ފުޓްބޯޅަ

ކޮރަޕްޝަނުގެ ދައުވާ އިން އަލް-ޚެލައިފީ ސަލާމަތްވެއްޖެ

އޭނާ މައްޗަށް ކުރީ ވޯލްޑް ކަޕް ރައިޓްސްއާ ގުޅޭ ދައުވާއެއް
26 ޖޫން 2022

ވޯލްޑް ކަޕް ޓީވީ ރައިޓްސްއާ ގުޅޭ ކޮރަޕްޝަނުގެ ދައުވާއަކުން ޕީއެސްޖީގެ ރައީސް ނަސީރު އަލް-ޚެލައިފީ އާއި ފީފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ ސަލާމަތްވެއްޖެ އެވެ.

ސްވިޒަލެންޑުގެ އެޕީލް ކޯޓަކުން މި ގޮތަށް ނިންމީ ފެޑެރަލް ކްރިމިނަލް ކޯޓުން އޮކްޓޫބަރު، 2020 ގައި ނިންމި ނިންމުން އެ ގައުމުގެ ޕްރޮސެކިއުޓަރުން އިސްތިއުނާފުކުރުމުންނެވެ.

މި މައްސަލައިން ވަލްކޭ ސަލާމަތްވި ނަމަވެސް ރިޝްވަތު ދިނުމާއި ލިޔެކިޔުންތައް ފޯޖުކުރި މައްސަލައެއްގައި އޭނާ އަށް ވަނީ 11 މަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވައިފަ އެވެ.

އަލް-ޚެލައިފީގެ މައްޗަށް ކުރީ އޭނާ ޗެއާމަކަންކުރައްވާ ގަތަރުގެ ބެއިން ސްޕޯޓްސް އަށް 2026 އާއި 2030 ގެ ވޯލްޑް ކަޕުގެ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ޓީވީ ރައިޓްސް ހޯދަން ހައްގު ނޫން ގޮތަކަށް މަސައްކަޔްކުރުމުގެ ތުހުމަތެވެ.

އެގޮތުން އޮކްޓޫބަރު، 2013 ގައި ބެއިން ސްޕޯޓްސްގެ ފްރާންސް ހެޑްކުއާޓަރުގައި ވަލްކޭއާ ބައްދަލުކޮށް އެކަން ކޮށްދީފި ނަމަ، އިޓަލީގެ ސާޑީނިއާ އިން ފަސް މިލިއަން ޔޫރޯގެ ހޮލިޑޭ ހޯމްއެއް ގަނެދޭން އަލް-ޚެލައިފީ ވައުދުވިކަމަށް ތުހުމަތުކުރެ އެވެ.

އަދި އޭނާގެ ބާރު އޮންނަ މިންވަރުން އެކަން ކޮށްދޭން މަސައްކަތްކޮށްދެއްވާނެ ކަމަށް އަލް-ޚެލައިފީ ގާތު ވަލްކޭ ވިދާޅުވެފައި ކަމަށް ތުހުމަތުކުރެ އެވެ.

ފީފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު 2015-2017 އަށް އަދާކުރެއްވި ވަލްކޭ ހުންނެވީ ކޮރަޕްޝަނުގެ މައްސަލައެއްގައި 10 އަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް