Majlis 2024

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އުފާފާޅުކުރަނީ.

ފުޓްބޯޅަ

އިންޑިއާ އޭޝިއަން ކަޕަށް ކޮލިފައިވެއްޖެ

މިއީ އިންޑިއާ އޭޝިއަން ކަޕުގައި ވާދަކުރާނެ ފަސް ވަނަ ފަހަރު

އަންނަ އަހަރުގެ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތަށް އިންޑިއާ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ކޮލިފައިވެއްޖެ އެވެ.

ގްރޫޕް ޑީ ގައި ހިމެނޭ އިންޑިއާ އަށް ފުރުސަތު ލިބުނީ ގްރޫޕް ބީ ގައި ފިލިޕީންސް އަތުން ފަލަސްތީން 4-0 އިން މޮޅުވުމެވެ.

އޭގެ މާނައަކީ، އިންޑިއާ އަށް އެ ޓީމު ހިމެނޭ ގްރޫޕުގެ އެއް ވަނަ ނުލިބުނަސް، ދެ ވަނަ ހޯދާ ހަ ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަސް ޓީމުގެ ތެރޭގައި ހިމެނޭނެކަން ކަށަވަރުވުމެވެ.

މުބާރާތަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމާއި ގަ ގްރޫޕުން ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަސް ޓީމެވެ.

އިންޑިއާ މިހާރު އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕުގެ ދެ ވަނައިގަ އެވެ. އެ ގްރޫޕުގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ހޮންކޮން އެވެ. މި ގްރޫޕޫގެ އެއް ވަނަ ކަށަވަރުވާނީ މިރޭ އިންޑިއާ އާއި ހޮންކޮން ކުޅޭ މެޗުންނެވެ.

މި ގްރޫޕުގައި ހިމެނޭ އަފްގާނިސްތާނާއި ކެމްބޯޑިއާ ވަނީ ޕޮއިންޓެއް ނުލިބި ކަޓައިފަ އެވެ.

އިންޑިއާ ވަނީ ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުން ކެމްބޯޑިއާ އަތުން 2-0 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުން އަފްގާނިސްތާން އަތުން 2-1 އިން މޮޅުވި އެވެ.

މިއީ އިންޑިއާ އޭޝިއަން ކަޕަށް ކޮލިފައިވި ފަސް ވަނަ ފަހަރެވެ. އަދި ޖެހިގެން ދެ ފަހަރު ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އިންޑިއާ އަކީ އެންމެ ފުރަތަމަ އޭޝިއަން ކަޕުގައި 1964 ގެ ރަނަރަޕް އެވެ. އޭގެ ފަހުން 1984 ގައި ވާދަކުރި ނަމަވެސް ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އިންޑިއާގެ މި ޖީލުގެ ކުޅުންތެރިންނާ އެކު ފުރަތަމަ ފަހަރަށް ކޮލިފައިވީ 2011 ގަ އެވެ. އޭގެ ފަހުން 2019 ގައި ވެސް ކޮލިފައިވި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ދެކުނު އޭޝިއާ އިން ވާދަކުރާ އެހެން ޓީމުތަކަށް ބަލާއިރު ގްރޫޕް ސީ އިން ދިވެހިރާއްޖެ އާއި ސްރީ ލަންކާ ވަނީ ކަޓައިފަ އެވެ. ގްރޫޕުގެ ފަހު މެޗުގައި މި ދެ ޓީމު މިއަދު ބައްދަލުކުރާނެ އެވެ. ބަންގްލަދޭޝް އޮތީ ގްރޫޕް އީ ގެ ފުލުގަ އެވެ. އެ ޓީމަށް އަދި ފުރުސަތު އެއްކޮށް ނުގެއްލެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް