މިދިޔަ އޮގަސްޓް މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޑީޕީ

އެމްޑީޕީގެ ޕްރައިމަރީ ވެސް 2 ލީޑަރުންގެ ކޯޅުމުގައި 'ތާށިވެފައި'

ޕްރައިމަރީ ބާއްވަން ޕާޓީގެ ތެރެއިން ކަނޑައެޅި އެކި ތާރީހުތައް ދަނީ ފަސްކުރަމުން؛ އެއްވެސް ފަހަރަކު އެ ތާރީހު އަދި އިއުލާނެއް ނުކުރޭ

ރިޔާސީ އިންތިހާބަށް މިހާރު އޮތީ ގާތްގަނޑަކަށް ނުވަ މަސްދުވަހެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް އަދިވެސް ރިޔާސީ ކެންޑިޑޭޓަކު ނުދެއްކެ އެވެ. ނަމަވެސް، އިދިކޮޅު ޕީޕީއެމް އިން މިހާރު ވެސް ރިޔާސީ ކެންޑިޑޭޓެއް ނިންމައި ކެމްޕޭން އެ ގެންދަނީ ބާރަށް ކުރިއަށެވެ.

އެމްޑީޕީ އަދި އޮތީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވަން ޖެހޭ ޕާޓީގެ ޕްރައިމަރީ ވެސް ބާއްވާނެ ތާރީހަކަށް އެއްބަސްނުވެވި އެވެ. މީގެ ކުރިން ނުރަސްމީކޮށް ބައެއް ތާރީހުތައް ކަނޑައެޅިޔަސް އެ ހުރިހާ ތާރީހެއް ފަހަނައަޅައި ހިނގައްޖެ އެވެ. ވަގުތު ކުޑަތަން ވާއިރު އެމްޑީޕީގެ ޕްރައިމަރީއަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީ މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުމުގައި ތާށިވެފައި ހެއްޔެވެ؟

ޕްރައިމަރީއަށް ތާރީހަކަށް ފަހު ތާރީހެއް

އެމްޑީޕީގެ ކޮންގްރެސް ތެރެއިން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު (މ) އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (ކ). (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިދިޔަ އޮގަސްޓް މަހު އެމްޑީޕީގެ ކޮންގްރެސް ނިމި، އެ ޕާޓީން އެންމެ ފުރަތަމަ މަސައްކަތް ކުރީ  އަންނަ މަހު ޕްރައިމަރީ ބޭއްވުމަށެވެ. ނަމަވެސް، ލީޑާޝިޕުން ފަހުން ނިންމީ މި އަހަރު ޕްރައިމަރީ ނުބާއްވައި އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށެވެ. އޭގެ ފަހުން، މި ހިނގާ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޕްރައިމަރީ ބާއްވާނެ ތާރީހެއް އިއުލާން ކުރުމަށް ވެސް ހަމަޖެއްސި ކަމަށް އެމްޑީޕީގެ މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް، ފަހުން އަނެއްކާވެސް ނިންމީ އަދި އިހަށް ތާރީހު އިއުލާންނުކޮށް ބޭއްވުމަށެވެ.

އެމްޑީޕީގެ އިސް ބޭފުޅަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި:

  • މިހާރުގެ ވިސްނުމަކީ ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ޕްރައިމަރީ ބޭއްވުން

  • އެކަން އިއުލާން ކުރާނީ އަންނަ މަހުގެ ދެ ވަނަ ހަފްތާގެ ތެރޭގައި

  • މި ތާރީހަށް ވެސް ބަދަލު އައުން އެކަށީގެންވޭ

އެމްޑިޕީން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރި އިރު، ޕްރައިމަރީ ބާއްވާފައި ވަނީ އެ އަހަރު ފެބްރުއަރީގަ އެވެ. އަދި 2013ގެ އިންތިހާބަށް ޕްރައިމަރީ ބާއްވާފައި ވަނީ މެއި 2012ގަ އެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ހުކުމްކޮށްފައި ވުމުގެ އިތުރުން، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރި ފިއްތުންތަކާ އެކު 2018ގެ ޕްރައިމަރީ ބާއްވާފައި ވަނީ އެ އަހަރުގެ މެއި މަހު އެވެ.

އެމްޑީޕީގެ ޕްރައިމަރީތައް އެގޮތަށް ބާއްވާފައިވުމުން، މި ފަހަރު ވެސް އެ ޕާޓީގެ "ބަހަނާ"އަކީ ޕްރައިމަރީ ބޭއްވުން އަދި ލަސްނުވާ ކަމަށެވެ. އެމްޑީޕީގެ ޑެޕިއުޓީ ޗެއާސަން އިބްރާހިމް ވަހީދުއާ މިއަދު އެ ސުވާލުކުރުމުން އޭނާ ވެސް ވިދާޅުވީ އެހެންނެވެ. އެގޮތުން، މިހާތަނަށް ބޭއްވި ރިޔާސީ ޕްރައިމަރީތަކަށް ބަލާއިރު އެކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޝްވަރާ ކުރުމަށްފަހު ވަރަށް އަވަހަށް ތާރީހު އިއުލާން ކުރާނެ،" މިދިޔަ މަހު މަގާމާ ހަވާލުވެވަޑައިގެންނެވި އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އެކަމަކު މީގެ ކުރިން އެމްޑީޕީގެ ޕްރައިމަރީތައް ލަސްވެފައި ވަނީ އެ ޕާޓީން އިދިކޮޅުގައި އޮތުމުން ސިޔާސީ ގޮތުން ކުރިމަތިވެފައި ހުރި ފިއްތުމާއި ތާށިތަކުގެ ސަބަބުންނެވެ. މި ފަހަރު އެ ޕާޓީ އޮތީ ވެރިކަމުގައި ފުރިހަމަ އާރައި ބާރާ އެކު އެވެ.

ޕްރައިމަރީ ލަސްވުން: ދެ ލީޑަރުންގެ ކޯޅުމާ ގުޅިފައި

ޕާޓީގެ އިސް ލިޑަރު، ރައީސް ސޯލިހު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެއީ ޔަގީންކަމެވެ. މަންޒަރު ފެންނަ ގޮތުން ރައީސް ސޯލިހާ ވާދަކުރައްވާނީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދެވެ.

އެމްޑީޕީގެ ބައެއް އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޕްރައިމަރީގެ ތާރީހް ކަނޑަނޭޅި ލަސްވުމުގެ އެއް ސަބަބަކީ ދެ ރައީސުންގެ ދެމެދު އޮތް ވާދަވެރިކަމެވެ. ސިޔާސީ މިކަހަލަ ހާޖާނެއްގެ ތެރޭގައި ޕާޓީގެ ޕްރައިމަރީ ބޭއްވުމަކީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވިސްނާލަން ޖެހޭނެ ކަމެއް ކަމަށް އެ ޕާޓީގެ ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ރައީސް ސޯލިހް (ކ)، ނަޝީދު (ވ) އަދި ފައްޔާޒު: ޕްރައިމަރީ ބޭއްވުން ލަސްވަމުން ދާއިރު ޕާޓީގެ ދެ ލީޑަރުންގެ ވާދަވެރިކަން ބޮޑު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ހާއްސަ ގޮތެއްގައި އެމްޑީޕީގެ ކޮންޓްރޯލް މިވަގުތު އޮތް ރައީސް ސޯލިހު ބޭނުންފުޅުވަނީ، ޕާޓީގެ އެތެރޭގެ މަސްދަރުތަކުން ޔަގީންކޮށްދޭ ގޮތުގައި، އެ މަނިކުފާނަށް ޔަގީންކަން ބޮޑުވުމުން ޕްރައިމަރީއަކަށް ވަޑައިގަންނަވާށެވެ. ހާއްސަ ގޮތެއްގައި، ޗާގޯސްގެ މައްސަލަ އާއި ޓެކްސް ބޮޑުކުރުމާ ވިދިގެން ރައީސް ސޯލިހުގެ މަގުބޫލުކަމަށް އަސަރުކޮށްފައި ވުމަކީ ޕްރައިމަރީ ލަސްކުރަމުންދާ އެއް ސަބަބު ކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"ރައީސް ސޯލިހް ބޭނުންފުޅުވަނީ ރައީސް ނަޝީދާ ޕްރައިމަރީގައި ވާދަކުރައްވާ ނަމަ، ބޮޑު ތަފާތަކުން ކާމިޔާބު ކުރަން. ބޮޑު މާޖިންއެއް ނަގަން. އެކަމަކު އަދި އެ މާޖިންއެއް ނުލިބޭ. ރައީސް ސޯލިހް އިންތިހާބު ކާމިޔާބުކުރައްވާނެ. އެކަމަކު ދެ ބޭފުޅުންގެ މެދުގައި މާ ބޮޑު ފަރަގެއް ނެތް،" މަސްލަހަތައްޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވެނީ، އިންތިހާބު ބާއްވާ ތާރީހު އިއުލާންކުރާ ދުވަހުން ފެށިގެން ޕާޓީގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކަކެވެ. އެހެންވެ، ޕްރައިމަރީ ބޭއްވުމުގެ ތާރީހު ކަނޑައެޅުން ލަސްވަނީ ރައީސް ސޯލިހާއި އެ މަނިކުފާނުގެ ފަޅީގައި ތިއްބެވި ބޭފުޅުން ބޭނުންވާ ވަރަށް މެންބަރުން ޕާޓީއަށް އިތުރުކުރުމަށް ކަމަށް ވެސް ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

"ރައީސް ސޯލިހަށް ތާއީދުކުރާ މީހުން ޕާޓީއަށް ވައްދައި އެ ނަމްބަރު ކަަށަވަރުކުރުމުގެ މަސައްކަތްތަކެއް އެބަ އުޅޭ މިހާރު،" އެ ބޭފުޅާ ވިދާޅުވި އެވެ.

ނަޝީދު ފަޅީގައި ހުންނެވި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ވައްޑޭ) ގަބޫލުކުރައްވާ ގޮތުގައި، ޕްރައިމަރީ ކާމިޔާބުކުރެއްވޭނެ ޔަގީންކަމެއް ރައީސް ސޯލިހަށް ނެތެވެ. އެހެންވެ "އެ އިތުބާރު ނެތިގެން، ޕްރައިމަރީ ލަސްކުރަނީ" ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އެހެން ނޫން ނަމަ، މިހާރު އޮންނާނީ ޕްރައިމަރީ ނިމި، ކެމްޕެއިން ވެސް ފަށާފައި. މީގެ ކުރިން، އިންތިހާބުގެ މާ ކުރިން ރަށްރަށަށް ވަޑައިގެން ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ހިޔާލު ހޯދައިގެން މެނިފެސްޓޯ ވެސް އެކުލާވާލުމުގެ މަސައްކަތް ފަށާނެ. އެކަން ވެސް ނުފެނޭ،" ވަހީދު ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު. (ފޮޓޯ/ މަޖިލިސް)
ހިތަދޫ އުތުރު ދާއިރާ މެންބަރު އަސްލަމް. (ފޮޓޯ/މަޖިލިސް)

ނަމަވެސް، ރައީސް ސޯލިހްގެ ފެކްޝަންގެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިއީ އެ މަނިކުފާނަށް ފަސޭހަ ޕްރައިމަރީއެކެވެ. އަދި ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނެ އެމްޑީޕީގެ ފުރަތަމަ ރައީސަށް އެ މަނިކުފާނު ވާނެކަމުގެ ޔަގީންކަން އެ ބޭފުޅުންނަށް އެބައޮތެވެ.

"ޕްރައިމަރީ ލަސްވާ ސަބަބެއް ނޭނގެ. އެކަމަކު ރައީސް ސޯލިހްގެ ތާއީދު ބޮޑު. އެ މަނިކުފާނު ޕްރައިމަރީ ކާމިޔާބުކުރައްވާނެ،" އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

ޕާޓީގެ ދެ ލީޑަރުންގެ ވާދަވަރިކަން ބޮޑުވެ، އެތެރޭގައި ދެ ފެކްޝަންގެ އޮތް ކޯޅުން ވެސް ބޮޑެވެ. އެ ކޯޅުމުގެ ތެރެއިން ޕްރައިމަރީއަކަށް ގޮސް، ރިޔާސީ އިންތިހާބަށް ދާއިރު ޕާޓީ ބައިބައި ވެފައި އޮތުމަކީ ޕާޓީގެ ވެރިކަން ދިފާއުކުރުމަށް އުނދަގޫ ކަމަކަށް ވާނެ އެވެ.

'ޕްރައިމަރީ ލަސްވަނީ އިދާރީ ކަންކަން ހަމަނުޖެހިގެން'

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ލަސްކުރަނީ ރައީސް ސޯލިހަށް އެ އިންތިހާބު ކާމިޔާބުވާނެ ހުރިހާ މަގުތަކެއް ކޮށަން ކަމަށް ނަޝީދު ފަޅީގެ ބޭފުޅުން ތުހުމަތުކުރެއްވިޔަސް، އެމްޑީޕީގެ ލީޑަޝިޕުން އެ ވާހަކަ ދޮގުކުރެ އެވެ.

ޕާޓީގެ އިދާރީ ކަންކަމުގައި އިސްކޮށް އުޅުއްވާ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި، ޕްރައިމަރީގެ ތާރީހު އަދި އިއުލާން ނުކުރަނީ ވީހާ ވެސް ރަނގަޅަކަށް، އިންސާފުވެރިކަމާ އެކު ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސަން ޖެހޭ އިދާރީ ކަންކަން މުޅިން ހަމަނުޖެއްސޭތީ އެވެ. ނަމަވެސް، އޭގެ ތަފްސީލަކަށް އިބްރާހިމް ވަހީދު ވަޑައިގެންނެވި އެވެ.

"ބޮޑަށް އިސްކަން މި ދެނީ އިންސާފުވެރިކޮށް ބޭއްވުމަށް، ރަށްރަށުގެ ހަރުގެތަކުގައި ނުބާއްވައި ސްކޫލްތަކުގެ ހޯލުގައި ބާއްވަން. އެހެންވީމަ، ސްކޫލް އިމްތިހާން ދުވަސްވަރާއި ޗުއްޓީ ދުވަސްވަރާއި މަޖިލިސް ޗުއްޓީ އާއި މިކަން ކަމަށް އެބަ ޖެހޭ ތާރީހް ކަނޑައަޅާއިރު ބަލަން. އެހެންވެ އުދަނގޫތަކެއް އެބަ ދިމާވޭ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ މުޅި ރާއްޖޭގެ ސަމާލުކަން އެކަމަކަށް ހުއްޓޭނެ ކަމެވެ. އަދި ޕްރައިމަރީއަށް ދާއިރު، ދެ ލީޑަރުންގެ ނަން ވޯޓު ކަރުދާހުގައި އޮވެއްޖެ ނަމަ، މިއީ ޕާޓީން ބާއްވާ އެންމެ ވާދަވެރި ޕްރައިމަރީއަށް ވާނެ އެވެ. އެހެންވެ އެމްޑީޕީގެ އާންމު މެންބަރުން މިހާރު ކުރާ ސުވާލަކީ ވެސް އެ ޕްރައިމަރީ ބާއްވާނީ ކޮންއިރަކު ހެއްޔެވެ؟

ކޮމެންޓް (1)

ރިޝްތޭމޭ ހަމް ތުމާރީ ބާޕް ޖޭސީހޭ

28 ނޮވެމްބަރު 2022
މިކުޅިވަރެއް އަޅެފަހެ ނިމޭކަށް ނޫޅޭތަ؟ ޓަރކިޝް ޑްރާމާއަކަށް ވުރެ ހާލުދެރަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް