މަސްދަރު ހާމަކުރަން ޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި މިއަދު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނޫސްވެރިންގެ ހުށަހެޅުންތަކަށް ބެލުމެއް ނެތި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލު ފާސްކުރަނީ

އެ އިސްލާހާ ދެކޮޅަށް ނޫސްވެރިން އަންނަނީ އިހުތިޖާޖު ކުރަމުން

ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަ ކުރެވޭ ގޮތަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ދީ، ހެއްކާ ބެހޭ ބިލު ޖުޑީޝަރީ ކޮމިޓީން އިސްލާހު ކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރަން ތާވަލުކޮށްފި އެވެ.

އެނގުން މުހިންމު - މިއަދު ބާއްވާ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައި އެ ބިލު ފާސްކުރަން އެޖެންޑާކޮށްފައި މި ވަނީ، މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިއްޔެ ކަރުދާހެއް ހުށަހަޅާފައި ވަނިކޮށް، އެ ކަރުދާހުގައި ހުރި ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ހުށަހަޅައި މިއަދު މަޖިލީހުން ފާސްކުރަން އުޅޭ ހެއްކާ ބެހޭ ބިލުގައި ބުނެފައި ވަނީ، މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. 

ތަފްސީލް - ބިލުގެ 136 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ:

  • ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މައުލޫމާތެއް ދީފައި ވަނީ މަސްދަރު ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާނަމަ، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާ ނުލައި އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވާނެ ކަމަށް

ޖުޑީޝަރީ  ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އަދި ނައިބު މުގައްރިރު މޫސާ ސިރާޖު. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ނަމަވެސް، އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ވަކި ހާލަތްތަކެއްގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ކޯޓަށް އަމުރުކުރެވިދާނެ ކަމަށެވެ. އެއީ:

  • ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން 

މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނީ ވަކި ކަންކަމަށް ރިއާޔަތްކުރުމާ އެކު މަދަނީ މިންގަނޑުން އެ ކަންކަން ސާބިތު ވާނަމަ ކަމަށް ބުނެފައިވެ އެވެ. އެ ކަންކަމަކީ:

  • ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުން ދާކަން ނުވަތަ ކުރަން އުޅޭކަން 

  • ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތް ކަމަކަށްވުން 

  • ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު މާ ބޮޑު ހާލަތެއް ކަމަށް އެ ހާލަތުވުން

  • ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެގޮތް ނުވެ، އޭނާގެ މައްޗަށް ނާއިންސާފު ހުކުމެއްކޮށް، ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން 

  • ނޫސްވެރިޔާގެ މަސްދަރު އެނގުމަކީ މައްސަލައަށް ކޮންމެހެން މުހިންމުވާ އަދި މައްސަލައާ ސީދާ ގުޅުން ހުރި ކަމަކަށްވުން

  • ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާ އަދާކުރާ ތަން މެދުވެރިނުކޮށް، ނޫސްވެރިޔާގެ މަސްދަރު އެނގުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް އެކަށީގެންވާ މިންވަރަށް ކޮށްގެން ވެސް އެ މަސްދަރު އެނގިފައި ނުވުން

  • ނޫސްވެރިޔާގެ މަސްދަރާ ހަވާލާދީ ހާމަކުރި މައުލޫމާތަކީ އޭގައި އެއްވެސް އަސާސެއް އެކުލެވިގެން ނުވާ މައުލޫމާތަކަށްވުން

  • ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަގުސަދުގައި ނޫން ކަމަށްވުން

އެ ކަންކަން މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ޝަރީއަތުން ރިއާޔަތްކުރަންވާނީ، އެ އަކުރުގައިވާ ކަންކަމުގެ ތެރެއިން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކޮށްދިނުމަށް އެދި ޝަރީއަތަށް ހުށަހެޅި ފަރާތުގެ ހުށަހެޅުމާ ގުޅުންހުރި ކަންކަމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިމުގައި ނޫސްވެރިން އަޑު އުފުލަނީ. (ފޮޓޯ/ އަވަސް)

ބުނީ ކީކޭ؟ - ނޫސްވެރިންގެ މަސްދަރު ހާމަކުރެވޭނެ އިސްތިސްނާ ހާލަތެއް ކަނޑައަޅާފައިވާ މާއްދާއާ ގުޅޭ ގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި އެމްޖޭއޭ އިން ވަނީ ކޮމިޓީއާ ހިއްސާކޮށްފަ އެވެ. އެ ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ، އެ އިސްލާހު ގެންނަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް  ކަމަށެވެ.

އެނގުން މުހިންމު - އެ އިސްލާހާ ގު ޅޭގޮތުން ކޮމިޓީން ވަނީ އެކިއެކި ކޯޓުތަކުގެ ގާޒީންނާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ހޯދައިފަ އެވެ.

އެގޮތުން، އެ މާއްދާ އިސްލާހުކޮށްގެން ނަމަވެސް އެ މާއްދާ ބިލުގައި ހިމެނުން މުހިންމު ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކުން ވެސް ހިޔާލު ދެއްވާފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ. 

ގުޅުންހުރި ކަމެއް - އެ އިސްލާހު ފާސްކުރަން އުޅޭތީ، ނޫސްވެރިން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި އިހުތިޖާޖު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް