ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް އެނބުރި ވަޑައިގެންނެވުން. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

ރައީސް އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އާ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވި
5 އޯގަސްޓު 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ރޭ ރާއްޖެއަށް އެނބުރި ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހުގެ އެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި މުމްބާއީއަށް ޒިޔާރަތް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި ދިވެހި ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.

އެނގުން މުހިންމު - ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު ތެރޭގައި ހިމެނޭ ތިލިމާލެ ބުރިޖުގެ އަމަލީ މަސައްކަތް ވެސް ފެށީ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު 2 އޮގަސްޓް 2022ގައި ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު 2 އޮގަސްޓް 2022ގައި ގުޅިފައިވާ ބަޔާނެއް ދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅު

ނިއު ދިއްލީ:

  • ފުރަތަމަ ވަޑައިގެންނެވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް؛ އެ ސިޓީގައި ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވެވި

  • އެ ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިންނާއި މިހާރު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި

  • އިތުރަށް ގުޅުން ބަދަހިކުރާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި؛ ތަފާތު ހަ އެއްބަސްވުމެއްގައި ސޮއިކުރި

  • ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި ތަމްރީނާއި ގާބިލުކަން އިތުރުކުރުމާއި ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިނޭންސް ކުރުމުގެ އެއްބަސްވުންތައް ހިމެނޭ

  • ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވި

  • އެ މަސައްކަތް ފައްޓަވައިދެއްވުމަށް ފަހު ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ ވަނީ ގުޅިފައިވާ ބަޔާނެއް މީޑިއާތަކަށް ދެއްވާފައި

  • ޖޮއިންޓް ސްޓޭޓްމަންޓަށް ފަހު ރައީސް ސޯލިހުގެ ޝަރަފުގައި ބޮޑުވަޒީރު މޯދީ ދެއްވި ރަސްމީ ޖާފަތުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވި

  • އެ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައި؛ އެ ބައްދަލުވުން އޮތީ އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި

  • އިންޑިއާގެ ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި އެކަމަނާ އެ މަގާމަށް ވަޑައިގެންނެވުމުން ރައީސް ސޯލިހު އެކަމަނާއަށް މަރުހަބާ ވިދާޅުވި

  • ނިއުދިއްލީގައި ރައީސް ސޯލިހުގެ އަރިހަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަން ޖަޔަޝަންކަރު އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި

  • އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި؛ އެ ފޯރަމްގައި ވާހަކަދައްކަވަމުން އިންޑިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓުކުރަން ދައުވަތު ދެއްވި

ރައީސް ސޯލިހު ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދިން 600 މިލިއަން ޑޮލަރުގެ އެލްއޯސީއަށް އިތުރު 100 މިލިއަން ޑޮލަރު ލިބޭނެ މަގުފަހިކޮށްދެވުމުން އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. މާލެ ސަރަހައްދުގައި ތަރައްގީކުރަން ނިންމާފައިވާ 4،000 ހައުސިން ޔުނިޓާއި އިތުރު 2،000 ސޯޝަލް ހައުސިން ޔުނިޓު އިމާރާތްކުރަން އެގްޒިމް ބޭންކުން ފައިސާ ހަމަޖައްސައިދިންކަން ފާހަގަކުރައްވައި އެކަމަށް ވެސް އެ މަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

އޭގެ އިތުރުން ދިވެހި ސިފައިންގެ އުމްރާނީ ވަސީލަތްތަކާއި އުޅަނދުފަހަރާއި އާލާތްތައް ތަރައްގީކުރަން އިންޑިއާ ސަރުކާރުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފަ އެވެ.

މުމްބާއީ:

  • މުމްބާއީއިން ރައީސް ސޯލިހަށް މަރުހަބާ ދެންނެވީ މަހާރަޝްތުރާގެ ގަވަރުނަރު ސްރީ ބަގަތު ސިންގު ކޮޝަޔާރީ

  • މުމްބާއީގައި ވެސް ކުރިއަށްދިޔަ އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ސޯޯލިހު ބައިވެރިވެވަޑައިގެންނެވި

  • ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ވަޑައިގެން، އެ ތަނުގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓް ސްޓާފުންނާ ބައްދަލުކުރެއްވައި މަޝްވަރާ ކުރެއްވި

  • އެ މަޝްވަރާތަކުގައި ރާއްޖޭގެ ސްޓޮކް މާކެޓު ތަރައްގީކުރަން ގުޅިގެން މަސައްކަތް ކުރަން ބޮމްބޭ ސްޓޮކް އެކްސްޗޭންޖުން ޝައުގުވެރިކަން ފާޅުކުރި

  • ރައީސް ސޯލިހު ވަނީ އެ ދަތުރުފުޅުގައި އިންޑިއާގެ ދެ ވަނައަށް އެންމެ ބޮޑު ކޮންޓެއިނާ ހޯލްޑިން ޕޯޓު، ޖަވާހިރުލާލް ނެހެރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީީ)އަށް ޒިޔާރަތް ކުރައްވާފައި

  • އެ ބަނދަރުގެ ޗެއާމަން ސަންޖޭ ސެތީ ވަނީ ރައީސް ސޯލިހާއި އެ މަނިކުފާނުގެ ވަފުދަށް ބަނދަރުގެ ޓުއާއެއް ދެއްވައި، އެ ތަނުގެ ތާރީހާއި ވަސީލަތްތަކާއި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައި

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް