އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. (ފޮޓޯ/ އޭޕީ)

އުތުރު ކޮރެއާ

އުތުރު ކޮރެއާ އިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ލޯންޗުކޮށްފި

މިއީ ކޮރެއާ އިން މި އަހަރު ލޯންޗުކުރި 19 ވަނަ މިސައިލު
25 ސެޕްޓެމްބަރު 2022

އުތުރު ކޮރެއާ އިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ލޯންޗުކޮށްފި ކަމަށް ދެކުނު ކޮރެއާ އާއި ޖަޕާނުގެ އޮފިޝަލުން މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރު ކޮރެއާގެ ޕްޔޯންގަން ޕްރޮވިންސުގެ ޓައެޗޯން ސަރަހައްދުން ލޯންޗުކުރި ކުރު ރާސްތާގެ މި މިސައިލު އުދުއްސާލާފައި ވަނީ މިއަދު ފަތިހު ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް (ޖޭސީއެސް) އިން ވަނީ ބުނެފަ އެވެ.

ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރިއްޔާ އޮތީ "ފުރިހަމަ ތައްޔާރީ ހާލަތެއްގައި" ކަމަށާއި ދެ ގައުމުގެ އަސްކަރިއްޔާ އިން ވެސް ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޖޭސީއެސް އިން ވަނީ ބުނެފަ އެވެ.

މިއީ އުތުރު ކޮރެއާ އިން މި އަހަރު އުދުއްސާލި 19 ވަނަ މިސައިލެވެ. އެންމެ ފަހުން އެ ގައުމުން މިސައިލެއް ލޯންޗުކޮށްފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

މިއަދުގެ މިސައިލު ދަތުރުކޮށްފައި ވަނީ އާދަޔާ ހިލާފު މަގަކުން ކަމަށް ލަފާކުރެވޭ ކަމަށް ޖަޕާނުގެ ދިފާއީ ވަޒީރު ޔަސުކާޒޫ ހަމާޑާ ވަނީ ވިދާޅުވެފަ އެވެ. އިތުރު ތަފްސީލު ޖަޕާނުން ހޯދަމުން އަންނައިރު، "ލަފާކުރެވޭ ގޮތުގައި މިއީ ބެލިސްޓިކް މިސައިލެއް ނަމަ [މި މިސައިލު] ދަތުރުކޮށްފައި ވާނީ 50 ކިލޯމީޓަރު އުހުން، 400 ކިލޯމީޓަރުގެ ރާސްތާއަކަށް" ކަމަށް ހަމާޑާ ވިދާޅުވި އެވެ.

މި މިސައިލު ވެއްޓިފައި ވަނީ އުތުރު ކޮރެއާގެ އިރުމަތީ ފަޅިން، ޖަޕާނަށް ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރަށް ކަނޑަށް ކަމަށް ވެސް ހަމާޑާ ވިދާޅުވި އެވެ.

އުތުރު ކޮރެއާ އިން މިއަދު މިސައިލެއް އުދުއްސާލުމާ ގުޅޭ (ވީޑިއޯ/ ސްކައި ނިއުސް އޮސްޓްރޭލިއާ)

އުތުރު ކޮރެއާ އިން މިސައިލެއް އުދުއްސާލާފައި މި ވަނީ އެމެރިކާގެ އަސްކަރީ މަނަވަރު، 'ޔޫއެސްއެސް ރޮނަލްޑް ރީގަން' ދެކުނު ކޮރެއާގެ ބޫސާންއަށް ތަމްރީނުތަކެއް ހެދުމަށް ހުކުރު ދުވަހު ގޮސްފައި ވަނިކޮށެވެ. އަދި އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ދެކުނު ކޮރެއާ އާއި ޖަޕާނަށް ކުރައްވާ ދަތުރުފުޅެއް ފެއްޓެވުމުގެ ކުރިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް