މާލޭން އަތޮޅުތެރެއަށް ދަތުރުކުރާ ބޯޓުތަކެއް މާލޭ ނޯތު ހާބަރުގައި. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫދް ޖުނައިދު)

ތެލުގެ އަގު އުފުލުމުން ބޯޓުފަހަރުން ނަގާ ނާލު ބޮޑުކޮށްފި

މާލޭ ނޯތު ހާބަރުގެ ޖާގައިގެ ދަތިކަމާއި މުދާ ލިބުން ދަތިވާ މައްސަލަ އޮއްވާ ތެލުގެ އަގު ބޮޑުކުރުމަކީ ބޯޓުފަހަރަށް އުފުލަން ޖެހުނު އިތުރު ބުރައެއް

ރާއްޖޭގައި ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ވަރަށް ބޮޑަށް ބޮޑުކުރުމުން މާލޭން އަތޮޅުތެރެއަށް ދަތުރުކުރާ ބޯޓުފަހަރަށް އިތުރު ބުރައަކަށްވެ، މުދަލުން ނަގާ ނާލުގެ އަގު ބޮޑުކޮށްފި އެވެ.

ވީ ކިހިނެއް؟ - ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު މިދިޔަ ހުކުރު ދުވަހު ވަނީ ބޮޑުކޮށްފަ އެވެ. އެއާ އެކު، މިފްކޯ އިން ވިއްކާ ޑީސަލްގެ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ.

އެސްޓީއޯ އިން މިހާރު ތެޔޮ ވިއްކާ އަގު:

  • ފެޓްރޯލް ލީޓަރެއް - 16.55ރ.؛ ކުރިން 14.6ރ.

  • ޑީސަލް ލީޓަރެއް - 16.77ރ.؛ ކުރިން 14.8ރ.

މިފްކޯ އިން މިހާރު ތެޔޮ ވިއްކާ އަގު:

  • މަސްދޯނިފަހަރަށް - ލީޓަރެއް 17.63ރ.؛ ލީޓަރެއް 14.44ރ.

  • އާންމު ފަރާތްތަކަށް - ލީޓަރެއް 22.66ރ.؛ ލީޓަރެއް 17.1ރ.

މާލޭން އަތޮޅުތެރެއަށް ދަތުރުކުރާ ބޯޓުތަކެއް މާލޭ ނޯތު ހާބަރުގައި. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫދް ޖުނައިދު)

ތަފްސީލު - ބޯޓުފަހަރުގެ ކައްޕިން ބުނާ ގޮތުގައި، ތެލުގެ އަގާ އެކު ނާލުން ނަގާ އަގުބޮޑު ކުރުން ނޫން ގޮތެއް އެ މީހުންނަކަށް ނެތެވެ.

ގިނަ ބޯޓުފަހަރުން ވަނީ ފޮށިގަނޑަކުން ނަގާ އަގު ކުރިއަށް ވުރެ 5ރ. ބޮޑުކޮށްފަ އެވެ. ފޮށިގަނޑަކުން ނަގާ އަގުގެ އިތުރަށް ސައިކަލު އުފުލައިދޭ އަގާއި މީހުންނަށް ޓިކެޓު ވިއްކާ އަގު ވެސް ބޯޓުފަހަރުން ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން:

  • ޓިކެޓުތަކުން 30ރ. ވަރު ބޮޑުކޮށްފައިވޭ 

  • ބައެއް ބޯޓުފަހަރުން ސައިކަލު އުފުލައިދޭ އަގުން 200ރ. ވަނީ ބޮޑުކޮށްފައި؛ އެކި ސައިކަލުތަކުން ނަގަނީ އެކި އަގު

ބުނީ ކީކޭ؟ - ނާލު ބޮޑުކުރި ނަމަވެސް، 'ދައުރު'އާ މިއަދު ވާހަކަދެއްކި ކައްޕިން ފާހަގަކުރި ގޮތުގައި، އިތުރު މައްސަލަތަކާ ހުރެ ހަރަދު ދެކޮޅެއް ނުޖެހެ އެވެ.

"މިތަނަށް [ނޯތު ހާބަރަށް] މި ވަދެވެނީ ވެސް ފަސް ދުވަސް ފަހުން. ކައިރި ކުރާއިރު މުދާ ވެސް ނުއެއް ލިބޭ،" ލ. މާބައިދޫ ބޯޓެއްގެ ކައްޕިއަކު ބުންޏެވެ.

"ދަތުރަކަށް 1،000 ލީޓަރު ތެޔޮ އަޅައިގެން މި އަންނަނީ. އެއީ މިހާރު ގާތްގަނޑަކަށް 22،000-23،000ރ. މިތާ މިހެން ހޭދަވާ ދުވަސްތަކަކީ ވެސް ހަރަދު ހިނގާ ދުވަސްތަކެއް. ކެއުމާ އެއްކޮށް ކޮންމެ ދަތުރަކަށް އެބަ ހަރަދުވޭ 30،000ރ."

އދ. މާމިގިލީ ބޯޓެއްގެ ކައްޕިއަކު ބުނި ގޮތުގައި، ބަނދަރުގެ ދަތިކަމާ ހުރެ ކުރެވޭ ދަތުރުތަކުގެ އަދަދު ވެސް ވަނީ މަދުވެފަ އެވެ. އޭނާ ބުނީ ޝެޑިއުލް ދަތުރު ކުރެވޭ ނަމަ، ތެލުގެ އަގު ބޮޑު ކުރިޔަސް ހަރަދު ހިފަހައްޓާލެވޭނެ ކަމަށެވެ.

"ބަނދަރަށް ވަންނަން އެހާ ގިނަ ދުވަސް ނަގާތީ ޝެޑިއުލްއެއް ނުކުރެވޭ. ޝެޑިއުލްކޮށް ނުކުރެވޭތީ ކަސްޓަމަރުން ނުލިބޭ،" އޭނާ ބުންޏެވެ.

"ކުރިން ހަފްތާ އަކު ދެ ދަތުރު ކުރެވޭ. މިހާރު މިކޮޅަށް އައިފަހުން ވެސް ހަފްތާއެއް މި ވަނީ."

ގދ. ފަރެސްމާތޮޑާ ބޯޓެއްގެ ކައްޕިއަކު ބުނީ މިހާރު މަހަކު ދެ ދަތުރު ނުކުރެވޭ ކަމަށާއި އެ ވަރަށް ނުކުރެވޭ ނަމަ ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.

"މަހަކު ދެ ދަތުރު ނުކުރެވެންޏާ 30،000ރ. ގެއްލުންވާނެ. ދެ ދަތުރު ކުރެވެންޏާ 20،000ރ. އޮންނާނެ ފައިދާއަށް،" އޭނާ ބުންޏެވެ.

މަސްވެރިންނާއި އާންމުން ތަފާތު ކުރާތީ ހިތްހަމަނުޖެހުން

އޭނާ ފާހަގަކުރި ދެ ވަނަ ކަންބޮޑުވުމަކީ މަސްވެރިންނާއި އާންމުން ތަފާތު ކުރާ މައްސަލަ އެވެ. މިފްކޯ އިން މަސްވެރިންނާއި އާންމުންނަށް ތެޔޮ ވިއްކާ އަގުގައި ތަފާތުތަކެއް ގެންގުޅޭ މައްސަލަ އެވެ. މިފްކޯ އިން އާންމުންނަށް އަބަދު ވެސް ތެޔޮ ވިއްކަނީ މަސްވެރިންނަށް ވުރެ ބޮޑުކޮށެވެ.

"ކޮބައިތަ އާންމުންނަކީ؟ ސަބްސިޑީ ވެސް މަސްވެރިންނަށްމ ތެލުގެ [ކުޑަ] އަގު ވެސް އެ މީހުންނަށް [މަސްވެރިންނަށް]،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ބަނދަރަށް ނުވަދެވި ހައެއްކަ ދުވަސް މަޑުކުރަން ޖެހޭ ކަމަށާއި ރަށުން ގެންނަ މުދާ އެ މުއްދަތުގައި ނުބޭލި ލަސްވުމުގެ ސަބަބުން ހަލާކު ވިޔަސް، އޭގެ ބަދަލު ލިބޭނެ ގޮތެއް ނޯންނަ ކަމަށެވެ.

ދަތުރަކަށް 1،000 ލީޓަރު ތެޔޮ އަޅައިގެން މި އަންނަނީ. އެއީ މިހާރު ގާތްގަނޑަކަށް 22،000-23،000ރ. މިތާ މިހެން ހޭދަވާ ދުވަސްތަކަކީ ވެސް ހަރަދު ހިނގާ ދުވަސްތަކެއް. ކެއުމާ އެއްކޮށް ކޮންމެ ދަތުރަކަށް އެބަ ހަރަދުވޭ 30،000ރ.

ލ. މާބައިދޫ ބޯޓެއްގެ ކައްޕިއެއް

ނޯތު ހާބަރުގެ ޖާގައިގެ ދަތިކަން ބޮޑުވެ ތޮށިގަނޑާ ކައިރި ކުރަން ހައެއްކަ ދުވަސް ނަގާއިރު، ބޯޓުފަހަރުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި އާންމުކޮށް ކިއޫގައި ޖެހޭއިރު 20 ވަރަކަށް ބޯޓު ކުރިއަށް އޮވެ އެވެ.

ހުކުރު ދުވަހު ތެޔޮ އަގުބޮޑު ކުރުމުގެ ކުރިން ތެޔޮ ގަތް ބޯޓުފަހަރުން ނާލާއި ޓިކެޓުގެ އަގަށް އަދި ބަދަލު ނުގެނައި ނަމަވެސް، ދެން ކުރާ ދަތުރުތަކުގެ އަގު ބޮޑު ވާނެ ކަމަށް އެ ބޯޓުފަހަރުން ވާހަކަ ދެއްކި މީހުން ވެސް ބުނެ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް