މިޝަން ފޯ މައިގްރެންޓް ވާކާސް (އެމްއެމްޑަބްލިޔު) މޯލްޑިވްސް އިން ރޯދަމަހު ބިދޭސީން ރޯދަވީއްލުމަށް ކާބޯތަކެތި ފޯރުކޯށްދެނީ: ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ރަނގަޅުކޮށްދިނުމަށް އެ ޖަމްއިއްޔާ އިން އަންނަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން.

ބިދޭސީންނަށްޓަކައި ހެޔޮ ބަދަލަކަށް އުފަންކުރި މިޝަން

ތިން ޒުވާނަކު އުފެއްދި މިޝަން ފޯ މައިގްރެންޓް ވާކާސް މޯލްޑިވްސް އިން އަންނަނީ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ބިދޭސީންނާ މެދު ދިވެހިންގެ ތަސައްވުރު ރަނގަޅުކުރުމުގެ ހަރަކާތްތައް ހިންގަމުން

މުހިންމު ނުކުތާތައް

ޖަމްއިއްޔާ އިން ގިނަ މަސައްކަތްތަކެއް ކޮށް ގިނަ ފަރާތްތަކެއް ބައިވެރިވުން ވަނީ ހޯދާފައި

ރޯދަވީއްލުން ހަދިޔާކުރުމާއި ހެލްތު ކޭމްޕްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދޭ

ބިދޭސީންނަކީ ވެސް ތަފާތެއް ނެތި އިންސާނުންކަން ބުނެދިނުމަށް ވަކިވަކި ބިދޭސީންގެ ވާހަކަތައް ގެނެސްދޭ

ބައެއް ދިވެހިން އެ މަސައްކަތާ ދޭތެރޭ ސުވާލު އުފައްދަ އެވެ. ފާޑުކިޔައި ރުޅިވެރިކަން ފާޅުކުރެ އެވެ. އެކަމަކު، ހެޔޮ ވިސްނޭ އެތައް ބައެއްގެ އެހީތެރިކަމާ އެކު، އެ ޖަމްއިއްޔާ އިން ކުރު މުއްދަތެއްގެ ތެރޭ ބޮޑު ތަފާތެއް ދައްކައިފި އެވެ.

މިޝަން ފޯ މައިގްރެންޓް ވާކާސް (އެމްއެމްޑަބްލިޔު) މޯލްޑިވްސް މީގެ ދޮޅު އަހަރު ކުރިން އުފެއްދީ ބިދޭސީ މަސައްކަތްތެރިންނާ މެދު އިހާނެތިވުމުގެ ސަގާފަތެއް އޮތް ރާއްޖޭގައި އެފަދަ ޖަމްއިއްޔާއަކަށް ނުހަނު ބޮޑަށް ބޭނުންވެފައި އޮއްވަ އެވެ. ޑރ. މިނާހު ފާއިޒު އާއި ގާނޫނީ ވަކީލު ނަވައިލާ ނާޝިދު އާއި ޑރ. އަދީލް ޝަރީފް އެ ޖަމްއިއްޔާ އުފަންކުރި ސަބަބަކީ އެއީ އެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތަށް ލުޔެއް ހޯދައިދޭން ހާއްސަވެގެން ބަޔަކު ނެތުމުގެ ހުސްކަން ފޫބެއްދުމަށެވެ.

އެއީ މުހިއްމު ކަމެއްކަން ނުވިސްނޭ މީހުންނަށް އެމްއެމްޑަބްލިޔު އިން ދޭ ޖަވާބެއް ވެސް އެބައޮތެވެ.

"ދިވެހިންނަށް ވެސް ވަރަށް ބައިވަރު ޖަމްއިއްޔާތައް އެބަހުރި، މިހާރު ވެސް މަސައްކަތް ކުރިއަށް އެބަގެންދޭ. ބިދޭސީންނަށް އެއްވެސް ޖަމްއިއްޔާއެއް ނެތީމަ މިކަން މި ކުރަނީ،" އެމްއެމްޑަބްލިޔުގެ އެއް މުއައްސިސް އަދި ރައީސް މިނާހު ވިދާޅުވި އެވެ. "ބުނަން އޮތީ، އެ ގޮތަށް ކޮމެންޓްކުރާ މީހުން ވަކި ކަމަކާ ދޭތެރޭ އެހާ ޕެޝަނޭޓް ކަމަށް ވެއްޖެއްޔާ އެކަމަކާ ގުޅޭގޮތުން ކަމެއް ފެށުން ކިހިނެއް ވާނެ ހެއްޔޭ؟"

ތަފާތު އިސްނެގުމެއް

މިނާހު ވިދާޅުވިގޮތުގައި އެމްއެމްޑަބްލިޔު ވުޖޫދަށް އައުމުގައި އޭނާ އާއި އަދީލްގެ ތަޖުރިބާ ބޮޑު ދައުރެއް އަދާކުރި އެވެ. ދެ ޑޮކްޓަރުން އޭޑީކޭ ހޮސްޕިޓަލުގެ އިމަޖެންސީގައި އެކުގައި މަސައްކަތްކުރެއްވި ދުވަސްވަރު، ސިއްހީ ފަރުވާ ހޯދުމުގައި ބިދޭސީންނަށް ކުރިމަތިވާ ހުރަސްތައް ފެނި، ފުރަތަމަ ހިޔާލު ބަދަލުކުރެއްވީ ބިދޭސީންނަށް ހިލޭ ހިދުމަތް ދޭ ކްލިނިކެއް ހުޅުވާށެވެ. އެކަމަކު މިނާހު އިނިގިރޭސިވިލާތުގެ އޮކްސްފާޑް ޔުނިވާސިޓީގައި މާސްޓާސް ޑިގްރީއަށް ކިޔެވި އިރު، ކޮވިޑްގެ ހާލަތާ ގުޅިގެން، ކޯހުގެ ފަހު ދިރާސާގެ މައުލޫއު ބަދަލުކުރައްވަން ޖެހި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދިރާސާ އަމާޒުކުރެއްވި ހިސާބުން ވިސްނުން ފުޅާވެގެންދިޔަ އެވެ.

ބަލިމަޑުކަމުގެ ތެރޭގައި ބިދޭސީންނަށް ކުރިމަތިވި ގޮންޖެހުންތަކުގެ ހަބަރުތައް ފެނި، މިނާހުގެ ކޯހުގެ ޑިޒަޓޭޝަން ހާއްސަކުރެއްވީ ބަލި ފެތުރޭ ހާލަތްތަކަށް ތައްޔާރުވުމުގެ ރޭވުންތަކުގައި ބިދޭސީ މަސައްކަތްތެރިން ހިމަނާނެ ގޮތުގެ އޮނިގަނޑެއް ތައްޔާރުކުރެއްވުމަށެވެ. ބިދޭސީންގެ ހައްގުތަކަށް ހާއްސަ ޖަމްއިއްޔާއަކަށް ބޭނުން ޖެހިފައި އޮތް މިންވަރު އެ ދިރާސާގެ ތެރެއިން މިނާހުއަށް ވަޒަންކުރެއްވުނެވެ. އެހެންކަމުން، ގާތް ރަހުމަތްތެރިޔާ ނަވައިލާ އާއި އަދީލްއާ އެކު މިނާހު ކުރިމަތިލެއްވީ ބިދޭސީންނާ ގުޅުން ހުރި ހުރިހާ ކަމަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ "މިޝަން"އާ އެވެ.

މިޝަން ފޯ މައިގްރެންޓް ވާކާސް (އެމްއެމްޑަބްލިޔު) މޯލްޑިވްސްގެ ކޯ-ފައުންޑަރުން (ކ-ވ) ޑރ. އަދީލް ޝަރީފް، ޑރ. މިނާހު ފާއިޒު އަދި ގާނޫނީ ވަކީލު ނަވައިލާ ނާޝިދު: ތިން ޒުވާނުންގެ މި އިސްނެގުމަށް އެކި ފަރާތްތަކުން އަންނަނީ އެއްބާރުލުން ދެމުން

ފަށައިގަތުން އެހާ ފަސޭހައެއް ނުވި އެވެ. ކަމާ ގުޅުން ހުރި ބައެއް ފަރާތްތަކާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުންތަކުގައި މާ އެދެވޭ އިޖާބައެއް ނުލިބުނެވެ.  

"ތިން ޒުވާނުން އައިސް ބިދޭސީންގެ ހައްގުތަކާ ބެހޭ ވާހަކަ މި ދައްކަނީ. އެހެންވީމާ އެ މީހުން އަޅުގަނޑުމެން ސީރިއަސްކޮށެއް ނުނެގި. އެކަމަކު އޭގެ ހަ މަސް ނުވަތަ އަހަރެއް ފަހުން ހަމަ އެ މީހުން އަމިއްލައަށް އަޅުގަނޑުމެންނާ ބައްދަލުކުރަން އެދެން ފެށި،" އެމްއެމްޑަބްލިޔު މޯލްޑިވްސް އުފެއްދުމުގައި ދިމާވި ދަތިތަކާއި ދެން ކަންވީގޮތް ކިޔައިދެއްވަމުން މިނާހު ވިދާޅުވި އެވެ.

އެ ބަދަލުގެ އަސްލަކީ އެ ޖަމްއިއްޔާ އިން ދައްކައިދިން ނަތީޖާ އެވެ. ތަފާތުކުރުމާއި ހައްގުތައް ނިގުޅައިގަތުމުގެ ސަބަބުން އަސާސީ ކަންކަމުން ވެސް މަހުރޫވެފައި ތިބި ބިދޭސީންނަށް އެހީވުން އެކަންޏެއް ނޫނެވެ. ބިދޭސީންނާ މެދު ދިވެހިން ގެންގުޅޭ ގޯސް ތަސައްވުރު ބަދަލުކުރުމުގެ މަސައްކަތް ވެސް މެ އެވެ.

އެމްއެމްޑަބްލިޔު މޯލްޑިވްސްގެ ވޮލަންޓިއަރުން ރޯދަމަހު ބިދޭސީން ރޯދަ ވީއްލުމަށް ކާބޯތަކެތި ބެހުމުގެ މަސައްކަތުގައި

ބަލިމަޑުކަމުގެ ހާލަތުގައި ސެޕްޓެމްބަރު 2020ގައި ޖަމްއިއްޔާގެ ބިންގާ އަޅައި މިސްރާބު ހެޔޮކުރުމަށް އެންމެ ބޮޑު އެހީއަކަށްވީ، މިނާހު ވިދާޅުވިގޮތުގައި، މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި މުހިއްމު ދައުރެއް އަދާކުރެއްވި ރަޝީދާ އަލީގެ އިރުޝާދެވެ. ޓެކްނިކަލް އެޑްވައިޒަރުގެ ގޮތުގައި ރަޝީދާ ހިމެނިވަޑައިގަންނަވާ އެމްއެމްޑަބްލިޔުގެ ހިންގާ ބޯޑު އެކުލަވާލުމަށް ފަހު އެހެން ޖަމްއިއްޔާތަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ބޭރުގެ އެމްބަސީތަކާ މަޝްވަރާކޮށް، ކުރަންވީ ކަންކަން ދެނެގަނެ، މުއައްސިސުންގެ އަމިއްލަ ހަރަދުގައި ޖަމްއިއްޔާ ހިންގަން ފަށައިގަތެވެ.

އެމްއެމްޑަބްލިޔު މޯލްޑިވްސްގެ ބޯޑު މެމްބަރުންގެ ތެރެއިން (ކ-ވ) ޓްރެޝަރާ ޖޫޒާން ހަލީލް، ސެކްރެޓަރީ ޖެނެރަލް އާމިނަތު ރީޝާ، ލީގަލް އެޑްވައިޒަރު މިޒްފާ ސައީދު އަދި ޓެކްނިކަލް އެޑްވައިޒަރު ރަޝީދާ އަލީ

ޒުވާނުންގެ ތަރުހީބު

އެމްއެމްޑަބްލިޔުގެ މަސައްކަތްތަކަށް މީހުންގެ ސަމާލުކަން ހުއްޓެން މާ ގިނަ ދުވަހެއް ނުނެގި އެވެ. ސޯޝަލް މީޑިއާގައި ޒުވާނުންގެ ޝައުގުވެރިކަމާއި ތަރުހީބު އިސާހިތަކު ލިބެން ފެށި އެވެ. އާއްމުންނާއި އެހެން ޖަމްއިއްޔާތަކުގެ އިތުރުން ވިޔަފާރިތަކާއި ބޮޑެތި ބައެއް ކުންފުނިތަކުން ވެސް އެމްއެމްޑަބްލިޔުގެ ހަރަކާތްތަކާ ވަނީ ގުޅިފަ އެވެ. މިއީ ބިދޭސީ މަސައްކަތްތެރިންނަށްޓަކައި މީގެ ކުރިން ރާއްޖެއިން ފެނިފައިނުވާ ފަދަ އިސްނެގުމަކާއި އެއްބާރުލުމެކެވެ.

މުހައްމަދު އީމާން އަހުމަދުގެ ވާހަކަ: އޭނާއަކީ އެމްއެމްޑަބްލިޔު މޯލްޑިވްސްގައި ވޮލަންޓިއަކުރުމަށް ފަހު ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރަކަށްވި ޒުވާނެއް

އެމްއެމްޑަބްލިޔު ވުޖޫދަށް ގެންނަން ޒުވާނުންތަކެއް ތެދުވި ގޮތަށް، ބިދޭސީ މަސައްކަތްތެރިންނާ މެދު ދިވެހިންގެ ތެރޭގައި އޮތް އާއްމު ވިސްނުމުން ސަލާމަތްވެފައިވާ ޒުވާނުން ވެސް އެބަތިބިކަން ދަނީ ފެންނަމުންނެވެ.

ބިދޭސީން ރޯދަ ވީއްލުމަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ވޭތުވެދިޔަ ދެ ރޯދަ މަހު މާލެ ސަރަހައްދުގައި އެމްއެމްޑަބްލިޔު އިން ހިންގި ހަރަކާތްތަކަށް ލިބިގެންދިޔައީ، މިނާހު ވިދާޅުވިގޮތުގައި، ހީނުކުރާހާ ބޮޑު ތަރުހީބެކެވެ. ގިނަ އަދަދެއްގެ އާއްމުންނާއި ބައެއް ވިޔަފާރިތަކުން ވެސް އެކަމުގައި ބައިވެރިވެ، އެހީވި އެވެ. ބައިވަރު ވޮލަންޓިއަރުން ލިބުނެވެ. އެއާ އެކު، މިދިޔަ އަހަރުގެ ރޯދަ މަހު ބެހި 4،500 މީލް ޕެކް މި އަހަރު ވަނީ 10،000 އަށް އިތުރުވެފަ އެވެ.

އެމްއެމްޑަބްލިޔު މޯލްޑިވްސްގެ ވޮލަންޓިއަރުން ރޯދަމަހު ބިދޭސީން ރޯދަ ވީއްލުމަށް ކާބޯތަކެތި ބެހުމުގެ މަސައްކަތުގައި

އެމްއެމްޑަބްލިޔުއަށް މެމްބަރުންނާއި ވޮލަންޓިއަރުން ހޯދައި ވޮލަންޓިއަރުން ތަމްރީންކުރަމުން އަންނަ އިރު، ޒުވާނުންގެ މި ރޫހަކީ އެންމެ ބޮޑު އުއްމީދެވެ. ޖަމްއިއްޔާގެ މަސައްކަތް ރަށްރަށަށް ފުޅާކުރުމަށާއި މުޖުތަމައުގެ ބައިވެރިވުން ބޮޑުކުރުމަށް އެއިން ފުރުސަތު ލިބެ އެވެ.

އެމްއެމްޑަބްލިޔު މޯލްޑިވްސް އިން ފުވައްމުލަކުގައި ބޭއްވި ހެލްތު ކޭމްޕެއްގައި މަސައްކަތްކޮށްދިން ވޮލަންޓިއަރެއްގެ ވާހަކަ

ބިދޭސީންނަށް ބޭނުން ޖެހިފައި އޮތް އެތައް ކަމެއް

އެމްއެމްޑަބްލިޔުގެ މައިގަނޑު އެއް މަސައްކަތަކީ ހެލްތު ކޭމްޕްތައް ހިންގުމެވެ. ބަލިތަކަށް ސްކްރީން ކުރުމުގެ އިތުރުން ޑޮކްޓަރު ބަލައިދިނުމާއި ބޭސް ދިނުން ވެސް ހިމެނޭ އެ ކޭމްޕްތަކުން މާލެ އާއި އެހެން ބައެއް ރަށްރަށުގައި މިހާތަނަށް 700 އަށް ވުރެ ގިނަ ބިދޭސީންނަށް ހިލޭ ހިދުމަތް ދީފައިވާކަން މިނާހު ފާހަގަކުރެއްވި އެވެ. މިހާރު އެކަމަށް ޑަބްލިޔުއެޗްއޯގެ އެހީ ލިބި، މި އަހަރު 12 ހެލްތު ކޭމްޕެއް ކުރިއަށް ގެންދާނެ އެވެ.

އެމްއެމްޑަބްލިޔު މޯލްޑިވްސް އިން ހެލްތު ކޭމްޕެއް ކުރިއަށް ގެންދަނީ: މިހާތަނަށް 700 އަށް ވުރެ ގިނަ ބިދޭސީންނަށް ހިލޭ ވަނީ ހިދުމަތް ދީފައި
އެމްއެމްޑަބްލިޔު މޯލްޑިވްސްގެ ހެލްތު ކޭމްޕެއްގައި ބިދޭސީ އަންހެނުންނަށް ހިދުމަތް ދެނީ

މިނާހު ވިދާޅުވިގޮތުގައި ވަރަށް ގިނަ ބިދޭސީން ތިބީ އަސާސީ ސިއްހީ ފަރުވާ ވެސް ލިބޭނެ ގޮތެއް ނެތިފަ އެވެ.

"އެންމެ ފަހުން ހޮސްޕިޓަލާ ހިސާބަށް ދެވޭ އިރު ބަލީގެ ވަރަށް ފަހު މަރުހަލާއަކަށް ގޮސްފައި ހުންނަނީ. މިސާލަކަށް ކިޑްނީ ފެއިލްވެ، ނުވަތަ ހާޓް އެޓޭކެއް ޖެހޭ ހިސާބުން މި ދަނީ. އެހެންވީމާ އެ މީހުންގެ ސިއްހީ މައްސަލަތައް ކުރީކޮޅު ދެނެގަނެ ބޮޑެތި ބަލިތަކުން ސަލާމަތްކުރެވޭތޯ މި ބަލަނީ،" ވަޒީފާ އަދާކުރެއްވުމަށް އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ޖަމްއިއްޔާ ހިންގަވާ މިނާހު ވިދާޅުވި އެވެ.

އެމްއެމްޑަބްލިޔު މޯލްޑިވްސް އިން ފުވައްމުލަކުގައި ބޭއްވި ހެލްތު ކޭމްޕެއްގައި އެ ޖަމްއިއްޔާގެ އެއް މުއައްސިސް އަދި ނާއިބު ރައީސް ޑރ. އަދީލް ޝަރީފް (ކ) މީހަކާ ވާހަކަދައްކަވަނީ.

ބިދޭސީންނަށް އެ މީހުންގެ ހައްގުތަކާ ބެހޭ ގޮތުން މައުލޫމާތު ދީ ހޭލުންތެރިކުރުމަށް ވެބިނާ، ބިދޭސީ އަންހެނުންގެ ހެލްތު ސްކްރީނިން، އަންހެނުންނަށް ހާއްސަ ވެލްނެސް ކޭމްޕް އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިޖުތިމާއީ ހަރަކާތެއް ނެތިފައި އޮއްވާ ބިދޭސީ މަސައްކަތްތެރިންނަށް ފުރަތަމަ ފަހަރަށް ކްރިކެޓް މުބާރާތެއް އިންތިޒާމްކުރުމަކީ ވެސް އެމްއެމްޑަބްލިޔުގެ ބައެއް މަސައްކަތްތަކެވެ. 

އެމްއެމްޑަބްލިޔު މޯލްޑިވްސް އިން ބިދޭސީ މަސައްކަތްތެރިންނަށް އިންތިޒާމުކުރި ކްރިކެޓް މުބާރާތުން އެއްވަނަ ހޯދި ޓީމްގެ ކުޅުންތެރިން ތަށި އުފުލާލަނީ

މާލީ ދަތިތަކާ ކުރިމަތިލާންޖެހޭ ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމަށް ހާއްސަ ފަންޑެއް ވެސް އެމްއެމްޑަބްލިޔު އިން މިދިޔަ އަހަރު ވަނީ ތައާރަފްކޮށްފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުގައި ބިދޭސީންގެ ހައްގުތައް ހިމެނުމަށް ވަކާލާތު ވެސް ކުރެ އެވެ. މިނިމަމް ވޭޖުން ބިދޭސީން ބާކީ ނުކުރުމަށް ގޮވާލުމަކީ އޭގެ އެއް މިސާލެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން އެމްއެމްޑަބްލިޔު އިން އަންނަނީ ބިދޭސީ މަސައްކަތްތެރިންނަށް ގަވާއިދުން އެކަށީގެންވާ އުޖޫރައެއް ދީ އެކަށީގެންވާ ތަނެއްގައި ދިރިއުޅެވޭނެ ގޮތް ހަމަޖައްސައި އެ މީހުން މަސައްކަތްކުރަން ޖެހޭ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއަޅަމުންނެވެ.

ބިދޭސީންނަށް އެހީ ދިނުމަށް އެމްއެމްޑަބްލިޔު މޯލްޑިވްސްގެ 'ރިލީފް' ފަންޑު ލޯންޗުކުރުމަށް  ބޯޑު މެމްބަރުން މިދިޔަ އަހަރު އދގެ ރެޒިޑެންޓް ކޯޑިނޭޓަރު ކެތެރިން ހެސްވެލް (ކ2)އާ އެކު.

މިނާހު ވިދާޅުވިގޮތުގައި ޖަމްއިއްޔާގެ ހަރަކާތްތައް ހިންގައި ރަނގަޅު ނަތީޖާއެއް ނެރުމުގައި އެހެން ޖަމްއިއްޔާތަކުގެ އެހީތެރިކަމާއި ބައިވެރިވުން ބޮޑު ދައުރެއް އަދާކުރެ އެވެ. ބިދޭސީންނަށް ހިލޭ ގާނޫނީ އެހީތެރިކަމާއި އެނގުން މުހިއްމު މައުލޫމާތުތައް ފޯރުކޮށްދެ އެވެ. ޖަމްއިއްޔާތައް ރަސްމީ ސިފައެއްގައި ގުޅި، އެއް ކުޑައެއްގެ ދަށުން ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއެމްޑަބްލިޔު އިން ހާސިލްކުރަން ބޭނުންވާ މުހިއްމު އަމާޒެއް ވެސް މެ އެވެ. އެކަމަށްޓަކައި 'އެލަޔަންސް ފޯ މައިގްރެންޓް ވާކާސް' ރަސްމީކޮށް އިފްތިތާހުކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެކަމަކު، މިނާހު ފާހަގަކުރެއްވިގޮތުގައި، ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީގެން އެކަންޏެއް އެ މީހުންގެ ހައްގުތައް ކަށަވަރެއް ނުކުރެވޭނެ އެވެ؛ އެކަމަށް ދިވެހިން ހޭލުންތެރިކުރަން ވެސް ޖެހެ އެވެ. އެހެންކަމުން އެމްއެމްޑަބްލިޔުގެ މުހިއްމު އަނެއް "މިޝަން" އަކީ ބިދޭސީންގެ ހިދުމަތްތަކަށާއި ހައްގުތަކަށް ދިވެހިންގެ ލޯ ހުޅުވައިދިނުމެވެ.

ދިވެހިންގެ ވިސްނުން ރަނގަޅުކުރުން

އިންސާނީ ކަރާމާތާއި ގަދަރާ އެކު ބިދޭސީ މަސައްކަތްތެރިންނަށް ވެސް މުޖުތަމައު އިން ޖާގަ ލިބެންވާނެ ކަމުގެ މެސެޖު އެމްއެމްޑަބްލިޔުގެ ސޯޝަލް މީޑިއާ ކެމްޕެއިންތަކުން ފޯރުކޮށްދެ އެވެ. ގެނެސްދޭ ވަކިވަކި ބިދޭސީންގެ ވާހަކަތަކުން، އެ މީހުންނަކީ ވެސް ވަކި ތަފާތު ބައެއް ނޫންކަން ބުނެދެ އެވެ. ބައެއް މީހުންނަށް ދިމާވެފައި ހުންނަ ދަތި ހާލަތްތަކާ އެކު ވެސް ފާޅުކުރަނީ ރާއްޖޭގައި ދިރިއުޅެ މަސައްކަތްކުރުމުގައި ދެމިތިބުމުގެ ރޫހެވެ.

އެމްއެމްޑަބްލިޔު އިން ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ 'މިޝަން ފޯ މައިގްރެންޓް ވާކާސް' ސިލްސިލާގައި ބިދޭސީ މަސައްކަތްތެރިއެއްގެ ވާހަކަ ގެނެސްދީފައި: އޭނާ ބުނެދިނީ މީހުން ނުބައިވެ ރަނގަޅުވަނީ ވަކި ގައުމަކަށް ނިސްބަތްވީތީ ނޫންކަން.
އިންޑިއާގެ ސާސީ ކަލާކާގެ ވާހަކަ: ދިވެހި އާއިލާއަކަށް 19 އަހަރު މަސައްކަތްކޮށްދިނުމަށް ފަހު އެނބުރި ގައުމަށް ދާން ތައްޔާރުވަމުންދިޔައީ ބަރު ހިތަކާ އެކު

އެއާއެކު އެމްއެމްޑަބްލިޔު އިން ކުރިއަށް ގެންދާ 'އިންކްލޫސިވް 2022' ކެމްޕެއިންގައި، ރާއްޖޭގެ ނުފޫޒުގަދަ އެކި މީހުން، އެ މީހެއްގެ ހައިސިއްޔަތުން، ބިދޭސީންގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ވާ ވައުދުތައް ވެސް އަންނަނީ ގެނެސްދެމުންނެވެ.

މިނާހު ފާހަގަކުރެއްވިގޮތުގައި ބިދޭސީ މަސައްކަތްތެރިންނާ މެދު، އަންނަން އޮތް ޖީލުތަކުގެ ވިސްނުން މިހާރުގެ ޖީލު ފަދައިން ކިލަނބުވިޔަ ނުދިނުން މުހިއްމެވެ. އެ އަމާޒަށް ކުރި ފުރަތަމަ މަސައްކަތެއްގެ ގޮތުން އެމްއެމްޑަބްލިޔު އިން މިދިޔަ އަހަރު ވަނީ 10 އަހަރުން މަތީގެ ކުދިންނަށް ފޮތެއް ޝާއިއުކޮށްފަ އެވެ. 'މައިގްރެންޓް ވާކާސް އާ ޖަސްޓް ލައިކް އަޒް'ގެ ނަމުގައި ނެރުނު އެ ފޮތުގައި ގެނެސްދީފައިވަނީ ބިދޭސީންނަކީ ވެސް އިންސާނީ ހައްގުތައް ލިބިގެންވާ އަދި ތަފާތުކުރެވިގެން ނުވާނެ ބައެއް ކަމެވެ. 

އެމްއެމްޑަބްލިޔު މޯލްޑިވްސް އިން ބިދޭސީންނާ ބެހޭގޮތުން ނެރުނު ކުޑަކުދިންގެ ފޮތް 'މައިގްރެންޓް ވާކާސް އާ ޖަސްޓް ލައިކް އަޒް' ނެރުމަށް ބޭއްވި އިވެންޓްގައި ބައިވެރިން ފޮތާ އެކު ފޮޓޯއަކަށް ހުއްޓިގެން.
އެމްއެމްޑަބްލިޔު މޯލްޑިވްސް އިން ބިދޭސީންނާ ބެހޭގޮތުން ނެރުނު ކުޑަކުދިންގެ ފޮތް 'މައިގްރެންޓް ވާކާސް އާ ޖަސްޓް ލައިކް އަޒް' ފަސްޓް ލޭޑީ ފަޒްނާ އަހުމަދު (ކ) އަށް ހަދިޔާކުރަނީ.

މިނާހު ވިދާޅުވިގޮތުގައި ފޮތް ކިޔައިދިނުމަށް ހުޅުމާލޭގައި ބޭއްވި ހަރަަކާތެއްގައި އެ މައުލޫއުއާ ބެހޭގޮތުން ކުޑަކުދިންނާ ވާހަކަދައްކައި ހިޔާލުބަދަލުކުރި އިރު ގިނަ ކަންތައްތަކެއް އެނގިގެންދިޔަ އެވެ.

ބިދޭސީ މަސައްކަތްތެރިއަކާ ދޭތެރޭ "އިހާނެތިކޮށް ކަންކުރާތަން ފެނިފައި އެބަހުރިތޯ ކުދިން ގާތު އެހީމަ ކުދިން ބައިވަރު ވާހަކަތައް ކިޔައިދިން،" މިނާހު ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަހަރު އުނދަގޫ ކަންނޭނގެ، ބިދޭސީންގެ ހައްގުތަކާ ބެހޭގޮތުން ކުޑަކުދިންނާ ވާހަކަދައްކަން. ނުވަތަ ކުޑައިރުއްސުރެ ފެންނަ މަންޒަރުތަކެއް ވެއްޖެއްޔާ ހުންނާނީ ކުދިންގެ ސިކުނޑީގައި ހަރުލާފައި. ފޮތުގެ ޒަރީއާއިން އަޅުގަނޑުމެން ބުނެދޭން ބޭނުންވީ އިންސާނީ ހައްގުތަކުގެ ތެރޭގައި ބިދޭސީންގެ ހައްގުތައް ވެސް ހިމެނޭކަން." 

މަސައްކަތް އިތުރުކޮށް ފުޅާކުރުމަށް ކުރިއަށް ވެސް ގިނަ ކަންތައްތަކެއް އެމްއެމްޑަބްލިޔު އިން ވަނީ ރާވައިފަ އެވެ. އެކަމަކު ޖަމްއިއްޔާގެ ޅަފަތުގައި މިހާރު ވެސް އެ ވަނީ ހެޔޮ ބަދަލަކަށް ފަހި ބިންގަލެއް އަޅައިފަ އެވެ. ބިދޭސީންގެ ހާލަތު ރަނގަޅުކޮށްދީ، އެ މީހުންނާ މެދު ދިވެހިން ގެންގުޅޭ ތަފާތުކުރުންތައް ކުޑަކުރުމަށެވެ. ރާއްޖޭގެ އިގްތިސޯދުގައި ދިގު މުއްދަތަކަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ މަސައްކަތްތެރިންނަށް މުޖުތަމައު އިން ހައްގުވާ ޖާގަ ހޯދައިދިނުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް