(ފޮޓޯ/ސީއެންއެން)

ޑޮނަލްޑް ޓްރަމްޕުގެ ޓުވިޓާ އެކައުންޓު އަލުން ހުޅުވަން ހުއްދަދޭން އީލޮން މަސްކު ނިންމަވައިފި

ޓްރަމްޕުގެ އެކައުންޓު މަސްކު އަންބްލޮކް ކުރައްވާފައި މިވަނީ ނުފެންނަ ވޯޓެއް ނަގާ އޭގެ ނަތީޖާއާ އެއްގޮތަށް
20 ނޮވެމްބަރު 2022

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ގޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މަނާކުރި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޓުވިޓާ އެކައުންޓް އަލުން ހުޅުވަން ހުއްދަދީފި އެވެ.

ޓްރަމްޕުގެ ޓުވިޓާ އެކައުންޓް އަލުން ހުޅުވާފައި ވަނީ މިފަހުން ޓުވިޓާ ކުންފުނި ބައްލަވައިގެންނެވި ބިލިއަނަރު އީލޮން މަސްކު  ޓްރަމްޕުގެ އެކައުންޓު އަނބުރާ ދޭންވީތޯ ސުވާލުކޮށް މިދިޔަ ހުކުރު ދުވަހު ފެންނަ ނުފެންނަ ހިޔާލު ހޯދުމުގެ ވޯޓެއް ޓުވިޓާގައި ނެންގެވުމަށް ފަހު އެވެ. 

"މީހުންގެ ބަސް އިއްވައިފި. ޓްރަމްޕު އެކައުން އަނބުރާ ދޭނަން،" ވޯޓަށް ފަހު އިއްޔެ މަސްކު ޓުވީޓު ކުރައްވާފައިވެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ވޯޓު ނިމުނު އިރު ނަތީޖާ ދައްކާ ގޮތުން %51.8 މީހުން ވަނީ ޓްރަމްޕުގެ އެކައުންޓު އަލުން ހުޅުވުމަށް ވޯޓުދީފަ އެވެ. އަދި %48.2 މީހުން ވޯޓު ދީފައި ވަނީ އެކަން އެގޮތަށް ނުކުރުމަށެވެ. އެކު ޖުމްލަ މި ވޯޓުގައި 15 މިލިއަން މީހުން ވޯޓުލާފައިވެ އެވެ.

މަސްކުގެ މި ނިންމުމާ ގުޅިގެން ޓުވިޓާގައި އެންމެ ނުފޫޒު ގަދަ އަދި އެންމެ ހިޔާލު ތަފާތުވުންތައް އުފައްދާފައިވާ ބޭފުޅާ ޑޮނަލްޑް ޓްރަމްޕު އަނެއްކާ ވެސް ޓުވިޓާ ބޭނުން ކުރައްވަން ފައްޓަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ގާތްގަނޑަކަށް 90 މިލިއަން މީހުން ފޮލޯކުރާ ޓްރަމްޕު ވަނީ އޭނާގެ ޓުވީޓުތަކުން ވިޔަފާރި މާކެޓުތައް ގުޑުވާލާ، ނޫސްތަކަށް ވުރެ ބާރުގަދަ ހަބަރުފަތުރާ ވަސީލަތަކަށް ޓުވިޓާ ހައްދަވާ، އެމެރިކާގެ ރައީސް ކަމުގައި ހުންނެވި އިރު ގައުމު ހިންގުމުގެ ސިޔާސަތުތައް ވެސް ބައެއް ފަހަރު ޓުވިޓާ މެދުވެރިކޮށް އިއުލާނު ކުރައްވައިފަ އެވެ. އޭރު ޓްރަމްޕު ހެނދުނު ހޭފުޅު ލެއްވުމުން ހޭލައިފިކަން ވެސް އަރިސް ބޭފުޅުންނަށް އެނގިގެން ދަނީ ޓުވިޓާއިން ނެވެ.

ޓުވިޓާއިން ބޭރުކޮށްލުމާ ގުޅިގެން ޓްރަމްޕު ވަނީ އަމިއްލަ ފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ޓްރޫތު ސޯޝަލްގެ ނަމުގައި ހައްދަވައިފަ އެވެ. އަދި ޓުވިޓާ އެކައުންޓް ލިބިވަޑައިގެންނެވި ނަމަވެސް އަމިއްލަ ޕްލެޓްފޯމު ބޭނުން ކުރައްވާނެ ކަމަށް ކުރިން ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕު ވަނީ 2024 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާކަން މިހަފްތާގައި އިއުލާނު ކުރައްވާފަ އެވެ. 

އީލޮން މަސްކު ޓުވިޓާ ބައްލަވައިގަތުމާ ގުޅޭ ގޮތުންނާއި ޓްރަމްޕުގެ ޓުވިޓާ އެކައުންޓާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕު ވަނީ މަސްކަށް އިއްޔެ ތައުރީފު ކުރައްވާފަ އެވެ. ނަމަވެސް ޓުވިޓާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވިދާނެ ކަމާ މެދު ޓްރަމްޕު ސުވާލު އުފައްދަވާފައިވެ އެވެ. 

"އެމީހުންގެ ވަރަށް ބައިވަރު މައްސަލަތައް އެބަހުރި. ވަމުންދާ ކަންތައްތައް ދަނީ ފެންނަމުން. ސަލާމަތް ވެވިދާނެ، ސަލާމަތް ނުވެވިވެސް ދާނެ،" ލާސް ވޭގާސްގައި އޮތް ރިޕަބްލިކަން ޖުވިޝް ކޯލިޝަން ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވި އެވެ.

އަކަމުވެސް މަސްކު ކަމުދާ ކަމަށާއި މަސްކު ޓުވިޓާ ކުންފުނި ބައްލަވައިގަތީތީ އެކަމާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.

"އޭނާ އަކީ [ވަރެއްގެ] ޝަހްސިއްޔަތެއް، އަދި އަހަރެންނަށް ޝަހްސިއްޔަތުތައް ކަމުދޭ. އެކަމު އޭނާ ވިސްނުން ތޫނު،" ޓްރަމްޕު ވިދާޅުވި އެވެ. 

ޓްރަމްޕުގެ ޓުވިޓާ އެކައުންޓް އަނބުރާ ދިނުމާ ގުޅޭ (ވީޑިއޯ/ސްކައި ނިއުސް އޮސްޓްރޭލިއާ)

ޓުވިޓާގެ އިތުރުން ޓްރަމްޕުގެ ފޭސްބުކް އެކައުންޓާއި އިންސްޓަގްރާމް އެކައުންޓު ވެސް ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ބަންދު ކުރެވުނެވެ. ނަމަވެސް ދާއިމީކޮށް ޓްރަމްޕުގެ އެކައުންޓު ބަންދު ކުރި ޓުވިޓާއާ ހިލާފަށް މި ދެ އެކައުންޓު ހުއްޓުވީ ދެ އަހަރުގެ މުއްދަތަށް ކަމުން އަންނަ ޖަނަވަރީ މަހު މި ދެ އެކައުންޓް ޓްރަމްޕަށް އަނބުރާ ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް