Majlis 2024

2018 ވަނަ އަހަރުގެ ނިއު އާއި ވިކްޓްރީ ކުޅެނީ.

އެފްއޭއެމް

އެފްއޭއެމް އިން ވިކްޓްރީގެ ސަސްޕެންޝަން އުވާލައި، ނިއު އަށް ވެސް މަގުކޮށައިދީފި

މި ގޮތަށް ނިންމީ މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސް އިން

ދަރަނިވެރިވުމުގެ ސަބަބުން ސަސްޕެންޑްކޮށްފައިވާ ވިކްޓްރީގެ ސަސްޕެންޝަން އުވާލަން އަދި ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެގްޒެކެޓިވް ކޮމިޓީއަށް ދޭން އެފްއޭއެމްގެ ކޮންގްރެސް އިން މިއަދު ހަވީރު ފާސްކޮށްފި އެވެ.

އެފްއޭއެމުން 2019 ވަނަ އަހަރު ވިކްޓްރ ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ އާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަނުކުރާތީ އެވެ. އެކަމަކު ވިކްޓްރީގެ ހިންގުމާ ދާދި ފަހުން ހަވާލުވި ބޯޑުން ވަނީ ފައިސާ ހަމަކޮށް އެފްއޭއެމްއާ ހަވަލުކޮށްފަ އެވެ.

އެހެންވެ އެފްއޭއެމްގެ ކޮންގްރެސްގައި ކްލަބަތްކުން ވޯޓު ދިނީ އެ ކްލަބުގެ ސަސްޕެންޝަން އުވާލާށެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭތީ ސަސްޕެންޑްކޮށްފައިވާ ނިއުގެ ދަރަނިތައް ދައްކަން އެ ކްލަބާ ދާދި ފަހުން ހަވާލުވި ބޯޑުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު އެ ފައިސާ މިހާތަނަށް ދައްކާފައިނުވާތީ ސަސްޕެންޝަން އުވާލަން ކޮންގްރެސް އަށް ނުފެނުނެވެ.

އޭގެ ބަދަލުގައި ކޮންގްރެސް އިން ނިންމީ ނިއު އިން ދަރަނި ދެއްކުމާ އެކު ސަސްޕެންޝަން އުވާލުމުގެ ބާރު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އަށް ދޭށެވެ. އޭރުން ނިއު އިން އެ ފައިސާ ދެއްކުމުން، ސަސްޕެންޝަނާ މެދު ގޮތެއް ނިންމަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ނުބާއްވާ ފަރުޖެއްސޭނެ އެވެ.

މިއަދުގެ ކޮންގްރެސްގެ ރިޔާސަތު އެފްއޭއެމްގެ ރައީސް ބައްސާމް (މ) އާއި ނައިބް ރައީސް އަލީ އުމަރު (ކ) އަދި ޖެނެރަލް ސެކްރެޓަރީ ޖަވާޒް ބަލަހައްޓަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ސަސްޕެންޝަން އުވާލުމާ އެކު ވިކްޓްރީން އަށް މި އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ވިކްޓްރީން ވަނީ އެ މުބާރާތަށް ތައްޔާރުވާން ބިދޭސީ ހަތަރު ކުޅުންތެރިން ހިމަނައިގެން ސްކޮޑެއް އެކުލަވާލައިފަ އެވެ. އަދި ސްރީ ލަންކާގެ ތަޖުރިބާކާރު ކޯޗު ޕަކީރު އަލީގެ ބެލުމުގެ ދަށުން ޕްރެކްޓިސް ވެސް ވަނީ ފަށައިފަ އެވެ.

އެ ޓީމުގެ ޓާގެޓަކީ، އަންނަ ސީޒަނުގައި އަލުން ފުރަތަމަ ޑިވިޝަނަށް އެރުމެވެ.

ވިކްޓްރީގެ އަށް ލައްކައެއްހާ ރުފިޔާގެ ދަރަންޏާ ބަލާއިރު ނިއު އިން ދައްކަން ޖެހޭ އަދަދު ވަރަށް ބޮޑެވެ. އެ ޓީމުގެ ދަރަނި ފަސް މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.

ނިއުއާ ހަވާލުވި ބޯޑުން އެންމެ ފުރަތަމަ މަސައްކަތްކުރީ 'ރޭޑިއަންޓް' ގެ ނަމުގައި އާ ކްލަބެއް ހަދާށެވެ. އެ ކްލަބް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީކުރި ނަމަވެސް ފުޓްބޯޅައިގައި ވާދަކުރުމަށް އޭއެފްސީން ހުއްދަ ނުދިނެވެ. އެއީ ދަރަނިން ސަލާމަތްވާން އާ ކްލަބް ހެދުން ހުއްޓުވަން ފީފާ އިން ހަދާފައިވާ ގަވާއިދުގެ ދަށުން، 'ރޭޑިއަންޓް' އަކީ ނިއުގެ ސްޕޯޓިން ސަކްސެސާ ކަމަށް އޭއެފްސީ އަށް ގަބޫލުކުރެވުމެވެ.

އެއާ އެކު އެ ކްލަބުގެ މަސައްކަތް ހުއްޓާލައި، އެ އެންމެން ނިއުގެ އިންތިހާބު ބާއްވައި އެ ކްލަބާ ހަވާލުވި އެވެ.

ނިއުގެ އާ ބޯޑުން އަންނަނީ ދަރަނިން ސަލާމަތްވުމަށް ފަންޑްރެއިޒްކުރަމުންނެވެ. އަދި އެނގިފައިވާ ގޮތުގައި ކުޅުންތެރިންނާ ވާހަކަދައްކައިގެން ފައިސާ ދައްކާނެ ގޮތުގެ ޕްލޭނަކަށް އެއްބަސްވެވޭތޯ ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ނިއު އާއި ވިކްޓްރީ އަލުން ހަރަކާތްތެރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަނީ އެހީތެރިވެވަޑައިގަންނަވަމުންނެވެ.

ވިކްޓްރީގެ ރައީސް ހުސެއިް އާދަމް (މ) އެ ޓީމުގެ ކޯޗު ޕަކީރު އަލީ (ކ) އާ އެކު.

ވިކްޓްރީގެ ރައީސަކަށް އިންތިހާބުކޮށްފައިވަނީ އެމަނިކުފާނުގެ ރަސްމީ ގެކޮޅު މުލިއާގޭގެ ޗީފް އޮފް ސްޓާފް ހުސެއިން އާދަމް އެވެ. އެ ކްލަބުގެ ބޯޑު މެމްބަރުންގެ ތެރޭގައި އެމަނިކުފާނުގެ ކޮއްކޮއެއް ކަމަށްވާ ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަލީ ނިޔާޒް ހިމެނެ އެވެ.

ރައީސް ސޯލިހަކީ ކުރިން ވިކްޓްރީގެ ކްރިކެޓް ޓީމަށް ކުޅުއްވި އަދި އެ ކްލަބުގެ ބޯޑުގައި ވެސް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ރައީސް ވަނީ ނިއު އަލުން ހަރަކާތްތެރިކުރަން ކުރާ މަސައްކަތް އެމަނިކުފާނުގެ ފަރާތުން ވިލަރެސްކުރެއްވުމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އައްޔަންކުރައްވައިފަ އެވެ.

ރައީސް މި މަސައްކަތަށް އެއްބާރުލުން ދެއްވަނީ، އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ޒަމާންވީ ބޮޑެތި ކްލަބްތައް ސަލާމަތްކުރެއްވުމުގެ ބޭނުމުގަ އެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ފުޓްބޯޅައިގެ ފޯރި ހިފެހެއްޓޭނީ އެ ކްލަބްތައް އޮވެގެންނެވެ.

ނިއުގެ ޗެއާމަން ވާސިފް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނިއު އާއި ވިކްޓްރީއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ދެ ކްލަބެވެ.

ވިކްޓްރީއަކީ އެ ކްލަބް 1972 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. އެއީ ގައުމީ ފުޓްބޯޅަ މުބާރާތް ދެ ފަހަރު މިލްކުކުރި ހަމައެކަނި ޓީމެވެ. އަދި ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ކްލަބް މުބާރާތް ޕޮމިސް ކަޕް ކާމިޔާބުކުރި ފުރަތަމަ ދިވެހި ކްލަބް ވެސް މެ އެވެ.

1979 ވަނަ އަހަރު އުފެދުނު ނިއު ވަނީ އެފްއޭ ކަޕް ދެ ފަހަރު އަދި ގައުމީ މުބާރާތް އެއް ފަހަރު މިލްކުކޮށްފަ އެވެ. އަދި އޭއެފްސީ ކަޕުގެ ސެމީ ފައިނަލުގައި އެއް ފަހަރު އަދި ކުއާޓާ ފައިނަލުގައި އެއް ފަހަރު ވާދަކުރި އެވެ. މީގެ އިތުރުން 1987 ވަނަ އަހަރުގެ ސާފް ގޭމްސްގައި ގައުމީ ޓީމު ތަމްސީލްކުރި އެވެ.

އެ ދެ ޓީމާ އެކު 1980ގެ އަހަރުތަކުން ފެށިގެން ދިވެހި ފުޓްބޯޅަ ޑޮމިނޭޓްކުރި ވެލެންސިއާ ހަރަކާތްތެރިކޮށް އޮތް ނަމަވެސް މާލީ މައްސަލަތައް ވަނީ ދިމާވެފަ އެވެ. އެގޮތުން ފައިސާ ނެތިގެން އެ ޓީމުން ވަނީ މި އަހަރުގެ އޭއެފްސީ ކަޕް ވެސް ނުކުޅެ ދޫކޮށްލައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް