Majlis 2024

ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިފްހާމް (ޕެސްޓް).

ސުޕްރީމް ކޯޓު

ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓް ޝަރީއަތަށް ގަބޫލުކުރެވޭނެ: ސުޕްރީމް ކޯޓު

ސްޓޭޓްމަންޓް ހޯދީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅާފައި އޮތް އޮތުން ބާތިލު ކުރި
20 ސެޕްޓެމްބަރު 2022

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ މައްޗަށް ކޮށްފައިވާ މަސްތުވާތަކެތީގެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ހިމެނޭ އޭނާގެ ބޭންކް ސްޓޭޓްމަންޓަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެއްކެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގައި ޑްރަގާ އެކު އިފްހާމް އާއި އިތުރު ބަޔަކު ހައްޔަރުކުރި އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާތަކަކާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ ވެސް ދައުލަތުން ވަނީ އުފުލައިފަ އެވެ.

އިފްހާމްގެ އިތުރުން އެ މައްސަލައިގައި ދެން ހިމެނޭ މީހުންގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ.

ވީ ކިހިނެއް؟ - އިފްހާމްގެ މައްޗަށް އުފުލި ދައުވާތައް ސާބިތުކުރަން ދައުލަތުން ވަނީ ޖެނުއަރީ 2020 އިން ފެބްރުއަރީ 2021އާ ހަމައަށް އިފްހާމްގެ ބޭންކް އެކައުންޓުން ކޮށްފައިވާ މުއާމަލާތްތަކުގެ ސްޓޭޓްމެންޓް ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.

ނަމަވެސް އެއީ ގާނޫނާ ހިލާފަށް ހޯދި ހެކިތަކެއް ކަމަށް ބުނެ އިފްހާމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކްރިމިނަލް ކޯޓުން އެ ހެކި ބަލައިނުގަތުމަށް ނިންމި އެވެ.

ދައުލަތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ނިންމީ އެކައުންޓް ސްޓޭޓްމަންޓްތަކަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ސްޓޭޓްމަންޓްތަކަކަށް ވާތީ އެ ސްޓޭޓްމަންޓްތައް ޝަރީއަތަށް ބަލައިގަންނަން ޖެހޭ ކަމަށެވެ.

ހައި ކޯޓުގެ އެ ނިންމުން އިފްހާމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

އިފްހާމްގެ ޝަރީއަތް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ.

ތަފްސީލް - އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ރައުޔުގައި ވިދާޅުވީ އިފްހާމް އެދޭ ގޮތަށް ކޯޓު އަމުރެއް ހޯދައިގެން ބޭންކު އެކައުންޓުގެ މުއާމަލާތްތަކުގެ މައުލޫމާތު ހޯދާ ނަމަ، އެފަދަ އަމުރަކަށް އެދެވޭނީ ތިން ހާލަތެއްގައިވާ މީހުންގެ މައްސަލަތަކުގައި ކަމަށެވެ.

އެ ނޫން މައްސަލަތަކުގައި ކޯޓު އަމުރަކަށް އެދެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި، ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަވާނީ އެ ތިން ހާލަތްތަށް ނުފެތޭ މައްސަލަތައް ކަމަށް ވެސް އަލީ ރަޝީދު ފާހަގަކުރެއްވި އެވެ.

ބުނީ ކީކޭ؟ - "އެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ބޭންކު މެދުވެރިކޮށް ކުރާ މާލީ މުއާމަލާތްތައް ބެލުމަށް ހުރަހެއް އައުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ލޮޅުމެއް އަރާނެ ކަމެކެވެ. ގާނޫނު ހަދާ ބާރުގެ މަގުސަދަކީ މި ނަތީޖާ ނެރުން ކަމަށް ނުވާނެ އެވެ،" އަލީ ރަޝީދު ވިދާޅުވި އެވެ.

އެހެންކަމުން، ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް އަލީ ރަޝީދުގެ ރައުޔުގައި ވިދާޅުވި އެވެ.

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު ކުޑަކޮށް ތަފާތުވި އެވެ. އަދި އަޒްމިރާލްދާގެ ރައުޔަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއީދު ކުރެއްވި އެވެ.

އަޒްމިރާލްދާ ވިދާޅުވީ، ހެކީގެ ގޮތުގައި އިފްހާމްގެ ބޭންކް ސްޓޭޓްމަންޓް ގަބޫލުކުރުމަށް ހައި ކޯޓުން ނިންމީ ރަނގަށް ކަމަށެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމްގައި އެ ހެއްކަކީ ގާނޫނާ އެއް ގޮތަށް ހޯދާފައިވާ ހެއްކެއް ކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

ސަބަބަކީ:

  • އެ ހެއްކަކީ މަތިމަތިން ބަލައިބެލުމުގައި ޝަރީއަތަށް ގަބޫލުކުރެވިދާނެ ހެއްކެއް

  • އެ ހެއްކަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެއްކެއް ކަމަށް ދެ ފަރާތުގެ ދެމެދު ހިލާފުވުން އުފެދިފައި ވާނަމަ، އެކަމަކާ މެދު ދެން ގޮތެއް ކަނޑައަޅަންވާނީ މައްސަލައިގެ ޝަރީއަތުގެ ތެރެއިން ކަމަށް ވާތީ 

ބުނީ ކީކޭ؟ - "ޝަރީއަތުގެ ކުރިއަށް ހުށަހަޅާ ހުށަހެޅުމެއްގައި މައްސަލައިގެ މައުލޫއަށް ސީދާ އަސަރު ކުރާ ފަދަ މޭރުމަކުން ދަށު ކޯޓަށް ވެސް އަދި އިސްތިއުނާފީ ކޯޓުތަކަށް ވެސް ގޮތެއް ނިންމިދާނެ ކަމުގައި އަހުރެން ނުދެކެމެވެ،" އަޒްމިރާލްދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލައިގެ މައުލޫއަށް އަސަރު ކުރާ ގޮތަށް ޝަރީއަތުގެ ކުރިން ކޯޓުތަކުން ނިންމުންތައް ނިންމުމުން، މައްސަލައިގެ ހަގީގީ ޝަރީއަތް ފަށަން ވާއިރަށް ގޮތް ކަނޑައަޅާނެ ކަންކަން ނެތިދާނެ ކަމަށެވެ.

"ނުވަތަ ޝަރީއަތަކާ ނުލައި މައްސަލައިގެ ހުކުމަކާ ހަމައަށް ވާސިލުވުމެވެ. މިއީ ޖިނާއީ އިޖުރާއަތު ގާނޫނުގައި ޝަރީއަތަށް ގަބޫލުނުކުރެވޭ ހެކި ކަނޑައެޅުމުގެ މަގުސަދާ އެއް ގޮތްވާ ގޮތުގެ މަތިން ނެރެވޭ މާނަ ކުރުމެއް ކަމުގައި އަހުރެން ނުދެކެމެވެ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ފަނޑިޔާރުންގެ އިއްތިފާގުން ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ:

  • އިފްހާމްގެ ބޭންކް ސްޓޭޓްމަންޓަކީ ގާނޫނާ އެއް ގޮތަށް ހޯދާފައިވާ ހެކިކަމަށް ކަނޑައަޅާފައި އޮތް އޮތުން ބާތިލު ކަމަށް 

  • އިފްހާމްގެ އެކައުންޓް ސްޓޭޓްމަންޓަކީ ޝަރީއަތަށް ގަބޫލުކުރެވޭނެ ހެކި ކަމަށް

އެނގުން މުހިންމު - އިފްހާމްގެ ޝަރީއަތް ހިނގަމުން ދާއިރު، އޭނާ އަދިވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. އޭނާ ބޭސްފަރުވާއަށް ކުރު މުއްދަތަކަށް ދޫކުރި ނަމަވެސް، އޭނާ އަލުން ބަންދު ކުރަން ހައި ކޯޓުން އެންގުމުން އޭނާ ބަންދު ކުރި ގޮތަށް އަދި ދުލެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް