Majlis 2024

ދެކުނު އެފްރިކާގައި އޮތް ސެލެބްރިޓީ ކައިވެނީގައި އަކްރަމް ބަޓްލަރެއްގެ ގޮތުގައި ހުއްޓިގެން: އޭނާގެ މަސައްކަތަށް ގިނަ ޓޫރިސްޓުންގެ ތައުރީފް ލިބޭ.

ޓޫރިޒަމް

ދިވެހި މި ބަޓްލަރު ޓޫރިސްޓު މީހާ ހައިރާންކޮށްލައިފި

ރިސޯޓަށް ދާ ގިނަ ޓޫރިސްޓުން ބަޓްލަރެއްގެ ގޮތުގައި އަކްރަމްގެ ހިދުމަތް ހޯދަން އެދޭ

ރާއްޖޭގެ ރީތިކަމާއި މަތީ ފެންވަރުގެ ހިދުމަތާ ގުޅޭ ގޮތުން ލަގްޒަރީ ޓްރެވަލް ބްލޮގާ، ޖާވިސް މާކޮސް ޝައްކެއް ނުކުރެ އެވެ. އެކަމަކު އޭނާ ހައިރާންވީ، ރާއްޖެއަށް ކުރި ދަތުރުގައި ހިދުމަތް ދިންް ބަޓްލަރުގެ މަސައްކަތް ފުރިހަމަކަމުންނެވެ. ޓޫރިސްޓުންގެ ހިދުމަތުގައި އަބަދުމެ ތިބޭ، ބަޓްލަރުންގެ ތެރެއިން ސެއިންޓް ރެޖިސް މޯލްޑިވްސް ރިސޯޓުގައި އޭނާއަށް ހިދުމަތް ދިން އަލީ އަކްރަމް، މާކޮސް ސިފަކުރީ މިހާތަނަށް ރިސޯޓަކުން ވެސް އަދި ހޮޓެލަކުން ދިމާވި އެންމެ ރަނގަޅު ބަޓްލަރުގެ ގޮތުގަ އެވެ.

ދުނިޔޭގެ މަތީ ފެންވަރުގެ ހޮޓެލްތަކާއި ރިސޯޓުތަކަށް ދަތުރުކޮށް، އެ ތަން ތަނާ ގުޅޭ ގޮތުން ރިވިއު ލިޔާ މި އިންފްލުއެންސަރު ބުނި ގޮތުގައި، އަކްރަމް އަކީ އެ ހިދުމަތުގެ ބެންޗުމާކެކެވެ.

އަކްްރަމްގެ މަސައްކަތްތައް، މާކޮސް އޭނާގެ އިންސްޓަގްރާމްގައި ދައްކާލި އެވެ. ބަގީގައި ރަށުތެރެ ބަލާލަން ނުކުމެ، ކޮންމެ ތަނަކާ ގުޅޭ މައުލޫމާތު އަކްރަމް، ނޯޓެއްގެ ސިފައިގައި ދެ އެވެ. ކޮޓަރި ތެރޭގެ އިންތިޒާމުތައް ހަމަޖައްސާފައި ހުރީ، މާކޮސް އެންމެ ގަޔާވާނެ ގޮތެއް ބަލައިގެންނެވެ. އެ ރިސޯޓުގައި ފާހަގަކުރި، މާކޮސްގެ އުފަންދުވަހުގެ ކޭކު ވެސް ހަދާފައި ހުރީ، އޭނާ އަކީ ކާކުކަން އަމިއްލަ ހޯދައިގެން، އެންމެ ގުޅޭނެ ގޮތަށެވެ. ހެދުންްތައް ފޮށިން ނަގައި ކޮނޑުގައި އެޅުވުމާއި ބޭރުގައި އުޅެފައި ކޮޓަރިއަށް އައުމުން، ކުރުނބާ ތައްޔާރުކޮށްފައި ބަހައްޓާފައި ހުރީ 'ޕާސަނަލް ނޯޓް'އަކާ އެކު އެވެ. ކޮންމެ ކަމެއްގައި ވެސް ފަރުވާތެރިކަމާއި ހާއްސަ ލޯތްބެއް އެކުލެވިފައިވާކަން ފާހަގަކުރި އެވެ.

އަލީ އަކްރަމް: ޓޫރިޒަމް ދާއިރާގައި އޭނާ މަސައްކަތް ކުރާތާ އަށް އަހަރު ވެއްޖެ.

މާކޮސް ސިފަ ކުރި ގޮތުގައި، އެ ރިސޯޓުގައި އޭނާ ހޭދަކުރި ކޮންމެ ވަގުތެއް ވެސް އެއީ އޭނާއާ ހާއްސަކޮށްފައިވާ ކަމަކަށް ހެދުމަށް އަކްރަމް ވަރަށް މަސައްކަތް ކުރި އެވެ.

އެހެންވެ، 3.5 މިލިއަން މީހުން ބަލާފައިވާ އެ ވީޑިއޯގައި އަކްރަމްއަށް ހާއްސަ ޝުކުރެއް އޭނާ އަދާކުރި އެވެ.

އުމުރުން 25 އަހަރުގެ އަކްރަމަކީ ބަޓްލަރެއްގެ ގޮތުގައި ތަޖުރިބާ މަދު ޒުވާނެއް ނަމަވެސް އެ ރިސޯޓަށް ދާ ޓޫރިސްޓުންގެ މެދުގައި އޭނާ މަގްބޫލެވެ. ރިސޯޓަށް ދިޔުމުގެ ކުރިން، ޓޫރިސްޓުން، އެ މީހުންގެ ބަޓްލަރެއްގެ ގޮތުގައި އަކްރަމް ހަމަޖެއްސުމަށް އެދެ އެވެ. އެއީ އަކްރަމްގެ ހިދުމަތް ތަޖުރިބާކުރުމަށް ފަހު، އެ މީހުން ދޭ ރިވިއުތަކަށް ބިނާކޮށެވެ.

އަކްރަމް ބުނިގޮތުގައި ޅަ އުމުރެއްގައި އެހާބޮޑު ކާމިޔާބީއެއް އޭނާއަށް ހޯދުނީ ބުރަ މަސައްކަތުންނެވެ.

އަކްރަމް މީހަކަށް ހިދުމަތް ދެނީ: ބަޓްލަރެއްގެ ގޮތުގައި އޭނާ އުޅޭތާ މިހާރު ދެ އަހަރު ވެއްޖެ

ހއ. ކެލައަށް އުފަން އެ ޒުވާނާ އޯލެވެލް ފުރިހަމަ ކުރީ ރަށުންނެވެ. އެއަށް ފަހު އުމުރުން 17 އަހަރުގައި މާލެ ބަދަލުވެ، ގައުމީ ޔުނިވަސިޓީން، ޓޫރިޒަމް މެނޭޖްމެންޓްގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރި އެވެ. އެއަށް ފަހު އެޕްރެހެންޓިސް ޕްރޮގްރާމެއްގެ ދަށުން، ފޯ ސީޒަންސް ކުޑަ ހުރާގައި ޝެފެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ. އެކަމަކު ޓޫރިސްޓުންނާ މުއާމަލާތުކުރެވޭ މިންވަރު މަދުވުމުން، އެއީ މާ ގަޔާވާ މަސައްކަތަކަށް ނުވި އެވެ. އެހެންވެ، އެއް އަހަރުގެ ޕްރޮގްރާމް ނިމުމުން، ދެން އޭނާ ބަދަލުވީ ޝެރެޓަން މޯލްޑިވްސްއަށް، އެފްއެންބީ އެޓެންޑެންޓަކަށެވެ.

ތިން އަހަރު މަސައްކަތް ކުރުމަށް ފަހު ދެން އޭނާ ބަދަލުވީ ވޯލްޑޮފް އެސްޓޯރިއާ އިތާފުށި ރިސޯޓަށެވެ.

ހަޔާތް ބަދަލުކޮށްލާނެ ފަދަ ފުރުސަތެއް އަކްރަމަށް ފަހިވީ، އެ ރިސޯޓުގައި މަސައްކަތް ކުރާތާ ދުވަސްކޮޅެއް ފަހުންނެވެ. ދެކުނު އެފްރިކާ އިން 'ޕްރައިވެޓް ހައުސްހޯލްޑް އެންޑް ބަޓްލަރިން' ކިޔެވުމަށް ފުރުސަތު ލިބުމުން، އޭނާ ބޭނުންވީ އެ ދާއިރާ އިން ކުރިއަށް ދާށެވެ. ޕްރޮބޭޝަން މުއްދަތު ކަމަށްވުމުން، އޭނާ ކިޔަވަން ދާން ޖެހުނީ ވަޒީފާ އިން ކެނޑިގެންނެވެ.

"ކިޔެވީ ވެސް އަޅުގަނޑު އެއްކުރި ފައިސާ އިން، ހަމަ އަމިއްލަ ހަރަދުގައި،" އަކްރަމް ބުންޏެވެ.

ދެކުނު އެފްރިކާގައި އޮތް ސެލެބްރިޓީ ކައިވެނީގައި އަކްރަމް (ވ) އާއި އެމެރިކާގެ މަޝްހޫރު އެތުލީޓް ޓިމް ފޮޓޯއަކަށް ހުއްޓިގެން.

ދެކުނު އެފްރިކާގައި އޭނާ ވަނީ، ހަނދާނުން ފޮހެލަން ދަތި ތަޖުރިބާތަކެއް ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ 2017 ވަނަ އަހަރުގެ މިސް ޔުނިވާސް ޑެމީލީ ނެލް-ޕީޓާސް އާއި އެމެރިކާގެ މަޝްހޫރު އެތުލީޓު ޓިމް ޓެބޯގެ ކައިވެނީގައި ބަޓްލަރެއްގެ ގޮތުގައި ހިދުމަތް ކުރަން ލިބުމެވެ.

އެ ކައިވެނީގެ އެއް އިވެންޓު ބޭއްވީ ވެސް ނެލްސަން މަންޑޭލާގެ ގެކޮޅުގަ އެވެ.

"އެ ގޭގައި، ގިނަ ސެލެބްރިޓީތަކަކަށް ހިދުމަތް ކުރަން ލިބުމަކީ ހަނދާނުން ފޮހެނުލެވޭނެ ކަމެއް،" އަކްްރަމް ބުންޏެވެ.

ދެކުނު އެފްރިކާގައި ކިޔެވުމަށް ފަހު، އަކްރަމް ދެން ރިސޯޓަކާ ގުޅުނީ، މިހާރު ވެސް އޭނާ މަސައްކަތް ކުރަމުން އަންނަ ސެއިންޓް ރެޖިސް މޯލްޑިވްސްއާ އެވެ. އެ ތަނުގައި ހިދުމަތް ކުރާތާ ދެ އަހަރުވެފައި ވާއިރު، ލިބިފައިވާ ކުރިއެރުންތަކާ މެދު އަކްރަމް އުފާވެ އެވެ.

އޭނާ ބުނި ގޮތުގައި، ކޮންމެ ޓޫރިސްޓަކަށް ވެސް އެންމެ މަތީ ފެންވަރުގެ ހިދުމަތް ދިނުމަށް އެ މީހުން މަސައްކަތް ކުރެ އެވެ. އެކަމަކު ބައެއް ޓޫރިސްޓުންނަކީ ކޮޓަރީގައި މަޑުކުރަން ބޭނުންވާ ނުވަތަ އެކަނި ވަގުތު ހޭދަކުރަން ބޭނުންވާ މީހުންނަށް ވުމުން، އެ މީހުންނަށް މާގިނަ ކަންތައްތަކެއް ނުކޮށްދެވޭ ކަމަށް އަކްރަމް ބުންޏެވެ.

"އެކަމަކު އަންނަ ޓޫރިސްޓަކީ އެކި ކަންކަންކޮށް މަޖާކުރަން ބޭނުންވާ މީހެއް ނަމަ، އަޅުގަނޑުމެންނަށް އެ މީހުންނަށް ދެވޭ ހިދުމަތްތައް ވެސް ގިނަވާނެ،" އޭނާ ބުންޏެވެ.

އަކްރަމް ބަޓްލަރެއްގެ ޔުނީފޯމުގައި

އަކްރަމް ބުނި ގޮތުގައި، ބަޓްލަރެއްގެ ވަޒީފާގެ އޭނާގެ ތަޖުރިބާ މަދު ނަމަވެސް، ކުރިއެރުންތަކެއް ލިބުނީ އެ ދާއިރާ އިން އިލްމު ހޯދައި އިހްލާސްތެރިކަމާ އެކު މަސައްކަތްކޮށްގެންނެވެ. އެ ވަޒީފާ އިން ލިބޭ އާމްދަނީން އޭނާ މިހާރު ވަނީ އަމިއްލަ ވިޔަފާރިއެއް ވެސް ފަށާފަ އެވެ.

"މިއީ ހަމަ ޓޫރިޒަމް ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ވަޒީފާ. މަސައްކަތްކޮށްފިއްޔާ ކޮންމެ މީހަކަށް ވެސް ކުރިއަށް ދެވިދާނެ ދާއިރާއެއް،" އަކްރަމް ބުންޏެވެ.

ކޮމެންޓް (1)

ބިންސް

19 ޖެނުއަރީ 2023
ސަޅި! މަސައްކަތް ކުރަން އިނގޭ އަދި ކެރޭ ދިވެހިން އަދިވެސް އެބަ އުޅޭ!
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް