ދެ ކުދިންގެ އޮޕަރޭޝަނުގެ ކުރިންނާއި ފަހުން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/ ޕީއޭ މީޑިއާ)

ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެ ބެއިން ވަކިކުރުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރީ ވީއާރު މެދުވެރިކޮށް

ޑޮކްޓަރުން ވަނީ ވީއާރު މެދުވެރިކޮށް މި ސާޖަރީ ހެދޭނެ ގޮތްގޮތް އެތައް މަހެން ވަންދެން ދިރާސާކޮށްފައި

ވާޗުއަލް ރިއަލިޓީ (ވީއާރް) މެދުވެރިކޮށް، ބޮލުން ގުޅިފައިވާ ބްރެޒިލްގެ އެއްމާބަނޑު ދެ ބެއިން ވަކިކުރުމުގެ ކާމިޔާބު އޮޕަރޭޝަނެއް ޑޮކްޓަރުން ކޮށްފި އެވެ.

ބާނާޑޯ އަދި އާތާ ލީމާގެ ނަން ދީފައިވާ 3 އަހަރުގެ މި ދެ ކުދިން ވަކިކުރުމުގެ ސާޖަރީތައް ހެދީ ބްރެޒިލްގެ ވެރިރަށް ރިއޯ ޑީ ޖެނީރޯގައި ހުންނަ ހޮސްޕިޓަލެއްގައި، އިނގިރޭސިވިލާތުގެ ލަންޑަންގެ ގްރޭޓް އޯމޯންޑް ސްޓްރީޓް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ އިރުޝާދާ އެކު އެވެ.

ދެ ކުދިން ވަކިކުރުމަށް، ސީޓީ އާއި އެމްއާރްއައި ސްކޭންތަކުގެ ނަތީޖާތަކުގެ މައްޗަށް ބަރޯސާވެ، ޑޮކްޓަރުން ވަނީ އެތައް މަހެއް ވަންދެން މި ސާޖަރީތައް ކުރިއަށް ގެންދެވޭނެ އެކި ގޮތްގޮތް ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ދެނެގަނެފަ އެވެ.

ސާޖަރީ ޑޮކްޓަރު ނޫރް އުލް އޮވާސޭ ޖީލާނީ ވިދާޅުވި ގޮތުގައި މި ވަރުގެ ސާޖަރީއަކަށް ވީއާރް ބޭނުންކުރުން ހީވީ "މި ދުނިޔެއިން ބޭރުގެ" ތަޖުރިބާތަކެއްގެ ގޮތުގަ އެވެ.

 ޑރ. ޖީލާނީ 2018 ވަނަ އަހަރު އުފެއްދެވި އަދި މި ސާޖަރީއަށް ފަންޑު ކުރި 'ޖެމިނައި އަންޓްވިންޑް' ޖަމިއްޔާއިން ބުނީ މިއީ މިހާތަނަށް އެއްމާބަނޑު ދެ ބެއިން ވަކިކުރުމަށް ކުރި އެންމެ އުނދަގޫ އެއް އޮޕަރޭޝަން ކަމަށެވެ.

ސާޖަރީގެ ކުރިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/ ބްރިޓިޝް ބުލެޓިން)

ޑރ. ޖީލާނީ ވިދާޅުވި ގޮތުގައި މިއީ ތާރީހުގައި ވެސް ވީއާރް ހެޑްސެޓު އަޅައިގެން ދެ ގައުމެއްގައި ތިއްބެވި ޑޮކްޓަރުންތަކެއް އެއް އޮޕަރޭޝަނެއް ކުރިއަށް ގެންދެވި ފުރަތަމަ ފަހަރެވެ.

މި ދެ ކުދިން ވަކިކުރުމަށް ހަތް ސާޖަރީ ހެދި އެވެ. އެންމެ ފަހު ސާޖަރީއަށް އެކަނި ވެސް 27 ގަޑިއިރު ހޭދަވިއިރު، 100 އެއްހާ ސިއްހީ ފަރުވާދޭ މީހުން ވަނީ ބައިވެރިވެފަ އެވެ.

"ވަރަށް ފުރިހަމަ،" މި ސާޖަރީގެ ވާޗުއަލް ރިއަލިޓީ ބަޔާ ގުޅޭ ގޮތުން ޑރ. ޖީލާނީ ޕީއޭ ނޫހަށް ވިދާޅުވި އެވެ. "ކުދިން ނުރައްކަލެއްގެ ތެރެއަށް ވައްޓާނުލާ [ވީއާރް މެދުވެރިކޮށް] މި ސާޖަރީ ކުރާނެ ފުރުސަތު ލިބުނީމަ ވަރަށް ފުރިހަމަ."

ހުއްޓާނުލާ 27 ގަޑި އިރު ކުރިއަށް ގެންދިޔަ ފަހު ސާޖަރީގައި ކެއުމަށާއި ފެން ބުއިމަށް ނަގާފައި ވަނީ 15 މިނެޓުގެ ހަތަރު ވަގުތުކޮޅު ކަމަށް ޑރ. ޖީލާނީ ވިދާޅުވި އެވެ. 

މިއީ އެއްމާބަނޑު ދެ ބެއިން ވަކި ކުރުމަށް ޖެމިނައި އަންޓްވިންޑް ޖަމިއްޔާގެ ދަށުން ޑރ. ޖީލާނީ ކުރެއްވި ހަވަނަ އޮޕަރޭޝަނެވެ. މީގެ ކުރިން ޑރ. ޖީލާނީ ވަނީ ޕާކިސްތާނު، ސޫދާން، އިޒްރޭލު އަދި ތުރުކީގެ އެއްމާބަނޑު ދެ ބެއިން ވަކިކުރުމުގެ ސާޖަރީތައް ހައްދަވައިފަ އެވެ. 

ޖަމިއްޔާއިން ބުނާ ގޮތުގައި ގުޅިފައިވާ ދެ ބެއިން ދުނިޔެއަށް އުފަންވަނީ ކޮންމެ 60،000 ފަހަރަކުން އެއް ފަހަރެވެ. އަދި މީގެ ތެރެއިން ބޮލުން ގުޅިފައިވާ ދެ ބެއިން އުފަންވަނީ އެންމެ %5 ފަހަރެވެ.

ކޮމެންޓް

Placeholder

ސައިންސާއި ޓެކްނޮލޮޖީ

ސައިންސާއި ޓެކްނޮލޮޖީ