Majlis 2024

އައްޑޫ ފޭދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/އައްޑޫލައިވް)

އައްޑޫގެ ސިލްސިލާ މާރާމާރީތަކާ ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފި

ހައްޔަރު ކުރި އެކަކު ކޯޓުން ވަނީ ދޫކޮށްލާފައި

އައްޑޫ، ފޭދޫގައި ހިންގި ސިލްސިލާ ގްރޫޕު މާރާމާރީތަކާ ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރުކޮށް، އޭގެތެރެއިން އެކަކު ދޫކޮށްލައިފި އެވެ.

އެނގުން މުހިންމު - ފޭދޫގެ ހިންގި ސިލްސިލާ މާރާމާރީތަކުގައި މި މަހުގެ ދެ ވަނަ ދުވަހު އުމުރުން 21 އަހަރުގެ ޒުވާނަކު ވަނީ މަރާލައިފަ އެވެ. 

މި މަރާމާރީތަކާ ގުޅިގެން، ފުލުހުން ވަނީ އެކި ދުވަސްތައް މަތިން ގިނަ ޒުވާނުންތަކެއް ހައްޔަރުކޮށްފަ އެވެ.

ވީ ކިހިނެއް ؟- ފުލުސް އޮފީހުން ބުނީ މި މަރާމާރީތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ:

  • 18 އަހަރުގެ ދެ ޒުވާނުންނާއި

  • 22 އަހަރުގެ މީހެއް އަދި

  • 24 އަހަރުގެ މީހެއް

ތަފްސީލު - ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން، ކޯޓުން ވަނީ 18 އަހަރުގެ އެކަކާއި 22 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ. އަދި 24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރި އިރު، 18 އަހަރުގެ އަނެއް ޒުވާނާ ވަނީ ދޫކޮށްލަން އަމުރުކޮށްފަ އެވެ.

މި މާރާމާރީތަކާ ގުޅިގެން ޖޫން 2 ވަނަ ދުވަހު ވެސް ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން ތިން މީހުން ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.

ޖޫން 2 ވަނަ ދުވަހުގެ ރޭ ދަންވަރު ހިންގި މާރާމާރީގައި މަރާލީ ސ. ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން އެވެ. އޭނާ މަރައިލީ މަގުމަތީގައި ކަމަށް މީގެ ކުރިން ފުލުހުން ބުނި ނަމަވެސް، އެކަން ހިނގީ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައިކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.

މި މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމަކާ ގުޅިގެންނާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއްކަން އެނގިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް