Majlis 2024

އެމެރިކާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ކުރިން ހިންގި އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން. (ފައިލް ފޮޓޯ/އެެމެރިކާގެ އަސްކަރިއްޔާ)

ރާއްޖެ-އެމެރިކާ

އެމެރިކާ އާއި ރާއްޖޭން ގުޅިގެން ޓެރަރިޒަމާ ދެކޮޅު ތަމްރީނުތަކެއް ބާއްވަނީ

މި ތަމްރީނުތައް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މި މަހުގެ 17އަށް، މެދުރާއްޖެތެރޭގެ އިތުރުން މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި
7 އޯގަސްޓު 2022

އެމެރިކާ އާއި ރާއްޖޭގެ ސަލާމަތީ ބާރުތަކާއި އިދާރާތަކުން ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އަސްކަރީ ތަމްރީނުތަކެއް ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެއަށް ކަނޑައަޅާފައިވާ އެމެރިކާގެ މިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރާއި އެމެރިކާ ގުޅިގެން 'ޓެމްޕެސްޓް ވިންޑް 2022'ގެ ނަމުގައި ދެ ގައުމުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ މެދުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ތަމްރީނުތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ފަރިތަކުރުންތައް ކުރިއަށްދާނީ:

  • މެދުރާއްޖެތެރޭގެ އިތުރުން މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި

  • މިއަދުން ފެށިގެން މި މަހުގެ 17އަށް

އެނގުން މުހިންމު - 'ޓެމްޕެސްޓް ވިންޑް 2022' އަކީ މި ފަރިތަކުރުންތަކުގެ ސިލްސިލާގެ 11 ވަނަ ބުރެވެ. މިއީ މި ތަމްރީން ރާއްޖޭގައި ބާއްވާ ހަތަރު ވަނަ ފަހަރެވެ. 

ތަފްސީލް - އެމެރިކާގެ މިޝަނުން ބުނީ މި ތަމްރީންތަކުގައި ރާއްޖެ އާއި ހަވާއީގެ ކަމާ ގުޅޭ މުވައްޒަފުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ސްޓްރެޓަޖީއަށް ފަރިތަކުރުމަށް އަމާޒުކޮށް ރާވާފައިވާ ހާއްސަ ހަރަކާތްތަކެއްގައި ބައިވެރިވާނެ ކަމަށެވެ. އެގޮތުން:

  • ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ގާބިލްކަން އިތުރުކުރުމަށް ދެ ގައުމުގެ އިސް ވެރިން ނިންމުންތައް ނިންމާ ގޮތްތަކާއި ހާލަތްތަކަށް އިޖާބަދިނުމުގެ ރޭވުންތައް ރާވާނެ ގޮތްތަކަށް ތަމްރީން ވާނެ

  • ތަމްރީންތަކުގެ ސަބަބުން ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންތަކުގައި ކުއްލި ރޭވުންތައް ރޭވުމުގަ އާއި ކޯޑިނޭޓްކުރުމުގަ އަދި ހިންގުމުގެ ގާބިލްކަން ދެ ގައުމުގައި ހުރި މިންވަރު ވަޒަންކޮށް، އިސްލާހުކުރަންވީ ކަންކަން ފާހަގަކުރެވޭނެ

  • ތަމްރީންތަކުގައި ހިމެނޭ މިޝަން ރިހާސަލްގެ ތެރޭގައި، މިފަދަ ހާލަތެއްގައި ރާއްޖެ އަދި އެމެރިކާގެ ސަލާމަތީ ބާރުތަކުގެ ރޭވުންތަކާއި އަމުރުތައް އަދި މުވާސަލާތީ ގާބިލްކަން ހުރި މިންވަރު ވަޒަންކުރުމަށް ކޮމާންޑް ޕޯސްޓް ތަމްރީނެއް ހިމެނޭ

ބުނީ ކީކޭ؟ - އެމެރިކާގެ މިޝަނުން ބުނި ގޮތުގައި، މިއީ އަސްކަރިއްޔާތަކާ ގުޅުން ބަދަހިކުރުމަށް އެމެރިކާގެ އަސްކަރިއްޔާގެ އިންޑިއާ ކަނޑާއި ޕެސިފިކް ސަރަހައްދުގައި ހަރަކާތްތެރިވާ ކޮމާންޑުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ބައެއް ކަމަށެވެ.

"'ޓެމްޕެސްޓް ވިންޑް' ފަދަ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދީ ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓުމުގެ ބިންގާ އިތުރަށް ވަރުގަދަވެގެން ދާނެ،" އެމެރިކާގެ މިޝަންގެ ބަޔާނުގައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް