ޖެހުނު ސަބަބާ އެ މެމްބަރުންނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

'ރޭޑިއަންޓް' މި ނަމަކީ އެންމެ ކުރިން 'ނިއު ރޭޑިއަންޓް' އަށް ކީ ނަން ވެސް މެ އެވެ. އެއީ 1960 އާއި 1970 ގެ އަހަރުތަކުގައި ފިނޭ އިބްރާހީމްގެ ދޮންކޮއްކޮ (ފަތަށްސީލާ ދޮހޮއްކޮ) ލީޑަރުކަމުގައި މުޅި މާލެ އެއްތަންކޮށްލި ހެންވޭރު ބޮޑުބެރު އަދި ކުޅިވަރު ކްލަބެވެ. ނަމަވެސް އެ ކްލަބް އުވުމާ އެކު، 'ނިއު ރޭޑިއަންޓު' ގެ ނަމުގައި 1979 ވަނަ އަހަރު ނުކުތެވެ.

އެ ކްލަބުން 2020 ވަނަ އަހަރާ ހަމަޔަށް ފުޓްބޯޅައިން ފެށިގެން ވޮލީބޯޅަ އާއި ކްރިކެޓާއި ބާސްކެޓްބޯޅަ އާއި ޓޭބަލް ޓެނިހުގައި ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދި އެވެ. ވަކިން ހާއްސަކޮށް ފުޓްބޯޅައިގަ އެވެ. ގައުމީ މުބާރާތާއި އެފްއޭ ކަޕް މިލްކުކުރި އެވެ. އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދި އެވެ. މޫސާ މަނިކު (ކުޑަމޫސަ) އާއި މުހައްމަދު ކަލީމުން ފެށިގެން އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި އިމްރާން މުހައްމަދު އެ ޖާޒީގައި ކުޅެފައިވެ އެވެ. ގައުމީ ޓީމުގެ ނަމުގައި ސަރަހައްދީ މުބާރާތެއްގައި ވާދަކޮށްފައިވެ އެވެ. ނަމަވެސް ވަރަށް ވަރުގަދަކޮށް އޮވެފައިމެ، މެނޭޖްމަންޓުގެ ދޯހަޅިކަމާ ހެދި ދަރަނިވެރިވެ އެންމެ ފަހުން ވުޖޫދުން ގެއްލުނީ އެވެ.

ކްލަބުގެ ޗެއާމަން ވާސިފް ވިދާޅުވީ އެ ކްލަބުން ބޭޏުންވަނީ ނުލާއި ހުދުގެ އެ ސަޕޯޓަރުން އަލުން އުފާކޮށްދޭން އާ ކްލަބެއް ނެރެން ކަމަށެވެ.

"މިއީ އެއްވެސް ހާލެއްގައި ނިއު ރޭޑިއަންޓެއް ނޫން. އެކަމަކު މި ކްލަބުން މާޔޫސްވެފައި ތިބި ނުލާއި ހުދުގެ ސަޕޯޓަރުންގެ ރޫހު އާކޮށް ހެއްވާލަދޭނެ. ސަޕޯޓަރުންގެ ހިތް އަތުލުމަށްޓަކައި އަޅުގަނޑުމެން ކުލަޔަކަށް ނުލާއި ހުދު އަދި ލޯގޯއަކަށް ބާޒެއް ބޭނުންކުރަނީ ވެސް،" އޭނާ ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް